މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު ތޯރިގާއި ސުވާލު ކުރެއްވުމާއި، އެޗްއާރުސީއެމްގެ ނާއިބު ރައީސް ކަމަށް މުހައްމަދު ޒާހިދު އައްޔަން ކުރެއްވުމަށް ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީއަށް ފޮނުވަން ނިންމުމާއެކު މަޖިލީހުގައި ކުރާނެ އިތުރުކަމެއް ނެތުމުން މިއަދުގެ ޖަލްސާ ނިންމާލައިފި އެވެ.
ގާނޫނު ނަންބަރު 2006/6 (ހިއުމަން ރައިޓްސް ކޮމިޝަންގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުގެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން، އެ ކޮމިޝަނުގެ މެންބަރު ކަމަށް ޢައްޔަންކުރައްވާފައިވާ، ދަފްތަރު ނަންބަރު ރސ 1548 ،އަލްފާޟިލް މުޙައްމަދު ޒާހިދު، ހިއުމަން ރައިޓްސް ކޮމިޝަންގެ ނައިބު ރައީސަކަށް އަޢްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅު ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް އެ މައްސަލައާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމުގެ މައްސަލަ.
އެމައްސަލަ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ދިރާސާ ކުރުމަށް ފޮނުވައިފި.
ޖަލްސާގެ ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު.
މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަން އިއުލާން ކުރެއްވުމަށްފަހު، ސުވާލު ކުރެއްވުމަށް ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުއަށް ސުވާލު ކުރުމަށް ފުރުސަތު ދެއްވައިފި.
ރިޔާޒުގެ ސުވާލު: ތ.އަތޮޅު ކިނބިދޫ، ހިރިލަންދޫ، ވަންދޫ، އޮމަދޫ އަދި ކަނޑޫދޫ މި 5 (ފަހެއް) ރަށުގެ ފެނާއި ނަރުދަމާ ނިޒާމް ރައްޔިތުންނަށް ލިބޭނީ ކޮންއިރަކުންތޯ؟
މިނިސްޓަރު ތޯރިގްގެ ޖަވާބު: ރަށްރަށުގެ ފެނާއި ނަރުދަމާ ނިޒާމަކީ ރައީސް ޔާމީންގެ ސަރުކާރުން ވަރަށް ބޮޑަށް އިސްކަމެއް ދެއްވައިގެން ހިންގާ ޕްރޮޖެކްޓްތަކެއް. އެގޮތުން ދައުލަތުގެ ބަޖެޓްގައި ހިމެނޭ ރަށްރަށުގެ އެފަދަ ޕްރޮޖެކްޓައް ދަނީ ހިންގަމުން. ކިނބިދޫ ދާއިރާގެ ރަށްރަށުގެ ފެނާއި ނަރުދަމާގެ ކަންކަން ދާނީ ވެސް އެޮތަށް.
ރިޔާޒު: ކިނބިދޫ ދާއިރާގެ ރަށްރަށުގެ ފެނާއި ނަރުދަމާ ދައުލަތުގެ ބަޖެޓްގައި މީގެކުރިން ވެސް ހިމެނިފައިވޭ، އެކަމަކު އެ ޕްރޮޖެކްޓްތައް ފެށިފައެއް ނުވޭ. އަދި އަޅުގަނޑުގެ ސުވާލަށް މިނިސްޓަރު ޖަވާބު ވެސް ދެއްވާފައެއް ނުވޭ. އަޅުގަނޑުގެ ސުވާލަކީ އެރަށްރަށުގެ ފެނާއި ނަރުދަމާގެ ނިޒާމު ރައްޔިތުންނަށް ލިބޭނީ ކޮންއިރަކުންތޯ؟
މިނިސްޓަރު ތޯރިގް: ދައުލަތުގެ ބަޖެޓްގައި އެ ޕްރޮޖެކްޓްތަކަށް ހިމަނާފައިވާ ބަޖެޓަކީ އެކަމަށް އެކަށީގެންވާ ބަޖެޓެއް ނޫން. އެހެންކަމުން އެ ޕްރޮޖެކްޓްތައް ނުފެށިވަނީ.
އަލީ ނިޒާރު: އައްޑޫ ސިޓީގެ ރައްޔިތުންނަށް ފެނާއި ނަރުދަމާ ފޯރުކޮށްދެވޭނީ ކޮން ދުވަހަކުންތޯ؟
މިނިސްޓަރު ތޯރިގް: އެމްޑީޕީގެ ސަރުކާރުން ވަނީ އައްޑޫ ސިޓީއަށް ފެނާއި ނަރުދަމާގެ ހިދްމަތް ފޯރުކޮށް ދެއްވާފައެއް ނުވޭ. އެކަމަކު ރައީސް ޔާމީންގެ މިސަރުކާރުން އައްޑޫ ސިޓީގައި ފެނާއި ނަރުދަމާ ގާއިމުކޮށް ދެއްވާނެ.
މުހައްމަދު ފަލާހު: ބޮޑެތި ޑްރެޖަރުތައް ގެނެސް ފަޅުތަކުން ވެލިނަގަމުންދާއިރު، ފަރުތަކަށް ވަރަކަށް ބޮޑަށް ގެއްލުން ވަމުންދާކަން ފާހަގަކުރެވޭ. އެފަދަ ކަންކަމުން ފަރުތަކަށް ކިހާވަރެއްގެ ގެއްލުމެއް ވަމުންދޭތޯ؟
މިނިސްޓަރު ތޯރިގް: މިއަދުގެ މައުލޫއާގުޅޭ ސުވާލެއް ނޫން.
މުހައްމަދު ވަހީދު އިބްރާހީމް: މަނިކުފާނަށް މިނިސްޓަރު ކަމުގެ ޒިންމާ ކިހާވަރަކަށް އަދާކުރެއްވޭތޯ؟
މިނިސްޓަރު ތޯރިގް: ޒިންމާ އަދާކުރެއްވޭތޯ ނުކުރެއްވޭތޯ ބައްލަވަން އޮތީ މި މަޖިލިސް. އެކަން ތިބޭފުޅުންނަށް ދުކޮށްލަން.
ހޯމަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކީ ފިތުރު އީދު ބަންދު ދުވަސްތަކަށްފަހު ބާއްވާ ފުރަތަމަ ޖަލްސާއެވެ. މިއީ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ހަތް ވަނަ ޖަލްސާއެވެ.
ޖަލްސާގެ އެޖެންޑާ:
1. ސުވާލު
ކިނބިދޫ ދާއިރާގެ މެންބަރު އަބްދުالله ރިޔާޒު، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤު އިބްރާހީމްއާ ކުރައްވާ ސުވާލު؛ ތ.އަތޮޅު ކިނބިދޫ، ހިރިލަންދޫ، ވަންދޫ، އޮމަދޫ އަދި ކަނޑޫދޫ މި 5 (ފަހެއް) ރަށުގެ ފެނާއި ނަރުދަމާ ނިޒާމް ރައްޔިތުންނަށް ލިބޭނީ ކޮންއިރަކުންތޯ؟
2. މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަން
ޤާނޫނު ނަންބަރު 2006/6 (ހިއުމަން ރައިޓްސް ކޮމިޝަންގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުގެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން، އެ ކޮމިޝަނުގެ މެންބަރު ކަމަށް ޢައްޔަންކުރައްވާފައިވާ، ދަފްތަރު ނަންބަރު ރސ 1548 ،އަލްފާޟިލް މުޙައްމަދު ޒާހިދު، ހިއުމަން ރައިޓްސް ކޮމިޝަންގެ ނައިބު ރައީސަކަށް އަޢްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅު ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް އެ މައްސަލައާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމުގެ މައްސަލަ.