ކ. މާލެ
|
14 މާރޗް 2018 | ބުދަ 07:51
ލަންކާގައި ހިނގި ހަމަނުޖެހުންތަކުގައި ގެއްލުން ދީފައިވާ ބައެއް ތަންތަން
ލަންކާގައި ހިނގި ހަމަނުޖެހުންތަކުގައި ގެއްލުން ދީފައިވާ ބައެއް ތަންތަން
ރޮއިޓަރސް
ސްރީލަންކާގައި ކުއްލި ނުރައްކާ
ލަންކާގައި މިހާރު ވައިބަރ ބޭނުން ކުރެވޭ، ހުކުރު ދުވަހުން ފެށިގެން ފޭސްބުކް ބޭނުން ކުރެވޭނެ
 
ފޭސްބުކްގެ ޓީމެއް ލަންކާ ސަރުކާރާއިއެކު މަޝްވަރާކުރަން ބުރާސްފަތި ދުވަހު ކޮޅުނބަށް ދާނެ
 
ސްޓޭޓް އޮފް އެމަޖަންސީ ބުރާސްފަތި ދުވަހުގެ ރޭ ނިމޭނެ

ލަންކާގައި ހިނގި ދީނީ ހަމަނުޖެހުންތަކަށްފަހު ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކޮށް، ބްލޮކްކުރި ބައެއް އެޕްލިކޭޝަންތައް މިހާރު ބޭނުންކުރެވޭނެކަމަށް ސަރުކާރުން ބުނެފިއެވެ.

ލަންކާގެ ސަރުކާރުން ބުނީ އަންގާރަ ދުވަހުން ފެށިގެން ވައިބަރ ބޭނުންކުރެވޭނެ ކަމަށާއި، ހުކުރު ދުވަހުން ފެށިގެން ފޭސްބުކް ބޭނުންކުރެވޭނެ ކަމަށެވެ.

ހަމަނުޖެހުން އުފެދޭ ޒާތުގެ ކޮންޓެންޓް ފެތުރުން ހުއްޓުވުމާއި ބެހޭ ގޮތުން ލަންކާ ސަރުކާރާއި މަޝްވަރާކުރުމަށް ފޭސްބުކްގެ ޓީމެއް ބުރާސްފަތި ދުވަހު ލަންކާއަށް ޒިޔާރަތްކުރާނެކަމަށް ލަންކާގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ މިނިސްޓަރ ހަރިން ފެނާންޑޯ އަންގާރަ ދުވަހު ވިދާޅުވިއެވެ. ލަންކާގައި ހިނގަމުންދާ ކަންކަމާއި ގުޅިގެން ލަންކާ ސަރުކާރާއިއެކު ވާހަކަ ދައްކަމުން ދާކަމަށް ފޭސްބުކްއިން ވަނީ ބުނެފައެވެ.

ސޯޝަލް މީޑިއާ ސައިޓްތަކަށް ވަދެވޭގޮތް އަނެއްކާވެސް ހަދަމުންދާއިރު، ލަންކާ ސަރުކާރުން މި ވެބްސައިޓްތަކާއި އެޕްލިކޭޝަންތައް ބްލޮކްކުރީ އެޤައުމުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ދީނީ ގޮތުން ރުޅިވެރިކަން އުފެއްދުމަށް ބައެއް ފަރާތްތަކުން ދޮގު ޚަބަރު ފަތުރަމުންދިއުމާއި ގުޅިގެންނެވެ. ފޭސްބުކްގެ އިތުރުން އެކުންފުނީގެ އެހެން އެޕްލިކޭޝަނެއްކަމަށްވާ ވަޓްސްއެޕް އަދި މަޝްހޫރު މެސެޖިން އެޕް ވައިބަރ ވެސް ވަނީ ބްލޮކްކޮށްފައެވެ.

މިމަހުގެ 6 ވަނަ ދުވަހު ލަންކާގައި 10 ދުވަހަށް ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކުރީ ލަންކާގެ މެދުތެރޭ ހިސާބެއްކަމަށްވާ ކެންޑީ ޑިސްޓްރިކްޓްގައި މުސްލިމުންނާއި ބުޑިސްޓުންނާއި ދެމެދު ހަމަނުޖެހުންތަކެއް ހިނގައި، ދެދީނުގެ މީހުންގެ އެއްބަޔަކު އަނެއް ބަޔަކަށް ހަމަލާދީ، ތަންތަން ރޯކުރަން ފެށުމާއި ގުޅިގެންނެވެ.

ކުއްލި ނުރައްކަލުގެ ޙާލަތުގެ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ހަމަވުމުން ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު އިތުރުކުރަން ނުޖެހޭނެކަމަށް ލަންކަގެ ލޯ އެންޑް އޯޑަރ މިނިސްޓަރ ރަންޖިތު މައްދުމާ ބަންޑާރަ އަންގާރަ ދުވަހު ވިދާޅުވިއެވެ. ކުއްލި ނުރައްކަލުގެ ޙާލަތު އުވާލިނަމަވެސް ކެންޑީގައި ސަލާމަތީ ކަންކަން ބެހެލެއްޓުމަށް ޚާއްސަ ސަމާލުކަމެއް ދޭނެކަމަށް ފުލުހުން ބުނެއެވެ. އެގޮތުން ކެންޑީ ޑިސްޓްރިކްޓްގައި އިތުރު 3000 ފުލުހުން ނެރެފައިވާއިރު، ފުލުހުންގެ ޚާއްސަ ފައުޖުކަމަށްވާ ސްޕެޝަލް ޓާސްކް ފޯސްގެ 700 އޮފިސަރުންވެސް ވަނީ އެސަރަހައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ނެރެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
0%
100%
0%
0%
0%
0%
ކޮމެންޓް