މުއިއްޒުގެ އިމޭޖް ރީތި ކުރައްވަން ޚަލީލު ކުރެއްވި ޕޯސްޓަށް ނުރުހުމުގެ ކޮމެންޓުތައް އޮއްސާލައިފި
ޝަރުއީ ދާއިރާ އަށް ރައީސް މުއިއްޒު ނުފޫޒު ފޯރުވާ ކަމަށާއި، އެއީ އޮޅުވާނުލެވޭނެ ހަގީގަތެއް ކަމަށް ޚަލީލަށް ރައްދުން ދިން ފަރާތްތަކުން ވަނީ ބުނެފައި.

ފޮރިން މިނިސްޓަރު އަބްދުالله ޚަލީލް
ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ޝަރުޢީ ދާއިރާއަށް ނުފޫޒު ނުފޯރުވާނެ ކަމަށް ވިދާޅުވެ ޚާރިޖީ ވަޒީރު އަބްދުﷲ ޚަލީލު އިނގިރޭސި ބަހުން އެކްސް ގައި ކުރެއްވި ޕޯސްޓަކަށް ނުރުހުމުގެ ކޮމެންޓްތައް އޮއްސާލައިފިއެވެ.
ރާއްޖޭގެ އެންމެ މަތީ ކޯޓު – ސްޕްރީމު ކޯޓުގެ ތިން ފަނޑިޔާރަކު ކުއްލި ގޮތަކަށް ސަސްޕެންޑް ކޮށް އެތަނުން ދެ ފަނޑިޔާރުން ވަކި ކުރީ ސަރުކާރުގެ ނުފޫޒުން ބޭއިންސާފުން ކަމަށް ބުނެ އެތައް ބަޔަކު ރައީސް މުއިއްޒުގެ ސަރުކާރަށް ފާޑު ކިޔާފައިވާ ދަނޑިވަޅެއްގައި އެކްސް ގައި ހޮނިހިރު ދުވަހު ސަރުކާރު ދިފާއު ކުރެއްވުމުގެ ގޮތުން މިނިސްޓަރ ޚަލީލު ކުރެއްވި ޕޯސްޓަށް ގިނަ ބަޔަކު ވަނީ ނުރުހުން ފާޅު ކޮށްފައެވެ.
"ރައީސް މުއިއްޒުގެ ސަރުކާރުން އަދުލު އިންސާފުގެ ދާއިރާ އަށް ނުފޫޒެއް ނުފޯރުވާނެ،" ޚަލީލު ލިޔުއްވާފައިވެއެވެ.
ޚަލީލު ވިދާޅުވީ، ޤާނޫނީ އިޖުރާއަތުތަކަށްވެސް އުނިކަމެއް ސަރުކާރުން ނުގެންނާނެ ކަމަށާއި، ދާދި ފަހުން ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރި މައްސަލައިގައިވެސް ކަން ހިނގާފައިވަނީ މި ގޮތުގެ މަތިން ކަމަށެވެ.
ޚަލީލު ވިދާޅުވީ، އެ މައްސަލައިގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުން ތަޙުޤީޤެއް ކުރުމަށްފަހު އެ ދެފަނޑިޔާރުން ވަކި ކުރީ ރައްޔިތުންގެ މަޖިލީހުން ކަމަށެވެ.
"ސަރުކާރުން ދަނީ ޝަރުޢީ ދާއިރާގެ މިނިވަންކަމާއި ޤާނޫނުގެ ވެރިކަން ދެމެހެއްޓުމަށް ފުރިހަމައަށް މަސައްކަތްކުރަމުން؛" ޚަލީލުގެ ޕޯސްޓުގައި ވެއެވެ.
އިދިކޮޅު ފަރާތްތަކުގެ ތެރެއިން ޒިންމާދާރު މަޤާމުތަކުގައި ތިބި ފަރާތްތަކުން، ބައިނަލްއަޤްވާމީ މުޖުތަމަޢުއާ މުޢާމަލާތްކުރާއިރު، ޙަޤީޤަތާއި ތެދު މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ވާހަކަ ދައްކާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޚަލީލުގެ ޕޯސްޓް ނިންމާލައްވަމުން ލިޔުއްވާފައިވެއެވެ.
ޚަލީލުގެ ޕޯސްޓް އިދިކޮޅު ފަރާތްތަކަށް އަމާޒު ކުރެއްވި އިރު، އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީގެ މަތީ ފަންތީގެ ވަފްދެއް ވަނީ އިނގިރޭސިވިލާތައް ޒިޔާރަތް ކޮށް ރާއްޖޭގެ ޑިމޮކްރަސީ އާއި ޝަރުއީ ދާއިރާ އަށް މުއިއްޒުގެ ސަރުކާރުން ކުރިމަތި ކުރަމުން ގެންދާ ގޮންޖެހުންތަކުގެ މައުލޫމާތު ބޭރުގެ އިސް ފަރާތްތަކާ ހިއްސާ ކޮށްފައެވެ.
ޚަލީލުގެ ޕޯސްޓަށް ރައްދު ދެއްވަމުން ސިޔާސީ ދާއިރާގެ ތަޖުރިބާކާރެއް ކަމުގައިވާ ހަސަން ލަތީފް ވިދާޅުވީ، ޚަލީލަކީ ރައީސް މުޢިއްޒުގެ ޚާރިޖީ ވަޒީރުކަން އެންމެންނަށް ވެސް އެނގޭ ކަމަށާއި، އެ ގޮތުން ރައީސް މުޢިއްޒުގެ ދިފާއުގައި ވާހަކަ ދެއްކުމަކީ ޚަލީލުގެ މަސައްކަތުގެ ބައެއްކަންވެސް އެނގޭ ކަމުގައެވެ. "އެހެންނަމަވެސް ދުނިޔޭގެ ބުއްދިއަށް ފުރައްސާރަ ނުކުރޭ." ހަސަން ލަތީފް ވިދާޅުވެފައިވެއެވެ.
ހަސަން އިތުރަށް ވިދާޅުވެފައިވަނީ، ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ރައީސް މުޢިއްޒާއި އޭނާގެ ބަންޑާރަ ނައިބު އުޝާމްގެ ހާމަ ދޮގުތައް ފެންނަމުން ދާކަމަށާއި، ޕަބްލިކް ރިލޭޝަންސް ސްޕިންއަށް އެއްވެސް މީހަކު ތާއީދެއް ނުކުރާނެ ކަމަށެވެ.
ކުރީ ސަރުކާރުގެ ސްޓޭޓް މިނިސްޓަރު ކަން ކުރެއްވި މުހައްމަދު ޝިހާބު ދެއްވި ރައްދުގައި ވިދާޅުވީ، ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒް ޢަލީ ޒާހިރު ވަކިކުރި މައްސަލައާ ގުޅޭގޮތުން ގިނަ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށާއި، ކޮމަންވެލްތު ލޯޔަރސް އެސޯސިއޭޝަން ފަދަ އިތުބާރުހުރި ފަރާތްތަކުގެ ރިޕޯޓުތަކުން ދައްކާގޮތުގައި އެބޭފުޅުން މަގާމުން ވަކި ކުރުމުގައި ޤާނޫނީ އިޖުރާއަތުތަކަށް އުނިކަން އައިސްފައިވާކަމަށް ބެލެވޭ ކަމަށެވެ.
"ޚާއްޞަކޮށް އެ ފަނޑިޔާރުންނަށް އަމިއްލަ ދިފާޢުގައި ވާހަކަދެއްކުމުގެ ފުރުޞަތު ނުލިބުން ފާހަގަކުރެވޭ." ޝިހާބު ވިދާޅުވިއެވެ.
ޤާނޫނު އަސާސީއާ ގުޅޭ މައްސަލައެއް ހިނގަމުންދަނިކޮށް އެ ފަނޑިޔާރުން ސަސްޕެންޑްކުރެވުނު ކަން ވެސް ޝިހާބު ވަނީ ފާހަގަ ކުރައްވާފައެވެ.
ފަންސާހަށް ވުރެ ފަރާތުން ޚަލީލުގެ ޕޯސްޓަށް ކޮމެންޓް ކޮށްފައިވާއިރު އޭގެ ތެރޭގައި ގިނަ އަދަދެއްގެ އާންމުން ހިމެނޭކަން ފާހަގަ ކުރެވެއެވެ.
ކޮމެންޓް ކުރި ގިނަ ފަރާތްތަކުން ފާހަގަ ކޮށްފައިވާ ގޮތުގައި މުޢިއްޒުގެ ސަރުކާރުން ވަނީ ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވާފައެވެ. ޚާއްސަކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގެ ކުރިން ތުހުމަތު ކުރެވުނު މައްސަލަ އާ ގުޅޭ އެކަށީގެންވާ ތަޙުޤީޤެއް ކުރެވިފައި ނުވާ ކަން ފާހަގަ ކޮށްފައިވެއެވެ.
"މުޢިއްޒު އަހަރުމެންގެ ޑިމޮކްރަސީއަށް ކޮށްފައިވާ ނޭދެވޭ ކަންތައްތައް ރަނގަޅު ކުރަން އަހަރުތަކެއް ނަގާނެ، އެއީ ޤާބިލު މީހަކު އައި ކަމުގައި ވިޔަސް. އަހަރުމެންގެ ނިޒާމު ވަނީ ރަހީނުކުރެވިފައި. އަދި މަނިކުފާނު ފަދަ އާނއެކޭ ބުނާ މީހުން ވަނީ މުހިންމު މަޤާމުތައް ދީފައި. މަނިކުފާނަކީ މި ޤައުމު ދަށަށް ދާން ދިމާވާ ސަބަބުތަކުގެ ރަނގަޅު މިސާލެއް. ބޭރުގެ ޑިޕްލޮމެޓުންނާ މުޢާމަލާތް ކުރާއިރު އަމިއްލަ ޚިޔާލު ފާޅުކުރަން ނޭނގޭހާ ތަޖުރިބާ ނެތް އަދި ނުކުޅެދޭ މީހެއް. އެހެން ނަމަވެސް، މުޢިއްޒު މަނިކުފާނު އެ މަޤާމުގައި ބަހައްޓަނީ މަނިކުފާނަކީ އާނއެކޭ ބުނާ މީހަކަށްވާތީ ކަން ކަށަވަރު." ޚަލީލަށް ރައްދު ދިން ފަރާތަކުން ބުނެފައިވެއެވެ.
ޚަލީލުގެ ޕޯސްޓަށް ކޮމެންޓް ކުރި ބައެއް ފަރާތްތަކުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރި ގޮތާ ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް ބޭރުގެ ބައެއް ފަރާތްތަކުން ނެރެފައިވާ ބައެއް ބަޔާންތަކުގެ އިމޭޖްވެސް އެޓޭޗް ކޮށްފައެވެ.
ބައެއް ފަރާތްތަކުން ވަނީ ޚަލީލު ލިޔުއްވާފައިވަނީ ޖޯކެއް ކަމަށް ވެސް ބުނެފައެވެ.
ޝަރުއީ ދާއިރާގެ މިނިވަން ކަމަށް ރައީސް މުއިއްޒު ނުފޫޒު ނުފޯރުވާކަން ފޮރިން މިނިސްޓަރ ޚަލީލު ދައްކަވަން މަސައްކަތް ކުރެއްވި ނަމަވެސް ބައިނަލް އަގްވާމީ މީޑިއާ ގައި ވެސް ތަފްސީލުތަކާއެކު މިކަމުގެ ހަގީގަތް ހާމަކޮށް ރިޕޯޓުތައް ޝާއިއު ކޮށްފައިވާކަން ފާހަގަ ކުރެވެއެވެ.





