ކ. މާލެ
|
17 ނޮވެންބަރ 2017 | ހުކުރު 08:04
ޒިމްބާބްވޭގެ އިދިކޮޅު ލީޑަރު މޯގަން ސްވަންގިރާއީ
ޒިމްބާބްވޭގެ އިދިކޮޅު ލީޑަރު މޯގަން ސްވަންގިރާއީ
އޭއެފްޕީ
ޒިމްބާބްވޭގެ މަސްރަހު
ޒިމްބާބްވޭގައި އަސްކަރީ ވެރިކަމެއް އޮންނަން ޤަބޫލެއް ނޫން: އިދިކޮޅު ފަރާތްތައް
 
މުގާބޭ އަދިވެސް ހުންނެވީ ރަސްމީ ގެކޮޅުގައި އަސްކަރިއްޔާގެ ބަންދުގައި
 
ޒިމްބާބްވޭގެ މަސްރަހު ފިނިކުރުމަށް ދެކުނު އެފްރިކާއިން ދަނީ މަސައްކަތްކުރަމުން

އަމިއްލަ ރުހުމުގައި ޒިމްބާބްވޭގެ ވެރިކަމުން ރޮބާޓް މުގާބޭ ފެޔަށް ޖެހިވަޑައިގަންނަވަން އެޤައުމުގެ އިދިކޮޅު ލީޑަރު މޯގަން ސްވަންގިރާއީ ގޮވާލައްވައިފިއެވެ.

ސްވަންގިރާއީ ވިދާޅުވީ ޒިމްބާބްވޭގެ ރައްޔިތުންގެ އެދުމާއި ރޫހާ އެއްގޮތަށް މުގާބޭ މިހާރު ވެރިކަމުން ފެޔަށް ޖެހިވަޑައިގަންނަވަން ޖެހޭ ކަމަށެވެ. ސްވަންގިރާއީ ވިދާޅުވީ ޤާނޫނު އަސާސީން ބޭރުން ވެރިކަން ހޯދުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި، ޢާއްމު ޙާލަތަށް ޤައުމު ގެނެސް، ހުރިހާ ފަރާތެއް ބައިވެރިވާ ވަގުތީ ސަރުކާރެއް އެކުލަވާލަން ޖެހޭނެ ކަމަށެވެ. އަދި އަސްކަރިއްޔާއިން ގެނައީ ބަޣާވާތެއް ކަމަށް ވިދާޅުވެ، ސްވަންގިރާއީ ވަނީ މަދަނީ ވެރިކަމެއް ގެނައުމަށް އަސްކަރިއްޔާއަށް ގޮވާލައްވާފައެވެ.

ސްވަންގިރާއީ ވަނީ 2008 ވަނަ އަހަރަށް ފަހު ޒިމްބާބްވޭގައި އެކުލަވައިލި ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރުގައި މުގާބޭގެ ބޮޑުވަޒީރުކަން ކުރައްވާފައެވެ. އެހެން ނަމަވެސް މާގިނަ ދުވަސްތަކެއްވަންދެން ސްވަންގިރާއީއަށް އެމަޤާމުގައި ހުންނެވޭ ގޮތް ނުވިއިރު، މުގާބޭގެ ޒާނޫ-ޕީއެފް ޕާޓީގެ އެންމެ ބޮޑު ވާދަވެރިޔަކީ ސްވަންގިރާއީގެ މޫވްމަންޓް ފޮރ ޑިމޮކްރަޓިކް ޗޭންޖްއެވެ. ސްވަންގިރާއީ ވިދާޅުވާ ގޮތުގައި ބޮޑުވަޒީރުކަމުގައި ހުންނެވއިރު ވެސް މުގާބޭ އާއި އޭނާއާ ދެމެދު ބޮޑެތި ޚިޔާލު ތަފާތުވުންތަކެއް އޮތެވެ. ސްވަންގިރާއީ ވިދާޅުވީ އެއްވެސް ޒާތީ މައްސަލައެއް ނެތް ކަމަށާއި، މުގާބޭއާ އެކު އޮންނަނީ ހަމައެކަނި ސިޔާސީ ދެކޮޅުވެރި ކަމެއް ކަމަށެވެ.

މުގާބޭ މިވަގުތު ވެސް ހުންނެވީ ޒިމްބާބްވޭގެ އަސްކަރިއްޔާގެ ބަންދުގައެވެ. އެހެންނަމަވެސް އަސްކަރިއްޔާއިން ބުނަނީ އެޤައުމުގެ ރައީސްއަކީ އަދިވެސް މުގާބޭ ކަމަށެވެ. މުގާބޭ ބަންދުގައި ބެހެއްޓުމާ މެދު، 2004 ވަނަ އަހަރު މަޤާމުން ދުރުކުރެވުނު އޭރުގެ ނައިބު ރައީސް ޖޯއިސް މުޖޫރޫ ވިދާޅުވީ ޒިމްބާބްވޭގައި މިނިވަން އިންސާފުވެރި އިންތިޚާބަކަށް މަގުފަހިކުރުމަށް ވަގުތީ ސަރުކާރެއް އެކުލަވާލަން ޖެހޭ ކަމަށެވެ. އެހެންނަމަވެސް މުގާބޭ ބަންދުކޮށްގެން ގެންގުޅޭ މައްސަލައިގައި މުޖޫރޫ އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

އަސްކަރީ ކޮންޓްރޯލްގައި ޒިމްބާބްވޭ ތިން ވަނަ ދުވަހަކާ ކުރިމަތިލާފައިވާއިރު، އެޤައުމުގެ ރައްޔިތުން ތިބީ ދެން ވާނެ ގޮތެއް ނޭނގި، ހާސްކަމެއްގެ ތެރޭގައެވެ. ޒިމްބާބްވޭގެ މައްސަލަ ހައްލުކުރުމަށް އެފްރިކާ ބައްރުގެ ދެކުނު ފަޅީގައި ހިމެނޭ ޤައުމުތަކުން މަސައްކަތްކުރަމުންދާއިރު، ދެކުނު އެފްރިކާގެ ރައީސް ޖެކޮބް ޒޫމާ ގެންދަވަނީ މިމައްސަލަ ހައްލުކުރުމަށް ޒިމްބާބްވޭގެ އަސްކަރިއްޔާ އާއި އަދި މުގާބޭއާ އެކު މަޝްވަރާކުރައްވަމުންނެވެ. ޒާނޫ-ޕީއެފްގެ އިސް ލީޑަރުންނާއި އަދި ޒިމްބާބްވޭގެ ރައްޔިތުން ވެސް މިހާރު އުއްމީދުކުރަނީ މިވާހަކަތަކުން އަވަސް ނަތީޖާއެއް ނިކުންނާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
100%
0%
0%
0%
0%
ކޮމެންޓް