ކ. މާލެ
|
7 ޑިސެންބަރ 2017 | ބުރާސްފަތި 22:45
ރިލްވާން ގެއްލުނު ރޭގެ ވީޑިއޯ ފުޓޭޖްތަކެއް
ރިލްވާން ގެއްލުނު ރޭގެ ވީޑިއޯ ފުޓޭޖްތަކެއް
އަޒުމޫން އަހުމަދު
ނޫސްވެރިޔާ ރިލްވާން
ރިލްވާން ގެއްލުނު މައްސަލައިގައި ދައުވާ ސާބިތު ކުރުމަށް ދައުލަތުން 29 ހެކި ހުށަހެޅިއިރު ދައުވާ ލިބޭ މީހުންނަށް ދައުވާ ސާފެއް ނުވޭ
 
ހުށަހެޅި އެއްވެސް ހެއްކެއްގައި ރިލްވާން ގެއްލުވާލީ ދައުވާ ލިބޭ ތިން މީހުން ކަން ބުނެފައެއް ނުވޭ
 
ހެކީގެ ތެރޭގައި ސިއްރު ހެކިންނާއި ރިލްވާނެ އާއިލާގެ މެމްބަރުން ހިމެނޭ
 
ރިލްވާން ގެންދިޔަ ކަމަށް ބުނާ ކާރުން ފެނުނު ޑީއެންއޭއާއި ރިލްވާނެ މަންމަގެ ޑީއެންއޭ އާ ގުޅޭ ރިޕޯޓް ވަނީ ހުށަހަޅާފަ

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެއްލިފައިވާ މައްސަލައާ ގުޅިގެން ދައުލަތުން އުފުލާފައިވާ ދައުވާ ސާބިތު ކުރުމަށް 29 ހެކި ހުށަހެޅިއިރު ދައުވާ ލިބޭ މީހުންނަށް އެ ދައުވާ ސާފް ނުވާ ކަމަށް ބުނެފިއެވެ. 

ރިލްވާން ގެއްލިފައިވާ މައްސަލައިގައި ރިލްވާން ގަދަކަމުން ގެންގޮސް ފޮރުވި ކަމަށް ބުނެ، ގަދަކަމުން މީހަކު ފޮރުވުމުގެ ދައުވާ ދައުލަތުން ކުރަނީ ހ. ހިލްޓަން، އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ، މުހައްމަދު ނޫރައްދީނާއި ސ. ހުޅުދޫ އަތިރިއާގޭ، މުހައްމަދު ސުއައިދުގެ މައްޗަށެވެ. އޭގެ ތެރެއިން ސުއައިދު ރާއްޖެއިން ބޭރުގައި ހުރުމުން އޭނާގެ ބައި ކުރިއަކަށް ނުގެންދެ އެވެ.

ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ދައުލަތުން ވަނީ ދައުވާ ކުރާ ތިން މީހުންގެ ތެރެއިން ދެ މީހެއްގެ ދައުވާ އިއްވާފައެވެ އެގޮތުން އެ ދައުވާގައި ބުނެފައިވަނީ، 2014 ވަނަ އަހަރުގެ އޯގަސްޓް މަހުގެ އަށްވަނަ ދުވަހުގެ ރޭ އަހުމަދު ރިލްވާން ދިރިއުޅޭ ފްލެޓް ކުރިމަތިން، ގަދަކަމުން ކާރަކަށް އަރުވައިގެން ގަދަކަމުން އޭނާ ފޯރުވާފައިވާ ކަމަށެވެ. އަދި އެކަން ކުރީ ދައުވާ ލިބޭ ތިން މީހުން ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

މި ދައުވާ އާރިލް ރައޫފްއާއި މުހައްމަދު ނޫރުއްދީން ގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ކުރީގެ ގާނޫނުގެ ދެވަނަ މާއްދާގެ (ށ)އާ ހަވާލާދީ، އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ)ގެ ދަށުންނެވެ. މި ދައުވާ ސާބިތުވެއްޖެނަމަ އަންނާނީ 10 އަހަރާއި 15 އަހަރުގެ ޖަލު ހުކުމެކެވެ.

ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި 29 ހެކީގެ ތެރޭގައި ހިމެނެނީ މީހުންނާއި ފޮރެންސިކް ލިޔުންތަކެވެ. އެގޮތުން ރިލްވާން ދިރިއުޅުނު ފްލެޓް ކައިރިން ރަތް ކުލައިގެ ކާރަކަށް ގަދަކަމުން މީހަކު އަރުވައިގެން ގެންދިޔަ މަންޒަރު ފެނުނު ކަމަށް ބުނާ އަށް މީހަކު ދައުލަތުން ހެކިންގެ ގޮތުގައި ހުށަހެޅި އެވެ. އޭގެ ތެރޭގައި ސިއްރު ހެކިން ވެސް ހިމެނެއެވެ. 

ދައުލަތުގެ ވަކީލް ވިދާޅުވި ގޮތުގައި ސިއްރު ހެކިންގެ ތެރެއިން އެކަކީ، ރިލްވާންއާ އެއް ފެރީއެއްގައި އެ ރޭ މާލެއިން ހުޅުމާލޭއަށް ދަތުރުކުރި މީހެކެވެ. ދެވަނަ ހެއްކަކީ، އޯގަސްޓް މަހުގެ އަށްވަނަ ދުވަހުގެ ރޭ ކާރަކަށް މީހަކު ގަދަކަމުން އެރުވި ކަމަށާއި އެތަނުން ދޮން ކުލައިގެ އެއްޗެއް ފެނިފައިވާ ކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން އެ ސަރަހައްދަށް ދިޔުމުން އެ ތަނުން ވަޅިއެއް ފެނުނު މީހެކެވެ. 

ސިއްރު ހެއްގެ ގޮތުގައި ދައުލަތުން ހުށަހެޅި ތިން ވަނަ ހެއްކަކީ  އާދަޔާ ހިލާފަށް މީހަކު ހަޅޭލަވައިގަތް އަޑުއިވިގެން އޭނާ ދިރިއުޅޭ ފްލެޓްގެ ބެލްކަނިން މަގުމަތި ބެލިއިރު ގަދަކަމުން މީހަކު ކާރަށް އަރުވާ މަންޒަރު ފެނުނު މީހެކެވެ. އަދި އެ ކާރުގެ ފަހަތު ސީޓް ހުޅުވިފައިހުރި ކަމާއި އެ ސީޓުން މީހަކު އަތް ދިއްކުރާ މަންޒަރު ފެނުނު މީހެކެވެ.

 ދައުލަތުން ހުށަހެޅި ސިއްރު ހެކި ހަތަރަކާއި ފަހެއް އަދި ހަޔަކީ، މީހެއްގެ ފުރަގަހުގައި ހިފަހައްޓައިގެން ގަދަކަމުން ކާރަކަށް އަރުވާ މަންޒަރު ފެނުނު ދެ މީހުންނެވެ. އެ ދެ މީހުންނަށް ވެސް އެ މަންޒަރު ފެނުނީ ދިރިއުޅޭ ފްލެޓްގެ ބެލްކަނިން ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ. ހަމައެހެންމެ ސިއްރު ހެކިވެރިޔާ ހަތަކީ، ރިލްވާން ގެއްލުނު ރޭ އޭނާ ދިރިއުޅޭ ފްލެޓް ކައިރިން "އޭ އޭ އޭ" ވަރަށް ބާރަށް ގޮވައި އަޑު އިވުނު މީހެއް ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ. 

މީގެއިތުރުން ދައުލަތުން ހުށަހެޅި ހެކީގެ ތެރޭގައި ރިލްވާންގެ މަންމަ އައިމިނަތު އީސާ އާއި، ރިލްވާންގެ ތިން ބޭބެއަކާއި ހަތަރު ދައްތައެއް ހިމެނެއެވެ.އެ މީހުން ހެކީގެ ގޮތުގައި ހުށަހެޅީ އެ ރަތް ކާރުން އެ އާއިލާގެ އެއްވެސް މީހަކު ދަތުރުކޮށްފައިނުވާނެކަން ސާބިތުކުރުމަށް ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ. 

މީގެއިތުރުން ރިލްވާން ގޮވައިގެން ދިޔަ ކާރު ތެރެއިން ފެނުނު އިސްތައްޓެއްގެ ޑީއެންއޭ ވަނީ ރިލްވާންގެ މަންމަގެ ޑީއެންއާ ދިމާވެފަ އެވެ. އެ ރިޕޯޓް ވެސް ހެކީގެ ގޮތުގައި ދައުލަތުން ވަނީ  ހުށަހަޅާފައެވެ. އޭގެ އިތުރުން ރިލްވާންގެ ދަތްއުނގުޅާ ބުރުހުގެ ޑީއެންއޭ ރިޕޯޓަކީ ވެސް މައްސަލައިގެ ހެއްކެކެވެ. އެ ރިޕޯޓްގައި ވެސް ބުރުހުގެ ޑީއެންއޭ ވަނީ ރިލްވާންގެ މަންމަގެ ޑީއެންއޭއާ ދިމާވެފަ އެވެ. ދެން ހުށަހަޅާފައިވަނީ އާލިފާއި ނޫރައްދީން ތަހުގީގަށް ދީފައިވާ ބަޔާނެވެ. އެ ބަޔާންތަކުގައިވާ ގޮތުން 2014 ވަނަ އަހަރު ޖުލައި މަހު، އެ ރަތް ކާރު ވަނީ ނޫރައްދީން ދުއްވުމަށް ހުޅުމާލެއަށް ފޮނުވާފައި ކަމަށް ވަނީ ބުނެފަ އެވެ. ކާރަކީ އާލިފްގެ ކާރެކެވެ. ފޮނުވީ މާލެއިން ހުޅުމާލެއަށް ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ދައުލަތުން ހުށަހެޅި ހެއްކާއި އަދި ދައުވާއާ ބެހޭ ގޮތުން އެ ދެމީހުންގެ ވަކީލް ވިދާޅުވީ ރިލްވާން ފޮރުވި ކަމަށް ދައުވާގައި ބުނާއިރު ފޮރުވާފައި ހުރީ ކޮން ތަނެއްގައިތޯ ސުވާލު އުފައްދަވައިފަ އެވެ. ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން މީހަކު ފޮރުވި ކަމަށް ދައުވާ ކުރާ ނަމަ ފޮރުވި ތަނެއް އެނގެން ޖެހޭނެ ކަމަށާއި އެކަން ދައުވާގައި ނެތީ ކީއްވެގެގެންތޯ އޭނާ ސުވާލު އުފެއްދެވިއެވެ. އަދި އެ ހާދިސާ ހިނގި ކަމަށް ބުނާ ވަގުތު ވެސް ދައުވާގައި އޮންނަން ގާނޫނު ލާޒިމް ކުރާއިރު އެ ތަފްސީލު ނެތީ ކީއްވެގެންތޯ ވެސް އެ ދެ މީހުންގެ ވަކީލް ސުވާލު އުފެއްދެވި އެވެ.

ދިފާއީ ވަކީލް ވިދާޅުވީ ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ދައުލަތުން ބުނާއިރު ގަދަކަމުން ފޮރުވުމަކީ ފުރާނައަށް ގެއްލުމެއް ނުލިބޭ ފަދަ ޓެރަރިޒަމްގެ އަމަލެއް ކަމަށް ދައުލަތުން ސިފަ ކުރަނީތޯ ސުވާލު އުފެއްދެވި އެވެ. ހަމައެހެންމެ އެހާ ގިނަ އަދަދެއްގެ ހެކި ދައުލަތުން ހުށަހެޅިއިރު ވެސް، ކާރަކަށް މީހަކު އަރުވައިގެން ގެންދިޔައީ ދައުވާ ލިބޭ ދެ މީހުން ކަމަށް އެއްވެސް ހެކިވެރިއަކު ބުނެފައިނުވާ ކަމަށާއި އެހެންވެ އެ ދައުވާ އެ ދެ މީހުންގެ މައްޗަށް ކުރީ ކީއްވެގެންތޯ ދިފާއީ ވަކީލް ސުވާލު އުފެއްދެވި އެވެ. އަދި އެގޮތަށް ދައުވާ ކުރާ ނަމަ ކޮންމެ މީހަކާ ދެކޮޅަށް ވެސް ދައުލަތަށް ދައުވާ ކުރެވިދާނެ ކަމަށް ދިފާއީ ވަކީލް ވިދާޅުވި އެވެ.

ކުރީގެ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން އެ ދައުވާ ކުރާތީ އެކަމާ މެދު ވެސް ވަކީލް ސުވާލު ކުރެއްވި އެވެ. ސަބަބެއްގެ ގޮތުގައި  ވިދާޅުވީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަކީ މިހާރު އަމަލުކުރާ ގާނޫނުލް އުގޫބާތުން އިސްތިސްނާ ކުރެވިފައިވާ ގާނޫނެއް ކަމަށް ނުވެފައި، ގަދަކަމުން މީހުން ފޮރުވުމުގެ ކުށް ގާނޫނުލް އުގޫބާތުގައި އޮންނާތީ އެވެ. އެހެންވެ އެ ހާލަތުގައި އިސް ކުރެވޭނީ ގާނޫނުލް އުގޫބާތުގައި ކަމަށާއި އަދި މީހުން ފޮރުވުމުގެ ކުށަށް އެންމެ ލުއި އަދަބެއް ވެސް އޮންނަނީ ގާނޫނުލް އުގޫބާތުގައި ކަމަށްވާތީ އެ ދައުވާ ކުރަންޖެހޭނީ ގާނޫނުލް އުގޫބާތުގެ ދަށުން ކަމަށް ދިފާއީ ވަކީލް ވިދާޅުވި އެވެ.

މީގެއިތުރުން ދައުވާކުރީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ބުނާ 45 ދުވަހުގެ މުއްދަތު ހަމަވިފަހުން ކަމަށް ބުނެ އެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ވެސް ދިފާއީ ވަކީލް ވިދާޅުވެފަ އެވެ. އެކަމަކު އެ މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ވިދާޅުވީ އެ މައްސަލަ ކޯޓަށް ހުށަހެޅީ އެ ގާނޫނުގައި ބުނާ މުއްދަތު ހަމަވުމުގެ ކުރިން ކަމަށެވެ.

ދިފާއީ ވަކީލްގެ އެ ވާހަކަތަކާ ގުޅިގެން ދައުލަތުގެ ވަކީލް ވިދާޅުވީ ދިފާއީ ވަކީލް ފާހަގަ ކުރެއްވި އެކަން ކަމަށް ޖަވާބުދާރީވުމަށް އިތުރު ފުރުސަތަކަށެވެ. އެހާ ގިނަ ކަންތައްތަކެއް ހުށަހެޅުމުން ޖަވާބުދާރީވެވޭނީ ދިރާސާކޮށްގެން ކަމަށް ދައުލަތުން ބުންޏެވެ. ނަމަވެސް ދިފާއީ ވަކީލް އެކަމަށް ދެކޮޅު ހެއްދެވިއެވެ. 

ގާޒީ އާރިފް ނިންމެވީ އިތުރު ފުރުސަތެއް ދައުލަތަށް ދިނުމަށެވެ. އެކަމަކު މައްސަލަތަކުގެ އަޑުއެހުންތަކަށް ދައުލަތުގެ ވަކީލުން ހާޒިރުވާއިރު ރަނގަޅަށް ތައްޔާރުވެގެން ވަޑައިގަތުމަށް ގާޒީ އިލްތިމާސް ކުރެއްވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
100%
0%
0%
0%
ކޮމެންޓް