18 ނޮވެންބަރު 2018 | އާދީއްތަ | 05 ނޮރަ
10 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:52
ފަތިސް 04:37


ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ

އެންމެ ފަހުން އަޕްޑޭޓް ކުރީ :5 މަސް ކުރިން

ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ (ޔޫއެސްއޭ) އަކީ އިގްތިސާދީ ގޮތުންނާއި އަސްކަރީ ގޮތުން ދުނިޔޭގައި މި ވަގުތު އޮތް އެންމެ ބާރުގަދަ ގައުމެވެ. ބައެއް ފަރާތްތަކުން ސިފަކުރާ ގޮތުގައި ދުނިޔޭގެ ހަމައެކަނި ސްޕަރ ޕަވަރަކީ ޔޫއެސްއޭ އެވެ. އެމެރިކާގެ ގައުމީ އުފެއްދުންތެރި ކަމުގެ މިންވަރު މުޅި ދުނިޔޭގެ އުފެއްދުންތެރި ކަމުގެ ހަތަރު ބައި ކުޅަ އެއްބައިގެ މިންވަރަށް އަރައެވެ. އަސްކަރީ ބަޖެޓަކީ މުޅި ދުނިޔޭގެ އެހެން ހުރިހާ ގައުމެއްގެ އަސްކަރީ ބަޖެޓް އެއްކޮލުމުން ވާ ވަރާ އެއްވަރުގެ އަދަދެއް ކަމަށް ވެއެވެ. އެމެރިކާ އަކީ މައުލޫމާތު ފެތުރުމާއި މުނިފޫހިފިލުވުމުގެ އުއްފެއްދުންތަކުގެ ދުނިޔޭގެ މައި ހަބުގެ ގޮތުގައި ބެލޭ ގައުމެވެ. ދުނިޔޭގެ ޕޮޕް ކަލްޗަރ ގެ ތެރޭގައި ހިމެނޭ ހޮލީވުޑްގެ ފިލްމް ތަކާއި ޖޭޒް މިޔުޒިކާއި، ރެޕް އަދި ރޮކް މިޔުޒިކަކީ މައިގަނޑު ގޮތެއްގައި އެމެރިކާގެ އުފެއްދުން ތަކެވެ. އެމެރިކާ ވުޖޫދަށް އައީ އިނގިރޭސިންގެ ކިބައިން ވަކިވުމަށް ގެނައި އިންގިލާބުގެ ތެރެއިންނެވެ. އެއާއެކު އެމެރިކާގެ ފުރަތަމަ ގާނޫނު އަސާސީ 1787 ގައި އެކުލަވާލެވުނެވެ. އެއާއެކު ގެނައި ފެޑެރަލް ސިސްޓަމް މިއަދާ ހަމައަށްވެސް ބަދަލެއް ނައިސް އެމެރިކާގައި ދެމިއޮތްކަން ފާހަގަ ކުރެވެއެވެ.

މުހިންމު މައުލޫމާތު

ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ

ވެރިރަށް ވޮޝިންގްޓަން
އާބާދީ 316 މިލިއަން
ބަސް އިނގިރޭސި
ދިދަ
ދީން ކްރިސްޓިއޭނިޓީ
ލައިފް އެކްސްޕެކްޓެންސީ ފިރިހެން : 76 - އަންހެން :76
ރުފިޔާ ޔުނައިޓެޑް ސްޓޭޓްސް ޑޮލަރ

ވެރިކަން

އެމެރިކާގެ މިހާރުގެ ރައީސް އަކީ ޑޮނަލްޑް ޓްރަމްޕް އެވެ. އޭނާ ވެރިކަމަށް ވަޑައިގަތީ  2016 ވަނަ އަހަރު ރިޕަބްލިކަން ޕާޓީންނެވެ. އިންތިޚާބުގައި އޭނާއާ ވާދަ ކުރެއްވީ ޑިމޮކްރަޓިކް ޕާޓީގެ ހިލަރީ ކްލިންޓަންއެވެ.

 

މީޑިއާ

ދުނިޔޭގެ އެންމެ ބޮޑަށް ތަރައްގީވެ ކުރިއަރާފައިވާ މާސް މިޑީއާ އޮންނަނީ އެމެރިކާގައެވެ. އެމެރިކާއަކީ އިންޓަނެޓްގެ އުފަން ގައުމެވެ. އާބާދީގެ 88 އިން ސައްތަ އިންޓަނެޓް ބޭނުން ކުރެއެވެ. ބޮޑެތި މީހުންގެ އާބާދީގެ 79 އިން ސައްތަ ފޭސްބުކް ބޭނުން ކުރެއެވެ.

 

މުހިންމު ތާރީޚްތައް

 

1565 – ޔޫރަޕް އިން ބަޔަކު ހިޖްރަކޮށް އެމެރިކާގައި ވަޒަން ވެރިވިއެވެ.

17-18 ވަނަ ގަރުނު: ކަފަ އަދި ދުންފަތުގެ ދަނޑުވެރިކަމަށް އެތައް ސަތޭކަ ހާސް އަޅުން އެފްރިކާ އިން ގެނެސް އެމެރިކާ އަށް ވިއްކިއެވެ.

1775 – އިނގިރޭސިންގެ ބާރާ ދެކޮޅަށް ޖޯޖް ވޮޝިންގޓަން އިސްވެ ހުންނަވާ އެމެރިކަން ރިވޮލުއުޝަންގެ ނަމުގައި އިނގިރޭސިންނާ ހަނގުރާމަ ކުރިއެވެ.

1787 – އެމެރިކާގެ ފުރަތަމަ ގާނޫނު އަސާސީ އެކުލަވާލެވުނެވެ.

1788 – ފުރަތަމަ ގާނޫނު އަސާސީ އަށް އަމަލު ކުރަން ފެށުނެވެ.

19 ވަނަ ގަރުނު – ޔޫރަޕުން ގިނަ އަދަދެއްގެ މީހުން އެމެރިކާއަށް ހިޖުރަ ކުރަމުން ގެންދިއުމާއެކު އެމެރިކާގެ އަސްލު ވަޒަންވެރިން ނުރުހުންވެ ހިންގި ކުރިމަތިލުންތައް ނިމުމަކަށް ގެނެވުނެވެ.

1861 – 1865 އެމެރިކާގެ އަހުލީ ހަނގުރާމަ – މައި ސަރުކާރުގެ ފައުޖުތަކާއި އަޅުން ގެންގުޅުމަށް ތާއީދު ކުރާ ދެކުނުގެ ސްޓޭޓްތަކާ ދެމެދު ހަނގުރާމަ ކުރެވުނެވެ. އެމެރިކާގައި އަޅުން ގެންގުޅުން "ތާރޓީންތް އެމެންޑްމަންޓް" ގެ ދަށުން މަނާ ކުރެވުނެވެ.

1929 – 1933 ގްރޭޓް ޑިޕްރެޝަން – 13 މިލިއަން މީހުންގެ ވަޒީފާ ގެއްލި އިގްތިސާދީ ބޮޑު މުސީބަތާ ކުރިމަތިލާން ޖެހުނެވެ.

1941 – ހަވާއީގެ ޕާލް ހާބަރގައި އޮތް އެމެރިކާގެ މަނަވަރުތަކަށް ޖަޕާނުން ހަމަލާ ދިނެވެ. ނަތީޖާއެއްގެ ގޮތުން އެމެރިކާ އިން ދެވަނަ ބޮޑު ހަނގުރާމައިގެ ތެރެއަށް ރަސްމީ ގޮތުން ވަނެވެ.

1954 – ސްކޫލްތަކުގައި ނަސްލީ ތަފާތު ކުރުން ގެންގުޅުން މަނާކުރެވުނެވެ.

2001 ސެމްޓެމްބަރ 11 – އެމެރިކާގެ މުހިންމު އެތައް ތަނަކަށް އެއް ވަގުތެއްގައި ހަމަލާތަކެއް ދިނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން "ވޯ އޮން ޓެރަރ" އެމެރިކާ އިން އިއުލާންކޮށް އަފްޣާނިސްތާނާއި އިރާގަށް އެމެރިކާ ސިފައިން އެރިއެވެ.

2008 – ކަޅު ނަސްލުގެ ފުރަތަމަ ރައީސްގެ ގޮތުގައި ބަރަކް އޮބާމާ އެމެރިކާގެ ރައީސް ކަމަށް އިންތިޚާބު ކުރެވުނެވެ.