ކ. މާލެ
|
21 ޑިސެންބަރ 2017 | ބުރާސްފަތި 19:20
ޖޭމްސް ޑޯރިސް ރާއްޖޭގެ ރަށްތަކުގެ ހާލަތު ބައްލަވާލެއްވުމަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން
ޖޭމްސް ޑޯރިސް ރާއްޖޭގެ ރަށްތަކުގެ ހާލަތު ބައްލަވާލެއްވުމަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން
ރާއްޖެ އެމްވީ
ޖޭމްސް ޑޯރިސް
ޑޯރިސްގެ އައު އަހަރުގެ މެސެޖު: ޙައްޤުތައް ވަނީ ހަނިކުރެވިފައި، އިންސާފުވެރި އިންތިޚާބެއް ލިބެން ޖެހޭ
 
ޓެރެރިޒަމްގެ އަމަލުތައް ހުއްޓުވަން މަސައްކަތް ކުރެވުނު
 
އިނގެރޭސި ވިލާތުން އައި ފަތުރުވެރިންގެ ސަބަބުން ފައިދާ ކުރި
 
ބަސްބުނުމާއި، ލިޔުމާއި، ޚިޔާލު ފާޅުކުރުމާއި، އެއްވެ އުޅުމާއި، މިފަދަ އެތައް ޙައްޤެއް ވަނީ ހީނަރުވެފަ

ނިމިގެން މިދާ އަހަރަކީ ރާއްޖެއާއި އިނގެރޭސިވިލާތާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެން ދިޔަ އަހަރެއް ކަމަށާއި، ނަމަވެސް ކަންބޮޑުވާ ގިނަ ކަންތައްތަކެއް ވެސް ހުރި ކަމަށް އިނގެރޭސިވިލާތުން ރާއްޖެއަށާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރު ޖޭމްސް ޑޯރިސް ވިދާޅުވެއްޖެއެވެ.

އައު އަހަރާއި ގުޅުވައިގެން ޑޯރިސް އާންމުކުރެއްވި ވީޑިއޯ މެސެޖުގައި ވިދާޅުވީ، ނިމިގެން މިދާ އަހަރަކީ އިނގެރޭސިވިލާތުގެ ފަރާތުން ރާއްޖެއަށް ގިނަ ފައިދާތަކެއް ލިބިގެން ދިޔަ އަހަރެއް ކަމަށެވެ. އެގޮތުން މި އަހަރު ވެސް ލައްކައެއްހާ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށް، ރާއްޖޭގެ އިޤުތިޞާދަށް އޭގެ ސަބަބުން ފައިދާ ވެފައިވާކަން އެމްބެސެޑަރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އިނގެރޭސި ސަރުކާރުގެ އެހީގައި އެ ޤައުމުގައި މަތީ ތަޢުލީމު ހާސިލް ކުރުމުގެ ފުރުޞަތު މި އަހަރު ވެސް ދިވެހި ދަރިވަރުންނަށް ހޯދައިދެވިފައިވާ ކަމަށާއި، ދެކުނު އޭޝިއާގެ އެކި ޤައުމުތަކުގެ ނޫސްވެރިންނާއި އެކު ތަމްރީނު ވުމުގެ ފުރުޞަތު ދިވެހި ނޫސްވެރިއަކަށް ފޯރުކޮށް ދެވުނުކަން އެމްބެސެޑަރ ޑޯރިސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި އަންހެނުން ބާރުވެރި ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް ވެސް އެމަނިކުފާނު އަލިއަޅުއްވައިލެއްވިއެވެ.

ޓެރަރިޒަމް ހުއްޓުވުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން މި އަހަރު، ކަމާއިބެހޭ ފަރާތްތަކާއި ގުޅިގެން މުހިއްމު މަސައްކަތްތަކެއް ކުރެވިފައިވާކަން ވެސް އެމްބެސެޑަރ ފާހަގަކުރެއްވިއެވެ.

މި ކަންކަން މިފަދައިން ހުރި ނަމަވެސް، މި އަހަރުވެސް ކަންބޮޑުވާފަދަ އެތައް ކަމެއް ފެނިގެން ގޮސްފައިވާކަން ފާހަގަކުރައްވާ، އެމްބެސެޑަރ ޑޯރިސް ވިދާޅުވީ، ބަސްބުނުމާއި، ލިޔުމާއި، ޚިޔާލު ފާޅުކުރުމާއި، އެއްވެ އުޅުމާއި، މިފަދަ އެތައް ޙައްޤަކީ މުހިއްމު ޙައްޤުތައް ކަމަށާއި، ކުރިއަށް އޮތް އަހަރު އެ ޙައްޤުތައް ރައްޔިތުންނަށް އަލުން ކަށަވަރުވެގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ދުނިޔޭގެ ތަޖުރިބާއަށް ބަލާއިރު، ހަލާކުވެގެންދާ ފަރުތައް އަލުން ދިރުވުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި، ނައްތާލެވޭ ޗަސްބިންތަކާއި ކުޅިފަދަ ތަންތަން އަލުން ދިރުވައި އާލާ ކުރުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށް އެމްބެސެޑަރ ވިދާޅުވިއެވެ. އަދި ރާއްޖޭގައި ހުރި މިފަދަ ތަންތަން، ތަރައްޤީގެ ނަމުގައި ނައްތާލެވެމުންދާ ދިއުމަށް އިޝާރާތްކުރައްވާ އެމްބެސެޑަރ ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެއަށް މީހުން ޒިޔާރަތް ކުރަނީ މި ތަންތަން މިހާ ދުވަހު އޭގެ އަސްލު ގޮތުގައި ދެމެހެއްޓުމުން ކަމަށެވެ. އެގޮތުން އިޤުތިޞާދީ ފައިދާ އާއި ތިމާވެށި ރައްކާތެރިކުރުން އަޅާކިޔައި، މިފަދަ ކަންކަމުގައި ރަނގަޅު ނިންމުންތައް ނިންމަން ޖެހޭ ކަމަށް އެމްބެސެޑަރ ވިދާޅުވިއެވެ.

ކުރިއަށް އޮތް އަހަރު ރާއްޖެއަށް އެންމެ މުހިއްމު އެއް ކަމަކަށް ވާނީ ރިޔާސީ އިންތިޚާބު ކަމަށް ދެކިލައްވާ ކަމަށް ވިދާޅުވެ، އެމްބެސެޑަރ ވަނީ އެ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އެއީ ރައްޔިތުންގެ އެދުން ކަމަށާއި، އެކަން އެގޮތަށް ވާންޖެހޭ ކަމަށް އެމްބެސެޑަރ ޑޯރިސް ވިދާޅުވިއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
100%
0%
0%
0%
0%
ކޮމެންޓް
21 ޑިސެންބަރ 2017 | ބުރާސްފަތި 22:57
ޙަސަން
Hurihaa noos thakeh gai Qudhus ge qaraar UN in faas kuri vaahaka liyunu iru ves mi noohugai nuliye eh nu. Mi kamun ves en'genee mi MDP kiyaa baigan'dakee e ulhey qairu muslim gaumu thakuge baiverinkan