ކ. މާލެ
|
21 ޑިސެންބަރ 2017 | ބުރާސްފަތި 20:38
އެމްޑީޕީ ހަރުގެ ތެރޭގައި ހުރި ބައެއް ތަކެތި ފުލުހުން ގެންދަނީ:-
އެމްޑީޕީ ހަރުގެ ތެރޭގައި ހުރި ބައެއް ތަކެތި ފުލުހުން ގެންދަނީ:-
ރާއްޖެ އެމްވީ
ފުލުހުން
ފުލުހުންނަށް އޮޅިގެން ކުރެވޭ ކަންތަކުން ދައުލަތުގައި "މޮޔަ" ސިފަ ޖެހިފައި؟
 
ފުލުހުންގެ ގަދަރު ހިފަހައްޓަންޖެހޭ
 
ހައްޔަރުކުރި މީހާ ހައްޔަރުކުރި ސަބަބު އަނގަބަހުން އަންގާ
 
ހައްޔަރުކުރާ މީހުންނަށް ނުގުޅޭ ތުހުމަތުތައް ކޮށްފައި ހުރޭ

އިންސާނުންނަށް ވީތީ ބައެއް ފަހަރު އޮޅިގެން ވެސް މީހުންނަށް ކުށް ކުރެވެއެވެ. އަދި ބައެއް ފަހަރު ނުރަނގަޅު އަމަލުތައްވެސްކުރެވެއެވެ. ނަމަވެސް ރާއްޖޭގައި ގާނޫނު ތަންފީޒުކުރާ އަދި އަދުލު އިންސާފު ގާއިމުކުރަން ތިބޭ މީހުން ކުރާ ކަންކަމުން ބައެއް ފަހަރު މިއީ "މޮޔަ" ދައުލަތެކޭ ހީވާ ކަހަލަ އެވެ.

އޭގެ ތެރެއިން ފުލުހުންގެ މުއައްސަސާއިން ކުރާ ކަންކަމަށް ބަލާލަމާ ހެއްޔެވެ. މީހަކު ހައްޔަރު ކުރުމަށް ފަހު ހައްޔަރުކުރި ސަބަބު އަންގާ ލިޔުމުގައި އޭނާ ކުރި އަމަލާ ނުބައްދަލު ތުހްމަތު ތަކާއި ގާނޫނީ މާއްދާތައް ލިޔެފައި ހުރުން މިހާރު ވަނީ އާންމުވެފަ އެވެ. އެކަމަށް ބައެއް މީހުން ޖޯކު ޖަހައި, އަނެއް ބަޔަކު ހީހީ ގޮސް ބަނޑަށް ގޮށް އަރާފަހުން ފުލުހުން ބުނެލަނީ އެއީ ސިސްޓަމްގެ މައްސަލަ އެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފުގެ ބައްޕަ މުހައްމަދު ހައްސާން ހައްޔަރު ކުރީ ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ދުއާ ކުރަން ހުއްޓައެވެ. އޭނާ ހައްޔަރު ކުރުމަށް ފަހު ދިން ލިޔުމުގައި އޮތް އެއްޗަކުން މީހުނަށް ލިބުނީ ހައިރާން ކަމެކެވެ. އޭގައި ހައްޔަރު ކުރެވުނު ކުށުގެ ތުހްމަތުގެ ތެރޭގައި ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ތުހްމަތު ހިމެނެ އެވެ. ދުއާ ކުރަން ހުއްޓާ ހައްޔަރު ކުރި މީހާއަށް އެފަދަ ތުހުމަތެއް ކުރީތީ އެ ވާހަކަތައް މީޑިޔާތަކުގައި ގަދަވެގެންދިޔަ އެވެ. އެއާއެކު ފުލުހުން ދެން ބުނީ އަދި މާ ހެއްވާ ވާހަކަ އެކެވެ. އެ ތުހްމަތު ކުރެވުނީ ފުލުހުންގެ ސިސްޓަމަށް އެރި އޮޅުމަކުން ކަމަށް ބުނުމެވެ.

އެކަންގަބޫލު ނުކުރެވޭ ސަބަބަކީ މީހަކު ހައްޔަރު ކުރާއިރު އޭނާ ހައްޔަކުރާ ސަބަބު އަނގަބަހުން އަންގަން ޖެހޭތީއެވެ. ދެން ހައްޔަރު ކުރުމަށް ފަހު ލިޔުމުން ދޭން ޖެހެނީ އޭނާ ހައްޔަރުކުރިއިރު ދެއްކި ވާހަކަ އެވެ. އެއީ ސިސްޓަމަށް އެރި އޮޅުމަކުން ކަމަށް ބުނުމުން ގަބޫލު ކުރެވޭނީ ސިސްޓަމަށް އެމީހަކު ލީމަ ސިސްޓަމުން އެމީހާއަށް ތުހްމަތު ކުރާނަމަތާ އެވެ. ފުލުހުން ދެއްކި ވާހަކައިން އެއީ ފަރުވާ ކުޑަ ކަމުން ނޫނީ މީހަކަށް ގެއްލުމެއް ދިނުމަށް ކުރި ކަމެއް ކަމަށް ބެލުމުގެ ފުރުސަތު އެބަ އޮތެވެ.  

އެހެން މައްސަލަ އަކަށް ބަލާލާނަމެވެ. ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފް (ޝުމްބާ ގޮންގް) ހައްޔަރުކޮށްފައިވަނީ ޕީޕީއެމްގެ ކައުންސިލް މެންބަރު ޒާހިދު ރަމީޒަށް މަރުގެ އިންޒާރު ދިން ކަމަށް ބުނާ މައްސަލައެއްގަ އެވެ. އެ މައްސަލާގައި އޭނާގެ މައްޗަށް ކުރި ދައުވާ ސާބިތުކުރަން ދައުލަތުގެ ފަރާތުން ހެކީގެ ގޮތުގައި ޒާހިދުގެ ފޯނުގެ ފޮރެންސިކް ރިޕޯޓެއް ހުށަހަޅާފައި އޮތެވެ. އެ ރިޕޯޓުގައި ޒާހިދުގެ ފޯނުން ބަދުއަހަލާގީ މަންޒަރު ދައްކައިދޭ ބައެއް ފޮޓޯ ހުރިކަމަށް ބުނެފައި އޮވެ އެވެ. އެހާ ހިސާބުން އަޝްރަފްގެ ދިފާއީ ވަކީލް ވަނީ ޒާހިދު ހެއްކެތް ގޮތުގައި ވެސް ބޭނުން ނުކުރެވޭނެ ކަމަށް ފާހަގަކޮށްފަ އެވެ. އެ ޝަރީއަތުގައި އެވާހަކަ އިތުރަށް ދެއްކޭ ގޮތެއް ނުވި އެވެ. ނަމަވެސް ޒާހިދުގެ ފޯނުގައި ބަދު އަހްލާގީ އަމަލު ދައްކައިދޭ މަންޒަރުތަކުގެ ފޮޓޯތަކެއް ހުރި ކަމަށް ޕީޖީ އޮފީހުގެ ވަކީލުން ކޯޓަށް ހުށަހެޅި ރިޕޯޓެއްގައިވާތީ އެ މައްސަލަ ތަހްގީގުކުރަން ފުލުހުންނަށް ނާންގަންތޯ ޕްރޮސެކިއުޓާ ޖެނަރަލް އައިޝަތު ބިޝާމްއާ ސުވާލު ކުރުމުން ދެއްވި ޖަވާބު މާ ހެއްވާ އެވެ. ވިދާޅުވީ ފުލުހުން ތައްޔާރުކޮށްފައިވާ ޒާހިދުގެ ފޯނުގެ ފޮރެންސިކް ރިޕޯޓުގައި ބަދު އަހްލާގީ ބައެއް މަންޒަރުތައް ހުރި ކަމަށް ލިޔެފައިވަނީ އޮޅުމަކުން ކަމަށެވެ. އަދި އެއީ އެހެން ފޯނަކުން ފެނުން ތަކެތި ކަމަށްވެސް ވިދާޅުވުމުން ގިނަ ބަޔަކު ގާތަށް އައީ ހިންޏެވެ. ހިނި އައީ މަޖާ ކަމަކަށްވެގެނެއް ނޫނެވެ. ދޮގެއް ވެސް ހަދަން ނޭނގުނީތީ އެވެ.

މި ނޫނަސް ފުލުހުން ކުރާ ބައެއް ކަންތައްތަކުން މިއީ ހަމަ ފުލުހުންގެ މުވައްސަސާ ބާއޭ ހިތަށް އަރާ ފަހަރު އާދެއެވެ. ސައުދީ އަރަބިއްޔާއަށް ފ.އަތޮޅު ވިއްކާލަން އުޅޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރުމަށް ތައްޔާރުވަމުންދިޔަ ދުވަސްކޮޅު، އެކަމާ ގުޅިގެން އެމްޑީޕީގެ ހަރުގޭގައި އެއްވެސް އެއްޗެއް ނުލިޔެ ހުރި ފޮތި ފޭލިތައް ގެންދިޔަ ވާހަކަވެސް މީހުން މިއަދު ހީހީފައި ދައްކަ އެވެ. އަދި ގައުމީ ދިދައަށް ވުރެ އުސްކޮން އެހެން ދިދައެއް ނުނެގޭނެ ކަމަށް ބުނެ ހޯމް މިނިސްޓްރީން ހެދި ގަވައިދާ ދެން ފުލުހުން ހަމަ އެކަނި އެމްޑީޕީގެ ދިދަތައް ނެގުމަށް އެދޭ ކޯޓު އަމުރުތަކުގެ ވާހަކަ މީހުން ޖޯލިފަތިތަކުގައި މަޖަލަށް ކިޔާ ހަދައެވެ. އެމްޑީޕީގެ ދިދަ އެކަންޏޭ ބުނަން ޖެހުނީ ޕީޕީއެމްގެ އުސް ދިދަތައް ބައެއް ރަށްރަށުގައި ހުންނަތަން ފެންނާތީ އެވެ.

އަދި އެމްޑީޕީ ހަރުގެ ދޮށުގައި ކުޑަ މޭޒެއް ބަހައްޓައިގެން ބަޔަކު ސައިބޯން އުޅޭހެން ހީވެއްޖެއްޔާ އެތަނައް އެއްވާ މީހުންނަށް ވުރެ ގިނަ އިން ފުލުހުން ގޮސް ހެދިކާ ކޮޅު ޕިކަޕެއްގައި ގެންދިޔައީމަ މީހުން ބުނަނީ ހައްޔަރުކުރީ ބަޖިޔަލާ ގުޅަޔާ ކަމަށެވެ. އެހެން ބުނެވެން އެބަ އޮތެވެ. އެ މޭޒު ނެރުނު މީހުންނާއި އެ ކާން ތިބި މީހުން ބައިތިއްބާފައި މޭޒާއި ހެދިކާ ގެންދާނީ އެ ތަކެތި ކުށްވެރިވީ މަ ނޫން ހެއްޔެ އެވެ.

މީގެ ކިތަންމެ ދިގު ލިސްޓެއް ވެސް ކިއިދާނެ އެވެ. ނަމަވެސް ކަންބޮޑުވާން ޖެހެނީ ފުލުހުން ކުރާ މި ފަދަ ކަންތައްތަކުގެ ސަބަބުން ވެއްޔާ މޮޑެވިގެން ދަނީ ފުލުހުންގެ މުއައްސަސާގެ ގަދަރާ އިއްޒަތެވެ. ބަދުނާމު ވަނީ ފުލުހުންގެ މުއައްސަސާއެވެ. މީހުންގެ އިހްތިރާމް ފުލުހުންގެ މުއައްސަސާއަށް ގެއްލިގެންދާއިރު އެކުށް ކުރާ މީހުންނަށް ބޮޑެތި ފިޔަވަޅުތައް އަޅާނަމަ އެ އަގު ހިފެއްޓުނީހެއްޔެވެ. ނަމަވެސް ފުލުހުންގެ މުވައްސަސާއިން ތެދުވަނީ ކިތަންމެ އާދައިގެ ފުލުހަކު ކުރާ މޮޔަކަމެއް ވެސް ދިފާއު ކުރުމަށެވެ.

އޮޅިގެން ކަމަށް ބުނެ ފުލުހުން ކުރާ ކަންކަމުން ބޯ ދަމައިގަންނައިރު އާންމުންނަށް އެ އިސްތިސްނާއެއް ނޯވެ އެވެ. އޮޅިގެން ނުވާނެ ކަމަށް ބުނެ ކިތަންމެ ކުޑަ ކުށެއްގައި ހިފައިގެން އެމީހަކު ޖޫރިމަނާކޮށް ނުވަތަ ހައްޔަރުކުރަނީ މަދެއްކޮށެއް ނޫނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
17%
0%
0%
33%
50%
ކޮމެންޓް