އާދީއްތަ 06 ޑިސެންބަރު 2020
10 ދޮށަ
1442 ރަބީޢުލްއާޚިރު 20
ފަތިސް 04:42
އިރުއަރާ 05:58
މެންދުރު 12:01
އަސްރު 15:21
އިރުއޮއްސޭ 17:55
އިޝާ 19:12

ވާހަކަ - ތޭރިތަކުން

އަލީ ޔޫސުފް
AliYooosuf

17 އޭޕްރިލް 2019 | ބުދަ 14:28 3,912

ނޯޓް: (މިއީ މީގެ އަހަރުތަކެއް ކުރިން މާލޭގައި ހިނގި ހާދިސާތަކެއްގެ މަައްޗަށް ބިނާކޮށް ލިޔެފައިވާ ހިޔާލީ ވާހަކައެކެވެ. މި ވާހަކައިގައި ބޭނުންކޮށްފައިވާ ނަންތަކާއި ތަންތަނާއި ވަގުތުތަކަކީ ވެސް ހިޔާލެކެވެ.)

 

"ނޫން. އާތިފް. އަހަންނާ ކައިރިނުވޭ. އަހަރެން އާތިފް ދެކެ ބިރުގަނޭ. އަހަރެން ބޭނުމެއް ނޫން މި ގޭގައި ހުންނާކަށް. ތަނެއް ލިބުނުހާ އަވަހަށް އަހަރެން މިގެއިން ދާނަން. އާތިފް އަތުން އަހަރެން މިއަދު މަރުނުވީ ކިރިޔާ. ނީލާ އަށް ވެސް އަހަރެން ގުޅައިފިން. ނީޝް ބަލާ އެބަ އާދޭ،" ރޮމުން އަހަރެންގެ ހާލަތު އާތިފަށް ބުނެދިނީމެވެ.

"ނޫން ރީމާ. ޕްލީސް އަހަންނަށް ތިހެން ނުހަދާ. އަހަރެން ބޭނުމެއް ނޫން އެންމެ ހިނދުކޮޅަކު ވެސް ރީމާއާ ވަކިން އުޅޭކަން. އަހަރެން ރީމާ ދެކެ ވަރަށް ލޯބިވޭ. ނީލާ ވެސް އަހަރެން ދޫކޮށްފައި ދިޔައީ. ދެން ރީމާ ދިއުމުން އަހަރެންގެ މުޅި ހަޔާތް ބަރުބާދުވާނެ. ރީމާއާ ނުލައި އަހަންނަކަށް ނޫޅެވޭނެ،" އާތިފް އަޑުން އަޑު ނަގާ ރޮމުން ގެންދިޔައެވެ.

އޭނާ ރޮމުން އަހަރެންގެ ހަށިގަނޑުގައި އޮޅުލަމުން ގެންދިޔައެވެ. އޭނާގެ އަތް ޖެހޭ ކޮންމެ ފަހަރަކު ހީވަނީ ބިއްލޫރިތައް އަހަރެންގެ ހަށިގަނޑު ތޮރުފާހެންނެވެ.

އާތިފްގެ ލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް ފެނުމުން އަހަރެން ދެރަވިޔެވެ. ނަމަވެސް އޭނާގެ ކޮންމެ ފިރުމުމެއް ވެސް އަހަންނަށް އިހުސާސްކުރެވެނީ ކަށިތަކެއް ހަށިގަނޑަށް ހެރޭ ފަދަ ގޮތަކަށެވެ. އޭނާ ދެކެ އަހަރެން އިންތިހާ އަށް ބިރުގަނެއެވެ. އެފަދަ މީހަކާ އެކު މުޅި ހަޔާތް އަހަރެން ހޭދަކުރާނީ ކިހިނަކުން ހެއްޔެވެ؟ އާތިފް ފޮޅުވާލުމަށް ފަހު އަހަރެން އެތަނުން ތެދުވީމެވެ. އަދި ބާރުބާރަށް ގޮސް ކޮޓަރިއަށް ވަދެ ދޮރުޖަހައި ތަޅުލީމެވެ. ފަސް އެނބުރި ބަލައެއް ނުލަމެވެ. އިރުކޮޅެއް ނުވެ އާތިފް ދޮރުގައި ޓަކި ދޭން ފެށިއެވެ.

"ޕްލީސް ދޮރު ހުޅުވަބަލަ. ރީމާ! އަހަންނަށް މައާފްކުރޭ. ހެޔޮ ނުވާނެ،" އާތިފް ދޮރުގައި ޓަކި ދެމުން ދިޔައެވެ.

އަހަރެން ހުރީ ދޮރުގައި ލެނގިގެންނެވެ. ތަޅުދަނޑި ބޭރުގައި ވުމުން ދޮރު ހުޅުވަފާނެތީއެވެ. އެ ގޮތަށް އެތައް އިރެއް ވަންދެން ހުއްޓުމެއް ނެތި އާތިފް އާދޭސްކުރަމުން ގެންދިޔައެވެ. އޭނާއާ އެއްވަރަށް އަހަރެން ވެސް ރޮމުން ގެންދިޔައީމެވެ. ނަމަވެސް އަޑު ބޭރެއް ނުކުރަމެވެ. އެ ދޮރު ހުޅުވާފައި އާތިފްގެ ހަށިގަނޑުގައި އޮޅުލައިގަންނަން އެތައް ފަހަރަކު އަހަރެންގެ ހިތަށް އެރިއެވެ. ނަމަވެސް އެއަށް ވެރެ އަހަރެންގެ ހިތަށާއި ހަށިގަނޑަށް ލިބިފައިވާ އަނިޔާ ބޮޑެވެ. ގަނެފައިވާ ބިރު މާ ބޮޑެވެ.
އިރުގަނޑެއް ވަންދެން އާތިފް އެ ގޮތުގައި ބަނދިވަރުތައް ދަމަން ދޮރު ކައިރީގައި ހުއްޓެވެ. އަހަރެން ޖަވާބެއް ނުދެމެވެ. އޭނާގެ އަޑު ކެނޑިއްޖެއެވެ. އާތިފްގެ ފިޔަވަޅުގެ އަޑު އިވުނެވެ. އޭނާ ދިޔައީއެވެ.

އަހަރެންގެ ހިތް ބާރުބާރަށް ތެޅެއެވެ. ތަޅުދަނޑިމަތިން އޭނާ ހަނދާން ވެއްޖެ ނަމަ އަނެއްކާ ވެސް މައްސަލަ ގޯސްވީއެވެ. އޭނާ ދޮރު ހުޅުވައިފި ނަމަ ވާނެ ގޮތެއް ވެސް ނޭނގެއެވެ. އޭނާގެ މޮޔަ ބަލި އަނެއްކާ ބޮލަށް ސަވާރުވެއްޖެ ނަމަ އަހަރެން ދެން ސަލާމަތެއް ނުވާނެކަން ކަށަވަރެވެ. ތެޅިތެޅި އޮތް ހިތުގައި އަތް އަޅައިގެން އަހަރެން ފުންކޮށް ނޭވާލީމެވެ. އިރުކޮޅަކު އެހެން ހުރި ނަމަވެސް އާތިފްގެ ޚަބަރެއް ނުވިއެވެ. ތަޅުދަނޑި ހިފައިގެން އައިސް ހުޅުވާހާއިރު ވެއްޖެއެވެ. ނަމަވެސް އާތިފްގެ ހިލަމެއް ނުވެއެވެ.

އިރުގަނޑަކު އަހަރެން އެ ގޮތުގައި ހުރީމެވެ. ވަރުބަލިވެ ގައިބާރު ދޫވާހެން ހީވުމުން އަހަރެން ދޮރުގައި ލެނގިގެން ހުރެ ތިރިވީމެވެ. އެ ގޮތުގައި އިންދާ އަހަންނަށް ނިދިޖެހުނީ ކޮން އިރަކު ކަމެއް ނޭނގެއެވެ.

****

ސިއްސައިގެން ގޮސް ހޭލެވުނެވެ. ކުއްލިއަކަށް މީހެއްގެ ހަޅޭކުގެ އަޑު އިވުނެވެ. އެއީ އާތިފްގެ އާހްގެ އަޑެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. އެ އަޑާއެކު ފާޑެއްގެ ވަހެއް ދުވިއެވެ. ހީވާ ގޮތުން އެއީ ޕެޓްރޯލް ވަހެވެ. ނޫނެކެވެ. އެއީ ޕެޓްރޯލް އަނދާ ވަހެވެ. އެއީ އިސްތަށި އެނދީމާ ދުވާ ކަހަލަ ވަހަކެވެ. ނޫނެވެ. އޭރު ސައިރަންގެ އަޑުން ހީވަނީ ކަންފަތް ފަޅައިގެން ހިނގައިދާނެހެންނެވެ. އެއީ އަލިފާން ނިއްވާ ލޮރީގެ އަޑެވެ. އަދި އެމްބިއުލަންސްގެ އަޑެވެ. ކޮޓަރި ތެރެއަށް ކޮންމެވެސް ވަރަކަށް ދުމުގެ އަސަރު ވެސް ކޮށްފައި ހުއްޓެވެ.

އިތުރަށް ވިސްނާނެ ފުރުސަތެއް އަހަންނަކަށް ނުލިބުނެވެ. ބާރުބާރަށް ދޮރުގައި މީހަކު ތަޅައިގަތެވެ. އެއީ އާތިފް ކަމަށް އަހަރެން ނިންމީމެވެ. ދޮރު ހުޅުވަން އަހަރެން ފަސްޖެހުނެވެ. ބާރުބާރަށް ހިތް ތެޅެން ފެށިއެވެ.

"ދޮރު ހުޅުވަމަށް ވަރަށް ބޮޑަށް އެދެން. ދެކޮޅު ހަދާ ނަމަ އަޅުގަނޑުމެންނަށް ޖެހޭނީ ދޮރު ވައްޓާލަން" އެއީ އާތިފެއް ނޫނެވެ. އެއީ ވަރަށް ބަރު އަދި ހަރުކަށި އަޑެކެވެ.

އެއީ ކޮންމެ މީހަކަށް ވިޔަސް ގައިމު ވެސް ގޭގައި ކަމެއް ހިނގައިފިއެވެ. ކުއްލިއަކަށް އަހަރެން ހަނދާންވީ ކުޑަކުޑަ ނީޝް މަތިންނެވެ. ދުމުގެ ވަސް ދުވާކަން ވިސްނާލުމަށް އެކު އަހަރެން ކުއްލިއަކަށް ދޮރު ހުޅުވާލީމެވެ.

"ނީޝް" އަޑުގެ ނެތްކޮޅަށް އަހަރެން ނީޝް އަށް ގޮވަމުން ދުރު ހުޅުވީމެވެ.

ކަމަކުދާކަށް ނެތެވެ. އަހަރެންގެ ވާހަކަތަކަށް އެއްވެސް ސަމާލުކަމެއް ނުދީ ދޮރު ބުޑުގައި ހުރި މީހާ އަހަރެން ހިފެހެއްޓިއެވެ. އެއީ ހަރުކަށި އަތެކެވެ. އެތަނުގައި ހަތަރު ފަސް ވަރަކަށް މީހުން ތިއްބެވެ. އަހަންނަށް ފުރުސަތެއް ވެސް ނުދީ އެ މީހުން އަހަރެން ކުޑަކަކޫ މައްޗަށް ތިރިކުރިއެވެ. ވެގެން އުޅެނީ ކީއްކަން އަހަންނަކަށް ނޭނގެއެވެ. އެއީ ސިފައިންގެ ޔުނީފޯމުގައި ތިބި ބައެކެވެ.

"ގަދަނުދެއްކެވުން އެދެން. އަމުރަށް ކިޔަމަންތެރިވޭ،" ވަރަށް ހަރުކަށި އަޑެއް އިވުނެވެ.

"ކޮބާ އާތިފް. ކިހިނެއްވީތޯ. ނީޝް ކޮބައިތޯ" އެމީހން ދައްކާ ވާހަކައަށް ސަމާލުކަމެއް ނުދީ އަހަރެން ސުވާލުތައް އޮއްސާލީއެވެ.

އިތުރު އެއްޗެއް ބުނާނެ ފުރުސަތެއް އެ މީހުން ނުދެއެވެ. ވާހަކަ ނުދައްކަން އަމުރު ކުރިއެވެ. އަހަރެން އިނނީ ބިރުން ފިއްކަނޑައިގެން ދާވަރުވެފައެވެ. ވެގެން އުޅޭ ގޮތް ނޭނގޭތީއެވެ. އޭރު ވެސް ގޭތެރޭގައި ކޮންމެވެސް ވަރަކަށް ދުމުގެ އަސަރު ހުއްޓެވެ. އިސްތަށި އެނދުމުން ދުވާ ކަހަލަ ވަސްގަނޑެއް ހުއްޓެވެ. ނޭވާލަން ވެސް އުނދަގޫ ކަމެކެވެ.

 ކުއްލިއަކަށް ކައިރީގައި ހުރި މީހާ ނެގީ ޖީބުގައި އޮތް ބިޑިއެވެ. ބިޑި ފެނުމާ އެކު އަހަރެން ރޫރޫ އަޅައިގަތެވެ. އޭނާގެ ހަރަކާތްތައް އަވަހެވެ. އިތުރު ފުރުސަތެއް ނުދީ އޭނާ އަހަރެންގެ ކޮނޑުގައި ހިފާ ކޮޅަށް ނެގިއެވެ. އަދި ފަހަތަށް އަނބުރާލުމަށް ފަހު ދެ އަތް ފުރަގަހަށްލާ ބިޑި އެޅުވިއެވެ.

"އަޅުގަނޑުމެންނާ އެކު ހިންގަވާ" އަހަރެންގެ ސުވާލުތަކަށް އެއްވެސް ޖަވާބެއް ނުދީ އެ މީހާ ބުންޏެވެ. އަދި އަހަރެން ކޮއްޕަން ފެށިއެވެ.

ބޭރުގައި މީހުންތައް ޖަމާވެފައި ތިއްބެވެ. އެ މީހުންގެ ލޯހުރީ އަހަންނަށް އަމާޒުވެފައެވެ. އެ މީހާއާ އެކު ކައިރީގައި ތިބި އަނެއް ތިން މީހުން މަސައްކަތްކުރީ މީހުން ދުރަށް ޖައްސަމަށެވެ. އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ އަސަރުތައް ފެންނަން ހުއްޓަސް އެތަނުގައި ރޯވެފައި ހުރިތަނެއް އަހަރެން ނުދެކެވެ. ވަރަށް ހަރަކާތް އަވަސް ގޮތަކަށް އަހަރެން ގޭތެރެއިން ނެރެގެން ގެންދިޔުމުން ބަދިގެ އާއި ސިޓިން ރޫމަށް އަހަންނަށް ނަޒަރު ހިންގާލެވޭ ވަރެއް ނުވިއެވެ. އެތަނުގައި އާތިފާއި ނީޝް ވެސް ވެއްޖެއެވެ. އަނެއްކާ ބަދިގޭގައި ރޯވީ ހެއްޔެވެ؟ އެހެންކަމަށް ވާ ނަމަ އެ މީހުން އަހަރެމެންނަށް އެހީވާނެއެވެ. ނަމަވެސް އެހީވާން އައި ބަޔަކު އަހަރެން ބިޑި އަޅުވައިގެން މި ގެންދަނީ ކީއްވެ ހެއްޔެވެ؟ އެހާ ހަރުކަށީ ކީއްވެ ހެއްޔެވެ؟ ހައްޔަރުކުރާ މީހެއް ފަދައިން އަހަންނާ މެދު އަމަލުކުރަނީ ކީއްވެ ހެއްޔެވެ؟ އޭރު ވެސް ސައިރަންގެ އަޑު ގަދައެވެ. ގޭ ބޭރުގައި އަލިފާން ނިއްވާ ލޮރީ އޭރު ވެސް އޮތެވެ. ނަމަވެސް ދުން އަރާތަނެއް މިހާރަކު ނުފެނެއެވެ. އަހަންނަށް ނިދިފައި އިންދާ ހިނގީ ކޮން ކަމެއް ހެއްޔެވެ؟ އެވަރުގެ ބޮޑު ކަމެއް ވެގެން ދިޔަ އިރު އަހަންނަށް ހޭވެރިކަން ނުވީ ކީއްވެ ހެއްޔެވެ؟ އާތިފް ކޮބައިބާ އެވެ؟ ނީލާ އައިސް ނީޝް ގެންދިޔައީ ހެއްޔެވެ. އެތައް ސުވާލުތަކެއް އެއްފަހަރާ އަހަރެންގެ ހިތަށް އެރިއެވެ.

"އޭނާތަ އެކަން ކުރީ. މިތާ އެ ކުއްޖާ އުޅޭތާ ދުވަސްކޮޅެއް ވެއްޖެ. ވަރަށް ކަންތައް ބޮޑު ކަމަށް ނީލާ މަގޭގައި ކައިރީގައި ވެސް ބުނި،" ތަންކޮޅެއް ދުރުގައި، ގޯޅިގަނޑު ތެރޭގައި، ދެބައި އުމުރުން މައްޗަށް ގޮސްފައި ތިބި ދެ އަންހެނަކު ވާހަކަ ދައްކަމުން ގެންދިޔައެވެ.

މީހުންތަކުގެ ތެރެއިން ކޮއްޕާފައި ކަހަލަ ގޮތަކަށް އަހަރެން ގެންގޮސް ބޭރުގައި ފެހިކުލައިގެ ފޮށިގަނޑެއްހެން އޮތް ވޭނުގެ ތެރެއަށް ލިޔެއެވެ. ކޮއްޕަމުން ގެންދިޔައިރު އަހަރެން ވެގެން އުޅޭ ގޮތް އޮޅުން ފިލުވުމަށް މަސައްކަތްކުރީމެވެ. ދުވަހަކު ވެސް އެފަދަ ކަމެއް ތަޖުރިބާކުރެވިފައި ނުވާތީ ވާން އުޅެނީ ކިހިނެއްކަން ވެސް އަހަންނަކަށް ނޭނގެއެވެ. އަދި ހަށިގަނޑުގައި ހުރި ޒަހަމްތަކަށް ތަދުވާތީ ބުރަކަށީގައި އަތްއަޅާ ނުކޮއްޕުމަށް އެ މީހާގެ ކިބައިން އާދޭހާ އެކު އެތައް ފަހަރަކު އެދުނީމެވެ. ރޮމުން އާދޭސްކުރީމެވެ. ނަމަވެސް ސިފައިންނަކީ އަހަރެން އަބަދު ވެސް ވަރަށް ބިރުގަންނަ ބަޔަކަށް ވުމުން މާގިނަ ވާހަކަ ދައްކާކަށް ނުކެރުނެވެ. އަހަރެން އޭރު ވެސް ހުރީ ޝޮކެއްގައެވެ.

އަހަރެންގެ ރުއިމުގެ އަޑަށް އެއްވެސް ސަމާލުކަމެއް ނުދީ ވެހިކަލްގެ ތެރެއަށް އަހަރެން ކޮއްޕާލުމަށް ފަހު އެ މީހާ ދޮރު ޖެހިއެވެ. އެއީ ކަޅު އަނދިރި ކޮޓަރިއެއް ފަދަ ފޮށިގަނޑެކެވެ. ލޮލަށް އިނގިލި ކޮއްޕާލިޔަސް ނޭނގޭނެއެވެ. އިރުކޮޅެއް ނުވެ ވެހިކަލް ނައްޓާލކަމުގެ އިހްސާސް އަހަންނަށް ކުރެވުނެވެ. ފޮށިގަނޑު ތެޅިގަތެވެ. އޭގެ ތެރޭގައި އަހަރެން އޮތީ އަރިއަކަށް ވެއްޓިފައެވެ. ދުއްވަމުން ދިޔައިރު ކޮންމެ އަޑިގަނޑަކާ އެކު ހަށިގަނޑު ހީވަނީ ރޫޅިދާނެ ހެންނެވެ. އެ ގެންދާތަނަކަށް ގެންދިއުމުގެ މަގުމަތީގައި އެތައް އެއްޗެއް އަހަރެންގެ ހިތަށް އެރިއެވެ. ޖަވާބު ނުލިބޭ އެތައް ސުވާލުތަކެއް ހިތާހިތުން ކުރަމުން ގެންދިޔައީމެވެ.

"އާތިފް ކޮބައި ހެއްޔެވެ؟ އޭނާ އަށް ވީ ކިހިނެއް ހެއްޔެވެ؟ އޭނާގެ ހާލަކީ ކޮބައި ހެއްޔެވެ؟ ކުޑަކުޑަ ނީޝް ކޮބައި ހެއްޔެވެ؟ އަހަރެން ގެންދަނީ ކޮންތާކަށް ހެއްޔެވެ؟ ހޮސްޕިޓަލަށް ހެއްޔެވެ؟ އާތިފް ކައިރިއަށް ހެއްޔެވެ؟ ބިޑިއެޅުވީ ކީއްވެ ހެއްޔެވެ؟ އެ ސިފައިންގެ މީހާ އެހާ ރުޅި އައިސްފައި ހުރީ ކީއްވެ ހެއްޔެވެ؟ އެތައް ސުވާލުތަކެކެވެ. އަހަރެން އެ ފޮށިގަނޑުގައި ބާރު ބާރަށް ތަޅައިގަތީމެވެ. އަޑު އަޑު ނަގައި ރޯން ފެށީމެވެ.

"އަހަންނަށް ތިޔަހެން ނުހަދާ. ވަރަށް ތަދުވޭ އެބަ. ކޮންތާކަށް ތި ގެންދަނީ،" ގިސްލަމުން އަހަރެން ހަޅޭލަވަމުން ގެންދިޔައީމެވެ.

ނަމަވެސް އަޑު ބޭރުވާ ހެނެއް ހިއެއް ނުވެއެވެ. އެއްވެސް އިޖާބައެއް ނުލިބެއެވެ. ވެހިކަލްގެ އަޑު ނޫން އަޑެއް ނީވެއެވެ.

މާގިނައިރުތަކެއް ނުވެ ވެހިކަލް މަޑުކޮށްލިކަން އިހްސާސްވިއެވެ. އިރުކޮޅަކުން ދޮރު ހުޅުވާލިއެވެ. ދޮރު ހުޅުވުމާ އެކު ސިފައިންގެ ދެ މީހަކު އައިސް އަހަރެން ވެހިކަލުން ބޭލިއެވެ. އަދި ދަމާ ކޫއްތާފައި ކަހަލަ ގޮތަކަށް ގެންދިޔައެވެ. އަހަރެން އެތައް ފަހަރަކު އެމީހުން ކައިރީގައި އާދޭސްކުރީމެވެ. އެއްވެސް ޖަވާބެއް ނުލިބުނެވެ.

އެއީ ޖަލެކެވެ. ދުވަހަކު ވެސް ދެކިފައި އަދި އަޑުއަހާފައި ވެސް ނެތް ތަނަކަށް ވުމުން އަހަރެން ވަރަށް ބިރުގަތެވެ. ކޮއްޕަމުން ގެންދިޔައިރު ތޭރިތަކުގެ ބިއްދޮށުގައި ތިބި މީހުން އަހަންނަށް ބަލަމުން ގެންދިޔައެވެ. ބައެއް މީހުން ހަޅޭ ލަވައި އަޑުގަދަކޮށް ހެދިއެވެ. ފަޔަށް ލިބިފައިވާ ޒަހަމްތަކާ ހުރެ އަހަންނަށް ހިނގެނީ ވަރަށް އުނދަގުލުންނެވެ.

އެ މީހުން އަހަރެން ގެންގޮސް ވެއްދީ ކޮޓަރިއެއް ކަހަލަ ތަނަކަށެވެ. އެއީ ތޭރިތަކުން ހަދާފައިވާ ކުޑަ ވަރެއްގެ ޖަލެކެވެ. އަހަރެން އޭރު ވެސް އާދެސްކުރަމުން ގެންދިޔައީ އަހަރެން ދޫކޮށްލުމަށެވެ. ވެގެން އުޅޭ ގޮތް ބުނެދިނުމަށެވެ. ނަމަވެސް އަހަރެންގެ ރުއިމުގެ އަޑެއް އެ މީހުން ނާހައެވެ. ގޮޅި ތެރެއަށް ކޮއްޕާލުމަށް ފަހު ބޭރުން ތަޅުލާފައި އެ މީހުން ދިޔައީއެވެ. އެ ތަނުގައި އޭރު ވެސް އިތުރު ދެ އަންހެނުން ތިއްބެވެ. އެކަކު އޮތީ މުންޑުގަނޑެއް ކަހަލަ އެއްޗެއް އަނދެގެންނެވެ. އަނެކަކު ހުރީ ތޭރިތަކުގައި ހިފަހައްޓައިގެންނެވެ. ސިފައިންގެ މީހުންތައް ކައިރިވުމާ އެކު އޭނާ އެތިވަރު ގޮވައިގަތެވެ. އެއީ ވަރަށް ދޫހަޑި އަންހެނެކެވެ.
"ކަލޭ ކީއްކުރީ އަނެއްކާ. ބިޓެއް ކައިރީގައި އޮއްވާ ނެރުނީ ދޯ. މިހާރު މިއުޅޭ އާ... ވެސް ބަ.... ތަނަކުން ފިރިހެނަކު ފެންނަ އިރަށް ކޮންމެ ވެސް ރޫމަކަށް ކަނޑާލާނީ،" މޮޔައެއްހެން ކޮޅަށް ހުރި އަންހެންމީހާ ފަށައިގަތެވެ. އެނެއް މީހާ އޭރު ވެސް ބުޅާ މަސްގަނޑަށް ބަލާހެން އަހަންނަށް ބަލަހައްޓައިގެން އޮތެވެ.

އަހަރެން ހުރި ވަރަށް ބޮޑަށް ބިރުގެންފައެވެ. ހަދާނެ ގޮތް ހުސްވެފައެވެ. އެއީ މޮޔައިންތަކެއްބާއޭ ހިތަށް އެރިއެވެ. އެ މީހުންގެ ހަރަކާތްތައް ހުރި އެފަދަ ގޮތަކަށެވެ. އެ މީހުންގެ ވާހަކަތަކަށް ދޭނެ ޖަވާބެއް އަހަންނަކަށް ނުވިސްނެއެވެ. އަހަރެން އެތަނަށް ގެންދިޔައި ކީއްވެގެންކަން ހުދު އަހަންނަށް ވެސް ނޭނގެއެވެ. ދެން އެ މީހުންނަށް ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟
އެ މީހާގެ ވާހަކަތަކަށް ސަމާލުކަމެއް ނުދީ ތޭރިތަކުގައި ހިފަހައްޓާލައިގެން އަހަރެން ހުރީމެވެ. އަދި ސިފައިންގެ މީހަކު ފެނޭތޯ ބަލަމުން ގެންދިޔައީމެވެ. މީހެއްގެ ހިޔަނި ވިޔަސް އަހަރެންގެ އާދޭސްތައް ބަންޑުކޮށްލަމެވެ.

"އަހަރެންގެ އޮތީ ކޮން ކުށެއް ހެއްޔެވެ؟ އަހަންނަށް ލިބުނު އަނިޔާ އެ މީހުންނަށް ނޭނގެނީ ހެއްޔެވެ؟ ހަށިގަނޑުގެ އެތައް މިތަން ޒަހަމްވެފައިވާ އިރު އެއީ ކާކުދިން ޒަހަމްތަކެއްތޯ ސުވާލުނުކުރަނީ ކީއްވެ ހެއްޔެވެ؟"

އެތައް ސުވާލުތަކެއް ހިތުގައި އުފެދުނެވެ. އެ ގޮތުގައި އެތައް އިރަކު އަހަރެން ހުރީމެވެ. ދޫހަޑި އަންހެންމީހާ އިރުއިރުކޮޅާ ކޮންމެ ވެސް ފަތިވަރެއް ދަމައެވެ. އަހަރެން ސަމާލުކަމެއް ނުދެމެވެ. އަނެއް މީހާ އެ ގޮތުގައި ހުއްޓުން އަރާފައި އޮތެވެ. އެއީ ދެބައި އުމުރަށް ގޮސްފައިވާ އަންހެނެކެވެ. އަހަރެން ވެސް އެންމެ ފަހުން ދެފައި ވާޅުވުމުން ގޮސް ކަނުގައި ފައިކުރުކޮށްގެން އިށީނނީމެވެ. އޭރު ފައިގެ ޒަހަމްތަކުން ލޭ ހިލިފައި ހުއްޓެވެ.

އެގޮތުގައި އޮއްވައި އަހަންނަށް ނިދުނީ ކިހާއިރަކު ކަމެއް ވެސް ނޭނގެއެވެ. ދެން ހޭލެވުނީ އަޑު ގަދަވެގެންނެވެ. ސިންކް ތައްޓެއްގައި ކާން ގެނައި މީހާ އެ ހޫރާލާފައި ދިޔައީއެވެ. ނަމަވެސް ކާނީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ މުޅި ދިރިއުޅުން މި ވަނީ ތޭރިތަކެއްގެ ދަށުގައެވެ. މިކަމުން ސަލާމަތްވާނެ ދުވަހެއް ވެސް ނޭނގެއެވެ. ބަނޑު ހައިހޫނުކަމުގެ އިހްސާސް ބޮޑެވެ. ބުޅާ މަސްގަނޑަށް ބަލާހެން އަހަރެން އިރުގަނޑަކު އެ ތައްޓަށް ބަލަހައްޓައިގެން އިނނީމެވެ. އެއީ ހުދު ބަތް އެއްޗެކެވެ. އޭގެ މައްޗަށް މަޑު ފެހިކުލައިގެ ރިހަގަނޑެއް އަޅާފައި ހުއްޓެވެ. އެއީ މުގު ރިހައެވެ. ހިތްވަރުކޮށްފައި ކެވޭތޯ އަހަރެން މަސައްކަތްކުރީމެވެ. ނަމަވެސް އަރުތެރެއިން އެންމެ އެތިކޮޅެއް ވެސް އެތެރެ ނުވިއެވެ. ތަށި ދުރަށް ޖައްސާލުމަށް ފަހު އަހަރެން އަނެއްކާ ވެސް އޮށޯތީމެވެ.

ނިދި ނައި ނަމަވެސް ދެލޯ މަރައިގެން އޮތީމެވެ. ހިތާހިތުން ރޯލަ ރޯލައެވެ. ހުއްޓާނުލައި ކުރޮޅިއެއް އަނގައަށް ލައިގެން އުޅޭހެން އެ މީހާ އޭރު ވެސް އަނގަތަޅަމުން ގެންދިޔައެވެ. އަހަރެންގެ ނަސީބެއް ކަންނޭނގެއެވެ. އެއްވެސް ގޯނާއެއް އޭނާ ނުކުރެއެވެ. ލޯމަރައިގެން އޮތް ނަމަވެސް އަހަރެން އޮތީ ބިރުންނެވެ. އޭނާ އަހަންނަށް ހަމަލާއެއް ދީފާނެތީއެވެ. އެތައް އިރަކު އަހަރެން އެ ގޮތުގައި އޮތީމެވެ. ފުރޮޅިލާ ކޮންމެ ފަހަރަކު ހަށިގަނޑު ވޭން ގަދަވެއެވެ. ވެފައިވާ ޒަހަމްތަކާ ހުރެ ބޭނުންވާ ގޮތެށް އޮންނަށް ވެސް ދަތިވިއެވެ.

އަހަންނަށް ހޭލެވުނީ ހެނދުނުވެ، މީހުންތަކުގެ އަޑަށެވެ. އެހެން ނޫނީ ފަތިހުގެ ބަންގީގެ އަޑާއެކު އާންމުކޮށް ހޭލި ނަމަވެސް މިއަދު އަހަރެން އޮތީ އެފަދަ ހާލަތެއްގައެއް ނޫނެވެ. އެއަށް ވުރެ މާނިކަމެތިވެ ވަރަށް ބޮޑަށް ޒަހަމްވެފައެވެ. ނަމަވެސް އެހީތެރިވާނެ އެއްވެސް މީހަކު ނެތެވެ. އަހަރެންގެ އާހްގެ އަޑު އިވޭ މީހަކު ވެސް ނެތެވެ. ލޮލުން އޮހޮރެމުންދިޔަ ކަރުނަތައް އެކަކަށް ވެސް ނުފެނެއެވެ. މިއީ އެއަށް ވުރެ މާ އަނިޔާވެރި ދުނިޔެއެކެވެ. އާތިފް ކޮބައި ހެއްޔެވެ؟

- ނުނިމޭ - 

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް