މިނިސްޓްރީ އޮފް ހެލްތުން ބުނީ ނޮވެލް ކޮރޯނާވައިރަސްއާއި ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ޙިއްސާ ކުރުމަށް ބާއްވާ ޕްރެސް ކޮންފަރެންސެއް މިއަދު ހެދުނު 1100 ޖަހާއިރު އޮންނާނެކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބާއްވާ މި ޕްރެސްގައި ބައިވެރިވެވަޑައިގަންނަވާނީ 3 ޑޮކްޓަރުންކަމަށް މިނިސްޓްރީ އޮފް ހެލްތުން ބުނެއެވެ.
މި ޕްރެސް ރާއްޖެ ޓީވީން ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.
ފިލިޕީންސްގައި ނޮވެލް ކޮރޯނާ ވައިރަސް ޖެހިގެން މީހަކު މަރުވުމާއި ގުޅިގެން އެޤައުމުން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ. އެގޮތުން ފިލިޕީންސް ގެ ރައީސް ރޮޑްރިގޯ ޑުޓާރެޓޭ ވަނީ ޗައިނާއިގެ މެއިން ލޭންޑުންނާއި،މަކާއޯ އަދި ހޮންކޮންގ އަށް ދަތުރުކޮށްފައިވާ އެއްވެސް ޤައުމެއްގެ މީހަކު ފިލިޕީންސްއަށް ނާރުވަން ނިންމަވާފައެވެ. އަދި ޗައިނާއިން އަންނަ ފިލިޕީންސް ރައްޔިތުން ކޮރޯނާވައިރަސްގެ އަލާމާތެއް ނެތް ނަމަވެސް 14 ދުވަސްވަންދެން ކަރަންޓީންކުރުމަށް ވެސް ރައީސް ވަނީ ނިންމަވާފައެވެ.
މިކަމާއި ގުޅޭގޮތުން އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސްއިން ޢާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ ނޮވެލް ކޮރޯނާވައިރަސްގެ ބަލިމަޑުކަމާއި ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރައްވާފައިވަނީ ފޯނުން ގުޅުއްވައިގެން ކަމަށެވެ. އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި، ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑީޯގެ މި ފޯންކޯލުގައި ކޮރޯނާ ވައިރަސް މޮނިޓަރ ކުރުމަށާއި، ކޮންޓްރޯލް ކުރުމަށާއި، މިކަމަށް ހުރި ހިރާސްތައް ނައްތާލުމާއި ބެހޭ ގޮތުން ކަމަށް މިކަމާއި ބެހޭ ގޮތުން ވައިޓްހައުސް އިން ޢާންމު ކުރި ބަޔާނުގައި ވެއެވެ.
ދިވެހި ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން މަޢުލޫމާތުދޭ ގޮތުގައި ޗައިނާގެ ވޫހާން ސިޓީގައި ތިބި 9 ދިވެހިންގެ ތެރެއިން 7 ދިވެހިން އިންޑިއާގެ އެހީތެރިކަމާއެކު މިހާރު ވަނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް ގެންގޮސްފައެވެ.
އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއަރޒުން މަޢުލޫމާތުދޭ ގޮތުގައި މިމީހުން އިންޑިއާއަށް ގެނައިީ އެއަރ އިންޑިއާގެ ޚާއްޞަ ފްލައިޓެއްގައި ވެރިރަށް ނިއުދިއްލީއަށެވެ. މިއީ ވުހާން ސިޓީން އިންޑިއާގެ ރައްޔިތުން ބޭލި ދެވަނަ ފަހަރެވެ. އިންޑިއާއިން ދަނީ ވުހާން ސިޓީގައި ތިބި އެހެން ޤައުމުތަކުގެ ރައްޔިތުން އެސިޓީން ބޭލުމުގައި ވެސް އެހީތެރިވަމުންނެވެ. އޭގެ ތެރޭގައި ރާއްޖޭގެ މީހުންވެސް ހިމެނެއެވެ.
ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވީ، ޗައިނާގެ ތިބި 7 މީހުން ގެންދާނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް ކަމަށެވެ. އަދި އެމީހުން އިންޑިއާއަށް ގެންދާނީ އެއަރ އިންޑިއާގެ ޚާއްޞަ ފްލައިޓެއްގައި ކަމަށެވެ. މިނިސްޓަރ ވިދާޅުވީ އެމީހުން ދިއްލީގައި ވަކި މުއްދަތެއް ވަންދެން ކަރަންޓީނު ކުރެވޭނެ ކަމަށެވެ.
މިކަމާއި ގުޅިގެން، މިނިސްޓަރ ޝާހިދު ވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއަށާއި އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ ސުބްރަމާނިޔަމް ޝަންކަރުގެ އިތުރުން އިންޑިއާގެ ކަމާބެހޭ ފަރާތްތަކަށް ޝުކުރުއަދާ ކުރައްވާފައެވެ.
ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ، ނޮވެލް ކޮރޯނާވައިރަސްއަށް ޝައްކުކުރެވިގެން ތިން މީހެއްގެ ލޭގެ ސާލްޕަލް ނަގާ، ޓެސްޓްތައް ހެދުމަށްޓަކައި ވަނީ އިންޑިއާގެ ޕޫނާގައި ހުންނަ ލެބޯރެޓަރީއަކަށް ރޭގެ ވަގުތެއްގައި ފޮނުވާފައިވާކަމަށެވެ. އަދި މިއަދުގެ ވަގުތެއްގައި އޭގެ ނަތީޖާ ލިބޭނެކަމަށެވެ.
ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ، މިހާތަނަށް ނޮވެލް ކޮރޯނާ ވައިރަސްގެ މަޢުލޫމާތު ދެމުން އައިން މާލޭގައިމަރުކަޒުކޮށްގެން ކަމަށެވެ. އެހެންނަމަވެސް ކުރިޔަށް އޮތް 3 ދުވަހު ރާއްޖޭގެ ހުރިހައި ކަންކޮޅުތަކަށް ޢަމާޒުކޮށްގެން މަޢުލޫމާތު ދިނުމުގެ ކަންކަން ކުރިޔަށްގެންދިއުމުގެ އިންތިޒާމު މިހާރު ހަމަޖައްސަމުން އަންނަކަމަށެވެ. އެގޮތުން އަތޮޅުތެރޭގައި މަޢުލޫމާތުދޭނީ، އެއަތޮޅުތަކުގެ ހޮސްޕިޓަލްތަކުންނާއި، އަދި ހެލްތު މިނިސްޓްރީގެ ޓީމުތައް އަތޮޅުތަކަށް ގޮސްގެން ކަމަށް މިނިސްޓަރ ވިދާޅުވެއެވެ.
ނޮވެލް ކޮރޯނާވައިރަސް ގައި ފިލިޕީންސް އިން މީހަކު މަރުވެއްޖެއެވެ. ދުނިޔޭގެ ޞިއްޙަތުޖަމްޢިއްޔައިން ބުނެފައިވަނީ މިއީ ޗައިނާއިން ބޭރުން މިބަލީގައި މީހަކު މަރުވި ފުރަތަމަ ފަހަރުކަމަށެވެ.
އިތުރު ތިން މީހުންނަށް ކޮރޯނާވައިރަސް ޖެހި ސައުތުކޮރެއާއިން ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު 15 ށް އަރައިފި އެވެ.
އެންމެފަހުން ވައިރަސް ޖެހިފައިވާ 28 އަހަރުގެ މީހާ އަކީ ވުހާން އިން އެގައުމަށް ގެނައި މީހުންގެ ތެރެއިން މީހެކެވެ. ދެން ވައިރަސް ޖެހުނު 40 އަހަރުގެ މީހާ މިހާރުވެސް ހުރީ ކަރަންޓީނުކޮށްފައި ކަމަށް އޮފިޝަލުން ބުނެއެވެ. އަދި މީނާއަކީ ދެން މިވައިރަސް ޖެހުނު އަނެއް މީހާގެ ތިމާގެ މީހެއްކަމަށް އޮފިޝަލުން ބުނެ އެވެ.
ޗައިނާގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސްގެ ސަބަބުން މަރުވާ މީހުންގެ ޖަނާޒާ ނުބާއްވާ އެމީހުން އަވަހަށް ނައްތާލުމަށް ސިއްހީ އޮފިޝަލުން އިލްތިމާސްކޮށްފި އެވެ.
އެމީހުންގެ ހަށިގަނޑު އިތުރުތަނަކަށް ނުގެންގޮސް ވީ އެންމެ އަވަހަކަށް އަންދާލުމަށް ސިއްހީ އޮފިޝަލުން ވަނީ ލަފާދީފަ އެވެ. މިހާތަނަށް އާއިރު ޗައިނާގައި ވަނީ މިވައިރަސް ޖެހިގެން 304 މީހުން މަރުވެފަ އެވެ.
ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 304 ށް އަރައިފިކަމަށް ޗައިނާއިން ބުނެފި އެވެ.
ހޮނިހިރު ދުވަހު އެކަނިވެސް ޗައިނާއިން ކޮރޯނާވައިރަސްގެ އަސަރު 2590 މީހަކަށް ކޮށްފައިވެ އެވެ. އެއާއެކު މިހާތަނަށް ކޮރޯނާވައިރަސްގެ އަސަރު ކުރި މީހުންގެ ޖުމްލަ އަދަދު 14،380 ށް ވަނީ އަރާފަ އެވެ.
ކޮރޯނާވައިރަސް ފެތުރެމުންދާތީ އެމެރިކަން އެއަރލައިން އިން ހޮންގ ކޮންގ އަށް ކުރަން ހުރި ދަތުރުތައްވެސް ކެންސަލްކޮށްފި އެވެ. މީގެކުރިން އެއެއަރލައިނުން ވަނީ ޗައިނާއަށް ކުރަން ހުރި ދަތުރުތައް ކެންސަލްކޮށްފަ އެވެ.
އެމެރިކަން އެއަރލައިނުން ބުނެފައިވަނީ ކޮންމެ ދުވަހަކުވެސް ހާލަތަށް ބެލުމަށްފަހު ހޮންގ ކޮންގ އަށް ދަތުރުކުރުމަށް ހުރި ފްލައިޓްތަކާމެދު ގޮތެއް ނިންމާނެ ކަމަށެވެ.
އިތުރު 45 މީހުންގެ މަރާއެކު ހޫބޭ ޕްރޮވިންސުން ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 294 ށް އަރައިފި އެވެ. ހޮނިހިރު ދުވަހު ހޫބޭ ޕްރޮވިންސުން ވަނީ އިތުރު 2000 މީހުންނަށް މިވައިރަސް ޖެހިފަ އެވެ. މިއާއެކު ޗައިނާއިން ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު 13،700 ށް އެރީއެވެ.
ފާއިތުވި ދެ ހަފްތާގެ ތެރޭގައި ޗައިނާއަށް ގޮސްފައިވާ އެއްވެސް މީހަކަށް އިސްރޭލަށް އެތެރެނުވެވޭ ގޮތަށް އެގައުމުން ކަނޑައަޅައިފި އެވެ.
އިސްރޭލުން ބުނީ އިސްރޭލްގެ ރައްޔިތުން ނޫން އެއްވެސް މީހަކަށް ވައިގެ މަގުންވެސް، ކަނޑުމަގުން ވިއަސް އަދި ބޯޑަރު ހުރަސްކޮށްފައިވެސް އެގައުމަށް ނުވަދެވޭނެ ކަމަށެވެ. މީގެއިތުރުން ޗައިނާއިން އައި އެގައުމުގެ ރައްޔިތުން 14 ދުވަހު ގޭގައި ކަރަންޓީނު ވެގެން ތިބުމަށްވެސް އެގައުމުން ވަނީ އަންގާފައެވެ. ވައިރަސްގެ އަލާމާތެއް ނުފެނުނު ކަމުގައިވިޔަސް ގޭގައި ތިބުމަށް އެގައުމުން ވަނީ ޗައިނާއިން އައި ރައްޔިތުންނަށް އަންގާފަ އެވެ.
ޗައިނާއަށް ގޮސްފައިވާ އެއްވެސް މީހަކު އޮސްޓްރޭލިއާއަށް ނުވަދެވޭގޮތަށް އެގައުމުގެ ސަރުކާރުން ކަނޑައަޅައިފި އެވެ.
ހަލުވިކަމާއެކު ކޮރޯނާވައިރަސް ފެތުރެމުންދާތީ ފާއިތުވި ދުވަސްތަކުގައި ޗައިނާއަށް ގޮސްފައިވާ އެއްވެސް މީހަކަށް އޮސްޓްރޭލިޔާއަށް ނުވަދެވޭނެކަމަށް އެގައުމުން ބުނެއެވެ. އަދި މިފަޔަވަޅު މިއެޅީ އޮސްޓްރޭލިޔާގެ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ކަމަށް އެގައުމުން ބުނެ އެވެ.
ޗައިނާގައި ހަލުވުމިނުގައި ކޮރޯނާވައިރަސް ފެތުރެމުންދާތީ ހިލޭ ވިސާގައި ޗައިނާއިން ފަތުރުވެރިން އައުމާއި ދިޔުން ރަޝިޔާއިން މެދުކަނޑާލައިފި އެވެ.
ރަޝިޔާ ސަރުކާރުން ބުނާގޮތުން ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހުން ފެށިގެން މިވިސާ ދޫކުރުން ހުއްޓާލާނެ އެވެ. އަދި ޗައިނާ މީހުންނަށް ވޯރކް ވިސާ ދޫކުރުންވެސް ވަގުތީ ގޮތުން މެދުކަނޑާލާނެ ކަމަށް ރަޝިޔާއިން ބުނެއެވެ.
ކޮރޯނާވައިރަސްގެ އަސަރުކޮށްފައިވާ 8 ވަނަ މީހާ ޖަރުމަނުވިލާތުން ފެނިއްޖެ އެވެ. ޖަރުމަނުން ބުނީ މިއީ 33 އަހަރުގެ މީހެއްކަމަށާއި މިއީ ކުރިން މިވައިރަސްގެ އަސަރު ފެނުނު ހަ މީހުންނާއެކު މަސައްކަތްކުރަމުން ދިޔަ މީހެއްކަމަށެވެ.
ޗައިނާގައި ކޮރޯނާވައިރަސް ފެތުރެމުންދާތީ އެގައުމުގައި ހުރި އެޕަލްގެ ހުރިހާ ސްޓޯރުތަކެއް ބަންދުކުރުމަށް އެޕަލް އިން ނިންމައިފި އެވެ. އެޕަލް އިން ބުނީ ފެބްރުއަރީމަހުގެ 9 އާ ހަމައަށް އެޕަލްގެ ހުރިހާ ސްޓޯރުތަކެއް ބަންދުކޮށްފައިވާ ކަމަށެވެ.
ވުހާންގައި ތިބި ތުރުކީ ރައްޔިތުންގެ ގޮވައިގެން އައި ފްލައިޓް ތުރުކީއަށް އައިސްފިކަމަށް އެގައުމުން ބުނެފިއެވެ.
މިއީ ކާރގޯ ފްލައިޓެ ކެވެ. މި ފްލައިޓުން ގެނައީ ތުރުކީ އާއި ޖޯރޖިއާގެ ރައްޔިތުންނެވެ.
ހަލުވިކަމާއެކު ކޮރޯނާވައިރަސް ފެތުރެމުންދާތީ އިރާނުން ޗައިނާއަށް އަންނަ ފްލައިޓްތަކާއި ދާ ފްލައިޓްތައް ވަގުތީގޮތުން މެދުކަނޑާލައިފި އެވެ. އަދި މިހާތަނަށް އާއިރު އިރާނުން މިވައިރަސްގެ އަސަރު ފެނިފައެއްނުވެ އެވެ.
ޤަތަރު އެއަރވޭސް އިން ޗައިނާއަށް ދަތުރުކުރާ ފްލައިޓްތައް މެދުކަނޑާލައިފި އެވެ. އެއަރލައިނުން ބުނެފައިވަނީ ހޯމަ ދުވަހުން ފެށިގެން ޗައިނާއަށް ކުރާ ދަތުރުތައް މެދުކަނޑާލާނެ ކަމަށެވެ.
އައު އަހަރާދިމާކޮށް ދިން ޗުއްޓީ ހޫބޭ ޕްރޮވިންސްގައި ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފި އެވެ. ކޮރޯނާވައިރަސް އަދިވެސް ބާރު ސްޕީޑެއްގައި ފެތުރެމުންދާތީ ޗުއްޓީ ދިގުދަންމާލީ ކަމަށް ހޫބޭގެ ނޫހަކުން ވަނީ ބުނެފަ އެވެ.
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ން ކޮރޯނާވައިރަސްގެ އަސަރު ކޮށްފައިވާ 5 ވަނަ މީހާ ފެނިފައިވާކަމަށް އެގައުމުން ބުނެފި އެވެ.
މިމީހާއަކީ ވުހާން އިން އައިސްފައިވާ މީހެއް ކަމަށާއި މިމީހާގެ ހާލު ރަނގަޅުކަމަށް އެގައުމުން ބުނެއެވެ.
ކޮރޯނާވައިރަސްގެ އަސަރުކޮށްފައިވާ 8 ވަނަ މީހާ އެމެރިކާއިން ފެނިފައިވާކަމަށް އެގައުމުން ބުނެފި އެވެ.
އެންމެފަހުން ކޮރޯނާވައިރަސްގެ އަސަރު ކޮށްފައިވާ މީހަކީ ދާދިފަހުން ވުހާން އަށް ދަތުރުކޮށްފައިވާ މީހެއްކަމަށް އެމެރިކާގެ އޮފިޝަލުން ބުނެ އެވެ. އެމީހާ ވުހާން އިން އެމެރިކާއަށް އައުމާއެކު އައިސޮލޭޓްކޮށްފައިވާ ކަމަށާއި އަދިމިހާރުވެސް ހުރީ އެކަހެރިކޮށްފައި ކަމަށް އެމެރިކާއިން ބުނެ އެވެ.