އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާ
ތަކެތީގެ އަގު މައްޗަށް ދިޔުމާއި އާންމު ރައްޔިތުންގެ ދިރިއުޅުމަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވާތީ، އެމްޑީޕީ އިން ވަނީ ދަތިވެއްޖެ ނަމުގައި މުޒާހަރާ ކުރަން ނިންމާފައި

މީގެ ކުރިން އެމްޑީޕީ އިން މާލޭގައި ބޭއްވި ބޮޑު އެއްވުމެއްގެ ތެރެއިން
ރައްޔިތުންނަށް ދަތިވީމައި، ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން ނުކުތުމަކީ އެމްޑީޕީގެ ޒިންމާއެއް: ޝިއްޕެ
ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމުގައި އެމްޑީޕީ ފަހަތަށް ނުޖެހޭނެ ކަމަށާއި ރައްޔިތުންނަށް ދަތިވީމައި، ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން ނުކުތުމަކީ އެމްޑީޕީގެ ޒިންމާއެއް ކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް، މުހައްމަދު ޝިފާޒް (ޝިއްޕެ) ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން މިފެށި ހަރަކާތްތައް ޑޮލަރުގެ އަގު ކުޑަވަންދެން ކުރިއަށް ގެންދާނެ ކަމަށް ވެސް ޝިއްޕެ ވިދާޅުވި އެވެ. އަދި އެމްޑީޕީން ރައްޔިތުންގެ ހައްގުގައި ކުރަމުން ދާ މަސައްކަތްތަކަށް ހުރަސް ނޭޅުމަށް ޝިއްޕެ ވަނީ ސަރުކާރަށް ގޮވާލައްވާފައި އެވެ
މިސަރުކާރުން ދަރަނި ދެއްކީ ކުރީ ސަރުކާރުން އެއްކޮށްފައި ހުރި ފައިސާއިން: ރައީސް ނަޝީދު
ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ދަރަނި ދައްކާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހޯދައި، ރިޒާވްގައި ބަހައްޓާފައި ހުރި ޑޮލަރުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިހާރު ރާއްޖޭގެ ރިޒާވްގައި ހުރި ޑޮލަރު ވަނީ ހުސްވެފައި ކަމަށާއި މިކަމުގެ ސަބަބުން ޑޮލަރުގެ އަގު މައްޗައް ދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ޑޮލަރުގެ އަގު މިސްރާބު ޖަހާފައި ހުރީ 23 ރުފިޔާއަށް ކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން 10 ދުވަހުގެ ތެރޭގައި ޑޮލަރުގެ 19 ރުފީޔާއަށް ތިރިކުރުމަށް ރައީސް ނަޝީދު ގޮވާލެއްވި އެވެ.
މިސަރުކާރުން ތިން އަހަރު މި ނިންމާލަނީ ކުރީ ސަރުކާރޭ ކިޔުމުގައި ކަމަށް މެންބަރު ޒިޔާދު ވިދާޅުވެއްޖެ އެވެ.
މިސަރުކާރުން ތިން އަހަރު މި ނިންމާލަނީ ކުރީ ސަރުކާރޭ ކިޔުމުގައި ކަމަށާއި މިއަދު އޮތް ހަމައެކަނި ގޮތަކީ މަގުތައް މައްޗަށް ނުކުތުން ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ އެވެ.
ގެއްލިފައިވާ ހައްގުތައް ހޯދުމަށް މިކުރާ މަސައްކަތް ހުއްޓާނުލާނަން: ފައިސަލް
ގެއްލިފައިވާ ހައްގުތައް ހޯދުމަށް މިކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ފައިސަލް ވަނީ އެމްޑީޕީން ހައްގުތައް ހޯދައި ދިނުމުގައި ދެމި އޮންނާނެ ކަމަށާއި ދިވެހި ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ހޯދައިދޭނެ ކަމަށް ވިދާޅުވެފައި އެވެ.
މި ރާއްޖެ ވައްޓާލާފައިވާ އަނދަވަޅުން ސަލާމަތް ކުރުމަކީ ކޮންމެ ފަރުދެއްގެ މައްޗަށް އޮތް ވާޖިބެއް: އިންތި
މިހާރު ރާއްޖެ ވައްޓާލާފައިވާ އަނދަވަޅުން ސަލާމަތް ކުރުމަކީ ކޮންމެ ފަރުދެއްގެ މައްޗަށް އޮތް ވާޖިބެއް ކަމަށް ކުރީގެ މަޖިލިސް މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެ އެވެ.
އިންތި ވަނީ ގާނޫނު އަސާސީގައި އޮތްގޮތަށް އަމަލު ކުރުމަށާއި މުޒާހަރާގެ ބައިވެރިން ކުރިއަށް ދާން ޖާގަ ދިނުމަށް ފުލުހުންނަށް ގޮވާލާފައި އެވެ.
މި ސަރުކާރު ވަނީ ފެއިލް ވެފައި: އެމްޑީޕީގެ ރައީސް ޝާހިދު
ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރު މިވަނީ ފެއިލް ވެފައި ކަމަށާއި ސަރުކާރުގެ ހަރަދުތައް ކުޑަ ކުރަން ބުނީމަ ވަކި ކުރަމުން ދަނީ ކުންފުނިތަކުގައި ތިބި އާންމު ރައްޔިތުން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
މި ބޯ ވިއްސާރާގައި މަގުތަކަށް ރައްޔިތުން ނުކުމެ މިހުރީ ހަގީގަތުގައި ވެސް ދަތިވެގެން ކަމަށް މެންބަރު ނާޒިލް ވިދާޅުވެއްޖެ
މި ބޯ ވިއްސާރާގައި މަގުތަކަށް ނުކުމެ މިހުރީ ހަގީގަތުގައި ވެސް ދަތި ވީމަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެ އެވެ.
މެންބަރު ނާޒިލް ވަނީ މުޒާހަރާގެ ބައިވެރިން ކުރިއަށް ދާން ޖާގަދިނުމަށް ގޮވާލައްވާފައި އެވެ.
މުޒާހަރާގެ ބައިވެރިން ބެރިކޭޑް ހުރަސްކޮށް މަޖީދީ މަގުން ކުރިއަށް ދާން މަސައްކަތް ކުރަނީ
މުޒާހަރާގެ ބައިވެރިން ބެރިކޭޑްތައް ހުރަސްކޮށް މިހާރު ވަނީ ފުލުހުންގެ ޝީލްޑްތަކާއި ހަމައަށް ގޮސްފައި އެވެ. ނަމަވެސް ފުލުހުން ދަނީ ބާރުގެ ބޭނުންކޮށް މުޒާހަރާގެ ބައިވެރިން ކުރިއަށް ދާން ހުރަސްއަޅަމުންނެވެ.
މީގެއިތުރުން މުޒާހަރާގެ ބައިވެރިން ދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިސްތިއުފާއަށް ގޮވާލަމުންނެވެ.
"ދަތިވެއްޖެ" މުޒާހަރާ ފަށައިފި
މި މުޒާހަރާއަކީ ތަކެތީގެ އަގު އުފުލުމާއި ރައްޔިތުންނަށް ދިމާވަމުންދާ ދަތިތަކާއި ގުޅިގެން އަޑު އުފުލުމަށް އެމްޑީޕީން ބާއްވާ މުޒާހަރާއެކެވެ.

އެމްޑީޕީގެ ދަތިވެއްޖެ މުޒާހަރާ
ދަތިވެއްޖެ މުޒާހަރާ ފަށާނީ 9 ޖަހާއިރު ކަމަށް އެމްޑީޕީން ބުނެފި
އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައިސް ނަޝީދުގެ އިތުރުން ރައްޔިތުން މަޖިލީހުގެ އެމްޑީޕީ މެންބަރުންނާއި ލީޑަޝިޕް ބޭފުޅުން ވަނީ ސޯޝަލް ސެންޓަރު ސަރަހައްދަށް ވަޑައިގަންނަވާފަ އެވެ.

އެމްޑީޕީން ދަތިވެއްޖެ ނަމުގައި ކުރިއަށް ގެންދާ މުޒާހަރާ
އެމްޑީޕީގެ ދަތިވެއްޖެ މުޒާހަރާ ފަށަން ތައްޔާރު ވަނީ
ދަތިވެއްޖެ މުޒާހަރާ ފަށަން ތައްޔާރު ވެފައިވާއިރު ސޯޝަލް ސެންޓަރު ސަރަހައްދަށް މިހާރު ވަނީ މީހުން ޖަމާވާން ފަށައިފަ އެވެ.

ދަތިވެއްޖެ މުޒާހަރާ
ދަތިވެއްޖެ މުޒަހަރާ ފަށާނީ 20:30 ގައި
އިދިކޮޅު އެމްޑީޕީ އިން ބާއްވާ ދަތިވެއްޖެ މުޒާހަރާ ފަށާނީ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައި ސޯޝަލް ސެންޓަރު ކުރިމަތިންނެވެ. އެމްޑީޕީ އިން ނިންމާފައި ވަނީ މި މުޒާހަރާ މާލޭގެ މަޖީދީ މަގުން ކުރިއަށް ގެންދިޔުމަށެވެ.