Raajje.mv

ޖިސްމާނީ ދުޅަހެޔޮކަމެކޭ އެއްފަދައިން ނަފްސާނީ ދުޅަހެޔޮކަމަށްވެސް ހަމަހަމަ ސަމާލުކަމެއް ދިނުން މުހިންމު: ފަސްޓް ލޭޑީ

ޖިސްމާނީ ދުޅަހެޔޮކަމެކޭ އެއްފަދައިން ނަފްސާނީ ދުޅަހެޔޮކަމަށްވެސް ހަމަހަމަ ސަމާލުކަމެއް ދޭންޖެހޭ ކަމަށާއި، ނަފްސާނީ ދުޅަހެޔޮކަން ހާސިލުނުކޮށް ހަގީގީ ދުޅަހެޔޮ މުޖުތަމައެއް ބިނާނުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގައި މިއަދު ފެށި "ސާކް ސައިކިއޭޓްރިކް ފެޑެރޭޝަން" ގެ 16 ވަނަ ބައިނަލްއަގުވާމީ ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. ނޮވެމްބަރު 1 އިން 2 އަށް ކުރިއަށްދާ މި ކޮންފަރެންސަކީ ނަފްސާނީ ސިއްހަތުގެ ދާއިރާއިން ސަރަހައްދީ ފެންވަރުގައި ބާއްވާ މުހިންމު ބައްދަލުވުމެކެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަސްޓް ލޭޑީ ވިދާޅުވީ، ނަފްސާނީ ދުޅަހެޔޮކަމަކީ ހަމައެކަނި ބޭސްވެރިކަމުގެ ނަޒަރަކުން ބަލަންޖެހޭ ކަމެއް ނޫން ކަމަށާއި، އެއީ އިންސާނީ ކަރާމާތާއި، އިންސާނީ ގުޅުންތަކުގެ އިތުރުން މުޖުތަމައެއްގެ ދިރިއުޅުމުގެ ފެންވަރާ ސީދާ ގުޅިފައިވާ ކަމެއް ކަމަށެވެ. ނަފްސާނީ ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ފަރާތްތަކަށް މުޖުތަމައުގެ ތެރެއިން ދިމާވާ އެންމެ ބޮޑު ހުރަހަކީ ބަލީގެ ހާލަތަށްވުރެ ބޮޑަށް، އެކަމާ މެދު ވާހަކަދައްކަން ފަސްޖެހުމާއި، މީހުން ފާޑުކިޔައިފާނެތީ ގަންނަ ބިރުކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން، ނަފްސާނީ އެހީތެރިކަމަށް އެދުމަކީ ކެރުމާއި ހިތްވަރުގެ އަމަލެއްގެ ގޮތުގައި ބަލައިގަންނަ، އަދި ބަލިމީހުންނަށް މަލާމާތްކުރުމުގެ ބަދަލުގައި ހަމްދަރުދީއާއި އަޅާލުން އިސްކުރާ މުޖުތަމައެއް ބިނާކުރަންޖެހޭ ކަމަށް އެކަމަނާ ގޮވާލެއްވިއެވެ. މީގެ އިތުރުން، ކުދިންނާއި ޒުވާނުންނަށް ދިމާވާ ނަފްސާނީ އަދި އިހުސާސީ މައްސަލަތަކާ މެދު މަންމައެއްގެ ހައިސިއްޔަތުން ފަސްޓް ލޭޑީ ޚާއްސަ ކަންބޮޑުވުމެއް ފާޅުކުރެއްވިއެވެ. ކިޔެވުމުގެ ބުރަކަމާއި، މުޖުތަމައުގެ އުންމީދުތަކާއި، އާއިލީ މައްސަލަތަކުގެ އިތުރުން އޮންލައިން ދުނިޔޭގެ ނުފޫޒުތަކުގެ ސަބަބުން ޅަ ސިކުނޑިތަކަށް ބާރުބޮޑުވަމުންދާކަން ފާހަގަކުރައްވައި، ކުދިންގެ ކިބައިން ފެންނަ ނަފްސާނީ ބަދަލުތައް ދެނެގަނެ، ފާޑުކިޔުމެއް ނެތި އަޑުއެހުމުގެ ޒިންމާ ގޭތެރެއިން ފެށިގެން ސްކޫލްތަކާއި މުޖުތަމައުން ނަގަންޖެހޭނެ ކަމަށް ވިދާޅުވިއެވެ. ރާއްޖޭގެ ހާލަތަށް އަލިއަޅުއްވާލައްވަމުން ފަސްޓް ލޭޑީ ވިދާޅުވީ، ސަރުކާރުގެ ގައުމީ ސިއްހީ އެޖެންޑާގެ ދަށުން ނަފްސާނީ ސިއްހަތަށް ބޮޑު އިސްކަމެއް ދެއްވާފައިވާ ކަމަށެވެ. އެގޮތުން "ނޭޝަނަލް މެންޓަލް ހެލްތު ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2025-2029" އެކުލަވާލައި، ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓާއި 24 ގަޑިއިރު ޚިދުމަތްދޭ ނަފްސާނީ އެހީގެ ހެލްޕްލައިން މެދުވެރިކޮށް، ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ދިރިއުޅުނު ކަމުގައިވިޔަސް ވަގުތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަން ހާމަކުރެއްވިއެވެ. ނަފްސާނީ ސިއްހަތުގެ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ފަންނީ ޚިދުމަތްތެރިންގެ ބުރަ މަސައްކަތް ފާހަގަކުރައްވައި ފަސްޓް ލޭޑީ ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ނަފްސާނީ ބަލިތަކަކީ ވަކި ގައުމެއްގެ ބޯޑަރަކަށް ބަލާ އެއްޗަކަށް ނުވާތީ، މި ކޮންފަރެންސްގެ ސަބަބުން ސަރަހައްދީ އެއްބާރުލުން އިތުރުވެ، ސައިންޓިފިކް ހޯދުންތަކާއި އިންސާނިއްޔަތުކަމާއެކު ދެވޭ ފަރުވާގެ ޒަރީއާއިން އާންމުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެ ފަސްޓް ލޭޑީ ސާޖިދާގެ ވާހަކަފުޅު ނިންމަވާލެއްވިއެވެ.

01 ނޮވެމްބަރު 2026
0
ޖިސްމާނީ ދުޅަހެޔޮކަމެކޭ އެއްފަދައިން ނަފްސާނީ ދުޅަހެޔޮކަމަށްވެސް ހަމަހަމަ ސަމާލުކަމެއް ދިނުން މުހިންމުކަމުގައި ފަސްޓް ލޭޑީ ސާޖިދާ ގޮވާލައްވައިފި

ޖިސްމާނީ ދުޅަހެޔޮކަމެކޭ އެއްފަދައިން ނަފްސާނީ ދުޅަހެޔޮކަމަށްވެސް ހަމަހަމަ ސަމާލުކަމެއް ދިނުން މުހިންމުކަމުގައި ފަސްޓް ލޭޑީ ސާޖިދާ ގޮވާލައްވައިފި

ކޮންޓެންޓެއް ނެތް