ކ. މާލެ
|
20 ސެޕްޓެންބަރ 2017 | ބުދަ 15:26
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ
ރާއްޖެ އެމްވީ
ނޫސްވެރިޔާ ރިލްވާން
ރިލްވާން ވަގަށް ނެގި މައްސަލަ: އާލިފާއި ނޫރައްދީން ވަކީލަކު ހަމަޖައްސަން 10 ދުވަސް، ސުއައިދު ރާއްޖެއިން ބޭރުގަ!
އާލިފާއި ނޫރައްދީން ބުނީ ވަކީލަކާއެކު މައްސަލަ ކުރިއަށް ގެންދަން ބޭނުންވާ ކަމަށް
ޗިޓް ހަވާލުކުރަން ދިއުމުން އާއިލާއިން ބުނީ ސުއައިދު މަރުވެފައިވާ ކަމަށް
ތިން މީހުންގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމުގެ ދައުވާ

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ވަގަށް ނެގި މައްސަލައާ ގުޅިގެން ދައުވާ އުފުލާފައިވާ ހ. ހިލްޓަން، އަހުމަދު އާލިފް ރައޫފާއި، ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީން ވަކީލަކު ހަމަޖެއްސުމަށް 10 ދުވަސް ދީފި އެވެ.

ރިލްވާން ވަގަށް ނެގި މައްސަލައާ ގުޅިގެން އާލިފާއި ނޫރައްދީންގެ އިތުރުން ސ. ހުޅުދޫ، އަތިރިޔާގޭ މުހައްމަދު ސުއައިދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާ އުފުލާފައިވެއެވެ. އެހެން ނަމަވެސް، މައްސަލައިގެ ޝަރީއަތް ފެށުމަށް ބުދަ ދުވަހު ބޭއްވި އަޑުއެހުމަށް ސުއައިދު ހާޒިރުވެފައެއް ނުވެ އެވެ.

މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ވިދާޅުވީ ކޯޓަށް ހާޒިރުވުމަށް އަންގާ ސުއައިދު އަށް ޗިޓް ފޮނުވުމުން، އޭނާ މަރުވެފައިވާ ކަމަށް އާއިލާއިން ބުނި ކަމަށެވެ. މައްސަލައިގައި ދައުވާކުރި އިރު، އޭނާ މަރުވެފައިވާ ކަމަށް ބުނާ ބުނުން ސާފުކޮށްފައިވާނެތޯ ދައުލަތުގެ ވަކީލުންނާ، ގާޒީ ސުވާލު ކުރެއްވި އެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ ދައުވާކުރިއިރު ވެސް ސުއައިދު ރާއްޖޭގައި ނެތް ކަމަށާއި އުޅޭ ތަނެއް ހޯދިފައި ވެސް ނުވާ ކަމަށެވެ. އެހެންވެ ރާއްޖެއިން ބޭރުގައި އޭނާ އުޅޭ ތަަނެއް ހޯދުމަށް ފުލުހުންނަށް ހުށަހަޅާފައިވާނެ ކަމަށް ވަކީލު ވިދާޅުވި އެވެ.

ގާޒީ ވިދާޅުވީ ސުއައިދު ރާއްޖޭގައި ދިރިއުޅެމުންދޭތޯ މޯލްޑިވްސް އިމިގްރޭޝަނުން ސާފު ކުރައްވާނެ ކަމަށެވެ. އަދި އޭނާ ހާޒިރުވެ ނެތަސް، އާލިފާއި ނޫރައްދީންގެ މައްޗަށް ޝަރީއަތް ކުރިއަށް ގެންދެވޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ސުއައިދުގެ މައްޗަށް މި މައްސަލައިގައި ދައުވާ ކޮށްފައިވާއިރު، ސީރިއާގައި ހިނގަމުންދާ ހަނގުރާމައިގައި މިދިޔަ އަހަރުގެ ތެރޭގައި އޭނާ މަރުވެފައިވާ ކަމަށް ވަނީ އަޑުފެތުރިފަ އެވެ.

މައްސަލައާ ގުޅޭ ލިޔެކިޔުންތައް އާލިފާއި ނޫރައްދީނާ ހަވާލުކޮށްފައިވާއިރު، ދެ މީހުން ވެސް ބުނީ ވަކީލަކާއެކު މައްސަލަ ކުރިއަށް ގެންދަން ބޭނުންވާ ކަމަށެވެ. އެހެންކަމުން ގާނޫނުގައި ވަކީލަކު ހަމަޖެއްސުމަށް ލިބޭ އެންމެ ދިގު މުއްދަތު ކަމަށްވާ 10 ދުވަސް ދެ މީހުންނަށް ވަނީ ދީފަ އެވެ.

ތިން މީހުންގެ މައްޗަށް ދައުވާކޮށް މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ މިދިޔަ އޯގަސްޓް މަހުގެ 20 ވަނަ ދުވަހު އެވެ. ދައުވާގައި ބުނަނީ އެ ތިން ބައިވެރިންވެގެން ރިލްވާން ގަދަކަމުން ފޮރުވާފައިވާ ކަމަށެވެ.

ދައުވާ ކޮށްފައިވާ ތިން މީހުންގެ ތެރެއިން އާލިފާއި ނޫރައްދީނަކީ މި މައްސަލައާ ގުޅިގެން 2016 ވަނަ އަހަރު ހައްޔަރުކުރި ދެ މީހުންނެވެ. އެ މީހުން ދޫކޮށްލާފައި ވަނީ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުންނެވެ.

ރިލްވާނު ވަގަށް ނަގާފައި ވަނީ އޮގަސްޓް، 8، 2014 ވަނަ ދުވަހުގެ ރެ އެވެ. ރިލްވާން ވަގަށް ނެގިތާ ތިން އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.

ފުލުހުން ބުނީ ރިލްވާން ގެއްލުނު ރޭ، ހުޅުމާލޭގައި އޮތް ރަތް ކުލައިގެ ކާރަކަށް މީހަކު ގަދަކަމުން އަރުވާ ކަމަށް ބުނެ އަދި މީހަކު ހަޅޭއްލަވާ ކަމަށް ބުނެ ބަޔަކު ރިޕޯޓް ކުރި ކަމަށާއި ފުލުހުން އެ ސަރަހައްދަށް ދިޔައިރު އެ ކާރު ނެތް ކަމަށެވެ. އަދި ފަހުން އެ ކާރު ބަލާ ފާސްކޮށްފައިވާނެ ކަމަށާއި ކާރު ހުޅުމާލެއަށް ގެންގޮސްފައިވަނީ ގަވާއިދާ ހިލާފަށް ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ރިލްވާން ގެއްލުނު މައްސަލާގައި ބަލާ ފާސްކޮށްފައިވާ ކާރަކީ އާލިފް ރައުފްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައި އޮތް ކާރެކެވެ. އެ ކާރުގެ ތެރެއިން ރިލްވާންގެ މަންމަގެ ޑީއެންއޭ ލިބިފައިވާ ކަމަށާއި އެ ޑީއެންއޭ ލިބިފައިވަނީ ޑިކީގައި އަޅާފައި އޮތް ކާޕެޓެއްގެ ތެރޭގައި އޮތް އިސްތައްޓަކުން ކަަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

ރިލްވާން ގެއްލުނު ރޭ މާލޭގައި ރިލްވާން ސައިކަލް ދުއްވި އިރު، އޭނާގެ ސައިކަލް ފަހަތުން ބަޔަކު ދުއްވާފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. ރިލްވާނަށް ފާރަލި މީހުންގެ ތެރޭގައި މުހައްމަދު ސުއައިދު ހިމެނޭ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް