އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބު 2026
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އެތެރޭގެ އިންތިހާބުގައި ވޯޓުލުން ފަށައިފި އެވެ.

އެމްޑީޕީ ޗެއަރޕާސަން އިންތިހާބު 2026
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އެތެރޭގެ އިންތިހާބުގައި ވޯޓުލުން ފަށައިފި
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އެތެރޭގެ އިންތިހާބުގައި ވޯޓުލުން ފަށައިފި އެވެ.
މި އިންތިހާބުގައި ވޯޓުލުން ކުރިއަށްދާނީ ހުކުރު ދުވަހުގެ މެންދުރު 2:30 އިން ރޭގަނޑު 8:30 އަށެވެ. މި އިންތިހާބުގެ ޓައިމްލައިންގައިވާ ގޮތުން ވޯޓުލުމުގެ ފުރުސަތު ލިބިގެންވަނީ މިއަހަރުގެ އެޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އެމްޑީޕީގެ ދަފްތަރުގައި މެންބަރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
ޗެއަރޕާސަންގެ އިންތިހާބުގައި ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި ވެސް ވޯޓުލުން ފެށިފައިވާ އިރު، މިހާތަނަށް އެއްވެސްތަނެއްގައި މައްސަލައެއް ޖެހިފައި ނުވެ އެވެ.
ވޯޓުލާން ދާ ފަރާތްތަކުން ކާކުކަން އަންގައިދޭ ރަސްމީ ލިޔުން ގެންދަން ޖެހެ އެވެ. ރަސްމީ ލިޔުމުގެ ގޮތުގައި ބަލައިގަންނަނީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (އައިޑީ ކާޑު)، ޕާސްޕޯޓް، ލައިސަންސް ކާޑް އަދި ޕާސްޕޯޓް ކާޑެވެ.
މިއީ އެމްޑީޕީގެ 7 ވަނަ ޗެއަރޕާސަން ހޮވުމަށް ބާއްވާ އިންތިހާބެވެ. ކުރިން ޗެއަރޕާސަން ކަމުގައި ހުންނެވި ފައްޔާޒް އިސްމާއިލް މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން މިވަގުތު ވަގުތީ ޗެއަރޕާސަންގެ މަގާމު އަދާކުރައްވަމުން ގެންދަވަނީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސަ އެވެ.
ފިޔޯރީގައި ބެހެއްޓި ވޯޓު ފޮށި ފަޅާލުމާ ގުޅިގެން އެ ފޮށީގެ ވޯޓުލުން ބާތިލްކޮށްފި، އެ ފޮށީގެ ވޯޓުލާނީ އެހެން ދުވަހަކު
އެމްޑީޕީގެ ޗެއާޕަސަންގެ މަގާމަށް މީހަކު ހޮވުމަށް މިއަދު ކުރިއަށްދާ އެ ޕާޓީގެ އެތެރޭގެ އިންތިހާބުގައި، ގދ. ފިޔޯރީގައި ބެހެއްޓި ވޯޓު ފޮށި ފަޅާލުމާ ގުޅިގެން އެ ރަށުގައި މިއަދު ވޯޓުލުން ކުރިއަށް ނުގެންދިއުމަށް އެމްޑީޕީގެ އިންތިހާބީ ކޮމިޓީން ނިންމައިފި އެވެ.
މި ހާދިސާއާ ގުޅިގެން އެ ފޮށީގެ ވޯޓުލުން މިހާރު ވަނީ މެދުކަނޑާލާފަ އެވެ.

އެމްޑީޕީގެ އިންތިހާބު ކޮމިޓީގެ މެންބަރު އިބްރާހިމް މުއިއްޒު ވިދާޅުވީ، ފިޔޯރީގައި ބެހެއްޓި ވޯޓު ފޮށްޓަށް ވޯޓުލުން ދެން ކުރިއަށްގެންދާނީ އެހެން ދުވަހަކު ކަމަށެވެ. މުއިއްޒު އިތުރަށް ވިދާޅުވީ، އުސޫލުތަކުގެ ތެރެއިން ވޯޓު ފޮށްޓެއް ބާތިލްކޮށްފި ނަމަ، ދެން އެ ފޮށްޓަކަށް ވޯޓުލުން ބާއްވާނީ ފަހުގެ ތާރީޚެއްގައި ކަމަށެވެ.
މިއަދު ހިނގި މި ހަމަނުޖެހުމާ ގުޅިގެން ފިޔޯރީގައި ބެހެއްޓި ވޯޓު ފޮށި ބާތިލްކުރިއިރު، އެ ރަށުން ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވަނީ ޖުމްލަ 84 މީހުންނެވެ.
ވޯޓުލުން 9:00 އާއި ހަމައަށް އިތުރުކޮށްފި
މޫސުން ގޯސްވެ ދަތިތަކެއް ދިމާވެ ބައެއް ފޮށިތަކުގެ ވޯޓުލުން ކުރިއަށް ގެންދިއުން ލަސްވުމާއި ގުޅިގެން، ވޯޓުލުން މިރޭ 9:00 އާއި ހަމައަށް ވަގުތު އިތުރުކޮށްފައިވާ ކަމަށް އެމްޑީޕީއިން ބުނެފި އެވެ.

އިންތިޚާބާ ބެހޭ ކަންކަން އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް މީކާއިލް ގެ ޓީމުން އިލެކްޝަންސް ކޮމިޓީ އަށް ގޮވާލައިފި
އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގެ ކަންކަން އޮމާންކަމާއެކު، ހާމަކަން ބޮޑުކޮށް ކުރިއަށް ގެންދިޔުމަށް، ޕާޓީގެ އިންތިޚާބާ ބެހޭ ކޮމިޓީ އަށާ ޕާޓީގެ އެންމެހާ ފަރާތްތަކަށް، އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމްގެ ޓީމުން ގޮވާލައިފި އެވެ.
މީކާއިލްގެ ފަރާތުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އިދިކޮޅު ކެންޑިޑޭޓްގެ ފަރާތުން ރޭވިގެން އެފަރާތައް އުއްމީދުކުރެވޭ ނަތީޖާ ނުނެރެވޭ ކަމަށް ފެންނަ ރަށްރަށުގައި މީކާއިލްގެ މަންދޫބުންނަށް ފާސްދިނުން ލަސްކުރުން ފަދަ ކަންކަން ހިނގަމުންދާ ކަމަށެވެ. އަދި ފ. ފީއަލީ ލިސްޓުގައި ހިމެނޭ ބައެއް މީހުންގެ ނަން ލިސްޓުން އުނިކުރެވިފައިވާ ކަން ފާހަގަވެފައިވާ ކަމަށް ވެސް ވެ އެވެ.
އޭގެ އިތުރުން ގދ. ފިޔޯރީ ވޯޓު ފޮށި ފަޅާލައި، އެކަން ރަނގަޅު ނުކޮށް، ވޯޓު ލާ މައްސަލައެއް ވެސް އެ ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ.
ސަރުކާރު ޖަވާބުދާރީ ކުރުވުމަށް، ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމުގެ އުއްމީދު ބޮޑު: ސޯލިހު
އެމްޑީޕީ ގެ ޗެއަރޕާސަން އިންތިޚާބުން ކޮންމެ ކެންޑިޑޭޓަކު މޮޅުވި ކަމުގައި ވީނަމަވެސް، ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މިއަދު ކުރިއަށްދާ އިންތިޚާބުގައި ވޯޓުލެއްވުމަށްފަހު މީޑިއާތަކާ ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މި އިންތިޚާބުން މީކާއިލް މޮޅުވެއްޖެ ނަމަ، ޕާޓީ މަސައްކަތް ކުރާވީ ޒުވާން ޓީމަކާއެކުގައި ކަމަށެވެ. އަދި ރައީސް ނަޝީދު ކާމިޔާބު ކޮށްފިނަމަ، ތަޖުރިބާގެ އަލީގައި ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.
އެހެންކަމުން ނަތީޖާ ކޮންމެ ގޮތަކަށް އައި ކަމުގައި ވީނަމަވެސް، ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ފ. ފީއަލީގެ ވޯޓުލުން މެދުކަނޑާލައި، ވޯޓު ފޮށި ގެންގޮސްފި
ފ. ފީއަލީގައި ވޯޓުލުން ވަގުތީ ގޮތުން މެދުކަނޑާލައި، ވޯޓު ފޮށީގެ ވެރިޔާގެ ބެލުމުގެ ދަށުން، ވޯޓު ފޮށި ގެންގޮސްފި އެވެ.
އެ ފޮއްޓަށް ވޯޓުލާން ދިއަ ބައެއް މީހުންގެ ނަން އެ މަރުކަޒުގައި ހުރި ލިސްޓުގައި ނެތުމާއެކު އެ މީހުންގެ ނަން، އިލެކްޝަންސް ކޮމިޓީ އަށް ފޮނުވާފައިވާ ކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވި އޮފިޝަލަކު ވަނީ ރާއްޖެއެމްވީ އާ ހިއްސާ ކޮށްފަ އެވެ. އަދި ކޮމިޓީ އިން އެ މައްސަލަ ބެލުމަށްފަހު އެ މީހުންނަށް ވޯޓު ލެވޭ ކަން ނުވަތަ ނޫން ކަން ކަނޑައަޅަން ދެން މަޑުކުރަމަށް އެންގި ކަމަށާ ނަމަވެސް އެ މީހުން އެތަނުގައި އަޑުގަދަ ކޮށް، ހަމަނުޖެހުން ހިންގަން މަސައްކަތް ކުރި ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އެއާއެކު ފުލުހުން ވެސް އެ ސަރަހައްދަށް ގެނަސް، އެ މައްސަލައިގައި ކޮމިޓީ އިން ވަނި ގޮތެއް އަންގަން ދެން، ވޯޓު ލުން މެދުކަނޑާލުމަށްފަހު ވޯޓު ފޮށި ގެންގޮސްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާފައިވަނީ ސްރީލަންކާގައި
ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާފައިވަނީ ސްރީލަންކާގައި އެކަންޏެވެ. އެމްޑީޕީއިން ބުނީ ވޯޓުފޮށި ހުންނާނީ ރޯޒްވުޑް ސިލޯން (ބަންކުއެޓް ހޯލް) ހޮސްޕިޓަލް މަގު 56، ދެހިވަލަ މައުންޓް ލެވިނިއާ ގައެވެ.
ބ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ޔެލޯ އެލާޓް ނެރެފި
ބ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ޔެލޯ އެލާޓް ނެރެފި އެވެ. މެޓް އޮފީހުން އެލަރޓް ނެރެފައިވަނީ މެންދުރު 12:45 އިން ފެށިގެން ހަވީރު 5:00 އަށެވެ. މި ވަގުތުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ބުނެފައިވެ އެވެ.
މިއީ އިންތިޒާމްތައް ފުރިހަމަވެގެން ކުރިއަށްދާ އިންތިހާބެއް: ރައީސް ނަޝީދު
ޗެއަރޕާސަންގެ އިންތިހާބުގައި ވޯޓުލުމަށްފަހު މީޑިއާއާއި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިއީ ހުރިހާ އިންތިޒާމްތަކެއް ފުރިހަމަވެގެން އައިސް ވޯޓުލުން ކުރިއަށް ގެންދާ އިންތިހާބެއް ކަމަށެވެ. އަދި މޫސުން ގޯސް ނަމަވެސް ވޯޓުލުން ކުރިއަށްދާ ކަމަށާއި، ހުރިހާ ބޭފުޅުން ވޯޓު ދެއްވަން ނުކުންނެވުން ބޭނުންތެރި ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ މި އިންތިހާބަކި ރައީސް މުއިއްޒުގެ ސަރުކާރަށް އޮތް ޗެލެންޖެއް ކަމަށެވެ. އަދި އެމްޑީޕީ އޮތީ މުޅި ރާއްޖޭގައި ރުކުރުވާލާ ހަރަކާތްތައް ފެށިފައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ޗެއަރޕާސަންގެ އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ރައީސް ނަޝީދު ވޯޓު ދެއްވައިފި
ޗެއަރޕާސަންގެ އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ރައީސް ނަޝީދު ވޯޓު ދެއްވައިފި އެވެ. އެމަނިކުފާނު ވޯޓު ދެއްވީ ގަލޮޅު ސްކޫލުގައި ބަހައްޓާފައވާ ވޯޓު ފޮއްޓަށެވެ.

43،000 އަށްވުރެ ގިނަ މީހުންނަށް މި އިންތިހާބުގައި ވޯޓުލެވޭ
43،000 އަށްވުރެ ގިނަ މީހުންނަށް ވޯޓުލެވޭ. މި އިންތިހާބުގެ ޓައިމްލައިންގައިވާ ގޮތުން ވޯޓުލުމުގެ ފުރުސަތު ލިބިގެންވަނީ މިއަހަރުގެ އެޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އެމްޑީޕީގެ ދަފްތަރުގައި މެންބަރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
ވޯޓް ލުމުގެ ކަންކަން ދަނީ އޮމާންކަމާއެކު
މިއަދު ކުރިއަށްދާ އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބުގެ ވޯޓުލުމުގެ ހުރިހާ ކަމެއް ވެސް ދަނީ އަމާންކަމާއެކު ކަމަށް އެމްޑީޕީން ބުނެފި އެވެ. މިހާތަނަށް އައި އިރު ވޯޓުލުމުގައި އެއްވެސް މައްސަލައެއް ދިމާވެފައި ނުވެ އެވެ.
