ކ. މާލެ
|
19 ނޮވެންބަރ 2017 | އާދީއްތަ 07:50
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމެޓީގައި މިނިސްޓަރ އަހުމަދު މުނައްވަރު ވާހަކަ ދައްކަަވަނީ
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމެޓީގައި މިނިސްޓަރ އަހުމަދު މުނައްވަރު ވާހަކަ ދައްކަަވަނީ
މުހައްމަދު ޝަރުހާން
މަގޭ ރިޕޯޓް
ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މަޤާމުން އަޒުލުކުރަންޖެހޭ!
 
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އެއްވެސް ނުފޫޒެއް ފޯރުވުމަކީ ޤާނޫނީ ކުށެއް
 
ޤާނޫނު އަސާސީގައި ބުނެފައިވަނީ އަމަލުކުރަންޖެހޭނީ ތަފާތުކުރުމެެއް ނެތި ހަމަހަމަކަމާއެކުގައި ކަމަށް
 
ފިނޭންސް މިނިސްޓަރު ވިދާޅުވީ، ބަޖެޓަށް ވޯޓު ނުދޭ ބަޔަކަށް ޕްރޮޖެކްޓު ހިންގަން ދަތިވާނެކަމަށް

"ބަޖެޓަށް ވޯޓު ނުދެއްވާ ބަޔަކަށް އަޅުގަނޑުމެންނަށް ދަތިވާނެ ނޫންތޯ ޕްރޮޖެކްޓު ހިންގުމުގައި ވެސް. މިއީ ހަގީގަތް. މި އަހަރުތެރޭގައި އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ އެބަ ބަޖެޓު ފާސްވެގެން ދާއިރު ކިތައް ބޭފުޅުންތޯ (ވޯޓު ނުދެއްވާނީ). އެހެން ގައުމުތަކުން ކިތަންމެ ވާހަކައެއް ދެއްކި ނަމަވެސް، އިދިކޮޅު ވާހަކަތައް ދެއްކި ނަމަވެސް ބަޖެޓަށް ވޯޓު ދެއްވާ." ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމެޓީގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވި އެވެ.

 

ފިނޭންސް މިނިސްޓަރުގެ މި ހުތުރު ވާހަކަތަކާއެކު މިނިސްޓަރުކަމުގެ މަޤާމަށް މުނައްވަރު ކުފޫ ހަމަވާކަމާމެދުވެސް ސުވާލު އުފެދިގެންދެ އެވެ. އެހެނީ ފިނޭންސް މިނިސްޓަރު މި ވާހަކަތަކީ ޤާނޫނު އަސާސީއާއި ކަނޑައެޅިގެން ހިލާފު ވާހަކަތަކަކަށްވާތީ އެވެ. އަދި ކިޔެއްތަ އެއީ ޑިމޮކްރަސީގެ އުސޫލްތަކާއި ހަމަތައް ކިރިޔާވެސް ޤަބުލުކުރައްވާ ބޭފުޅަކު ދައްކަވާނެ ފަދަ ވާހަކައެއް ނޫނެވެ.

 

ޤާނޫނު އަސާސީގެ 17 ވަނަ މާއްދާގައި ބުނެފައިވަނީ ޤާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ހައްޤެއް އެއްވެސް ތަފާތުކުރުމެއް ނެތި ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށެވެ. އަދި މީހެއްގެ ސިޔާސީ ނުވަތަ އެ ނޫން ވެސް ވިސްނުމަކަށް ބަލައި އެއްވެސް މިންވަރެއްގެ ތަފާތުކުރުމެއް ގެންގުޅެން ނުވާނެ ކަމަށް ބުނެފަ އެވެ. އޭގެއިތުރުން ޤާނޫނު އަސާސީގެ 20 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި ޤާނޫނުގެ ކުރިމަތީގައި އެންމެންނަކީ ހަމަހަމަ ބަޔެކެވެ. އަދި ޤާނޫނުގެ ރައްކާތެރިކަމާއި، ޤާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބުމަކީ ހަމަ ކޮންމެ މީހެއްގެވެސް ހައްޤެއްކަމަށް ބުނެފައިވެއެވެ.

 

ބަޖެޓް ހުށައެޅުމަށް ބޭއްވި ޖަލްސާގައި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު - ފޮޓޯ: ރައްޔިތުންގެ މަޖިލީސް

 

ފިނޭންސް މިނިސްޓަރުގެ ވިސްނުންފުޅުގައި މި ޤައުމުގައި ދިރިއުޅުވަންޖެހޭނީ ހަމައެކަނި ސަރުކާރުން ކިޔާ ކޮންމެ އެއްޗަކަށް އާނ ބަސް ބުނާ މީހުންނެވެ. ސަރުކާރަށް ސަނާ ކިޔާ މީހުންނެވެ. އެ ނޫން އެންމެނަކީ ތަރައްޤީއެއްވެސް އެހެން އެއްޗެއްވެސް ލިބެންޖެހޭނެ ބަޔެއް ނޫނެވެ. ފަހަރުގައި ބެޖެޓަށް ވޯޓު ނުދެއްވާ މެމްބަރުންގެ ދާއިރާތަކުގައި ތިއްބަވަނީ ދިވެހި ރައްޔިތުން ކަމަށް މިނިސްޓަރު ޤަބޫލުނުކުރައްވަނީ ކަމަށްވެދާނެ އެވެ.

 

ފިނޭންސް މިނިސްޓަރަށް އެނގިވަޑައިނުގަންނަވާ އެއްޗަކީ ބަޖެޓަށް ވޯޓު ދިނުމާއި، ނުދިނުމަކީ ކޮންމެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައްޤެއްކަމެވެ. އަދި ދާއިރާތަކުގައި ތަރައްޤީޤެ ޕްރޮޖެކްޓްތައް ހިންގުމަށް ފައިސާ ހަރަދުކުރަނީ ރައްޔިތުންގެ މާލިއްޔާއިންކަމެވެ.

 

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ރާއްޖެ.އެމްވީ

 

މިނިސްޓަރެވެ. އެނގިވަޑައިނުގަންނަވާނަމަ ކަނުލާ އަޑު އައްސަވާށެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވޯޓުދޭނެ ގޮތެއް އެނގޭނީ އެ މެމްބަރުންނަށެވެ. އެއީ މިނިސްޓަރު ނިންމަވަންޖެހޭ އެއްޗެއް ނޫނެވެ. ރައްޔިތުންނަށް އެންމެ ފައިދާ ހުރިގޮތަކަށް ބަޖެޓު ނެތްނަމަ އެ ބަޖެޓަށް ވޯޓު ނުދިނުމަކީ އެ މެމްބަރަކަށް ލިބިގެންވާ ހައްޤެކެވެ. އަދި ކިޔެއްތަ އެ މެމްބަރަކު މަޖިލީހުގައި ވޯޓުދޭގޮތަކުން ކޯޓަށް ހާޒިރުކޮށް، ޝަރީއަތެއްކޮށް އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށެވެސް ޤާނޫނު އަސާސީގައި ބުނެފައިވެއެވެ. އަދި ވަކިގޮތަކަށް ވޯޓު ނުދީފިނަމަ އެވެނިކަމެއް، މިވެނިކަމެއްވެދާނެއޭ ބުނެ މެމްބަރުންނަށް އެއްވެސް ގޮތަކަށް ނުފޫޒު ފޯރުވައި ބިރުދެއްކުމަކީ މިނިސްޓަރެއްކަމުގައި ވީނަމަވެސް ޤާނޫނީ ކުށެކެވެ.

 

ދެން އޮތީ އަނެއް ވާހަކަ އެވެ. މެމްބަރުން ވޯޓު ދިނަސް ނުދިނަސް ދާއިރާގައި ތަރައްޤީގެ މަސައްކަތްތައް ހިންގަންޖެހޭ އެވެ. އެއީ ޤާނޫނު އަސާސީގެ ދަށުން ސަރުކާރުގެ މައްޗަށް ލާޒިމްކޮށްފައިވާ ކަމެކެވެ. އެހެނީ ސަރުކަރުން ތަރައްޤީގެ ޕްރޮޖެކްޓްތައް ހިންގަނީ މިނިސްޓަރު އަމިއްލަ މާލިއްޔާއިން ފައިސާ ނަންގަވައިގެން ނޫންކަމަށްވާތީ އެވެ. ތަރައްޤީގެ މަޝްރޫއުތައް ހިންގުމަށް ރައްޔިތުން ބަރާބަރަށް ޓެކްސް ފައިސާ ދައްކަމުންގެންދާތީ އެވެ. އެއީ މެމްބަރުން ވޯޓު ދިންކަމުގައި ވީނަމަވެސް ވޯޓު ނުދެއްވިކަމުގައި ވީނަމަވެސް ރައްޔިތުން ތަރައްޤީގެ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމަށް ސަރުކާރާއި ހަވާލުކުރާ ފައިސާއެވެ.

 

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ރާއްޖެ.އެމްވީ

 

މިނިސްޓަރެވެ. ބަޖެޓަށް ވޯޓު ނުދެއްވާ މެމްބަރުން ތިއްބެވި ދާއިރާތަކުގައި ތަރައްޤީގެ މަސައްކަތްތައް ކުރިއަށްގެންދަން ބޭނުން ނޫންކަމުގައިވާނަމަ އެ ދާއިރާތަކުގެ ރައްޔިތުގެ އަތުން ޓެކްސް ފައިސާ ވެސް ނުނަންގަވާށެވެ. އޭރުން އެ ރައްޔިތުން އަމިއްލައަށް ޓެކްސް ނަގައިގެން އެކަން ކޮށްފާނެ ނޫން ހެއްޔެވެ.

 

ކޮންމެގޮތަކަށް ވިސްނިކަމުގައި ވީނަމަވެސް ފިނޭންސް މިނިސްޓަރުގެ އެ ވާހަކަތަކަކީ މިނިސްޓަރަކު ވަކިން ހާއްސަކޮށް ފިނޭންސް މިނިސްޓަރަކު ދައްކަވަން ހެޔޮވާވަރުގެ ވާހަކައެއް ނޫނެވެ. މިނިސްޓަރު އެ ވާހަކަފުޅަކީ މިނިސްޓަރު މަޤާމުން އަޒުލުކުރަންޖެހޭ ވަރުގެ ވާހަކަފުޅެކެވެ. އަދި އެއީ ސަރުކާރުގެ ސިޔާސަތު ކަމުގައިވާނަމަ އެއީ މާ ބޮޑަށް ވެސް ސީރިއަސް މައްސަލައެކެވެ. އެހެނީ އެކަން އެގޮތަށް ކުރުމަކީ ސަރުކާރުގެ ސިޔާސަތުގައިވާނަމަ ތުހުމަތު ކުރެވޭ ކަމަކީ ރައްޔިތުން އަޅުވެތިކުރުމަށް ސަރުކާރުން ހަމަކޮންމެ ފަދަކަމެއް ވެސް ކޮށްފާނެ ކަމެވެ. ރައްޔިތުން އޮބިއަޅުވައި ހިފެހެއްޓުމަށް ހަމަ ކޮންމެ ކަމެއްވެސް ކުރުމަށް ސަރުކާރުން ތައްޔާރަށް އޮތް ކަމުގެ ތުހުމަތަކީ ކުޑަ ވާހަކައެއް ނޫނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
100%
0%
0%
0%
0%
ކޮމެންޓް