Raajje.mv

ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ބާއްވާ ހާއްސަ ޖަލްސާ

03 މެއި 2017
8247
ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާއަށް ގއ. ވިލިނގިއްޔަށް ވަޑައިގެންނެވި ބައެއް ބޭފުޅުން މަޝްވަރާ ބައްދަލުވުމުގައި

ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާއަށް ގއ. ވިލިނގިއްޔަށް ވަޑައިގެންނެވި ބައެއް ބޭފުޅުން މަޝްވަރާ ބައްދަލުވުމުގައި

03 މެއި 2017 | 23:28

ވިލިނގިލީ ޖަލްސާ: ނިންމާލުން

މިރޭ ވިލިނގިލީގައި ބޭއްވި ޖަލްސާގައި ވިލިނގިލީ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި. އަދި ގުޅިފައިވާ ސިޔާސި އިދިކޮޅު ޕާޓީތަކުގެ އިސް ބޭފުޅުން މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި. އަދި މިޖަލްސާގައި ގުޅިފައިވާ ހުރިހާ ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުން ވަނީ ވާހަކަ ދައްކަވާފަ.

03 މެއި 2017 | 23:21

ވިލިނގިލި ޖަލްސާ: އެމްޑީޕީގެ ޗެއާރޕާސަން ހަސަން ލަތީފް

މި ފަހުގެ ތާރީހުގައި ރާއްޖޭގައި އުފެދުނު ހުރިހާ ސިޔާސީ ލީޑަރުން މިވަނީ ގައުމު އިސްލާހުގެ މަގަށް ގެނައުމަށް އަތުކުރި އޮޅާލައިގެން މަސައްކަތް ކުރުމަށް ނިންމާފަ. އެހެންކަމުން އެންމެ ފުރަތަމަ މަރުހަލާ އަކީ ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުން. އެކަން ކޮށްދެއްވުމަށް ރައްޔިތުންގެ ކިބައިން އެދެން.

އަޅުގަނޑުމެން މި ސަރުކާރުން ބަދަލުކޮށްފައިވާ ގާނޫނުތަކާއިި ރައްޔިތުންގެ ހައްގުތައް ގެއްޅޭގޮތަށް ހުށަހެޅި ގާނޫނުތައް އުވާލާނަން. އެކަންކޮށް ގައުމު ހަމަ މަގަށް އެޅުވުމަށް އަޅުގަނޑުމެންގެ ސިޔާސީ ލީޑަރުން އެގެންދަވަނީ ގަދައަޅާ މަސައްކަތް ކުރައްވަމުން. އެމައްސަކަތަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް މިއީ މެމްބަރު ސައުދު އިސްލާހީ ހަރަކާތުގައި ގުޅިވަޑައިގަތުން އެއީ.

އެމްޑީޕީން ވަރަށްބޮޑަށް މަސައްކަތްކުރިން މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދާދިނުމަށް. އެމްޑީޕީގެ ސަރުކާރުން މަސްވެރިންނަށް ހަމައަގު ލިބިގެންދިޔަ. މަސް ނުކިރިގެން މަސްވެރިންނެއް ނޫޅޭ. މަސްކިރާފަ ފައިސާ ނުލިބިގެންވެސް ނޫޅޭ. ވަގުތުން ފައިސާ ދެމުންދިޔައީ.

ވަޒީފާގެ ބިރަށް އެއްގޮތަކަށްވެސް ގޭގައިި ނުތިއްބަވާތި. ވަޒީފާގެ ބިރު ފަހަނަ އަޅާދާންޖެހޭ. ވަޒީފާގެ ބިރު ދައްކައިގެން ވަޒީފާއިން ކަނޑާލައިފިއްޔާ، އަޅުގަނޑުމެންނަށް އެ މައުލޫމާތު ދެއްވާ. އަނބުރާ އެވަޒީފާ ހޯދައިދޭނަން.

ވިލިނިގިލި ރައްޔިތުން ނިކުމެ ތިލަފަތަށް ވޯޓް ދެއްވާ، އަޅުގަނޑުމެން ރައީސް ޔާމީން ބަލިކުރާނަން.

03 މެއި 2017 | 23:09

ވިލިނގިލި ޖަލްސާ: ކެންޑިޑޭޓުންގެ ފަރާތުންނާއި ޕީޕީއެމް މެމްބަރު ފާރޫގު ވާހަކަ ދެއްވުމުން

ވިލިނގިލި ދާއިރާގެ އަތޮޅު ކައުންސިލް އަހުމަދު ފުއާދު ވަނީ އޭނާއާއި ގުޅިފައިވާ ސިޔާސީ އިދިކޮޅު ޕާޓީތަކުން ނެރެފައިވާ ކެންޑިޑޭޓުންނަށް ވޯޓް ދެއްވުމަށް އެދޭކަމަށާއި އަދި އެ ކެނޑިޑޭޓުން ހޮއްވަވައިފިނަމަ ކޮށްދެއްވާނެ އަދި ކުރައްވަން ގަސްދުކުރައްވާ ކަންކަން ވަނީ ޖަލްސާގައި ވިދާޅުވެދެއްވާފަ. އެގޮތުން އަތޮޅާއި ވިލިނގިލީގެ ތަރައްގީއާއި ރައްޔިތުންނަށް ފައިދާވާނެ ގިނަ ކަންކަން ވަނީ ހިއްސާ ކޮށްފަ.

ވިލިނގިލި ދާއިރާގެ އަތޮޅު ކައުންސިލް ކެންޑިޑޭޓް އަހުމަދު ފުއާދު

ވިލިނގިލި ޕީޕިއެމް މެމްބަރު މުހައްމަދު ފާރޫގް: އިސްލާހަށް މަސައްކަތް ކުރުމަށް މިފަދަ ކިތައްމެ މީހަކު ނިކުންނާނެ. މެމްބަރުގެ ސައުދު ފަހަތުގަ، ރައީސް މައުމޫންގެ ފަހަތުގަ، އަދި އިސްލާހީ ހަރަކާތުގައި ނުކުންނާނެ ކިތައްމެ ރައްޔިތުންނެއް ވިލިނގިލީގައި އެބައުޅޭ. ވަޒީފާ ބިރު ދެއްކިޔަސް މީހުން ނިކުންނާނެ. މިއަދުވެސް އެކަން މިދަނީ ފެންނަމުން.

ވިލިނގިލި ޕީޕީއެމް މެމްބަރު މުހައްމަދު ފާރޫގް

03 މެއި 2017 | 22:41

ވިލިނގިލި ޖަލްސާ: ޕީޕީއެމް ރައީސް މައުމޫން ފެކްޝަންގެ ކައުންސިލް މެމްބަރު އައިމިނަތު ނާދިރާ

އަބަދުވެސް ރައީސް ޔާމީން ވިދާޅުވާނެ ކޮބައިހޭ ގޯސްކޮށްދާ ކަންކަމަކީ، އަޅުގަނޑު ދަންނަވާނީ ރައްޔިތުންގެ އަޑު ނީވޭނަމަ ރައީސް ކަމުގެ ގާބިލުކަން ނެތިއްޔޭ. މަސްވެރިންނަށް ކުރަމުންދާ ޖެއްސުން ހުއްޓާލަންޖެހޭ. މަސްވެރިން ބާނާ މަހަށް ހަމަ އަގު ލިބެންޖޭ.

ކަންކަން ކުރީމާ އެވާހަކަ ދައްކާނެ. 10 ޓަނު ކަދުރު ކާލީމާ އެވަހަކަ ދައްކާނެ، ދައުލަތުންގެ ފައިސާއިން 1.22 ބިލިއަން ރުފިޔާ ކާލީމާ އެވާހަކަވެސް ދައްކާނެ. އެއީ އަބުރަށް އަރައިގަތުމެއް ނޫން.

ދިވެހި ރައްޔިތުން ިމިވަންކަން މިވަނީ ނިގުޅައިގަނެފަ. މަނިކުފާނު ކޮށްދެއްވަންވީ ކަމަަކީ ބަދަލުކުރި ގާނޫނުތައް އަލުން އަނބުރާ އިއާދަ ކުރުން. ކާޑުގެބާވަތް ކުރިން ހުރިއަގަށް އިއާދަ ކޮށްދެއްވާ. މިއީ ރައްޔިތުން އެދޭ އެދުންތަކަކީ.

03 މެއި 2017 | 22:31

ވިލިނގިލީ ޖަލްސާ: އެމްޑީޕީ ޕީޖީގެ ނައިބް ލީޑަރު ރޮޒައިނާ އާދަމް

މިއަދަކީ ނޫސްވެރިންގެ ދުވަސް، ސަރުކާރުން މިނިވަން ނޫސްވެރިކަމަށް މަރުހަބާކިޔާއިރު ދައްކާ ވާހަކައާ ކުރާ ކަންކަމާ ދިމަލެއް ނުވޭ. ރިލްވާން ވަގަށް ނެގި މީހުން ތިން އަހަރު ވީއިރުވެސް ނުފެނު، ޔާމިން ރަޝީދުގެ ގާތިލުން ކޮބައިތޯ، ރާއްޖެޓީވީގައި ރޯކޮށްލި މީހުން ކޮބައިތޯ، ނޫސްވެރިންނަށް ކުރާ ދައުވާތައް އިންތިހާ، އަދިވެސް ބުނަންވީ މިސަރުކާރުން ނޫސްވެރިންނަށް ފުރުސަތު ދެއޭތޯ، މިނިވަންކަން އެބައޮތްތޯ.

މަޖިލިސް މެމްބަރުން ގެންގޮސް ފުލުހުން މިއަހަނީ 42 މެމްބަރުން ހަމަކުރަން ތިއުޅޭނީި ކީއްކުރަންހޭ. އަޖައިބެއް ނުވާނެ. އަޅުގަނޑުމެން ދީފާނަން އެ ޖަވާބު، އަޅުގަނޑުމެން މިއުޅެނީ އެއަށްވުރެ މާމަތިން، އަޅުގަނޑުމެން މިއުޅެނީ 85 ހަަކުރަން.

އަޅުގަނޑުމެން ރައީސް ޔާމީން ބަލިކުރާނަން.

03 މެއި 2017 | 22:20

ވިލިނގިލި ޖަލްސާ: އަދާލަތު ޕާޓީގެ ކައުންސިލް މެމްބަރު ސިދާތާ ޝަރީފް

ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުން މިތިބީ އެކުގައި މަސައްކަތް ކުރުމަށް އަތާއަތް ގުޅާލައިގެން. އަޅުގަނޑުމެން ރައީސް ޔާމީން ބަލިކުރާން. ރައީސް ޔާމީނަށް ވެރިކަމުގެ ގޮނޑިއާ ހަމައަށް ވަޑައިގެންނެވުނީ ރައީސް މައުމޫނާއި އަދާލަތު ޕާޓީއާއި ޖުމްހޫރީ ޕާޓީ ތާއިދު ކުރުމުން. ނަމަވެސް ިހާރު އެ ހުރީހާ ބޭފުޅުން ވަނީ ރައީސް ޔާމީނަށް ތާއީދު ނުކުރާކަން ހާމަކޮށްފަ. ކުރެއްވި ތާއީދު ވަނީ އަނބުރާ ގެންގޮސްފަ.

އަޅުގަނޑުމެންގެ ރާއްޖޭގެ މިހާލަތު އަޅުގަނޑުމެން ބަދަލުކުރާނަން. ވަޒީފާގެ ބިރު ދަނީ އިންތިހާއަށް ދައްކަމުން. ސިޔާސީ ގޮތުން ވަރަށް ތަފާތު ބޭފުޅުން އެތިއްބެވީ އެއްގަލަކަށް އަރާވަޑާއިގެން. އެއީ މިހާލަތު ބަދަލުކުރަން. ރާއްޖެ މިވެއްޓޭ އަނދަވަޅުން ސަލާމަތް ކުރުމަށް.

ރައީސް ޔާމީންގެ މިސަރުކާރަށް ރައްޔިތުން ނޫނެކޭ ބުނެފި 2015 ގެ މޭޑޭގައި. އެއީ މިހާތަނަށް ރާއްޖޭގައި ބޭއްވި އެންމެބޮޑު އެއްވުން. އެ އެއްވުުގައި ރައްޔިތުން ނިކުމެވަނީ މިސަރުކާރަށް ނޫނެކޭ ބުނެފަ.

03 މެއި 2017 | 22:04

ވިލިނގިލި ޖަލްސާ: ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަބްދުﷲ ކަމާލުއްދީން

އަޅުގަނޑު ރައީސް މައުމޫންގެ ސަރުކާރުގެ ދުވަސްވަރު ވަރަށްކުރިން ވިލިނގިއްޔަށް އައިން. އޭރު ވަރަށް މަދު މަސް ދޯނިތަކެއް ހުރީ. އޭރުންސުރެވެސް ފެށިގެން ރައީސް މައުމޫން ގެންދެވީ ވިލިނގިއްޔަށް ވަރަށް ގާތްކަމެއް ބަހައްޓަވާ. ރައީސް މައުމޫން ގެންދެވީ ރާއްޖެ ތަރައްގީ ކުރުމުގެ މަސައްކަތް ކުރައްވަމުން. ނަމަވެސް ރައީސް މައުމޫން ގެންނެވި ތަރައްގީ މިހާރު މިދަނީ ފަނޑުވެ ވީރާނާވަމުން. މަސްވެރިންނަށް ހަމަ އަގު ނުލިބޭ، ކާބޯތަކެތި އިންތިހާއަށް މިވާނި އަގު ބޮޑުވެފަ.

ރައްރަށް ތަރައްގީ ކުރެވޭނީ އެކަމަށް ގާބިލް މީހުން ކަންކަމަށް އިސްކޮށްގެން. ރައްޔިތުންެގެ ހިޔާލު ހޯދައިގެން. ރައްޔިތުންނާ އެދޭ ގާބިލު ބަޔަކަށް ކައުންސިލްތައް ހަވާލުކޮށްގެން ހިންގުން މުހިއްމު. އެތަރައްގީ ބޭނުންނަމަ އިސްލާހީ ހަރަކާތުގެ ކެންޑިޑޭޓުންނަށް ވޯޓް ދިނުން ވަރަށް މުހިއްމު. އަދި އެ ކެނޑިޑޭޓުންނަށް ވޯޓް ދެއްވުމަށްވެސް ދަންނަވަން.

03 މެއި 2017 | 21:52

ވިލިނގިލީ ޖަލްސާ: ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު

މުޅި ރާއްޖޭގައި އިސްލާހީ ހަރަކާތް ދަނީ ވަރަށް ފޯރިއާއެކު ކުރިއަށް. ރައްޔިތުންނަށް ލިބިފައިވާ އެންމެބޮޑު ހިތްހަމަ ޖެހުމަކީ ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުން ކުރައްވަމުން ގެންދަވާ އިސްލާހީ ހަރަކާތް.

މިހާރު އަމަލު ކުރަމުންދާ ގާނޫނުއަސާސީގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާނެ. ގާނޫނުއަސާސީއާއި ގާނޫނުތަކުގެ ބޭރުން ކަންކަން ނުކުރެވޭނެ ކަމަށް. އެކަން ބަޔާންކޮށްފައިވާނީ ހަމަ އެކަނި މިހާރު އަމަލު ކުރަމުންދާ ގާނޫނުއަސާސީގައި.

މިހާރު ހުރި ހުދުމުހުތާރު ރައީސަށް ދަންވާނީ ކޮންމެކޮންމެ ގޮތަކަށް ކަންކަން ނުކުރެއްވޭނެޔޭ. ގާނޫނު އިމުގެ ތެރެއިން ކަންކަން ކުރައްވާށޭ. ކަނޑާކަނޑާ ބަންގަޅީސް ގޮތަށް ކަންކަން ނުކުރައްވާށޭ.

މިހާރު މިވަނީ ކާޑުގެ ބާވަތްތަކުން އަގު ބޮޑުކޮށްފަ. ކަރަންބިލް އެހާ ބޮޑު. މިހާރުއޮތީ ބެޔަސް ނުބެޔަސް 10،000ރ އެއް ނޫން، ބެޔަސް ނުބެޔަސް ނުކިރާނަން. މިހާރު މަސްވެރިންބާނާ މަސް ކިރޭނެ ގޮތެއް ވެސް ނެތް.

03 މެއި 2017 | 21:39

ވިލިނގިލީ ޖަލްސާ: ޔުމްނާ މައުމޫން

ރައީސް މައުމޫން އިސްލާހީ ހަރަކާތާ ގުޅިވަޑައިގަތީ އެމަނިކުފާނުގެ 30 އަހަރުގެ ތަރައްގީއާއި ހަމަޖެހުން ނެތިގެންދާތީ. ގައުމު ގޯހުންގޯހަށް ދާތީ. އިސްލާހީ ހަރަކާތުގައި އުޅުއްވާތީ ރައީސް މައުމޫނަށް ދަނީ އެކިއެކި ގޮތްގޮތުން ދުއްތުރާތައް ކުރަމުން.

މިއަދަކީ ނޫސްވެރިންގެ ދުވަސް ކަމުން ހުރިހާ ނޫސްވެރިންނަށް މަރުހަބާ ދައްނަވަން. އަދި ދާދިފަހުން މަރާެވުނު ޔާމީން ރަޝީދުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި ދުއާކުރަން.

03 މެއި 2017 | 21:31

ގއ. ވިލިނގިލި ޖަލްސާ ފަށައިފި

ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ގއ. ވިލިނގިލީގައި ބާއްވާ މިޖަލްސާ ކީރިތި ޤުރްއާނުގެ ބަރަކާތުން ފެށުމަށްފަހު ޖަލްސާ ތައާރަފް ކޮށްދެއްވީ ޝެއިލާ އަލީ އެވެ

03 މެއި 2017 | 21:04

ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ބާއްވާ ހާއްސަ ޖަލްސާ

ގުޅިފައިވާ އިދިކޮޅު ސިޠާސީ ޕާޓީތަކުން ބާއްވާ ހާއްސަ ޖަލްސާ މި ރޭ ބޭއްވުމަށް ނިންމާފައިވަނީ ގއ. ވިލިނގިލީގަ. މިއީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިން ހަރަކާތުގެ ތެރެއިން ވިލިނގިލީގައި ބާއްވާ ހާއްސަ ޖަލްސާއެއް.

ވިލިނގިލީގައި ބާއްވާ މި ޖަލްސާއަށް ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ބައެއް އިސްވެރިން ވަނީ ބުދަ ދުވަހުގެ ހެނދުނު ވިލިނގިއްޔަށް ވަޑައިގަންނަވާފަ. ހެނދުނު ވިލިގިއްޔަށް ވަޑައިގެންނެވި ބޭފުޅުންގެ ތޭރޭގައި އެމްޑީޕީގެ ޗެއާރޕާސަން ހަސަން ލަތީފް އާއި ޕީޕީއެމް ރައީސް މައުމޫން ފެކްޝަނުގެ ކައުންސިލް މެމްބަރު އަދި ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫނާއި ކައުންސިލް މެމްބަރު އާމިނަތު ނާދިރާ ހިމެނިވަޑައިގަންނަވާއިރު، ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އަދި ކުރީގެ ހޯމް މިނިސްޓަރު އަބްދުﷲ ކަމާލުއްދީން ހިމެނިވަޑައިގަންނަވާ. އަދި އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަން ކޮމެޓީގެ ޗެއާރ ޝިދާތާ ޝަރީފްގެ އިތުރުން ރައީސް ނަޝީދުގެ ސަރުކާރުގެ ހެލްތް މިނިސްޓަރު އާމިނަތު ޖަމީލު ވެސް ހިމެނިވަޑައިގަންނަވާ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރުން ކަމަށްވާ މުހައްމަދު ގަސަމް އާއި މުހައްމަދު ނާޒިމް އާއި މުހައްމަދު ރިޔާޒު އާއި މެމްބަރު މުހައްމަދު ނާޝިޒުގެ އިތުރުން ރައީސް ނަޝީދުގެ ސަރުކާރުގެ ކުރީގެ ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމް ވެސް މިޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވާ. އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއް މެމްބަރުން ހިމެނިވަޑައިގަންނަވާއިރު ގުޅިފައިވާ އިދިކޮޅު އެހެން ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުންވެސް މިޖަލްސާގއި ބައިވެރިވެވަޑައިގަންނަވާ.

ވިލިނގިލީގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕއިންގެ ހަރަކާތްތައްދަނީ ވަރަށް ފޯރީގައި ކުރިއަށް. ދާދިފަހުން ވަނީ ޕީޕީއެމް ރައީސް ޔާމީން ފެކްޝަނުަގއި ހުންނެވި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން ޕީޕީއެމް ރައީސް މައުމޫން ފެކްޝަނަށް ބަދަލުވެވަދާއިގަތްފަ. އެހެންކަމުން ޕީޕީއެމްގެ ރައީސް މައުމޫނަށާއި މެމްބަރު ސައުދަށް ތާއީދު ކުރާ ފަރާތްތަކުން ވަނީ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކަށް ތާއީދު ކުރައްވާ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުތައްވެސް އިދިކޮޅު ޕާޓީތަކަށް ކާމިޔާބު ކުރުމަށް ކެމްޕެއިން ކުރައްވަމުން.