ވާހަކަ
ސިލްސިލާ ވާހަކަ
20 އޮކްޓޯބަރ 2021 | ބުދަ 17:03
16 ވަނަ ބައި

"ކާރަކުން ނުނީގެއައި؟ ކޮބާ ޒިޔާމް؟"

ޒައިނާ އެއްވެސް އެއްޗެކޭނުބުނެ އެތެރެއަށް ދާންފެށުމުން މަންމަ ތެދުވެއްޖެއެވެ. އެކަމަކު މަންމަ ދެއްކިވާހަކައަކަށްވެސް އަދި އެހެން ކަމަކަށްވެސް އެއްވެސް އަޅާލުމެއްނެތި ދުވެފައިކަހަލަ ގޮތަކަށް ޒައިނާ ކޮޓަރިއަށް ވަދެއްޖެއެވެ.

ޒައިނާ އެގޮތައް ކަންތައް ކުރުމުން މަންމައަށް ކުރެވުނު ހީ ޔަޤީނަކަށް ބަދަލުވެއްޖެއެވެ. ޒައިނާގެ މި އައުމަކީ ތަފާތު އައުމެކެވެ. އެހެންވެ ޒައިނާގެ ފަހަތުން މަންމަވެސް ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. ކޮޓަރިތެރެއަށް ވަނުމާއިއެކު ޒައިނާގޮސް އެނދުމައްޗަށް ވެއްޓިގަނެ ރޯންފަށައިފިއެވެ. މަންމަ އެންމެބޮޑަށް ހާސްވީ ޒައިނާ ރޯން ފެށުމުންނެވެ. އެންމެފުރަތަމަ ޒައިނާގެ މަންމަނިންމީ ޒިޔާމް ކޮންމެވެސް އެއްޗެކޭ ކީ ކަމަށެވެ. ނުވަތަ ދާންބުނީކަމަށެވެ. އެހެންވެ މަންމަ ގަސްތުކުރީ ޒިޔާމްއަށް ގުޅައިގެން ވީގޮތް އޮޅުންފިލުވާށެވެ. އެހެންނަމަވެސް ކުޑަކޮށް ވިސްނާލުމަށްފަހު މަންމަގެ ޚިޔާލު ބަދަލު ކޮށްލިއެވެ. އެއީ ޒައިނާކުރެން ވީގޮތެއް ސާފުނުކޮށް ޒިޔާމްއަށް ގުޅައިގެން އުޅެންހަދައިގެން މައްސަލަތަކެއް އުފެދިދާނެކަމަށް ހީކޮށްފައެވެ.

"ޒިޔާމް އެބޭއްކެއި ބެނީއާ؟ ވެގެން ހިގާ ގޮތަށް މަންމާ އެކަހި ބެނަފެލަ؟"

ޒައިނާގެ ކައިރީގައި އިށީނދެއިނދެގެން ޒައިނާގެ ބޮލުގައި މަންމަ ފިރުމަމުން ގެންދިޔައެވެ. ލޯތްބާއި އޯގާތެރި ކަމާއި އެކުގައެވެ.

"މައަމިއްލާއް އައި."

ބަންޑުން އޮވެގެން ރޮމުންރޮމުން ޒައިނާ ވާހަކަދެއްކިއެވެ.

"ކިޔަންވީ؟"

މަންމައަށް ނުވިސްނުނީ ޒައިނާ އަމިއްލަގޭން ނުކުންނަންޖެހުނު ސަބަބެކެވެ. ހަމައެއްވެސް މައްސަލައެއްނެތި މީހަކު އަމިއްލަގެއިން ނުކުންނަން ޖެހެންވީ ކީއްވެގެން ހެއްޔެވެ.

"ކަމަށް ނިވެއި"

ޒައިނާހީކުރީ ކަމެއް ނުވެޔޭ ބުނެގެން ހުރިހާކަމެއް ހަމަޖައްސައި ލެވޭނެކަމަށެވެ. ހުރިހާ ސުވާލެއްގެ ޖަވާބަކަށް ފުއްދާލެވޭނެ ކަމަށެވެ. އެކަމަކު އެހާވަރުން ދޫކޮށްލާކަށް ޒައިނާގެ މަންމަ ބޭނުމެއް ނުވިއެވެ.

"ޒައިނާސް ތެހީކުރަނީ މަންމާ އަކީ އެއްވެސް އެއްތަށް ނިވިސްނޭ މީހަކާކަމަށްދީ ހަމަ ޒައިނާ ކަމެއް ނިވެރިޔައު ބެނާ ކަލަކަށް ގަބޫލު ކެރާއް. މީގެ ކުރިނަސް ޒައިނާ މިގެއް އެއި ކޮންމެ ފަހަރަކިޔަސް އާސް އެދައްތަ ބަންޑުން ވެއްޓިގެން އޮވެ ގޯވައިނިހަދައި، އަނބަރައި ނިމޭގޮތަށް ގެން ނުކުމެގެނެއް ނިއެއި. އެކަމަކި ހަމަ އަހާހެލަހަށް ތެބެނަނީ ކަމަށް ނިވެއިޔައު."

މަންމަ މަސައްކަތް ކުރަމުންގެންދިޔައީ ވީގޮތެއް ހޯދުމަށެވެ. މަޑުމައިތިރިކަމާއި ކަމާއި އެކުގައެވެ. ދުނިޔެވީ މިފަދަ މައްސަލަތަކުގައި މަންމައަށް ލިބިފައިހުރި ތަޖުރިބާގެ ވިސްނުންތެރި ކަމާއި އެކުގައެވެ.

ގާތްގަނޑަކަށް ދޮޅުގަޑިއެއްހާއިރު ފާއިތުވެގެން ހިނގައްޖެއެވެ. އެކަމަކު އެއިން އެއްވެސް ކަމެއް ޒިޔާމްއަށް އެނގޭހެނެއް ހިއެއް ނުވެއެވެ. އޭރުވެސް ޒިޔާމް އިނީ ގޮނޑީގައެވެ. ޒައިނާ ދިޔައިރުވެސް އިން ތަނުގައެވެ. ޒިޔާމްއަށް ހޭވެރިކަންވީ ކޮންމެވެސް މީހެއްގެ ގޮވުމުގެ އަޑަށެވެ. ޒިޔާމް ފުންނޭވާއެއް ދޫކޮށްލުމަށްފަހު ވަށައިގެން ހޯދާލިއެވެ. އަޑުއިވެނީ ނިހާގެ ކޮޓަރިންނެވެ. ނިހާ ޒައިނާއަށް ގޮވަނީއެވެ. ހީވަނީ ކޮންމެވެސް ކަމަކު ބޭނުންވެގެން ހެންނެވެ. އެކޮޓަރީގެ ދޮރާއި ދިމާއަށް ބަލަހައްޓައިގެން ކުޑައިރުކޮޅަކު އިނުމަށްފަހު ޒިޔާމް ތެދުވެއްޖެއެވެ.

" ޒައިނާ ދީފާނަންތަ ފެންފޮދެއް!"

ބޭރަށް ނުކުތުމަށްޓަކައި ޒިޔާމް ހިނގައިގަތުމާއި އެކު އަނެއްކާވެސް ނިހާގެ އަޑު އިވިއްޖެއެވެ. މިފަހަރު ނިހާ ގޮވީ ފެންފޮދެއް ބޭނުން ވެގެންނެވެ. އެހެންކަމުން ޒިޔާމްއަށް ކުޑަކޮށް ވިސްނާލަން ޖެހިއްޖެއެވެ. ނިހާގެ ގޮވުމުގެ އަޑަށް ވިސްނާވެސް ނުލައި ގެއިން ބޭރަށް ނުކުންނަން ދިޔަ ޒިޔާމްއަށް ވިސްނާލަން ޖެހުނީ ނިހާ ފެންފޮދަކަށް އެދި ގޮވަން ފެށުމުންނެވެ. ގޭގައި އެހެން މީހަކު ނެތުމާއިވެސް އެކުގައެވެ. ކުޑައިރުކޮޅަކު މަޑުކޮށްލައިގެން ހުރުމަށްފަހު ޒިޔާމް އަނބުރާލާފައި ގޮސް ކާކޮޓަރިއަށް ވަދެ ފެންތައްޓެއް ހިފައިގެން އައިސް ނިހާގެ ކޮޓަރީ ދޮރު ހުޅުވާލުމަށްފަހު ކޮޓަރިތެރެއަށް ވަދެއްޖެއެވެ.

"ޢަން ފެންތަށި! ޒައިނާއެއް ގެއަކު ނޫޅޭ. ރަނގަޅުވާނީ ޒައިނާއަށްވެސް އެކަކަށްވެސް ނުގޮވިއްޔާ"

ނިހާ އޮތް އެނދާއި ގާތަށް ޖެހިލުމަށްފަހު ޒިޔާމް ނިހާގެ އަތަށް ފެންތަށި ދިއްކޮށްލިއެވެ. އެކަމަކު ފެންތަށީގައި ހިފަން އަތް ދިއްކޮށްލި ނިހާއަށް ޒިޔާމްގެ އަޑު ކައިރިން އިވުމާއިއެކު ހިފައިފާ ހުރި ފެންތަށި އަތުން ދޫނުވީ ހަމަ ކިރިޔާއެވެ.

"ތީ ޒިޔާމްތަ؟"

ފެންތަށީގައި ހިފުމަށްފަހު މިގެއަށް އައިއްސުރެ ނިހާގެ ހިތުގައި އުފެދެމުން އައި ސުވާލު ދެވަނަ ފަހަރަށް ތަކުރާރު ކޮށްލައިފިއެވެ. ނުކެރުމާއި، ލަދުވެތިކަމާއި ޖެހިލުންވުމާއިއެކުގައެވެ. ޙަޤީޤަތުގައި މިފަހަރު ޒިޔާމް ނިހާއާއި ވާހަކަ ދެއްކިއިރުވެސް ޒިޔާމްގެ އަޑުއިވުމުން ނިހާ އެސުވާލު ކުރާނެކަންވެސް ޒިޔާމްއަށް އެނގެއެވެ.

"އަހަންނެއް ނޭނގޭތަ؟"

ނިހާގެ ސުވާލަށް އެމީހަކު އެއްވެސް ޖަވާބެއް ނުދިނުމުން ވަރަށް އަސަރާއިއެކު ނިހާ އަނެއްކާވެސް ސުވާލުކޮށްލިއެވެ.

"މަށަކަށް ތީ ކާކުކަމެއް ނޭނގެ! އަދި އެނގޭކަށް ބޭނުމެއްވެސް ނުވޭ! އެހެންނުވާނެ "ތީ ޒިޔާމް!"

އެމީހަކު ވާހަކަދެއްކީ ވަރަށް ރުޅިއައިސްގެންނެވެ. އެކަމަކު ޒިޔާމް ބުނި އެއްޗެއް ހަމަ ނިމުމާއިއެކު ނިހާ އަނެއްކާވެސް ވާހަކަދެއްކިއެވެ. އަދި ވާހަކަދައްކަމުން ކުރިއަށް ދިއްކޮށްލި ނިހާގެ އަތުން ޒިޔާމްގެ އަތުގައި ހިފިއްޖެއެވެ.

"ނިހާ! މީހެއްގެ ވިއްޔާ ގޮތެއްވެސް ހުންނަންވާނެ. އަދި މަށަށް ހީވަނީ ކޮންމެވެސް ހައްދެއްގެ ތެރޭގައި ހެން ކޮންމެ މީހަކުވެސް އުޅެން ޖެހޭނީ އަހަންނަކީ ކަލޭ ގެނެސްގެން ގެންގުޅޭ ޒައިނާގެ ފިރިމީހާ."

ޒިޔާމްގެ އަތުގައި ނިހާ ހިފުމުން ޒިޔާމް ރުޅިއައިވަރުން ވަރަށް ބާރަށް ނިހާގެ އަތް ޒިޔާމް ފޮޅާލިއެވެ. ދެން ހަމަ އެހާމެ ބާރަށް ގޮސް އެކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ.

ޒިޔާމް ހަޅޭއްލަވައިގަތުމާއިއެކު ނިހާއަށް ރޮވިއްޖެއެވެ. އެކަމަކު އެއީ ބިރުންކަމެއް ނުވަތަ ނިހާ އެހީކުރާ މީހާ ހަޅޭއްލަވައި ގަތުމުން ދެރަވެގެން ކަމެއް ނޭނގެއެވެ.

ކައިރީގައި ހުރި ކުޑަ މޭޒެއްގެ މަތީގައި ތަށި ބެހެއްޓުމަށްފަހު ނިހާ އެނދުގައި އޮށޯވެލައިފިއެވެ. އޭރު ނިހާގެ ސިކުނޑީގައި އެނބުރެމުން ދަނީ ދެންމެ އިވުނު އަޑެވެ. އެކަމަކު އެއަޑުގެ ވެރިޔަކީ ކާކުކަމެއް ޔަޤީން ކުރާކަށް ނޭނގުނެވެ. އެއީ ޒިޔާމްކަމުގައި ނިހާގެ ހިތް ބުނަމުން ދިޔަނަމަވެސް ޒިޔާމް އެގޮތަށް ކަންތައް ކޮށްފާނެ ކަމަކަށް އޭނާގެ ސިކުނޑިއަކަށް ޤަބޫލެއް ނުކުރެވެއެވެ.

މަގުގެ އެއްފަރާތަކަށް ކާރު ހުއްޓާލުމަށްފަހު ޒިޔާމް ކާރުގެ އިންޖީނުގެ ނިވާލައިފިއެވެ. ޒިޔާމް ހީކުރިވަރަށްވުރެ މައްސަލަ ގޯސްވެއްޖެކަން ޒިޔާމްއަށް ޤަބޫލުކުރެވެން ފަށައިފިއެވެ. ޒައިނާ ދިއުމުން އެންމެ ފުރަތަމަ ޒިޔާމް ވިސްނީ ޒައިނާއަށް އަމިއްލައަށް ވިސްނިގެން އަންނާނެ ކަމަށެވެ. އަދި ޒައިނާ އައުމުން ދެމީހުން ވާހަކަދައްކައިގެން، މައްސަލަތައް ޙައްލުކުރެވޭނެ ކަމަށެވެ. އެކަމަކު ޒައިނާއާއި ވަކިން މިހޭދަ ކުރެވުނު އެންމެ ފަސްވަރަކަށް ގަޑިއިރު ފަސް އަހަރަށްވުރެ ދިގުވެއްޖެކަމަށް ޒިޔާމްއަށް ޤަބޫލުކުރެވެން ފެށުމުން ޒައިނާއަށް ވިސްނިގެން އަންނަންދެން ޒިޔާމްއަށް ޒައިނާއާ ދުރުގައި ނުހުރެވޭނެކަންވެސް ޤަބޫލުކުރެވިއްޖެއެވެ. އެހެންކަމުން ޒިޔާމް ގަސްތުކުރީ ޒައިނާ ބަލައިލާށެވެ.

ގެއިން ނުކުމެގެން ޒައިނާ އައީ ހިތްހަމަޖެހިގެންނެއްނޫނެވެ. އެހެންކަމުން މަންމަމެންގެއަށް އާދެވުނީއްސުރެވެސް ޒައިނާ އިންތިޒާރު ކުރަމުން ދިޔައީ ޒިޔާމް ގުޅާތޯއެވެ. ނުވަތަ ބަލައި އާދޭތޯއެވެ. އެކަމަކު ޒިޔާމްގެ އެއްވެސް ޚަބަރެއްނުވުމުން ޒައިނާ މާޔޫސް ވެއްޖެއެވެ. ދެމީހުން ވަކިވާންޖެހިދާނެ ކަމުގެ ބިރު ހީވެ ލޮލަށް ކަރުނަތައް ޖަމާވާން ފަށައިފިއެވެ. އެކަމަކު ޒައިނާ އަމިއްލައަށް އަލުން ދާކަށް ޒައިނާގެ ހިތެއް ނުރުހުނެވެ. ޒައިނާ ޤަބޫލުކުރަނީ ޒިޔާމް އޭނާ ބަލައި އަންނަންޖެހޭނެ ކަމަށެވެ.

"އެއްކިމި ކުދުކުދު މައްސަލާކާއި ހެދި ހުށިހައި ގުޅުމަށް ކެނޑެނެއި. ގޯސްހެދީއަސް ޒިޔާމް. ޒިޔާމްއަށް މާއި ނިލާއި ވޭޑުވޭ ފެހޭ މަށަސް ވޭނޑުވޭހެއް. ކިތަންމި ގިނަ ދުވަހަށް ވިޔަސް ޒިޔާމް ހޯދާއް ނިޔެނީ ފެހެނާ އަބަރައި ނިޔޭށުން."

ނިދަން ދިއުމަށްޓަކައި މަންމަ ހިނގައިގަތުމުން، ޒައިނާއަށް ރޮވިއްޖެއެވެކޮޓަރީގެ ދޮރުލައްޕާލުމަށްފަހު ޒައިނާގެ މަންމަ އޭނާގެ ކޮޓަރިއާއި ދިމާއަށްހިނގައިގަތްތަނާ ކޮންމެވެސް މީހަކު ދޮރުގައި ޓަކިދޭން ފަށައިފިއެވެ. އެހެންވެ މަޑުމަޑުންގޮސް ބޭރު ދޮރު ހުޅުވާލައިފިއެވެ.

" މަންމަ. ކޮބާޒައިނާ؟ ދޮރުމަތީގައި ހުރީ ޒިޔާމްއެވެ. ޒިޔާމްގެ މޫނުމަތިން ފެންނަންހުރީ ހާސްކަމުގެ އަސަރުތަކެވެ.

ކޮޓަރީގަ! މަންމަ މިހުރީ ވަރަށް ހާސްވެފަ. ތިއުޅެނީ؟ "ޒައިނާގެ މަންމަ ހުރީ ވެގެން އުޅޭގޮތެއް ނޭނގިގެން، ކަންބޮޑުވެފައިކަން މަންމަގެވާހަކައިން އެނގެއެވެ. އެކަމަކު ޒިޔާމްވެސް މަންމަގާތު މާބޮޑުކަމެއް ނުވެޔޭ ބުނެފައި އެތެރެއަށް ވަދެގެންގޮސް ޒައިނާ އޮތް ކޮޓަރީގެ ދޮރު ހުޅުވާލައިފިއެވެ.

ޒިޔާމް ފެނުމުން ދުއްވައިގަނެގެން ޒިޔާމްގެ ކައިރިއަށްދާން ޒައިނާ ބޭނުންވިއެވެ. ހިތްހަމަޖެހެންދެން ޒިޔާމްގެ ކައިރީގައި ހުރެގެން ރޯލަން ބޭނުންވިއެވެ. އެކަމަކު ޒައިނާ ހިތްވަރުކޮށްފައި ހަމައެއިން ގޮތަށް އިނީއެވެ. އެކަމަކު ވަރަށް ހިތްވަރުކުރުމާއި އެކުވެސް ޒައިނާގެ ލޮލަށް ޖަމާވެފައިހުރި ކަރުނަތަކެއް ނުހިފެހެއްޓުނެވެ.

"ހިނގާ ގެއަށްދާން"

ލޮލުން ކަރުނަތަކެއް ފައިބަމުން ނުދިޔަނަމަވެސް ޒިޔާމްވެސް ހުރީ ވަރަށްދެރަވެފައެވެ. އެކަން ޒިޔާމް ވާހަކަދެއްކި ރާގުންނާއި ޒިޔާމްގެ އަޑުންވެސް އެނގޭހާވެއެވެ.

(ނުނިމޭ)