ވާހަކަ
ސިލްސިލާ ވާހަކަ
25 މާރޗް 2019 | ހޯމަ 13:52
14 ވަނަ ބައި

ނޯޓް: (މިއީ މީގެ އަހަރުތަކެއް ކުރިން މާލޭގައި ހިނގި ހާދިސާތަކެއްގެ މަައްޗަށް ބިނާކޮށް ލިޔެފައިވާ ހިޔާލީ ވާހަކައެކެވެ. މި ވާހަކައިގައި ބޭނުންކޮށްފައިވާ ނަންތަކާއި ތަންތަނާއި ވަގުތުތަކަކީ ވެސް ހިޔާލެކެވެ.)

 

"އާތިފް ބަލީތަ؟" އެންމެ ފަހުން ކެތްނުކުރެވިގެން، އެންމެ ނުސީދާކޮށް އެކަން އޮޅުން ފިލުވޭނެ ގޮތަށް އަހަރެން ސުވާލުކުރީމެވެ.

ނީލާ ޖަވާބެއް ނުދިނެވެ. އޭނާ އެއް އަތުން އާތިފްގެ އަތުގައި ހިފަހައްޓައިގެން އިން އިރު އަނެއް އަތުން ނިތްކުރީގައި ފިރުމަނީއެވެ. ޖަވާބެއް ނުލިބުމުން އަހަރެން ކޮޓަރިން ނުކުންނަށް ހިނގައިގަތީމެވެ. އަހަރެން އައިސް ސޯފާގައި ޖައްސާލީމެވެ.

"އާތިފަށް ކިހިނެއްވީބާއެވެ؟ އޭނާ ބަލީ ހެއްޔެވެ؟ އެ ދެ މީހުންގެ މެދުގައި ޖެހުނީ ކޮން މައްސަލައެއް ބާއެވެ؟" އަހަރެން ހިތާ ސުވާލުކޮށްލީމެވެ. އަހަރެންގެ ސުވާލަށް ނީލާ ޖަވާބު ނުދިނުމުން އެވާހަކަ އޮޅުންފިލުވަން އިތުރު ސުވާލެއް ކުރާކަށް އަހަންނަކަށް ނުކެރުނެވެ.

ޖެހިގެން އައި ދުވަހު ނީލާއާ އެކު ގިނަ ވަގުތުތަކެއް ހޭދަކުރި ނަމަވެސް އެ ވާހަކައެއް އަހަރެން ނުދައްކަމެވެ. ނީލާ ވެސް އެކަމާ ބެހޭ ގޮތުން އިތުރު ވާހަކައެއް ނުދައްކައެވެ. ގޭތެރެއިން އާތިފެއް ނުދެކެމެވެ.

****

ނިދިފައި އޮއްވާ ކުއްލިއަކަށް ހޭލެވުނީ މީހަކު ގައިގާ ބީހޭހެން ހީވެގެންނެވެ. ކައިރީގައި އޮތީ އާތިފެވެ. ފަނޑުއަލީގައި އޭނާ ފެނުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ.

"އާތިފް ކީއްވެ ނުގޮވީ. ކޮބާ ނީލާ،" ހޭލެވުމާ އެކު އަހަރެން ކުޑަކޮށް ދުރަށް ޖެހިލީމެވެ.

އާތިފް އޮތީ ހަމައެކަނި ސޯޓެއް ލައިގެންނެވެ. އޭނާގެ ތަނަވަސް މޭމަތި އޮތީ ހާމައަށެވެ.

"ނީލާ އަންނާނީ ހެނދުނެއްނު. އޭނާ ގުޅާނެ އަންނަންވީމާ،" ވައިއަޑުން އަހަންނަށް ޖަވާބު ދިނުމަށް ފަހު އޭނާ އަނެއްކާ ވެސް އަހަންނާ ގާތް ވެލިއެވެ. އޭރު ގަޑިން މެންދަމު 12 ޖަހަނީއެވެ.

އެންމެ ފަހުން އާތިފް އަހަރެމެންގެ ކޮޓަރިއަށް އައި ފަހުން ނީލާ ނައޓް ޑިއުޓީ ހަދާ މިއީ ފުރަތަމަ ދުވަހެވެ.

ފާއިތުވި ދެތިން ދުވަހު އާތިފް އަހަންނާ ދުރުގައި ހުރެފައި މިރޭ ކުއްލިއަކަށް މާ ލޯބިން އުޅެން ފެށުމުން އަހަންނަށް ވަރަށް އުދަނގޫވި އެވެ. އޭނާގެ އަތް އަހަރެންގެ ފުރަގަހުން އިސްތަށިގަނޑުގެ ދަށުން ކަނދުރާގައި ހިފަހައްޓާލިއެވެ. މަޑުމަޑުން ކައިރިއަށް ދަމާލައި މޫނުގައި ބޮސްދެން ފެށިއެވެ. ހީވަނީ ލައިނުގަނެގެން އުޅޭ ހެންނެވެ. އޭނާގެ ހަރަކާތްތައް އަވަހެވެ.
"މަޑުކޮއްބަ! ކީއްވެތަ އަހަން....."

އަހަރެންގެ ޖުމްލަ ފުރިހަމަކުރާކަށް އާތިފް ފުރުސަތެއް ނުދެއެވެ. އޭނާ ހުރީ އެއަށް ވުރެ ބޮޑަށް ކަރު ހިއްކައިގެންފައެވެ. ކޮންމެވެސް ވަރަކަށް އަހަރެން ގަދަ ދެއްކީމެވެ. ކަންކަން އޮޅުންފުލިވަން މަސައްކަތް ވެސް ކުރީމެވެ. ނަމަވެސް އާތިފް އެކަމަކަށް އިޖާބައެއް ނުދެއެވެ. އަޑުގަދަވެއްޖެ ނަމަ ނީޝް ހޭލަފާނެތީ ޒުވާބެއް ފަށަން އަހަރެން ބޭނުމެއް ނޫނެވެ. އެހެން ކަމުން މަޑުން އޮތުމަށް އަހަންނަށް ވެސް މަޖުބޫރުވީއެވެ. އާތިފް ހަމަނޭވާލީ ވެސް ހަށިގަނޑުގެ ވަރު ދޫވުމުންނެވެ. އޭނާ ބޭނުން ހުރިހާ ކަމެއް ކޮށް ނިމުމުންނެވެ. އަހަރެން ވެސް އޮތީ އިތުރަށް ބަހެއް ބުނެވޭ ހާލަތެއްގައެއް ނޫނެވެ. ދެލޯ އޮތީ ގާތްގަނޑަކަށް މެރިފައެވެ. މުޅި ހަށިގަނޑު އޮއްދާ ހިއްލާ ފޯވެފައެވެ. ވަރުބަލި ފިލުމުން އާތިފްއާ ވާހަކަ ދައްކާނީއެވެ. ކުއްލިއަކަށް ހޭލެވުނީ ނީޝް ރޯ އަޑަށެވެ. ވަރުބަލިވެގެން އަހަންނަށް ނިދުނީއެވެ. އާތިފެއް ނެތެވެ. އަވަސް އަވަހަށް ކައިރީގައި އޮތް ޓީޝާޓް ބޮލަށް މޮހާލައިގެން ނީޝް ހުއްޓުވޭތޯ އަހަރެން މަސައްކަތް ފެށީމެވެ.

"އޯ! ބޭބީ. ކިހިނެއްވީ. ތިއްތަގެ ފުއްގަނޑު. ހުއްޓާލާ. ހުވަފެނެއް ފެނުނީތަ؟" ނީޝް މަސ ލަސްކުރެވޭތޯ އަހަރެން މަސައްކަތްކުރީމެވެ.

"ބައްޕި ގެއްލުނީ....ދިޔައީ..." ހުއްޓަމުން ކަހަލަ ގޮތަކަށް ނިދީގައި ނީޝް ބުންޏެވެ.

ހީވާ ގޮތުން އޭނާ އަށް ހުވަފެނެއް ފެނުނީނެއެވެ. ހުވަފެނުގައި އޭނާ އެކަނިކޮށްފައި އާތިފް ކޮންމެ ވެސް ތަނަކަށް ދިޔަ މަންޒަރު ފެނުނީ ކަމަށް ވެދާނެއެވެ. އޭނާ ބުނަން އުޅުނު ޖުމްލައިން އަހަންނަށް ދޭހަވީ އެފަދަ ހުވަފެނެއް ފެނުނީ ކަމަށެވެ. އާންމު ގޮތެއްގައި ނިދުމަށް ފަހު އޭނާ ހޭލާނީ ހެނދުނެވެ. މަދު ރެޔަކު ހީސްލަން ނެގިޔަސް އާންމު ގޮތެއްގައި އޭނާ ރޭގަނޑު އެއްގޮތަކަށް ވެސް ނުހޭލާނެއެވެ. ކައިރީގައި އޮތް ފެންފުޅި ނަގައި އަހަރެން ނީޝްގެ ތުނބުގައި ޖެއްސީމެވެ. ވަރަށް ނުބޯން އުޅެފައި ވެސް އޭނާ ރުއިން ހުއްޓާލުމަށް ފަހު، ފުޅީގައި ތުންޖެހިއެވެ. އަދި މަޑުމަޑުން އަހަރެންގެ އަތު ތެރޭގައި ބޮނޑިވެގަތެވެ. އަދި އިސާހިތަކުގައި ނިދައިފިއެވެ.

ފަތިސްވާން ވަގުތު އޮތުމުން އަހަރެން ގޮދަޑީގައި އޮށޯތީމެވެ. އިރުކޮޅަކު ފަންކާއަށް ބަލަން އޮތީމެވެ. އެތައް ކަމެއް ހިތަށް އަރާ ފައިބަމުން ދިޔައެވެ. އެ ގޮތުގައި އިރުކޮޅަކު އޮތުމަށް ފަހު ހިތަށް އެރި އެއްޗަކުން ކުއްލިއަކަށް ތެދުވީމެވެ. އަދި ދޮރު ހުޅުވައި ބޭރަށް ނުކުތީމެވެ. ސިޓިން ރޫމަށް ގޮސް ފެން ތައްޓެއް ބޯލުމަށް ފަހު ފުންކޮށް ނޭވާލީމެވެ. އަދި ކުރަން އުޅޭ ކަންތަކާ މެދު ދެ ވަނަ ވިސްނުމަކުން ވިސްނާލީމެވެ.

ކޮންމެ ގޮތެއް ވިޔަސް ހެޔޮ ކަމަށް ނިންމީމެވެ. މަޑުން ހުރެގެން ވެސް ލިބެނީ ހިތާމައެވެ. ދެރައެވެ. ނިކަމެތި ކަމެވެ. މި ފިޔަވަޅު ނެގިޔަސް ކުރިން ލިބުނު ވަރަށް ވުރެ ވަކި ބޮޑު ހިތާމައެއް ނުލިބޭނެ ނޫން ހެއްޔެވެ؟ އެންމެ ބޮޑުވަރުން ވެސް ޖެހޭނީ އެންމެން ދޫކޮށްފައި ދާން ނޫންޔެވެ؟ މިރޭ ކޮންމެ ގޮތެއް ވިޔަސް ހިތުގައި ހުރި ހުރިހާ އެއްޗެއް ބަންޑުންކޮށްލާނަމެވެ. ހުރިހާ ސުވާލަކަށް ޖަވާބު ހޯދާނަމެވެ. އަހަންނަކީ ކުޅޭ ކުޅޭ އެއްޗެއް ނޫނެވެ. ބަނޑުހައިކަން އިހުސާސްވީމާ ކައިގެން ތުން ފުހެން ހުރި މީހެއް ނޫނެވެ. އަހަރެންގެ ވެސް ހިތެއް ވެއެވެ. ވިންދު ޖަހައެވެ. އެ ހިތަށް އަސަރު ވެސް ކުރެއެވެ. ހިތާމަކޮށް ދެރަވާން ވެސް އެނގެއެވެ. ރަނގަޅަށް ނަފްސު ތައްޔާރުކުރުމަށް ފަހު ހަނގުރާމަ އަށް ރެޑީވީމެވެ. ކުރަން އޮތް ހަނގުރާމަ ކިތަންމެހާ ވެސް ބޮޑެވެ. މި ނޫން ގޮތެއް އަހަންނަށް ނެތީއެވެ. މިއީ ވެސް މަރެވެ. އެއީ ވެސް މަރެވެ.

އާތިފްގެ އަމިއްލަ އަތުގައި އެޅި ވަޅި އަދިވެސް އޮތީ ބަދިގެ ސިންކް ކައިރީގައެވެ. އެ ހާދިސާ ހިނގި ފަހުން އެ ވަޅީގެ ބޭނުމެއް އަހަންނެއް ނުކުރަމެވެ. ކަޅި ޖަހާ ނުލައި އެ ވަޅި އަށް އިރުކޮޅަކު ބަލަން އަހަރެން ހުރީމެވެ. އިރުކޮޅެއް ފަހުން ދެތިން ފިޔަވަޅު ކުރިއަށް އެޅުމަށް ފަހު އަނެއްކާ ވެސް ހުއްޓުނީމެވެ. އަތްފައި ހީވަނީ ފިނިވެގެން ގަނޑުވެދާނެހެންނެވެ. މުޅި ހަށިގަނޑު ރޯމަހެއް، އެއްގަމަށް ލުމުން ތެޅޭހެން ތެޅެއެވެ. ކުރަން މިއުޅޭ ކަންތަކާ މެދު ދެ ވަނަ ވިސްނުމަކުން ވިސްނާލީމެވެ. އަހަރެންގެ މި އަމަލުގެ ސަބަބުން ކުޑަ ދަރިޔަކު ބިކަވެދާނެއެވެ. އަންހެނަކު އެކަނިވެރިވާނެއެވެ.

ނީލާ އާއި ނީޝް އަށް ވެދާނެ ގޮތަކާ މެދު، އެ ކުޑަ ހިނދުކޮޅުގެ ތެރޭގައި ވެސް އަހަރެން އެތައް ފަހަރަކު ވިސްނީމެވެ. ނަމަވެސް ފަހަތަށް ފިޔަވަޅެއް އަޅަން ހިތް ކުޑަކޮށް ވެސް އެއްބަހެއް ނުވިއެވެ. އެނބުރި ގޮސް ނިދަން އެތައް ފަހަރަކު ހިތަށް އެރި ވެސް މެއެވެ. ނޫނެކެވެ. މިރޭ މިކަން ނުކޮށްފި ނަމަ އަހަރެން މުޅި އުމުރު ދުވަހު ވެސް ދެން ހުންނަންޖެހޭނީ އާތިފްގެ އަޅެއްގެ ގޮތުގައެވެ. ހަމައެކަނި ސަހުވާނީ އެދުންވެރިކަން ފުއްދައިދޭ ޖާރިޔާއެއް ފަދައިންނެވެ. އެ ގޮތުގައި އުމުރު ދުވަހު ހުންނާކަށް އަހަރެން ބޭނުމެއް ނޫނެވެ. މިރޭ މިކަން ނިންމާނަމެވެ. ހަތިޔާރު ބަހައްޓަން ކުޑަކޮށް ވެސް އަހަރެންގެ ހިތް ނުރުހުމުން، ހުއްޓާލި ފިޔަވަޅު ގަދަކަމުން ކަހަލަ ގޮތަކަށް ނެގީމެވެ. އަދި ކުރިއަށް ހިނގައިގަތީމެވެ.

އެހެން މީހުންގެ ބޭނުންތައް ފުއްދައިދީގެން މި ހުރިހާ ދުވަހަކު އަހަރެން ކުރި މަސައްކަތުގެ އަގެއް ނެތެވެ. ލިބުނު މޮޅެއް އުފަލެއް ނެތެވެ. އެހެން ކަމުން އެންމެ ފަހަރަކު ނަމަވެސް ހަމައެކަނި އަހަރެންގެ ހިތުގެ އަޑު މި ފަހަރު އަހަން އަހަރެން އަޒުމް ކަނޑައެޅީމެވެ. ހިތަށް ފިނިކަމެއް ލިބޭނީ މިކަން ނިންމީ މައެވެ. ވާނެ ގޮތެއް ފަހުން ވެދާނެއެވެ. ދާންޖެހުނީއާ ދާނީ އެވެ. ނޫނީ މުޅި އުމުރަށް އާތިފްގެ ހާދިސާ ސިއްރުވާނެ ގޮތެއް އަހަންނަށް މެދުވެރި ކުރައްވަފާނެއެވެ. ކިރިޔާ އިނގިލި ކުރި ޖެހޭވަރަށް، ވަރަށް މަޑުމަޑުން ނީޝްގެ ކޮޓަރި ހުރަސްކޮށް ނީލާގެ ކޮޓަރިއަށް އަހަރެން އަމާޒު ހިފީމެވެ. ހައެއްކަ ފިޔަވަޅުން ދެވޭހާ އެ ރާސްތާ ވެސް އަހަންނަށް ވީ އެތައް މޭލެއްގެ ދުރުމިނަށެވެ. ވަރަށް ގިނަ އެއްޗެހި ހިތަށް އެރިއެވެ. މުސްތަގުބަލުގައި ވާނެ ގޮތް ހިތުގައި ސިފަކޮށް ކުރެހީމެވެ. މިރޭ އަރާމުގައި ގޮސް ކޮޓަރީގައި ނިދިޔަސް އަހަންނަށް އޮތީ ހިތާމައެވެ. ކުރަން އުޅޭ ކަންތައް ކާމިޔާބު ވެއްޖެ ނަމަ ވެސް އޮތީ އެފަދަ ގޮތެކެވެ. ދުނިޔޭގެ މަލާމާތާއި ރުޅިވެރިކަމެވެ. ނަމަވެސް ޔަގީނުން ވެސް އެއް ކަމެއް ކަށަވަރެވެ. ހިތަށް ފިނިކަމެއް ލިބޭނެއެވެ. އަދި އުމުރު ދުވަހު މި ގޮތުގައި އަނިޔާ ލިބިލިބި ހުރުމަށް ވުރެ އެއް ފަހަރުން ހުރިހާ ކަމެއް ނިންމާލުން މާ ރަނގަޅުވާނެއެވެ.

އަހަރެން މަޑުމަޑުން ގޮސް ތަޅުގައި ހިފީމެވެ. ވަރަށް ސިއްރު ސިއްރުންނެވެ. ވައްކަންކުރަން އުޅޭ މީހެއް ވަދައިން ފިޔަވަޅުގެ އަޑު ވެސް ނީވޭހާ ސިއްރުންނެވެ. ތަޅުލާފައި ހުރެއްޖެނަމަ ދެން ހަދާނެ ގޮތް ވެސް އަހަރެން ކުޑަ ހިނދުކޮޅުގެ ތެރޭގައި ވިސްނީމެވެ. ފްރިޖް ކައިރީގައި، ހޫކްގައި އަޅުވާލާފައި ހުރި ތަޅުދަނޑިފަތީގައި ކޮންމެ ތަޅެއްގެ ވެސް ޑަބަލްކީ އޮވެއެވެ. އެހެން ކަމުން އެތެރެއިން ތަންޑު އަޅުވާފައި ނެތް ނަމަ މިރޭ އަހަރެން ނީލާގެ ކޮޓަރިއަށް ވަނުމަށް ހުރަސް އަޅާނެ އެހެން މީހަކު މި ގެއަކު ނެތެވެ. އަހަރެންގެ މަގުސަދު ހާސިލްވާނެކަމުގެ ފުރިހަމަ އިތުބާރާ އެކު މަޑުމަޑުން ތަޅު އަނބުރާލީމެވެ. އެއްވެސް އަޑެއް ނީވޭހާ ސިއްރުންނެވެ. އާންމުކޮށް އަހަންނަކީ ދިރިއުޅުމުގައި ބަދުނަސީބު މީހެކެވެ. ނަމަވެސް މި ފަހަރު ކުރަން އުޅޭ ކަމެއްގެ ސަބަބުން ކަމަށް ވެސް ވެދާނެއެވެ. ބުނޭ ނޫންހެއްޔެވެ؟ ނުބައި ކޮންމެ ކަމެއްގައި އިބިލީސް ބައިވެރިވާނެއެވެ. ސައިތާނާ އެކަމަށް މަގުފަހި ކޮށްދޭނެއެވެ. މިއީ ބޮޑުވެގެންވާ ފާފައެކެވެ. ނަމަވެސް މީގެ ކުރިން ވެސް އިހުތިޔާރުން ބޭރުގައި އަދި ފަހުން އިހްތިޔާރާ އެކު ވެސް އަހަރެން ކުރީ ވަކި ކުޑަ ފާފަތަކެއް ނޫނެވެ. ނަމަވެސް މިރޭ އަހަންނަށް ހިތްހަމަޖެހުމެއް ލިބޭނެއެވެ.

ތަޅެއް ނުލައެވެ. ކިރިޔާ ބޯ ވަންނަ ވަރަށް އަހަރެން ދޮރު ހުޅުވާލީމެވެ. ނިދާ ބޮކި ދިއްލާފައި ހުރުމުން އެ ފަނޑުއަލީގައި ކޮޓަރިތެރެ ފެންނަވަރެއް ނުވިއެވެ. އެ އައްޔަށް ކުޑަކޮށް ލޯ ހޭނި ތަންތަން ވަކިވާވަރު ވަންދެން އަހަރެން އެ ގޮތަށް ގުޑިވެސް ނުލައި ހުރީމެވެ. މިނިޓެއްހާ އިރު ވަންދެން އެ ގޮތުގައި ހުރުމަށް ފަހު ކިރިޔާ ހަށިގަނޑު ވަންނަ ވަރަށް ދޮރު ހުޅުވާލާފައި، ހަރުފައެއްހާ މަޑުމަޑުން، ސިއްރުން އެތެރެއަށް ވަދެ ދޮރު ލެއްޕީމެވެ.

އެނދުމަތީގައި އާތިފް އޮތީ އަރިއަކަށް ބާލީހުގައި ބައްދާލައިގެނެވެ. އެހެން ނިދާފައި އޮންނަ އިރު ކިހާ މައުސޫމް ހެއްޔެވެ؟ ކިހާ ވަފާތެރި ހެއްޔެވެ؟ ކިހާ ލޯބި ހެއްޔެވެ؟ އެއީ އަހަރެންގެ މީހަކަށް ވީނަމަ ކިހާ އުފާވެރި ހެއްޔެވެ؟ އެ ހަށިގަނޑުގައި ބައްދާލައިގެން ކޮންމެ ރެޔަކު އަހަރެން ނިދާނީއެވެ. ހަގީގަތުގައި ވެސް އަހަންނަށް އާތިފް ދެކެ ހަމަ ރަނގަޅަށް ލޯބި ވެވިއްޖެއެވެ. އޭނާގެ އޯގާތެރި ފިރުމުންތަކަކީ ފިރިހެނެއްގެ ފަރާތުން އަހަންނަށް ލިބުނު އެފަދަ ފުރަތަމަ ބީހުންތަކެވެ. ބޭބެގެ އަނިޔާވެރިކަމުން އިއްފަތްތެރިކަން ގެއްލުނު ކަމުގައި ވިޔަސް ފިރިހެނެއްގެ ކިބައިން ލިބޭނެ އަރާމާއި އުފާ ހާސިލްކޮށްދިން ފުރަތަމަ ފިރިހެނަކީ އާތިފްއެވެ. ޒުވާން އުމުރުގައި އެ އަރާމަށް އަހަރެން ދެވިހިފުވީ އާތިފެވެ. އެހެން ކަމުން އޭނާ ދެކެ އިންތިހާ އަށް ލޯބިވަން އަހަރެންގެ ހިތް އަހަންނަށް މަޖުބޫރުކޮށްފިއެވެ. އޭނާގެ ލޯބީގައި ކޮންމެ ފަދަ ގުރުބާނީއެއް އަދި ކޮންމެ ފަދަ ކަމެއް ކުރަން ވެސް އަހަރެން ތައްޔާރެވެ. ނަމަވެސް އެއީ އަހަންނަށް ހާސިލްކުރެވޭނެ ލޯތްބެއް ކަމަށް އަހަރެންގެ ޒަމީރު ކުޑަކޮށް ވެސް ގަބޫލެއް ނުކުރެއެވެ. ނަމަވެސް ހިތް ބުނަނީ އަހަންނަށް އާތިފް ނުލިބޭ ނަމަ އެހެން މީހަކަށް ވެސް އާތިފް ދެން ނުލިބޭނެ ކަމަށެވެ. އަހަރެންގެ ހަޔާތް ބަރުބާދުވާ ފަދައިން އޭނާގެ މުޅި ދިރިއުޅުން ވެސް ނެތިކޮށްލާނަމެވެ. އަނިޔާ ލިބޭ ހަމައެކަނި މީހަކީ އަހަރެން ކަމުގައި ނުވާނަމެވެ. އަހަރެން އޮހޮރި ކޮންމެ ކަރުނަ ތިއްކެއްގެ އަގު ހޯދާ ނަމެވެ. އެއީ އަހަރެން މިރޭ ނިންމި ގޮތެވެ. އަހަރެން ގޮދަޑި މަތިން ތެދުވީ އެ އަޒުމް ކަނޑައަޅައިގެންނެވެ. އެ ކަމަށް ނިމުމެއް ގެނައުމަށެވެ. އެ އަޒުމް ވަރުގަދައެވެ. ކުޑަ ވެސް ބަދަލެއް ނާންނާނެއެވެ.

އަހަރެން ހަމަ ރަނގަޅަށް ވެސް މިހުރީ މޮޔަވެފައެވެ. މި މޮޔަކަމުގައި ކޮންމެ ފަދަ ކަމެއް ކުރަން ވެސް އަހަރެން ފަހެއް ނުޖެހޭނެއެވެ. އިތުރަށް ވިސްނާކަށް އަހަރެން ބޭނުމެއް ނޫނެވެ. ފަތިސްވުމުގެ ކުރިން އަހަރެން ކުރަން އައި ކަންތައް ކޮން ނިންމަން ޖެހޭނެއެވެ. ވާނެ ގޮތަކާ މެދު ވިސްނާނީ ފަހުންނެވެ. އެ ގޮތުގައި އާތިފްގެ މައުސޫމް މޫނާ ދިމާއަށް ބަލަން އިރުކޮޅަކު އަހަރެން ހުރީމެވެ. ކޮޓަރިއަށް ވަނުމުގެ ކުރިން ތުރުތުރު އެޅި ނަމަވެސް މިހާރު އަހަރެން ކުރަންވީ ކީއްކަން ވަރަށް ރަނގަޅަށް އަހަންނަށް އެނގެއެވެ. މަޑުމަޑު އެނދާ ކައިރިއަށް ޖެހިލީމެވެ. ފައިލާ ކޮޅުގައި އޮތް ބާލިސް ނަގައި ހަމަޖެހިލީމެވެ. އާތިފް ސިއްސައިގެން ގޮސްފާނެތީ ވަރަށް މަޑުމަޑުންނެވެ. އޭނާ ސިއްސައިގެން ގޮސް ހަޅޭލަވައިގެންފި ނަމަ އިރުކޮޅަކަށް ނަމަވެސް އެ އަޑު މަޑުކުރަން މަޖުބޫރުވާނެއެވެ. އެހެން ކަމުން ބާލީހުގެ ބޭނުން ޖެހޭނެކަން މާކުރިން ވެސް އަހަންނަށް އޮތީ ވިސްނިފައެވެ.

- ނުނިމޭ -