ލޯބިން
އާމިރު ސަލީމް
1 ޖެނުއަރީ 1970 | ބުރާސްފަތި 05:00

ގޮނޑިމަތީގައި ހުރި ހަނޑޫ ދޮލަނގު ނަގައި އުނގުމަތީގައި ބެހެއްޓުމަށްފަހު ޒައިނާ އަނެއްކާވެސް ހަނޑޫހޮވަން ފަށައިފިއެވެ.

" ޒައިނާ ފިރިމީހާއަށް ކިޔަނީ ޒިޔާމްތަ؟ "

      އޮށޯވެލައިގެން އެއޮތްގޮތަށް ނިހާ ވާހަކަ ދެއްކިއެވެ.

" އާނ! ކިހިނެއްވީ. ނިހާ ދަންނަ މީހަކު އުޅޭތަ ޒިޔާމް ކިޔާ؟ "

      ނިހާގެ މޫނަށް ފަރުވާތެރިކަމާއެކު ޒައިނާ ބަލައިލިއެވެ.

" ވަކި ކަމެއް ވެގެނެއް ނޫން! ހަމަ އަހާލީ. ޒައިނާ ބުނީމެއްނު ފިރިމީހާވީ ރަށުން ބޭރުގައޭ؟ "

ނިހާ ވާހަކަ ދެއްކީ މަޑުމަޑުންނެވެ. އޭރު އެއަޑުގައި ރިހުމެއް އެކުލެވިފައި ހުއްޓެވެ. އެއީ ތާޒާ ޒަޚަމްތަކަކުން އުފެދެމުންދާ ވަރުގަދަ ރިހުމެއްގެ އަސަރު ކަހަލަ އަސަރެކެވެ. ނިހާގެ ވާހަކަ ހުރިގޮތުން ކަންތައްތަކެއް ސިއްރުކުރަން އުޅޭހެންވެސް ހީވެއެވެ.

" އޭނަ އަބަދަކު ރަށުން ބޭރަކު ނޫޅޭނެއެއްނު "

      ޒައިނާގެ ޖަވާބުގައި އެއްވެސް ފަރުވާތެރިކަމެއް ނެތެވެ. ހަނޑޫކޮޅު ހޮވާ ނިންމާލައިގެން ހަނޑޫ ދޮލަނގު ހިފައިގެން ޒައިނާ ތެދުވެގެން ހިނގައްޖެއެވެ.

      ގޭތެރެ ސާފުކޮށް އެނދުތަންމަތި އެޅުމަށްފަހު ޒައިނާ ފެންވަރާލުމަށްޓަކާ ފާޚާނާއަށް ވަދެއްޖެއެވެ. އޭރު ނިހާ ސިޓިންގް ރޫމުގައި އިށީންދެލައިގެން އިނެވެ. ސިޓިންގ ރޫމުގައި ހރީ ހެޔޮވަރު ވަރަކަށް ލަވަޖަހާލާފައެވެ. ވަގުތަކީ އިރު އޮއްސުނު ވަގުތެވެ. އޭރު އަދި ހަވީރު އޮފީހަށް ދިޔަ ގޮތަށް ޒިޔާމެއްވެސް ނާދެއެވެ. އިރުކޮޅަކުން ސިޓިންގ ރޫމްގައި ހުރި ފޯނު ރިންގުވާން ފަށައިފިއެވެ. ދެތިންފަހަރު ރިންގުވީ އިރުވެސް ނިހާ އެކަމަކާ އަޅައެއްނުލައެވެ. ނިހާ ހީކުރީ ފޯނުނަގަން ޒައިނާ އަންނާނެ ކަމަށެވެ.

" ނިހާ! އެފޯނު ނަގާބަލަ! އަހަރެން ފާޚާނަގައޭ މިއުޅެނީ "

      ފާޚާނާގައި އުޅުނު ޒައިނާއަށް މާގިނައިން ފޯނު ރިންގުވާ އަޑު އިވެންފެށުމުން ނިހާއަށް ގޮވާލައިފިއެވެ.\

      ޒައިނާ ގޮވާލުމުން ނިހާ މަޑުމަޑުން ތެދުވެގެން ތަންތަނުގައި އަތްޖައްސަމުން ފޯނުގެ ރިންގުގެ އަޑު އަންނަ ދިމާއަށް މަޑުމަޑުން ދާންފަށައިފިއެވެ. އެކަމަކު ވަރަށް މަސައްކަތުން ނިހާއަށް ފޯނާއި ހަމައަށް ގޮސް ފޯނުގެ ރިސީވަރުގައި އަތްލެވުނުއިރު ފޯނު ކެނޑިއްޖެއެވެ. އެހެންކަމުން ފޯނު ކައިރީގައި ނިހާ މަޑުކޮށްލިއެވެ.

      ފޯނު އަނެއްކާވެސް ރިންގުވާން ފަށައިފިއެވެ. މިފަހަރު ހަމަ ފޯނު ރިންގުވާން ފެށުމާއެކު ނިހާ ފޯނު ނަގައިފިއެވެ.

" ހަލޯ! "

      ފޯނުގެ ރިސީވަރު ނިހާ ކަންފަތުގައި ޖައްސާލިއެވެ.

      ދެތިން ފަހަރަކު ނިހާ ހަލޯއޭ ބުނުމުން ވެސް އެކޮޅެން ޖަވާބެއް ނުލިބުނެވެ. ދެން ކުއްލިއަކަށް އެކޮޅެން ފޯނު ކަނޑާލައިފިއެވެ. އެކޮޅުން ފޯނު ކަނޑާލުމުން ނިހާވެސް ފޯނު ބާއްވައިފިއެވެ.

      އޭރު ފަސްވަރަކަށް މިނެޓް ފަހެވެ. އަނެއްކާވެސް ފޯނު ރިންގުވާން ފަށައިފިއެވެ. އޭރުވެސް ނިހާ ހުރީ އެތަނުގައެވެ.

" ހަލޯ "

      މިފަހަރުވެސް ފޯނު ނެގީ ނިހާއެވެ.

" ކޮބާ ޒައިނާ؟ "

      ނިހާ ހަލޯއޭ ބުނުމާއެކު އެކޮޅުން ވާހަކަ ދެއްކި މީހަކު ސުވާލު ކޮށްލިއެވެ. އެމީހާގެ އަޑުގައި ހުރީ ހަރުކަށި ކަމެެވެ. އެމީހަކު އެ ހަރުކަށިކަން ދައްކަން ބޭނުންވަނީ ކާކަށް ކަމެއް ނޭނގެއެވެ. އެކަމަކު އެނގޭ އެއްޗަކީ އެއަޑު އިވުމާއިއެކު ނިހާއަށް ގޮތްތަކެއް ވެއްޖެކަމެވެ. ހީވަނީ އެކޮޅެން އިވުނު އަޑަކީ ނިހާ ދަންނަ ފަރިތަ އަޑަކަށް ވީހެންނެވެ.

" ކޮބާހޭ ޒައިނާ؟ "

      ދޫ ބަންދުވެ އެއްވެސް އެއްޗެކޭ ނުބުނެވިގެން އުޅޭ މީހަކު ފަދައިން ޙައިރާންކަމުގެ ތެރޭގައި ނިހާއަށް ހުރެވުނީ ކިހާ އިރަކު ކަމެއްވެސް ނޭނގެއެވެ. އެ ޙައިރާންކަމުގެ ތެރޭގައި އޭނާ ހުއްޓާ އެކޮޅުން ވާހަކަ ދެއްކިމީހަކު އޭނާގެ ސުވާލު ހަރުކަށިކަމާއިއެކު ތަކުރާރުކޮށްލައިފިއެވެ.

" ފާޚާނާގައި. "

      ނިހާއަށް ޖަވާބުދެވުނީ ވަރަށް އުނދަގުލުންނެވެ. އެހާމެ ޖެހިލުންވުމާއި އެކުގައިވެސްމެއެވެ. ނިހާ އެބުނި އެއްޗެއް ހަމަ ބުނުމާއިއެކު އެކޮޅުން ވަރަށް ބާރަށް ފޯނު ބާއްވައިފިއެވެ. އެކަމަކު މިފަހަރު ފޯނު ބާއްވާކަށް ނިހާއަކަށް ނޭނގުނެވެ.

      ފޯނު އަތްގަނޑު ބޭއްވުމަށްފަހު ޒިޔާމް ދެއަތުން ބޮލުގައި ހިފަހައްޓާލިއެވެ. ދެން ގޮނޑީގައި ރަނގަޅަށް ލެނގިލުމަށްފަހު ލޯ މަރައިލިއެވެ. ހަށިފުރާ ނޭވާއެއް ދޫކޮށްލިއެވެ.

" ނިހާ! ކިހިނެއްވެފަ ތިހުރީ. ފޯނުކޮށްފަ މީހަކު އެއްޗެކޭ ބުނީތަ؟ "

      ފެންވަރައިގެން ތުވާލިން ބޯހިއްކަމުން ނުކުތް ޒައިނާ ފޯނުގެ ރިސީވަރު މޭގައި ޖައްސާލައިގެން ފާރުގައި ލެނގިލައިގެން ފެންކަޅިވެފައި ުރި ނިހާ ފެނުމުން ޙައިރާން ކަމާއިއެކު ސުވާލުކޮށްލިއެވެ.

" އެކޮޅުން ވާހަކަދެއްކިލެއް ބާރުކަމުން އަހަރެން ހީކުރީ އަރީފް ކަމަށް. އެހެންވެ މާބޮޑަށް ބިރުގަތީ! "

      ފޯނުގެ އަތްގަނޑު ބޭއްވުމަށްފަހު ދެލޯ ފުހެލައިގެން ފާރުގައި ހިފަހައްޓަމުން ނިހާ ހިނގައިގެންފިއެވެ. އެކަމކު ނިހާ އެބުނިހެން ނިހާ ހުރީ ކަމަކާއި ބިރުގެންފަ ނޫންކަން އޭނާ ފެނުނު ކޮންމެ މީހަކުވެސް އެނގޭހާވެއެވެ.

" އެހެންވީޔާ ކާކުތަ ގުޅީ؟ އަރީފުތަ؟ "

      ކޮޓަރިއާއި ދިމާއަށް ހިނގަމުން ދިޔަ ނިހާއާއި ދިމާއަށް ބަލަހައްޓައިގެން ހުރި ޒައިނާ އަނެއްކާވެސް ސުވާލުކޮށްލިއެވެ.

" ޒަިނާގެ ފިރިމީހާ ކަންނޭނގެ "

      ނިހާ ވަރަށް ބާރަށްގޮސް ކޮޓަރިއަށް ވަދެ ކޮޓަރީގެ ދޮރު ލައްޕާލައިފިއެވެ. އަވަހަށް ދާންހަދައިގެން އެތަނުގައި ހުރި ގޮނޑިއެއްގައި އަޅައިނުގަތީވެސް ހަމަ ކިރިޔާއެވެ.

" ތަންކެނޑަށް ބަލައިގެން ވޭޑިފެލަ. ކިރިޔާ ނޫނީ ނިވެއްޓެނެއި. "

      ފާރުގައި ކޮންވެސް އެއްޗެއް ހަރުކުރަން ހަރުގަނޑަށް އަރާހުރި އަރީފް ހަރުގަނޑުން އަރިއަޅާލައިގެން ހަމަ ނުވެއްޓުނީ އަރީފްގެ މަންމަ ހަރުގަނޑުގައި ހިފެހެއްޓި ކަމުންނެވެ.

" އެ ނިހާ ގިނިގޭ މީހުން މައްސަލާއް ޖައްސަލާއް ހެއްތިކެން މަމި ހިންނައި ވަރަށް ބިރުން "

      އަރީފް ހަރުގަނޑުން ފޭބުމުން މަންމަ އަރީފްގެ ކޮނޑުގައި ފިރުމާލިއެވެ.

" އެޒިޔާމަށް ކޮން މައްސަލާއް ޖެއްސޭނެއި. އެ ވޭޑެނީ މަގޭގޮތް ނިއެނގިގެން. އެއްކަމި ވާހަކާއް މަގޮސް އިޔަގެ އަންހެނުން އެކެހި ބެނެލާއް ޖެހޭނެއި. ވަގުތުން ހުށިހައި ކަމަށް ނިމެނި. "

      ވަރަށް ރުޅިއައިސްގެން އަރީފް ނުކުމެގެން ހިނގައްޖެއެވެ.

      ޒިޔާމް އޮފީހުން އައިއިރު ޒައިނާ އިނީ ސިޓިންގ ރޫމުގައި ވާހަކަ ފޮތެއްކިޔާށެވެ. އޭރު ގަޑިން ރޭގަނޑު ނުވައެއްވެސް ޖަހައިފިއެވެ.

" ކައިފިންތަ؟ "

      ޒިޔާމް އައިސް ޒައިނާގެ ކައިރީގައި ހުރި ގޮނޑިއެއްގައި އިށީންދެއްޖެއެވެ.

" މަންމަ އައީމަ މަންމައާއި އެއްކޮށް ކެއީ. ޒިޔާމް ދާންވީނު ކާން. ކާން ހަދާފަ ހުންނާނީ. "

      ހުޅުވާލައިގެން އިން ފޮތުގެތެރެއަށް ނަޒަރު ހުއްޓާލައިގެން އިނދެ ޒައިނާ ވާހަކަ ދެއްކިއެވެ.

" ކާހިތެއް ނެތް. ހިނގާ ކާރު ދުއްވާލަން ދާން. "

      ޒިޔާމް ޒައިނާގެ އަތުގައި އޮތް ފޮތް އަތުލުމަށްފަހު ކުރިމަތީގައި ހުރި ކުޑަ މޭޒެއްގެ މަތީގައި ބާއްވައިފިއެވެ.

" ޒިޔާމް ދޭ! އަހަރެން ވަރަށް ނިދި އައިސްސަ މިހިރީ. "

      ވާހަކަ ދައްކަމުން ދިޔައިރު ޒައިނާގެ މޫނުމަތިން އެއްވެސް އުފާވެރިކަމެއް ފެންނާކަށް ނެތެވެ. ހީވަނީ ކޮންމެވެސް ކަމަކާ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި އިންހެންނެވެ. ނުވަތަ އެތައް ޝަކުވާތަކެއް ހިތުގެ ތެރޭގައި ޖަމާކޮށްގެން އެއަޑުތަައް އިއްވާނެ ގޮތެއް ނޭނގިފައި އިންހެންނެވެ.

" ކަމަކު ނުދާނެ. ގޮސްލާފައި އަވަހަށް އަންނާނީ. މިހާރު ދުއްވާލަން ނުދާތާ ކިހާ ދުވަހެއް؟ "

0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް