ލޯބިން
އާމިރު ސަލީމް
1 ޖެނުއަރީ 1970 | ބުރާސްފަތި 05:00

ނިހާ އަނެއްކާވެސް ވާހަކަދެއްކިއެވެ. ޒައިނާއަށް ގޮވިއެވެ. ހަދަންވީ ކިހިނެއްކަމެއް ނޭނގިގެން އެތައްއިރަކު ވިސްނަން ހުރުމަށްފަހު ޖެހިލުންވެހުރެ ޒިޔާމްގޮސް ނިހާގެ ކޮޓަރިއަށް ވަދެއްޖެއެވެ.

      ދެން ކުޑަކޮށް ހޯދާލުމަށްފަހު ގޮނޑިމަތީގައި އޮތް ތުވާއްޔެއް ހިފައިގެން ގޮސް ކުޑަކުޑަކޮށް ހުޅުވާލައިފައިވާ ފާޚާނާގެ ދޮރުން ބޭރަށް ނެރެފައިވާ ނިހާގެ އަތަށް ދީފިއެވެ.

" ހާދަ އިރަކު ޒައިނާއަށް ގޮވައިފީމޭ. އަޑެއް ނާހަންދޯ! "

      ޒިޔާމް ނިހާގެ އަތަށްލައިދިން ތުވާލީގައި ހިފަމުން ނިހާ ހިނިތުންވެލިއެވެ. ޒިޔާމް އަވަސް އަވަހަށް މޫނު އަނބުރާލިއެވެ. އޭރު ނިހާވެސް ދޮރު ލައްޕާލައިފިއެވެ. ޒިޔާމް ދެލޯ މަރާލިއެވެ. ދެން ދެއަތުން ބޮލުގައި ހިފެހެއްޓުމަށްފަހު ފުން ނޭވާއެއް ދޫކޮށްލިއެވެ. ދެން އަވަސް އަވަހަށް އެކޮޓަރިން ނުކުތުމަށްޓަކައި ހިނގައިގެންފިއެވެ.

      މަންމަ ގާތުގައި ކުޑައިރުކޮޅަކު ވާހަކަ ދައްކާލަން އިނދެފައި ޒިޔާމް ގެއަށް އަންނަން ވާއިރަށް ދާންޖެހޭނޭ ބުނެފައި ޒައިނާ އެގެއިން ނުކުމެއްޖެއެވެ. ޒައިނާއަށް އާދެވުނުއިރު ދޮރުހުރީ ހުޅުވާލައިފައި ކަމުން ގޭގައި ޒިޔާމް އުޅޭކަން ޒައިނާއަށް އެނގިއްޖެއެވެ.

      ދޮރު ހުލެވާލުމަށްފަހު ގެތެރެއަށް ވަދެގެންދިޔަ ޒައިނާއަށް ނިހާގެ ކޮޓަރިއާއި އަރާ ހަމަވެވުނުއިރު ޒިޔާމް އެކޮޓަރިތެރެއިން ނިކުންނަނީއެވެ. ކޮންމެ މީހަކުވެސް އެކަކު އަނެކަކު ފެނުމުން ހުއްޓެވުނީއެވެ. އެކަކު އަނެކަކާއި ދިމާއަށް ބަލާލުން ނޫންކަމެއް ނުކުރެވުނެވެ. އެގޮތުގައި ކުޑައިރުކޮޅެއް ފާއިތުވެގެން ދިއުމަށްފަހު ކުށްވެރިޔަކު ފަދައިން އިސްޖަހާލައިގެން ހުރެ ޒިޔާމް ނުކުމެގެން ހިނގައްޖެއެވެ. ޒިޔާމް ދިޔަގޮތަށްގޮސް އޮށޯތީ އެނދެގައެވެ. އޭނާއޮތީ ކަންތައް ދިމާވި ގޮތުގެ ވާހަކަ ޒައިނާއަށް ކިޔައިދޭނެ ގޮތެއް ނޭނގިފައެވެ. އެކަމަކު އޭރު ޒައިނާގެ ހިތުގައި ވަރުގަދަ އަލިފާންގަނޑެއް ރޯވެގެން އަނދަނީއެވެ. އެއަލިފާނުގެ ހޫނުން މުޅިމީހާ ވިރެމުން ދަނީއެވެ. ޝައްކުތަކާ ސުވާލުތަކުން ހިތްފުރި އުތުރި އަރަނީއެވެ. އެކަމަކު އެއިން ޝަކުވާއެއް އަދި ސުވާލެއްވިޔަސް ދުލުކުރިއަށް ގެނެސް ބޭރުކޮށްލާނެ ހިތްވަރެއް ޒައިނާއަކަށް ނުލިބުނެވެ.

      މަރުވެފައިވާ މައްޔިތަކު ފަދައިން ވަރަށް މަޑުމަޑުން ހިނގާފައި އައިސް ޒައިނާ ކޮޓަރިތެރޭގައި ހުރި ސޯފާއެއްގައި އިށީނދެއްޖެއެވެ. އޭރުވެސް އެއްވެސް މީހަކު އެކަކު އަނެކަކާ ވާހަކައެއް ނުދައްކައެވެ.

" ކޮންތާކުން ތިއައީ؟ "

      ހިމޭންކަމާއިއެކު ކުޑަވަގުތުކޮޅެއް ފާއިތުވެގެން ދިއުމުން ވަރަށް ހިތްވަރުކޮށްލާފައި ޒިޔާމް ސުވާލުކޮށްލިއެވެ.

" މަންމަމެން ގޭން "

      ޒިޔާމްގެ ސުވާލަށް ޒައިނާ ޖަވާބުދިނެވެ. ޒިޔާމްއާއި ދިމާއަށް ބަލާވެސްނުލާ އިނދެގެންނެވެ. މަޑުމަޑުންނެވެ. އެއަޑުގައިވަނީ ފޫހިކަމެވެ.

" މަންމަ ބަލިވީތަ؟ "

      ޒިޔާމް އަނެއްކާވެސް ކޮށްލީ ސުވާލެކެވެ. ޖަވާބު ދިނުމުގެ ގޮތުން ޒައިނާ ބޯޖަހާލިއެވެ. އޭރު ޒައިނާ އިނީ ސީލިންގއާއީ ދިމާއަށް ބަލަހައްޓައިގެންނެވެ.

" އަހަރެންނާއި ދޭތެރޭގަ ނުބައި ގޮތަކަށް ހީނުކުާނެކަމަށް އުއްމީދު ކުރަން. ޒައިނާގެ ފަރާތން އަހަރެންނަށް ފެންނަން ނޭދޭ އެއްވެސް ކަމެއް އަހަރެންގެ ފަރާތުން ޒައިނާއަކަށްވެސް ނުފެންނާނެ! "

      ހަމަހިމޭން ކަމާއިއެކު ވަގުތުކޮޅެއް ހޭދަވުމަށްފަހު ފުން ނޭވާއެއް ދޫކޮށްލަމުން ޒިޔާމް އަނެއްކާވެސް ވާހަކަ ދެއްކިއެވެ. އޭރު ޒައިނާ އިނީ ލޯމަރާލައިގެންނެވެ.

      އުޑުމަތިސާފު ހެޔޮވަރަކަށް އަވިދޭ ދުވަހެއްގެ މެންދުރުގެ ވަގުތެވެ. ހެޔޮވަރަކަށް ޖެހެމުން ދިޔަ ވައިރޯޅިތަކުގެ ސަބަބުން އެހޫނު މެންދުރުގެ މެންދުރުގެ ވަގުތުގައިވެސް ފިނިކަމެއް އިޙްސާސް ކުރެވޭހާވެއެވެ.

      ޒައިނާ އިނީ ގޯތިތެރޭގައި ހުރި ބޮޑު ގަހެއްގެ ދޮށުގައި ހުރި ޖޯލިފައްޗެއްގައި އިށީންދެލައިގެން ހަނޑޫ ހޮވާށެވެ. ހީވަނީ މެންދުރުގެ ކެއުމަށް ތައްޔާރުވަނީ ހެންނެވެ. ޖެހިގެން ހުރި ޖޯލީގައި ނިހާވެސް އިނެވެ. ޒައިނާ ހޮވާފައި ބިންމައްޗަށް އަޅާ ކަޅު ހަނޑޫތައް ކާން ކޮތަރުތައް އެނބުރި އެނބުރި ތިއްބެވެ. ހީވަނީ އެސޮރުމެން އުޅެނީ ވަރަށް ބޮޑަށް ބަނޑުހައިވެގެން ހެންނެވެ. ބައެއްފަހަރު އެސޮރުމެންގެ އަޑުން މުޅިތަން އެއްއަޑު ކޮށްލައެވެ.

" ތީ ޒައިނާ ގެންގުޅޭ ކޮތަރުތަކެއްތަ؟ "

      ކޮތަރުތަކުގެ މިޔުޒިކީ އަޑަށް ޝައުގުވެރިކަން ދޫކޮށްލައިގެން އިން ނިހާ ސުވާލުކޮށްލިއެވެ.

" އާނ! "

      ޒައިނާ ކަޅު ހަނޑޫތައް ނަގާ ބިންމައްޗަށް އަޅާލިއެވެ.

އިސްޖަހާލައިގެން ހަނޑޫ ދޮލަނގަށް ބަލަހައްޓައިގެން ހަނޑޫ ހޮވަން އިން ޒައިނާ ސިއްސައިގެން ދިޔައީ ބިންމަތީގައި ތިބި ކޮތަރުތައް އެއްފަހަރާ ވަރަށް ބާރަށް އުދުހި ގަތުމުންނެވެ. އެހާ ކައިރިން އެހާ ބާރަށް ހުރިހާ އެއްޗެއް އެއްފަހަރާ އުދުއްސައި ގަތުމުން ބައެއް އެއްޗެހި ދިޔައީ ހަނޑޫ ދޮލަނގުގައިވެސް ޖެހިފައެވެ. ހަނޑޫ ދޮލަނގު ނުވެއްޓުނީވެސް ހަމަ ކިރިޔާއެވެ. ސިއްސައިގެންގޮސް ޒައިނާ ކޮއްލިއަކަށް އިސް އުފުލާލިއެވެ.

" ބައްޕަތަ؟ "

      އޭރު ޒައިނާގެ ބައްޕަ އައިސް އެހިސާބަށް އަރާ ހަމަވީއެވެ. ކޮތަރުތައް އުދުހިގަތީ އެހެންވެގެންނެވެ. ކޮންމެވެސް ޚިޔާލެއްގެ ތެރެއަށް ގެއްލިފައި އިންކަމުން ދޮރާށި ހުޅުވާލާފައި ބައްޕަ ގޯތިތެރެއަށް ވަދެގެން އައިކަންވެސް ޒައިނާއަށް ނޭނގުނީއެވެ.

" މިސްކިތުން އެރިގެން އެމުން ހިތަށް އެރީ އެކާނލޯ ކޮބާތައު ބަލާނެއްޔަރު. ކޮބާ ޒިޔާމް؟ "

      ޒައިނާގެ ބައްޕަ ޖޯލިފަތިން ހުސްކޮށް ހުރި ޖޯއްޔެއްގައި އިށީންދެއްޖެއެވެ. ޒައިނާގެ ބައްޕަ ބުނިއެއްޗެއް ހަމަ ބުނެ ނިމުމާއެކު ލޯމަރާލައިގެން އޮތް ނިހާ ސިއްސައިގެން ގޮސްފައި ކަހަލަ ގޮތަކަށް ލޯ ހުޅުވާލައިފިއެވެ.

" ޒޮޔާމް ހިށީ އޮފީހެ. އަދި ނިއެއި "

      ކުރިމަތީގައި ހުރި ގޮނޑީއެއްގެ މަތީގައި ހަނޑޫ ދޮލަނގު ބެހެއްޓުމަށްފަހު ބައްޕައާއި ދިމާއަށް ޒައިނާ އެނބުރިލިއެވެ. އޭރު އުދުހިގެން ދިޔަ ކޮތަރުތައްވެސް ފަހަރަކު އެއްޗަކުން މަޑުމަޑުން އެނބުރި އަންނަމުން އައިސް ހުރިހާ އެއްޗެއް އެތަނަށް ޖަމާވެއްޖެއެވެ.

" އެކާނލޯ ގެއް ކޫދަކާ ގިނާ ވާހަކަ މަންމާ ތެބެބެނި. މިޔާ އެކޮއްޔާ ކީ؟ "

      ނިހާ ދިމާއަށް ބަލާލަމުން ޒައިނާގެ ބައްޕަ ސުވާލު ކޮށްލިއެވެ.

" ހާނ. ތެނިހާ "

      ޒައިނާ ބައްޕައަށް އޮޅުންފިލުވައި ދިނެވެ.

" ނިހާ ގިނޭއް ގެހެނެއި........"

" ބައްޕާއް އެނގެއި. އެކާނލޯގެ މަންމާ ތެވާހަކަ ކޭއިދެރެފި. މީހަކާއް އެހީވެގެން ދެރަ ގޮތަށް ދިމާއް ނިވޭހެއް "

      ނިހާގެ ވާހަކަތައް އަލުން ޒައިނާ ލައްވާ ކިޔުއްވަން ބައްޕަ ބޭނުން ނުވީ އެކަމުގެ ސަބަބުން ނިހާއަށް އަސަރުތަކެއް ކޮށްފާނެތީއެވެ.

" ބައްޕާ މަޑަކޮށްލަފެލަ. ތެބޭން ޖޫސް ތަށަށް ހަދައިގެން "

" މިކޯ ދެން ކޮށްމެހެން އެއްތައް ހަދާނެ ކަމެއް ނެތް. އިރާދަ ކުރެއްވީ ފަހޭކި މިރެއި އަދި ފަހުން ބޭށުން "

      ޒައިނާ ތެދުވުމުން ބައްޕަވެސް ތެދުވެއްޖެއެވެ. ދެން މިވަގުތު ގޮސްލަނީއޭ ޒިޔާމްއަށް ސަލާމް ބުނާށޭ ބުނެފައި ބައްޕަ ހިނގައިގެންފިއެވެ. ބައްޕަ ދިއުމުން ޒައިނާ އަނެއްކާވެސް އިށީންދެއްޖެއެވެ.

" އަހަރެންގެ ބައްޕަ އެެއީ "

      ގޮނޑިމަތީގައި ހުރި ހަނޑޫ ދޮލަނގު ނަގައި އުނގުމަތީގައި ބެހެއްޓުމަށް ފަހު ޒައިނާ އަނެއްކާ ވެސް ހަނޑޫހޮވަން ފަށައިފިއެވެ.

" ޒައިނާ ފިރިމީހާއަށް ކިޔަނީ ޒިޔާމްތަ؟ "

      އޮށޯވެލައިގެން އެއޮތްގޮތަށް ނިހާ ވާހަކަ ދެއްކިއެވެ.

" އާނ! ކިހިނެއްވީ. ނިހާ ދަންނަ މީހަކު އުޅޭތަ ޒިޔާމް ކިޔާ؟ "

      ނިހާގެ މޫނަށް ފަރުވާތެރިކަމާއެކު ޒައިނާ ބަލައިލިއެވެ.

0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް