ވާހަކަ
ސިލްސިލާ ވާހަކަ
20 މާރޗް 2019 | ބުދަ 11:59
13 ވަނަ ބައި

ނޯޓް: (މިއީ މީގެ އަހަރުތަކެއް ކުރިން މާލޭގައި ހިނގި ހާދިސާތަކެއްގެ މަައްޗަށް ބިނާކޮށް ލިޔެފައިވާ ހިޔާލީ ވާހަކައެކެވެ. މި ވާހަކައިގައި ބޭނުންކޮށްފައިވާ ނަންތަކާއި ތަންތަނާއި ވަގުތުތަކަކީ ވެސް ހިޔާލެކެވެ.)

 

ބޭބެގެ އަމަލުތަކުން އަހަންނަށް ލިބުނީ އަނިޔާއެވެ. ހިތްދަތިކަމެވެ. ނަމަވެސް އާތިފް ތަފާތެވެ. އޭނާގެ އަމަލުތަކުން އަހަންނަށް ލިބުނު ގޯނާއެއް ނެތެވެ. އޭގެ ބަދަލުގައި ދުނިޔެ މަތީގައި މީގެ ކުރިން ދުވަހަކު ވެސް ނުކުރެވޭ ފަދަ އިހްސާސާއި އަރާމެއް އަހަންނަށް ހާސިލްވެއްޖެއެވެ. އޮށްދާ ހިއްލާފައިވާ ހަށިގަނޑު ގުޑުވާލާނެ ހިތްވަރެއް އަހަރެންގެ ނެތެވެ. އާތިފް ވެސް އެ ގޮތުގައި އަހަރެންގެ ހަށިގަނޑާ ހަށިގަނޑު ޖެހި ފިތިގެން އެ ގޮތުގައި އޮތެވެ. އަހަރެން ނުނިދަމެވެ. ވިސްނަމުން ގެންދިޔައީ ދެން ވާނެ ގޮތަކާ މެދުގައެވެ. އެތައް ސުވާލުތަކެއް ހިތަށް އަރަމުން ދިޔައެވެ. ނަމަވެސް ލިބުނު އަރާމާއި އުފާވެރިކަމުގެ ކުރިމަތީގައި އެއީ މިހާރު ބޭކާރު ސުވާލުތަކެއްހެން ހީވާން ފެށިއެވެ.

އެނބުރެމުން ދިޔަ ފަންކާ އަށް ގެއްލިފައި އޮއްވައި ކުއްލިއަކަށް ސިއްސައިގެން ދިޔައީ ބަންގީގެ އަޑަށެވެ. ފަތިސްވީއެވެ. އަވަސް އަވަހަށް ކައިރީގައި އޮތް ބެޑްސީޓް ގައިގާ އޮޅާލީމެވެ. އަހަރެން ތެޅެގަތުމާ އެކު އާތިފް ވެސް ތެދުވިއެވެ. ނަމަވެސް އެއްވެސް ވާހަކައެއް އޭނާ ނުދައްކައެވެ. އަވަސް އަވަހަށް ކައިރީގައި އޮތް އޭނާގެ ސޯޓާއި ޓީޝާޓް ލައިގެން ކޮޓަރިން ނުކުތީ އަހަންނާ ދިމާއާށް ބަލާ ވެސް ނުލައެވެ. ހީވަނީ އޭނާ ލަދުގަތީހެންނެވެ.

އާތިފް ދިއުމުން އަހަރެން ވަނީ ފާހާނާއަށެވެ. ބޭބެ މުޑުދާރު އަމަލު ހިންގި ރޭ ފާހާނާ އަށް ވަދެ އަހަރެން އެތައް އިރަކު ރުއިމެވެ. އަމިއްލަ ބަލިކަށިކަމާ މެދު ދެރަވެ ހިތާމަކުރީމެވެ. ނަމަވެސް މިރޭ އެންމެ ކަރުނަ ތިއްކެއް ވެސް އަހަރެންގެ ލޮލަކުން ނުއޮހޮރެއެވެ. ހިތަކަށް އުނދަގުލެއް ވެސް ނުވެއެވެ. އާތިފް އަހަންނާ ގާތްވި އިރު ހިތަށް ލިބުނު ނުތަނަވަސްކަން ވެސް ފިލާ ގޮސްފިއެވެ. ޝަކުވާއެއް ނެތެވެ. ނީލާގެ ހިޔާލެއް ވެސް ސިކުނޑިއަކަށް ނުވަދެއެވެ. ކަމެއް ގޯސްވެއްޖެ ނަމަ ބައެއްގެ ދިރިއުޅުން ހަލާކުވެދާނެކަން ހިތަށް ވެސް ނާރައެވެ. އެކަމާ ވިސްނާކަށް ވެސް އަހަރެން ބޭނުމެއް ނޫނެވެ.

ފެންވަރައިގެން ނުކުމެ އާދައިގެ މަތިން އަހަރެން ދިޔައީ ބަދިގެއަށެވެ. ރޭ ވެދިޔަ ކަންތައްތަކާ މެދު އިތުރަށް ވިސްނާކަށް އަހަރެން ބޭނުމެއް ނުވިއެވެ. އެއަށް ވުރެ ހިތަށް ލިބުނު ފިނިކަމާއި އުފާވެރިކަން މާ ބޮޑެވެ. ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވީ އެތައް ދުވަހެއް ފަހުންނެވެ. އެ ހިނިތުންވުން އަބަދު ދެމި ހުންނާނެ ނަމަ ކިހާ ރަނގަޅު ހެއްޔެވެ؟ އެ އުފާވެރިކަން ދުވަހަކު ވެސް އަހަންނާ ބީނުވާނެ ނަމަ ކިހާ ރަނގަޅު ހެއްޔެވެ؟ އެއީ ކޮންމެ ރެޔަކު އަހަންނަށް ލިބޭނެ އުފަލެއް ނަމަ ކިހާ ރަނގަޅު ހެއްޔެވެ؟ ނަމަވެސް ދެން އާތިފް އަހަރެން ކައިރިއަކަށް ނާންނާނެއެވެ. އޭނާ ބޭނުން ކަންތައް ވެއްޖެއެވެ. އޭނާ ވެސް ބޭނުންވީ ނަފްސުގެ އެދުންވެރިކަން ފިލުވާލުމަށެވެ. ބޭބެ ފަދައިންނެވެ. އެކަން ވެ ނިމުނީއެވެ. އަހަރެން އެކަނިވެރިވީއެވެ. އެހެނަސް ފަރުވާލެއް ނެތެވެ. ރޭގެ އުފަލަކީ ދިރިއުޅުމުގެ ހުރިހާ ހިތާމަތައް ފަނޑުކޮށްލާވަރުގެ އުފަލެކެވެ. އަރާމެކެވެ. މި ހުރިހާ ދުވަހު ލިބެމުން ދިޔަ އަނިޔާތަކަށް ސިފާއެކެވެ. އާތިފް އެދިޔައީ އަހަރެންގެ ޒަހަމްތަކުގައި މަލަން އަޅައިދީފައެވެ.

***

އަހަރެން ހެނދުނު ނާސްތާ ތައްޔާރުކުރުމުގެ ތެރޭގައި އުޅެނިކޮށް ނީލާ އައިސް ވަނެވެ. އޭގެ ކުރިން އާތިފް ވީ އޮފީހަށް ގޮހެވެ. ނީލާ ބަލައި ދިޔައީ ސައި ވެސް ނުބޮއެވެ. އެހެންވެ އަހަރެން ހީކޮށްގެން ހުރީ ނީލާއާ އެކު އޭނާ ސައިބޯން އަންނާނެ ކަމަށެވެ. ނަމަވެސް ނީލާއާ އެކު އާތިފެއް ގެއަކަށް ނުވަދެއެވެ. އަނެއްކާ ކިހިނެއްވީބާއެވެ؟ އޭނާ ރުޅި އައީ ހެއްޔެވެ؟ ނޫނީ އަހަރެން ދެކެ ފޫހިވީ ހެއްޔެވެ؟ ނީލާ އަށް އެނގިދާނެތީ ނޫނީ އަހަރެން އެ ވާހަކަ ދައްކަފާނެތީ އޭނާ ބިރުގަތީބާއެވެ؟

އާތިފްއާ ނާޖާއިޒް އެއްވެސް ގުޅުމެއް ބޭއްވުމަކީ އަހަރެން ބޭނުންވާ ގޮތެއް ނޫނެވެ. ނަމަވެސް އޭނާ ގަދަކަމުން ދިން އަނިޔާ އަހަރެންގެ އެތެރެ ހަށި މުޅިން ކައްކުވާލައިފިއެވެ. ހިއްސުތައް ހޭލައްވާލައިފިއެވެ. ދުވަހަކު ވެސް ނުލިބޭ އުފަލާއި އަރާމާއި ނުކުރެވޭ އިހުސާސެއް ކުރުވައިފިއެވެ. އަބަދާ އަބަދުމެ އެ "އަނިޔާވެރިކަމަށް" ބޭނުންވާން ފަށައިފިއެވެ. ކަރުހިއްކައިގެންފިއެވެ. އޭނާގެ އެ "އަނިޔާވެރި" ފިރުމުންތަކަށް އަހަރެން ފެން ބޮވައިގެންފިއެވެ. އެކަނިވެ، ލޯމަރާލާ ކޮންމެ ފަހަރަކު ހީވަނީ އާތިފް އަހަރެންގެ ތުންފަތުގައި ދަތް އަޅާ ބާރުކޮށްލާ ހެންނެވެ. އޭނާގެ ދަތްތައް ޖެހޭ ކޮންމެ ހިނދެއްގައި އަހަރެންގެ ހަށިގަނޑު ރޫރޫ އަޅައިގެން ދެއެވެ. ޖަނަވާރެއް ފަދައިން ނޮޅާ ކަމުން ދިޔަޔަސް އަހަންނަށް ލިބުނީ އަރާމެވެ.

މިއަދު އެއްގޮތަކަށް ވެސް އާތިފް ގެއަކަށް ނާދެއެވެ. ހިތަށް ކެތް ނުވެގެން ނުސީދާ ގޮތެއްގައި ނީލާއާ ސުވާލު ވެސް ކޮށްފީމެވެ. ނަމަވެސް އެދެވިގެން ޖަވާބެއް ނުލިބުނެވެ. އިރުއޮއްސުމާ އެކު އަހަރެން އިންތިޒާރުކުރަމުން ދިޔައީ އަވަހަށް ނިދަން ދެވޭނެ އިރަކަށެވެ. އޭރު އާތިފް އަންނާނެއެވެ. އަހަރެންގެ އުފާވެރި ވަގުތުކޮޅު އަންނާނެއެވެ.

ރޭގަނޑު ކާކަށް ވެސް އާތިފެއް ނާދެއެވެ. އަހަރެން އިންތިޒާރުގައި ވަރަށް ގިނައިރު އިނނީމެވެ. ނަމަވެސް 11 ޖަހަން ކައިރިވުމުން ކޮޓަރިއަށް ވަނީމެވެ. ރީއްޗަށް ފެންވަރާ ނަލަ ހެދުނީމެވެ. ގަޔަށް އެންމެ ދޫ ޓީޝާޓް ލައިގެން ގޮދަޑީގައި ފޮތް ހިފައިގެން އޮށޯތީމެވެ. އެތެރެ ހުސްކޮށެވެ. އަލަތު ކައިވެނީގައި ފިރިމީހާއަށްޓަކައި ތައްޔާރުވާ އަނތްބެއް ފަދައިންނެވެ.

ފޮތަކީ ބަހަނާއެކެވެ. ދަންވި ދަންވިހެން އަހަރެންގެ ހިތުގެ ވިންދު އަވަސްވިއެވެ. ހީވަނީ ދެންމެ ދެންމެ ތަޅު އަނބުރާލުމަށް ފަހު ކޮޓަރިއަށް އާތިފް ވަދެދާނެހެންނެވެ. ކުރިން ބޭބެ އައިސްދާނެތީ ބިރުން ތަޅަށް ބަލަހައްޓައިގެން އެތައް އިރަކު އަހަރެން އިންނަމެވެ. އަދިވެސް ހަމަ އެ ގޮތުގައި އަހަރެން އޮތީ ތަޅަށް ބަލަހައްޓައިގެންނެވެ. ނަމަވެސް ބިރަކުން ނޫނެވެ. ކެތް މަދުވެފައި، އިންތިޒާރެއްގައެވެ. އަހަރެންގެ ރޭގަނޑުގެ ރަސްގެފާނު އަންނާނެ އިރަކަށެވެ.

އެހެން އޮވެވުނީ ކިހާ އިރަކު ކަމެއް ވެސް ނޭނގެއެވެ. ހޭލެވުނީ އާތިފް އައިސް ގޮވާ އަޑަށެވެ. ނޫނެކެވެ.

" އާތިފް..." ގޮވީ އާތިފް ކަމަށް ހީވިޔަސް އެއީ ނީލާއެވެ. ނީލާގެ އަޑަށް ކުއްލިއަކަށް އަހަންނަށް ތެދުވެވުމާ އެކު ބޭއިޚްތިޔާރުގައި އަހަރެންގެ އަނގައިން ބޭރުވީ އާތިފްގެ ނަމެވެ.

"ކީކޭ ތިކިޔަނީ؟ ކާކަށް ތިގޮވަނީ؟ ހުވަފެނުގަތަ؟" ނީލާ ހުރީ ދޮރުމަތީގައެވެ.

ބަންގީގެ އަޑަށް ވެސް އަހަރެން ހޭނޭރީތާއެވެ. ނީލާ އަށް އަހަރެން ބުނި އެއްޗެއް ރަނގަޅަށް އަޑު ނީވުނީއެވެ. ނަސީބެކެވެ. އެހެން ނޫން ނަމަ ބުޅާ ގޯނިން ބޭރުވާނެއެވެ. ނިދީގައި އަހަރެން އާތިފަށް ގޮވަންޖެހޭ ސަބަބު ނީލާއަކަށް ނުވިސްނޭނެއެވެ. އޭރު ގަޑިން 7 ޖަހަނީއެވެ. އަހަރެން އަވަސް އަވަހަށް ތެދުވު ފާހަނާއަށް ވަނީމެވެ.

***

ދެ ދުވަސް ފާއިތުވެގެން ދިޔައީ އެގޮތުގައެވެ. ވާހަކަ ދައްކާނެ ފުރުސަތެއް އާތިފް އަހަންނަކަށް ނުދެއެވެ. ފުރަތަމަ ދުވަހު އަހަރެން އެކަމަށް މަސައްކަތް ކުރީމެވެ. ނަމަވެސް އޭނާގެ ވާހަކަތަކުންނާއި ހަރަކާތްތަކުން އެ ދަންވަރުގެ ހާދިސާގެ ވާހަކަ ދައްކަން އޭނާ ބޭނުން ނޫންކަން އަހަންނަށް އިހުސާސްވުމުން ހުއްޓާލީއެވެ. އެއީ ނުވާކަމަކަށް ހަދަން އަހަރެންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރީމެވެ. ނަމަވެސް އެކަނިވާ ކޮންމެ ހިނދެއްގައި އަނެއްކާ ވެސް ކަރުނަ އަޅާ ރޯންޖެހުނެވެ. ހިތާމަކުރަމެވެ. އާތިފް އަހަރެން ކައިރިއަށް އައީ އެންމެ ބޭނުމެއްގައިތޯ ހިތާ ސުވާލުކުރެވެއެވެ. އެކަން ނިމުމުން އޭނާ ވެސް މޫނު އަނބުރާލީއެވެ. އަހަރެންގެ ހަށިގަނޑުގެ އެއްވެސް އަގެއް ނެތެވެ. ބޭބެ ފަދައިން އާތިފް ވެސް މި ހަށިގަނޑު ބޭނުންކުރީ އަމިއްލަ ޝަހުވަތްތެރިކަމުގެ އެދުން ފުއްދުމަށެވެ. އެއީ ލޯތްބެއް އަދި ކުލުނެއް ވެސް ނޫނެވެ.

****

"އާތިފް! މޮޔަވަނީތަ؟ ތިހެން ނުހަދަބަލަ" ވަރަށް ބާރަށް މީހަކު ހަޅޭލަވާ އަޑަށް އަހަރެން ކޮޓަރިން ނުކުތީމެވެ.

ކަމަކުދާކަށް ނެތެވެ. އާތިފް ހުރީ ބަދިގެ ތެރޭގައި ވަޅިއެއް ހިފައިގެންނެވެ. އޭނާ އެ ވަޅިން އަމިއްލަ އަތުގައި އަޅަނީއެވެ. ނަމަވެސް މަޑުމަޑުންނެވެ. ނީލާ ހުރީ އޭނާއާ ކައިރިވާން ނުކެރިފައެވެ. އަހަރެން ފެނުމާ އެކު އާތިފްގެ އަތުން ވަޅި ދޫވިއެވެ. އަދި އޭނާ ހުރި ތަނަށް ތިރިވިއެވެ. މޫނުމަތީގައި އަތް އަޅައި ބާރުބާރަށް ރޯން ފެށިއެވެ. އަވަސް އަވަހަށް ފައިންޖަހާ ނީލާ ވަޅި ދުރަށް ލިޔެވެ. އަދި އާތިފްގެ ވަށައިގެން ކަހަލަ ގޮތަކަށް ބައްދާލިއެވެ.

"ދެން ހުއްޓާލަބަލަ. އެއީ އެވަރު ކަމެއް ނޫނޭ. އެއީ އަހަރެން އެހެން ބުނި އެއްޗެއް ނޫން. ޝައްކެއް ނުކުރަމޭ. އެ މަޖަލަކަށް ދެއްކި ވާހަކައެއް،" ނީލާ ވެސް ރޮމުން ބުންޏެވެ. އަހަރެން ހުރީ ދެ މީހުންނާ ކައިރިވާން ވެސް ނުކުރިފައެވެ. އާތިފް ވަޅި ހިފައިގެން ހުރިތަން ފެނިފައި އަހަރެންގެ ހަށިގަނޑު ތުރުތުރު އަޅައިގަތެވެ. ރޯމަހެއްހެން ތެޅޭހެން ތެޅެއެވެ. ފުރަތަމަ ހީކުރީ އޭނާ ނީލާއަށް އަނިޔާކުރަނީ ކަމަށެވެ. ނަމަވެސް އޭނާ އަނިޔާކުރީ ނީލާއަކަށް ނޫނެވެ. އޭނާގެ އަމިއްލަ ނަފްސަށެވެ. ވާނުވާ ނޭނގިފައި ތަންމިނަށް އަނގަ ހުޅުވިފައި އަހަރެން ހުރީމެވެ. ކުޑަކުޑަ ނީޝް އޮތީ ކޮޓަރީގައި ނިދާފައެވެ. އަޑުގަދަވެދާނެތީ އަހަރެން އަވަސް އަވަހަށް ދޮރު ލެއްޕީމެވެ. ނީޝް އަށް ހޭލެވިއްޖެއްޔާ މާގޯސްވާނެއެވެ.

"ދެން ވެސް ބަލަން ނުހުރެ އެހެރަ ބޭސް އަޅާ ފޮށި ގެނެސްދީބަލަ،" ނީލާ ވަރަށް ބާރަށް ހަޅޭލަވައިގަތެވެ.

ދެމަފިރިންގެ ކަމަކަށް ވާތީ އާއި ވެގެން އުޅޭ ގޮތް ވެސް ނޭނގޭތީ އަހަރެން ގަބުވެފައި ހުރީއެވެ. ނީލާ އެހެން ބުނުމާ އެކު ރެކް މަތީގައި ހުރި ފަސްޓްއެއިޑް ބޮކްސް ނެގުމަށް ފަހު ގެންގޮސް ނީލާ އަތަށް ދިނީމެވެ. އަދި ވާނުވާ ނޭނގޭ ހާލު އެ ތަނުގައި ބަލަހައްޓައިގެން ހުރީމެވެ. އޭރު ވެސް އާތިފްގެ ގިސްލުމުގެ އަޑު އިވެއެވެ. އޭނާ އަތުގައި ވަޅި އެޅި ނަމަވެސް މާބޮޑަކަށް ކަފައިގެން ނުދެއެވެ. ކުޑަކޮށް ލޭ ހިލިފައި ހުއްޓެވެ.

އާތިފް ހަމައަކަށް އެޅުވުމަށް ފަހު ނީލާ ބޭސްފޮށި ހުޅުވާލުމަށް ފަހު ގޯސްފޮތިކޮޅެއްގައި ސްޕްރިޓް އުނގުޅުމަށް ފަހު އާތިފްގެ އަތް ގަދަކަމުން ކަހަލަ ގޮތަކަށް ސާފުކުރަން ފެށިއެވެ. އަހަންނަށް ފާހަގަވި ކަމަކީ އާތިފްގެ އަތުގައި އެފަދަ ކިތަންމެ ނިޝާންތަކެއް ހުރި ކަމެވެ. ހީވަނީ ވަކި އަޅުވާފައި ހުރިހެންނެވެ.

"އަހަރެމެން ކޮޓަރި ޑްރެސިން ޓޭބަލް ދޮރު ހުޅުވާލާއިރު އިންނާނީ ރީނދޫކުލައިގެ ފުޅިއެއް. އެއިން ބޭސްގުޅައެއް ހިފައިގެން ވަރަށް އަވަހަށް އާދެބަލަ،"

ނީލާ އެހެން ބުނުމާ އެކު ފަޔަށް ހިނި އަރައިގެން ދުއްވައިގަންނަ ފަދަ ގޮތަކަށް އަހަރެން ކޮޓަރިއަށް ވަނީމެވެ. އަދި ޑްރެސިން ޓޭބަލްގެ އަރިމަތީ ދޮރު ހުޅުވާފައި އެ ތަނުގައި ހުރި ބޭސް ފުޅިތަކުގެ ތެރެއިން ރީނދޫ ކުލައިގެ ފުޅިން ގުޅައެއް ހިފައިގެން އައިސް ނީލާ އަތަށް ދިނީމެވެ. އަދި އަވަސް އަވަހަށް ފެންތައްޓެއް ދިއްކޮށްލީމެވެ.

"އާތިފް ހަމަޖެހިބަލަ. ދެން މި ބޭސް ގުޅަ ކާލައިގެން ހިނގާ ކޮޓަރިއަށް. އެ ވާހަކަ ދެން ފަހުން ދައްކާނީ،" އާދޭހުގެ ރާގެއްގައި ނީލާ ބުންޏެވެ.

އާތިފް އަދިވެސް އިނނީ ދެލޯ މަރައިގެންނެވެ. ނަމަވެސް ނީލާ ވަރަށް މަސައްކަތުން އާތިފަށް އެ ބޭސްގުޅަ ކާންދިނެވެ. އާތިފްގެ ހަށިގަނޑުން ފެންނަނީ ވަރުބަލި ކަމެވެ. ގިސްލުމުގެ އަޑު އިވެއެވެ. ނީލާ ވަރަށް އުދަނގުލުން އާތިފް އެ ތަނުން ނެގިއެވެ. އަދި ނީލާގެ އިޝާރާތައް އާތިފް އެއް އަތް އަހަރެންގެ ކޮނޑަށް ލައިގެން އޭނާ ގެންގޮސް އެނދުމަތީގައި ބޭއްވީމެވެ. ވީ ކިހިނެއްތޯ އަހަން އެތައް ފަހަރަކު އަހަރެން އުޅުނީމެވެ. ނަމަވެސް ދެމަފިރިންގެ ކަމަކަށް ވާތީ އެ ސުވާލު ކުރަން ނުކެރިފައި ހުރެވުނީއެވެ.

- ނުނިމޭ -