ވާހަކަ
ސިލްސިލާ ވާހަކަ
3 ފެބްރުއަރީ 2023 | ހުކުރު 10:14
37 ވަނަ ބައި

(ކުރީ ދުވަހުގެ ބަޔާ ގުޅޭ)

"ސިއްތި ބޮޑުދައިތައާ ގުޅައިގެން އޭނާ އެއްބަސްކުރެވޭތޯ ވެސް މިއަދު ބަލައްޗޭ! މޫސަބޭ ގާތުން ސަލާމަތްވާން އެބަ ޖެހެއެއްނު!" މޫސަބޭގެ ކައިވެނިން މިންޖުވެވިދާނެ ކަމުގެ ކޮޅުމަތި ފެންނަމުން އަންނާތީ ސަލީމާގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް އަންނަނީ ލިބެމުންނެވެ.

މާއިޝާ އިނީ ކޮޓަރީގައެވެ. އޭނާގެ ދެ ލޮލުގައި ވަނީ ކަރުނައިގެ ކޯރެކެވެ. ދެ ލޮލުން އޮހެމުން ދާ ކަރުނައިގައި ވަނީ ހިތިކަމެވެ. ހިތުގައި ޖަހަމުން ދަނީ ހިތާމައިގެ ވިންދެވެ. އޭނާ ދެރަވެ ކަންބޮޑުވަނީ ބައްޕަ އައިސް އޭނާގެ ފޯނު އަތުލީމައެއް ނޫނެވެ. އޭނާ ދެކެން ބޭނުންނުވާ ކުލަތަކެއް ބައްޕަގެ މޫނުމަތިން ފެނުނީމައެވެ. އަހަން ބޭނުންނުވާ ބަސްތަކެއް ބައްޕަގެ އަނގައިން ނިކުތީމައެވެ. މި ވީ ކިހިނެއްކަން އޭނާއަށް އެނގެއެވެ. ދޮންމަންމަގެ މޮޅު ވާހަކަތައް ބައްޕައަށް ގަބޫލުކުރެވުނީއެވެ.

މި ދިމާވި ކަންތަކާމެދު މާއިޝާ ވިސްނިއެވެ. ވިސްނި ވިސްނިހެން ފެންނަނީ އޭނާގެ ކުށެވެ. ކަތި ފިޔަވަޅެއް އެޅިއްޖެކަން ގަބޫލުކުރަން މަޖުބޫރުވިއެވެ. ބައްޕަ އޭނާ އަތަށް ފޯނު ދިނީ ލައްކަ ނަސޭހަތް ދީފައެވެ. އެ ނަސޭހަތްތައް އޭނާއަށް ހަނދާން ނައްތާލެވިއްޖެއެވެ. ނުކުރާން ބުނި ކަމެއް ކުރެވިއްޖެއެވެ. އެއީ އޭނާއަށް ކުރެވުނު ކުށެކެވެ. އެ ކުށަށް އޭނާ އިއުތިރާފުވިއެވެ.

އެނދުމަތީގައި ހުއްޓުން އަރާފައި އިން މާއިޝާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ދެ ލޮލުން ފައިބާފައި ހުރި ކަރުނަތައް ފޮހެލީ ދެން އެ ފަދަ ކަރުނައެއް ފޭބިޔަ ނުދިނުމަށް ކަނޑައެޅި އަޒުމާ އެކުގައެވެ. ކުރިއަށް އޮތް ތަނުގައި ބައްޕަ ނުރުހޭ ގޮތަށް ފިޔަވަޅެއް ނޭޅުމަށް އޭނާ އަޒުމުކަނޑައެޅިއެވެ.

އޮފީހަށް ގޮސް ސޮއިކޮށްލުމަށްފަހު، ޝާހިރު ގޮނޑީގައި ހަމަޖެހިލިއެވެ. އެއަށްފަހު ޖީބުގައި އޮތް ފޯނު ނެގިއެވެ. ހިތުގައި ބިންވަޅުނެގިފައިވާ ފޯނު ނަންބަރަށް ވަރަށް ފަރިތަކަމާ އެކު ގުޅައިލިއެވެ. އުއްމީދެއް އޮވެގެނެއް ނޫނެއެވެ. ރޭ ވެސް އެތައް ފަހަރަކު ގުޅި އިރު ވެސް އެ ފޯނު އޮތީ ނިވާލާފައެވެ. އެހެންނަމަވެސް ހިތަށް ކެތްނުކުރެވިގެން މިއަދު ވެސް އެ މަސައްކަތް ފެށުނީއެވެ.

ފޯނު ކަންފަތުގައި ޖައްސައިގެން ނާއުއްމީދުވެފައި އިން ޝާހިރުގެ މޫނުމަތީގެ ކުލަވަރު ކުއްލިއަކަށް ބަދަލުވެއްޖެއެވެ. މާއިޝާގެ ފޯނު ރިންގުވާން ފެށުމުންނެވެ. އޭނާ އަވަސް އަވަހަށް ގޮނޑީގައި ހަމަޖެހިލިއެވެ. މާއިޝާ ފޯނު ނެގުމުން ދައްކާނެ ވާހަކަތައް ހިތުގައި ރާވާލިއެވެ. މާއިޝާ އުފާވާނޭހައި ގޮތަކަށް ވާހަކަ ބައްޓަން ކުރަން އޭނާ ވިސްނިއެވެ.

އުއްމީދުގެ އަލި އަލިކުލައިން ކުލަޖެހިފައިވާ ޝާހިރުގެ މޫނުމަތީގެ ކުވަރު ބަދަލުވީ، އެތައް އިރަކު މާއިޝާގެ ފޯނު ރިންގުވެފައި ކެނޑުމުންނެވެ.  މާއިޝާ ފޯނެއް ނުނެގިއެވެ. އެހެންނަމަވެސް އެ ވަރުން އޭނާ ހުއްޓައެއް ނުލިއެވެ. އަނެއްކާ ވެސް ގުޅައިފިއެވެ. ތިން ފަހަރު ގުޅުމަށްފަހު ނުނެގުމުން އޭނާ ފޯނު ބޭއްވިއެވެ. މާޔޫސީ ހިތަކާ އެކުގައެވެ. މޭޒުމަތީގައި ދެ އަތުގެ އުޅަނބޮށި ވިއްދާލުމަށްފަހު، ބޮލުގެ އިސްތަށިގަނޑުގައި ދެއަތުން ބާރަށް ހިފައިލިއިރު ހީވީ، ކުށްވެރިއަކީ އެ އިސްތަށިގަނޑުހެންނެވެ.

ހަވީރުގެ ވަގުތެވެ. ވަރުގެ ކޮޅަށް ނަލަހެދިލައިގެން ސަލީމާ ކޮޓަރިން ނިކުތެވެ. އެހެން ދުވަސްދުވަހާ ވަރަށް ތަފާތުކޮށެވެ. ލައިފައި ހުރީ ގަޔަށް ހިފާފައި ހުރި ޖީންސަކާއި ހަމަ އެ ފަދަ ކުރު މައްޗެކެވެ. އެ ކަހަލަ ހެދުމަކަށް ވަރުން އެޅޭ ފަދަ ކިއްސަރެއް ހަށިގަނޑުގައި  ނެތަސް، އޭނާއަކަށް ފަރުވާލެއް ނެތެވެ. މޫނުގައި ޖަހާފައި ފުށާއި ތުންފަތުގައި ހާކާފައި ހުރި ކުލައަށް މޫނާއި ތުންފަތް ވެސް ކުރަނީ މަލާމާތެވެ.

ކޮޓަރިން ނިކުމެގެން ސަލީމާ ހިނގައިގަތީ ދޮރޯއްޓާ ދިމާއަށެވެ. އެ ދިޔަގޮތަށް ގޮސް ދޮރޯށި ހުޅުވާލުމަށްފަހު ނިކުމެ،  ބޭރަށް ބަލައިލިއެވެ. މަގުމައްޗަށް ވެރިވެފައިވާ ހަވީރުގެ ހަލަބޮލިކަން އޭގެ ގޮތުގައި އޮތެވެ. ހިނގާ މީހުންނާއި ދުއްވާތަކެތި ކޮޅުކޮޅަށް ދަތުރުކުރެއެވެ. ސަލީމާ މަޑުކޮށްލީ ދޮރޯށީގެ އެއްފަރާތުގައެވެ. ދޮރުކަނީގައި ލެނގިލިއެވެ. މިއަދު އޭނާ މަގުގެ ދެކޮޅަށް ބަލަނީ ތަފާތު ނަޒަރަކުންނެވެ. މީގެ ކުރިން ބަލާ ނަޒަރަކުން ނޫނެވެ. އެ ނަޒަރާއި ހަރަކާތްތަކުން ފެންނަނީ މީހަކަށް ކުރާ އިންތިޒާރެވެ.

ޖަމިލާ މިއަދު ވެސް ވީ މޫސަބޭމެން ގެއަށް ގޮހެވެ. އޭނާ ދަމުން ސަލީމާގެ ގާތުގައި ވެސް ދާން އެދުނެވެ. އެހެންނަމަވެސް ސަލީމާ މިއަދު ވެސް އެ ކަމާ ދެކޮޅު ހެދީއެވެ. ކުރީ ދުވަހު މޫސަބޭގެ އަމިއްލަ އެދުން ބޮޑޭ ކިޔައިގެން ޖަމީލާ ވާހަކަ ދައްކާފައި އަނެއްކާ މިއަދު ދާން ތެޅިގަތުމުން ސަލީމާ އެ ވާހަކަ ވެސް އޭނާއާ ދިމާއަށް ބުންޏެވެ.

"ބަލަ މިހިރަ ހޭނުޖެހޭ އަންހެން ދަރިޔާ! ސިކުޑީގެ އެންމެ ނާރަކުން ވިސްނައިގެން ކަމަކު ނުދާނެ! ހުރިހައި ކޮޅަކަށް ވެސް ބަލައި ވިސްނަން ޖެހޭނެ! މިކަން ކޮޅެއްގައި ޖެހެންދެން މޫސަބެއާ މި އޮތް ގުޅުން ދަމަހައްޓަން ޖެހޭނެ! އެހެންނޫނީ އޭނާ މި ވާހަކަ މީހަކު ގާތުގައި ދައްކައިގެން، ޣަފޫރުބެއާ ހަމައަށް އަތުވެއްޖިއްޔާ އަހަރުމެން ކަނޑުފައްތާނެއެއްނު! ފުނާއަޅަން އެކަނި ބޭނުންކުރާ ބޮލަކަށް ތި ބޯ ނުހަދަބަލަ! ދެން ވެސް އަވަހަށް ތައްޔާރުވެގެން ހިނގާބަލަ ދާން!"

މި ހުރިހައި ވާހަކައެއް ދެއްކުމުން ވެސް ސަލީމާ ދާކަށް އެއްބަހެއް ނުވިއެވެ. އެންމެ ފަހުން ހިތްހަމަ ނުޖެހިފައި ހުރެ ޖަމީލާ ވީ ގޮހެވެ. ސަލީމާ އެކަމަކާ ހާހެއް ނުވެއެވެ. ކަންބޮޑެއް ނުވެއެވެ. އޭނާގެ ސިކުނޑީގެ ހުރިހައި ކަނެއް މިހާރު ހުސްވެފައި ވަނީ އެންމެ ކަމަކަށެވެ.

މާއިޝާގެ ސޫރަ ޝާހިރުގެ ހިތަކުން ނުފިލައެވެ. ފޯނުން ބައްދަލުވާ ގޮތް ނުވުމުން، މާއިޝާ ފެނޭތޯ އެ ގޭ ދޮށުން ތިން ހަތަރު ބުރު އަޅައިފިއެވެ. އޮފީސް ގަޑީގައި ވެސް އޭނާ ދެ ބުރެއް އެޅިއެވެ. އޮފީސް ނިންމާފައި ގެއަށް ދިޔަ މަގުމަތީގައި ވެސް ބުރެއް އެޅިއެވެ. ހަވީރު ފެންވަރާލައިގެން ވެސް އޭނާ ގެއިން އެ ނުކުތީ، މާއިޝާ ފެނޭތޯ އެ ގޭ ގޮށަށް ގޮސްލުމަށެވެ.

މާއިޝާގެ ޚިޔާލާއި ފިކުރުގައި އިން ޝާހިރަށް މާއިޝާމެންގޭ ދޮރޯށި ދޮށުން އަންހެން ކުއްޖެއްގެ ސޫރަ ފެނިއްޖެއެވެ. އޭނާގެ މޭ ތެޅިގަތެވެ. ފުރަތަމަ ހިތް ބުނީ އެއީ މާއިޝާ ކަމުގައެވެ. އެ ވަގުތު އޭނާއަށް ސައިކަލުގެ ދުވެލި ކުރިއަށްވުރެ ހަލުއިކޮށްލެވުނެވެ. އެހެންނަމަވެސް ސައިކަލުގެ ފުރޮޅަށް އެޅުނީ އެންމެ ހައެއްކަ ބުރެވެ. ހިތުގެ ބަސްމަގު ބަދަލުވެއްޖެއެވެ. އެއީ މާއިޝާއެއް ނޫނެވެ. އެއީ އޭނާއެވެ. ކުރީ ދުވަހު ފެނުނު ސަލީމާއެވެ.

ޝާހިރު ބޭނުންވީ ވަގުތުން ސައިކަލު މަޑުކުރާށެވެ. ސައިކަލު އަނބުރާލުމަށްފަހު، އެނބުރި އައި ކޮޅަށް ދާށެވެ. އޭނާ ސައިކަލުގެ ބުރެތްކަށް ހިފައިލިއެވެ. އޭނާގެ އަމުރަށް ސައިކަލު ކިޔަމަންވެ ބޯ ލަނބައިފިއެވެ. އެހެންނަމަވެސް ހަމަ އެ ވަގުތު އޭނާ ފިކުރު ބަދަލުވެއްޖެއެވެ.

ނޫނެކެވެ! އެނބުރި އައި ކޮޅަކަށް ނުދާނަމެވެ. ދާނީ ކުރިއަށެވެ. އެގޭ ދޮށަށެވެ. ގޮސް ސަލީމާ ގާތުގައި މަޑުކޮށްލާނީއެވެ. ވާހަކަ ދައްކަން އިނދެލާނީއެވެ. އެހެން އިންދާ ފަހަރެއްގައި މާއިޝާ ދޮރޯށި ދޮށަށް ނުކުމެދާނެއެވެ. އެހެންވެއްޖެ ނަމަ އެންމެ ކުޑަމިނުން ފެނިލުމުގެ ނަސީބު ލިބޭނެއެވެ. އެއީ ވެސް ވަރަށް ބޮޑު އުފަލެކެވެ.

ޝާހިރު އަނެއްކާ ވެސް ސައިކަލު ދުއްވާލައިފިއެވެ. އޭނާ ގޮސް ސަލީމާގެ ގާތަށް މަޑުކޮށްލިއެވެ. ސަލީމާއަށް ޝާހިރުގެ ސޫރަ ފެނުމާ އެކު، ލިބުނު އުފަލެއްގެ ބޮޑުކަމުން ދެ ލޯ ބޮޑުވިއެވެ. މޫނުމަތީން އުފާވެރިކަމުގެ ކުލަވަރު ފެނުނެވެ.

"ޝާހިރު!" ސަލީމާގެ ދުލަށް ހަރަކާތެއް އައީ، އެއްޗެއް ނުބުނެވި އިރުގަނޑަކު ޝާހިރުގެ މޫނަށް ބަލާން ހުރެވުނުފަހުންނެވެ. "ތި އައީ ދޯ!"

"އާނ!" ޝާހިރުގެ ހުރިހައި ހިއްސެއް އެދެމުން ދަނީ މާއިޝާގެ ސޫރައަށެވެ.

"ކިހިނެއް؟" ސަލީމާ ކުރިއަށް ފިޔަވަޅެއް އަޅައި ޝާހިރުގެ ސައިކަލުގެ ހުންގާނުގައި ހިފަހައްޓައިލިއެވެ. "ހާދަ އުފާވެއްޖޭ އައިމަ. މަ ހީ ވެސް ނުކުރަން."

"ރަނގަޅު! ސަލީމާ ކިހިނެއް؟"

"ރަނގަޅެއް ނޫން!" ސަލީމާގެ ނަޒަރު އަދި ވެސް ހުއްޓިފައި ހުރީ ޝާހިރުގެ މޫނަށެވެ.

"އެއީ؟"

"އަހަންނާ ދިމާއަށް ބަލައިލާފަ ހީ ވެސް ނުލަމެއްނު! އަހަރެން ފެނުމުން އުފާވާހެނެއް ހިއެއް ނުވޭ."

"މިތާ ތި ހުރީ ކީއްވެ؟" ސަލީމާ ބުނި ވާހަކަ އިވުނުކަމަކަށް ޝާހިރު ނުހެދިއެވެ.

"އިންތިޒާރުގަ. ތި މޫނު ދެކެލާހިތުން."

"ކޮބާ ތިގޭ މީހުން؟" އެ މައުޟޫއަށް އެންމެ ލަފުޒެއް ވެސް އަޅައިލާކަށް ޝާހިރު ބޭނުމެއް ނުވެއެވެ. އޭނާ ބޭނުންވަނީ މާއިޝާ ކޮބައިތޯ ބަލާށެވެ.

"އެކި މީހުން ވީ އެކި ތަނުގަ. އަހަރެން އެކަނި ގޭގަ."

"އެހެންތަ؟"

"އެނގޭތަ އަހަރެން ބޭރަށް ނުގޮސް މި ހުރީ ކީއްވެކަން؟"

"އާނ!" ޝާހިރު ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލިއެވެ.

"ބުނެބަލަ!" ޝާހިރު ހިނިތުންވެލުމުން ސަލީމާގެ ހިތް ފުރި ބަންޑުންވިއެވެ.

"ދާހިތް ނުވީމައެއްނު ނުދާނީ!"

"ނޭނގުނު!"

"އެހެންވިއްޔާ ދާހިތްވިލެއް ބޮޑުކަމުން!"

ޝައުގުވެރިކަމެއް ނެތް ވާހަކަތަކެއްގައި ފަނަރަ ވަރަކަށް  މިނެޓް ޝާހިރު މަޑުކުރިއެވެ. ހަމަ އެންމެ ބޭނުމަކުއެވެ. އެންމެ ސިކުންތަކަށް ނަމަވެސް މާއިޝާގެ މޫނު ފެނިލުމުގެ ނަސީބު ލިބޭތޯއެވެ. އެންމެފަހުން އޭނާ އެތަނުން ނައްޓާލައިފިއެވެ. ދާހިތަކުން ނޫނެވެ. ސަލީމާގެ އުނދަގޫ ބޮޑުވީއެވެ. ލަދެއް ހަޔާތެއް ނެތް ކުއްޖަކަށްވުމުން މަޑުކޮށްލައިގެން އިނދެވޭވަރު ނުވީއެވެ.

"މާދަމާ ވެސް އަންނައްޗޭ!" ސަލީމާގެ އަތުގެ ތެރެއިން ގަދަކަމުން ކަހަލަ ގޮތަކަށް އަތް ދަމައިގެންފައި ޝާހިރު ނައްޓާލުމުން ސަލީމާ ގޮވައިލިއެވެ.

އިރު އޮއްސުމުގެ ވަގުތު ކުޑަތަން ވަނީއެވެ. މާއިޝާ އައީ ޓިއުޝަން ނިންމާފައި އިރު އޮއްސުމުގެ ކުރިން ގެއަށް ވަދެވޭތޯއެވެ. އެހެންކަމުން އޭނާގެ ހިނގުން ވަނީ ތަންކޮޅެއް ހަލުއިވެފައެވެ. ތަންކޮޅަކަށް ދިޔަތަނާ ފެނުނު މީހެއްގެ ސަބަބުން މާއިޝާ ސިހުނެވެ. 

ނުނިމޭ