21 ނޮވެންބަރު 2018 | ބުދަ | 09 ނޮރަ
13 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:56
އަސްރު 15:16
މަޣްރިބް 17:51
އިޝާ 19:07

އަބުރުގެ ގާނޫނު

އަބުރުގެ ގާނޫނު: މަގުސަދާއި ނުކުތް ނަތީޖާ

  • ގާނޫނުގެ މަގުސަދާއި އަމަލުކުރާ ގޮތް ތަފާތު
  • ހަމައެކަނި ރާއްޖެޓީވީ އަށް ފިޔަވަޅު އަޅާ ގާނޫނަކަށް ވެފައި
  • މައްސަލަ ބަލާނެ އުސޫލެއް އޮނިގަނޑެއް ނެތް
ހުސައިން ފިޔާޒު މޫސާ | hussainfiyaz

| 3 މެއި 2017 | ބުދަ 14:28 | |

މަގުބޫލް

  1. ރައްޔިތުންގެ އާދޭސް: މި މިނިސްޓަރުންނަށް ނަމަނަމަ ރުހުން ނުދޭތި!
  2. މިނިސްޓަރަކަށް މިއައީ ސިފައިންނަށް ބަޑި ޖަހާ ގޮތް ކިޔާދޭކަށް ނޫން: ޑިފެންސް މިނިސްޓަރ
  3. ޚަޝޯގީ މަރާލާ އަޑު ރެކޯޑް ކުރެވިފައިވާ އޯޑިއޯ އަޑުއެއްސެވުމަށް ޓްރަމްޕް ދެކޮޅު ހައްދަވައިފި
  4. ކޮންމެ މުވައްޒަފަކަށް ވެސް ބޭނުން ސިޔާސި ފިކުރެއްގަ އުޅެވޭނެ: ޔޫތު މިނިސްޓަރު
  5. ސައުދީން ދިން ކާރު މުސްތަފާގެ ނަމުގައި ރަޖިސްޓްރީ ކުރި މައްސަލަ އޭސީސީން ބަލަނީ
  6. 'މާކަނާ ޝޯ ރާއްޖެޓީވީއަށް!
  7. 29 މަރެއްގެ މައްސަލައެއް ތަހުގީގުކުރުމަށް އެބައޮތް:ސުއޫދު
  8. ރައީސް ސޯލިހުގެ ކެބިނެޓަށް އދ. ގެ ރެޒިޑެންޓް ކޯޑިނޭޓަރުގެ ތައުރީފު


ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުން -- އާކައިވް

ހިޔާލު ފާޅުކުރާނެ އިންތަކާއި މިންތަކެއް ކަނޑައެޅުމާއި ދިވެހި ރައްޔިތުންގެ އަބުރު ރައްކާތެރިކޮށް ދިނުމުގެ ނަމުގައި ހެދި ގާނޫނު ފާސްކޮށް ތަންފީޒުކުރަމުން އަންނަތާ 10 މަސްވުމަށް ގާތްވެފައި ވާއިރު، ބިލުގެ މަގުސަދު ހާސިލުވެފައި ވަނީ ކިހާ މިންވަރަކަށްތޯ ބަލާލުން މުހިންމެވެ. އަދި އެ ގާނޫނު ތަންފީޒުކުރުމުގައި މުއައްސަސާތަކުން އަމަލުކޮށްފައިވާ ކޮތަށް ބަލާލުން ވެސް އެއީ، ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުހިންމު ކަމެކެވެ.

އަބުރުގެ ގާނޫނު އެކުލަވާލައި މަޖިލީހުގެ މަރުހަލާތަކުގައި އޮތް ދުވަސްވަރު ވެސް، ނޫސްވެރިންނާއި މަދަނީ ޖަމިއްޔާތަކުންނާއި ބައިނަލްއަގުވާމީ ޖަމާއަތްތަކުންނާއި ބޭރުގެ ގައުމުތަކުން ވެސް ގޮވާލަމުން ދިޔައީ، މި ގާނޫނަކީ ގާނޫނު އަސާސީން ލިބިދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ދުއްވާލުމަށް ހަދާ ގާނޫނެއް ކަމަށެވެ. ހާއްސަކޮށް ރާއްޖެޓީވީ އަށް އަމާޒުކޮށް ހަދާ ގާނޫނެއް ކަމަށެވެ.

މި ގާނޫނު ފާސްކުރަން ސަރުކާރު ހިންގާ ޕާޓީގެ ބައެއް މެމްބަރުން ވެސް ދެކޮޅު ހެއްދެވި އެވެ. ޖޫރިމަނާ ބޮޑުވުމާއި ނޫސްވެރިންގެ މައްޗަށް އަބުރުގެ މައްސަލައިގައި ޖިނާއީ ދައުވާ އުފުލޭ ގޮތަށް އޮތުމުން، އެކަން ބަދަލުކުރަން ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި، މަޖިލީހުގެ ބައެއް މެމްބަރުން ވެސް މަސައްކަތް ކުރެއްވެވި އެވެ. ގާނޫނަށް ބައެއް ބަދަލުތައް ގެންނާނެ ކަމަށް ރައީސް އޮފީހުން އެއްބަސްވި ކަމަށް ރާއްޖެ އެމްވީއާ ވާހަކަ ދެއްކެވި ބައެއް އޮފިޝަލުން ވިދާޅުވި އެވެ. ނަމަވެސް ބިލް މަޖިލީހަށް ފޮނުވިއިރު، އެ ބޭފުޅުންގެ އަރިހުގައި އެއްބަސްވި އެއްވެސް ބަދަލެއް ނުގެނެއެވެ.

ޕީޕީއެމްއަށް ނިސްބަތްވާ މަޖިލީހުގެ މެމްބަރަކު ވިދާޅުވި ގޮތުގައި، އަބުރުގެ ގާނޫނުގެ މަގުސަދަކީ ރާއްޖެޓީވީ ބަންދުކުރުން ކަމަށް އެ ޕާޓީގެ ބައެއް މެމްބަރުންނަށް ވެސް އެނގިވަޑައިގަންނަވާ ކަމަށާއި ބައެއް މެމްބަރުންގެ ގާތު، އެ ވާހަކަ "މަތިން" ވިދާޅުވެފައިވާ ކަަމަށެވެ. އިއްތިފާގުން ނަމަވެސް، ނަތިޖާ ނުކުމެފައިވަނީ އެގޮތަށެވެ.

އަބުރުގެ ގާނޫނު ފާސްކުރި ދުވަހު، ޓީވީއެމްއިން އަބުރުގެ ގާނޫނާ ހިލާފު ކޮންޓެންޓެއް ދެއްކި ކަމަށް ބުނެ ބްރޯޑްކާސްޓިން ކޮމިޝަނުން މައްސަލަ ބަލަން ފެށި އެވެ. އެ މައްސަލައަކީ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ރައީސް މުހައްމަދު ނަޝީދުގެ އަބުފުޅަށް އަރައިގަތް ކަމަށް ބެލެވޭ ކޮންޓެންޓެކެވެ.

ޓީވީއެމްގެ އެ މައްސަލަ ކޮމިޝަނުން ބޭރުކޮށްލުމުގެ ހުއްޖަތަކަށް ހެދީ އެ މައްސަލައިގައި ދައުވާކުރަން ބޭނުންނުވާ ކަމަށް ދެ ރައީސުންގެ ޓްވީޓްކުރައްވާފައި އޮތުމުންނެވެ. ދެ ރައީސުންގެ ބަހެއް ރަސްމީކޮށް ހޯދުމެއް ނެތި، ޟޮއީފް ގޮތަކަށް މައްސަލަ ނިންމިއިރު، ރާއްޖެޓީވީއާމެދު ފިޔަވަޅު އަޅާފައިވަނީ ހަރުކަށި އުސޫލުންނެވެ. ފުރަތަމަ މައްސަލައަކީ، އައްޑޫގައި ކުޑަކުއްޖަކު ރޭޕްކުރި މައްސަލައަކާ ގުޅިގެން ގެނެސްދިން ޚަބަރެވެ. އެ ކޮންޓެންޓް ރާއްޖެޓީވީން ގެނެސްދީފައިވާއިރު، މަސްދަރަކީ އަނިޔާ ލިބުނު ކުއްޖާގެ އާއިލާއެވެ. އާއިލާއިން ބުނި ބަހެއް ބުނި ގޮތަކަށް ގެނެސްދިން މި މައްސަލަ ނިންމައި، ރާއްޖެޓީވީ 200،000ރ. އިން އަދި ނޫސްވެރިޔާ އާލާ އިބްރާހިމް ރަޝީދު 50،000ރ. އިން ޖޫރިމަނާ ކުރި އެވެ.

މި މައްސަލަ ނިންމީ މައްސަލަ ހުށަހެޅުއްވި ފަރާތުގެ ބަހަށް ބުރަވެގެންނެވެ. ލިޔުމުން ޖަވާބު ދިނުމުގެ އިތުރުން، މަސްދަރު ކޮމިޝަނަށް ހާޒިރުވެ ޖަވާބު ދާރީވުމަށް ތައްޔާރަށް ހުރިކަން އަންގާފައި ވަނިކޮށް، އެއިން އެއްވެސް ކަމަކަށް ރިޔާއަތްނުކޮށް ނިންމުމުގެ ނަތީޖާއަކަށް ދިމާވީ މައްސަލަ އަލުން ރިވިއުކުރަން ޖެހުމެވެ. މައިގަނޑު ސަބަބަކީ ޖިނާއީ ބޮޑު ކުށެއްގެ ތުހްމަތު ނޫސްވެރިޔާ އާލާ އަށް ކުރިއިރު، އޭނާގެ ބަހެއް ވެސް ހޯދާފައި ނެތުމެވެ. މިކަމުން ދޭހަކޮށްދެނީ ކޮމިޝަންގެ ނާގާބިލްކަމާއި، މައްސަލަ ބެލުމުގައި ލިޔެފައިވާ ހަމައެއް އުސޫލެއް ނެތް ކަމެވެ.

ފުރަތަމަ މައްސަލައިގެ ޖޫރިމަނާ ދެއްކި ދުވަހު، ދެ ވަނަ މައްސަލަ ނިންމައި ރާއްޖެ ޓީވީއެއް މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރީ، ރައީސް އަބްދުﷲ ޔާމީންގެ އަބުރުފުޅު ގެއްލޭ ފަދަ ކޮންޓެންޓެއް ލައިވްކޮށް ބްރޯޑްކާސްޓްކުރި ކަމަށް ބުނެއެވެ. މި މައްސަލައިގައި ވެސް ރާއްޖެޓީވީން ދެއްކި ހެކިތަކާއި ދިފާއީ ވާހަކަތަކަށް ރިޔާއަތްކުރުމެއް ނެތި، ބްރޯޑްކާސްޓިން ކޮމިޝަނުން މައްސަލަ ނިންމާފައި ވަނީ ރާއްޖެ ޓީވީ އިއުތިރާފުވި ކަމަށާއި އެހެންވެ ދެއްކޭނެ ހެއްކެއް ނެތް ކަމަށެވެ. މިއީ ސީދާ އޮޅުވާލުމެކެވެ. ބްރޯޑްކާސްޓިން ކޮމިޝަނުން އެ ބުނާ ކޮންޓެންޓެއް ދެއްކި ކަމަށް އެއީ އިއުތިރާފެއް ހޯދަން ޖެހޭ ކަމެއް ނޫނެވެ. ރާއްޖެޓީވީން ދިފާއުގައި ބުނަމުން ދިޔައީ އެ ކޮންޓެންޓް އަބުރު ނުގެއްލޭ ކަމަށާއި އެއީ ބްރޯޑްކާސްޓިން ކޮމިޝަންގެ އަމިއްލަ ނިންމުންތަކަށް ރިޔާއަތްކުރާއިރު ވެސް ބެލޭނެ މައްސަލައެއް ނޫން ކަމަށެވެ. މިފަދަ ސާފު ބަހުން ޖަވާބުދާރީވެފައި ވަނިކޮށް، ރާއްޖެޓީވީން އަމިއްލަ އަށް އިއުތިރާފުވި ކަމަށް ކަނޑައަޅައި، އެއް މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމުން ދޭހަކޮށްދެނީ، ސަރުކާރުން މި ބިލް އެކުލަވާލި މަގުސަދަކީ ހަގީގަތުގައި ވެސް ރާއްޖެޓީވީ ދުއްވާލުން ކަމެކެވެ. އެ ނޫން މަންޒަރެއް މިހާތަނަކަށް ނުފެނެ އެވެ.

 

ލިޔެފައިވާ އުސޫލެއް، އޮނިގަނޑެއް ނެތް

އަބުރުގެ ގާނޫނުގެ ދަށުން ގަވާއިދުތައް ހަދަންޖެހެ އެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެއްވެސް ގަވާއިދެއް ހަދާފައެއް ނެތެވެ. ހަދާފައި ވަނީ ޖޫރިމަނާކުރުމުގެ އުސޫލެކެވެ. އަބުރުގެ ގާނޫނުގެ ދަށުން މައްސަލަ ބަލުމުގައި އަމަލުކުރާނެ އޮނިގަނޑެއް، އުސޫލެއް ނެތުމަކީ ހަގީގަތުގައި ވެސް ބޮޑު މައްސަލައެކެވެ. އެފަދަ އޮނިގަނޑެއް ނުވަތަ އުސޫލެއް ނެތުމުން، ހަމަހަމަ ކަމާއި އިންސާފު ވިޔަވަޅު އެޅޭނެ ކަމެއް ކަށަވަރެއް ނުކުރެވޭނެ އެވެ. ކޮމިޝަންގެ އަމިއްލަ އިސް ނެގުމަށް މައްސަލަ ބެލުމަކީ ވެސް "އަރަތެއް" ފަދަ ކަމެކެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން 24 ގަޑިއިރު، ކޮންޓެންޓް މޮނިޓަނުކުރާއިރު، ދެން އަމިއްލަ އިސް ނެގުމަށް މައްސަލަ ބެލުމުގައި އިންސާފުވެރި، އަދި ހަމަހަމަ އުސޫލެއް ހިފެހެއްޓުމަކީ އުނދަގޫ ކަމެކެވެ. މިފަދަ އިންތިޒާމުތަކެއް ކޮމިޝަނުގައި ނެތުމުން އަމިއްލަ އަށް އިސްވެ މައްސަލަ ބަލަންޖެހޭނީ އެ ވަގުތަކު މެމްބަރަކަށް ފެނުނު، ނުވަތަ މީހަކު މެމްބަރެއްގެ ގާތުގައި ބުނެގެންނެވެ. މިއީ ބޮޑު ގާނޫނަކުން ޒިންމާދާރު ގޮތެއްގައި ކަންކުރަންވީ ގޮތެއް ނޫނެވެ. ހުރިހާ ބްރޯޑްކާސްޓަރުންގެ ކޮންޓެންޓް މޮނިޓަކޮށް ބެލޭނެ ފުރިހަމަ އިންތިޒާމެއް ނެތް ނަމަ އެއްވެސް ބަޔަކާމެދު ފިޔަވަޅު އަޅަންޖެހޭނީ އެ އިންތިޒާމު ހަމަޖެއްސުމަށް ފަހު އެވެ.

 

ތަފާތުކުރުން އިންތިހާ

ގާނޫނު އަސާސީގައި ބުނެފައިވާ ގޮތުން ފިޔަވަޅު އެޅުމުގައި ވެސް އެެއްވެސް މީހަކާ މެދު ތަފާތުކުރުމެއް ގެންގުޅެގެން ނުވާނެ އެވެ. އެއީ ދައުލަތުގެ ހުރިހާ ފަރާތަކަށް ދުސްތޫރުން ލާޒިމުކޮށްފައިވާ ކަމެކެވެ. ނަމަވެސް އަބުރުގެ ގާނޫނުގެ ދަށުން ކަންކުރެވެނީ މި އުސޫލަކުންނޫނެވެ. އަބުރުގެ ގާނޫނުގެ ދަށުން ރާއްޖެޓީވީ ޖޫރިމަނާކުރިއިރު، އަބުރު ގެއްލޭ ވާހަކަ ޕޯޑިއަމްގައި ދެއްކެވި ބޭފުޅާއާ މެދު ފިޔަވަޅެއް ނާޅައެވެ. އަދި އެފަދަ ވާހަކަތައް އިންސާފުވެރި ގޮތެއްގައި ކޮމިޝަނުން މޮނިޓާއެއް ވެސް ނުކުރެ އެވެ. ފިޔަވަޅެއް ވެސް ނާޅައެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ، އަބުރުގެ ގާނޫނު ފާސްކުރި ދުވަހު ޓީވީއެމްއިން ގެނެސްދިން ކޮންޓެންޓެވެ. އަދި އަލްޖަޒީރާއިން ގެނެސްދިން "ސްޓީލިން ޕެރަޑައިސް" ގައި ރައީސް ޔާމީންގެ މައްޗަށް ބޮޑެތި ތުހްމަތުތަކެއް ކޮށްފައިވާއިރު، ގޭގޭ ސިޓިންރޫމްތަކަށް ފޯރި އެވެ. އެ ޑޮކިއުމެންޓްރީ ދެއްކުމަށް ތާވަލުކުރި ދުވަހާ ދިމާކޮށް، މީޑިއާނެޓަށް، ބްރޯޑްކޮމްއިން ފޮނުވި ސިޓީގެ އެއްވެސް ބާރެއް ނެތެވެ. އެ ޑޮކިއުމެންޓްރީން ޚަބަރުތައް، ރާއްޖޭގެ ހުރިހާ ޗެނަލަކުން ވެސް، ނޫސްތަކަކުން ހެދިއިރު، އެއްވެސް މުއައްސަސާއަކުން ފިޔަވަޅެއް ނާޅަ އެވެ. މިފަދަ އެތައް ކަމެއް ހުރިއިރު، ހަމަހަމަ ކަމާއި އިންސާފު ކޮބައިތޯ އެވެ.

ޓީވީއެމްގެ ކޮންޓެންޓްގެ މައްސަލަ ކޮމިޝަނުން ބޭރުކޮށްލީ ދެ ރައީސުން ކުރެއްވި ޓްވީޓަކަށް ރިޔާއަތްކޮށްފަ އެވެ. އެތައް ޖަލްސާއެއްގައި ރައީސް ޔާމީން، އެމަނިކުފާނަށް ފާޑުވިދާޅުވިޔަސް މައްސަލައެއް ނެތް ކަމަށް ވިދާޅުވެފައި ވެއެވެ. އަދި ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތިމަށް ފަހު، ނޮވެމްބަރު 25، 2013 ވަނަ އަހަރު އެ މަނިކުފާނު ދައުވާކުރައްވާފައިވާ ހުރިހާ މައްސަލަތަކެއް އަނބުރާ ގެންދެވި އެވެ. އޭގެ ތެރޭގައި ރައީސް ނަޝީދުގެ ވެރިކަމުގައި އެ މަނިކުފާނު ހައްޔަރުކުރި މައްސަލަ އާއި އަބުރުގެ މައްސަލައެއް ހިމެނެ އެވެ.

"ރައީސް އަބްދުﷲ ޔާމީން މިގޮތަށް ނިންމެވީ ދައުލަތުގެ އެންމެ އިސްވެރިޔާގެ މަގާމުގައި ހުންނަވައިގެން ދައުލަތުގެ މައްޗަށް އެއްވެސް ދައުވާއެއް އަމިއްލަފުޅު ހައިސިއްޔަތުން ކުރިއަށް ގެންދަވަން ބޭނުންފުޅު ނުވާތިއްޔާއި، އަދި އެމަގާމުގައި ހުންނަވައިގެން ދިވެހި ރައްޔިތެއްގެ މައްޗަށް ވެސް އަމިއްލަފުޅު ހައިސިއްޔަތުން ދައުވާއެއް ކުރިއަށް ގެންދަވަން ބޭނުންފުޅު ނުވާތީއެވެ" ދައުލަތުގެ ކުރީގެ ބަންޑާރަނައިބް އާޒިމާ ޝަކުރޫ އިސްވެ ހުންނެވި ލޯފާމުން، އަވަންތްގާޑް އިން އޭރު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ރައީސް ނަޝީދާއި ރައީސް މައުމޫންގެ އަބުރުގެ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނުން ބޭރުކޮށްލިއިރު، ރައީސް ޔާމީން ވެސް އެތައް ޖަލްސާއެއްގައި އެމަނިކުފާނަށް ފާޑުވިދާޅުވުން މައްސަލައެއް ނެތް ކަމަށް ވިދާޅުވެފައިވާއިރު، ރައީސް ޔާމީންގެ ފަރާތްޕުޅުނު ނެރެފައިވާ ބަޔާނުން އިތުރަށް ބާރުލިބިގެން ދަނީ އަބުރުގެ މައްސަލައިގައި އެ މަނިކުފާނު ދައުވާއެއް ކުރައްވަން ބޭނުން ނުވާ ކަމަށެވެ.

 

އިސްތިއުނާފުކުރުމުގެ ހައްގު ނެތުން

އަބުރުގެ ގާނޫނުގެ ދަށުން ކުރާ ޖޫރިމަނާއަކީ ސަރުކާރުން މީޑިއާގެ ދުވަސް ދުއްވާލަން ކަނޑައަޅާފައިވާ ޖޫރިމަނާތަކެވެ. ޖިނާއީ މައްސަލަތަކުގައި ފިޔަވަޅު އަޅަންޖެހޭނީ ހަމަހަމަ މިންގަނޑަކުން ކަމަށްވާއިރު، އެހެން މައްސަލަތަކުގައި މިފަދަ ބޮޑު ޖޫރިމަނާއެއް ނެތެވެ. އަބުރުގެ މާސިންގާ ޖޫރިމަނާއެއް ކުރުމަކަށް ފަހު، އެ ފައިސާ ނުދައްކައި، އިސްތިއުނާފު ކުރެވޭނެ ގޮތެއް ނެތުމަކީ އަދުލްގެ ނިޒާމާއި އިސްލާމީ ޝަރީއަތާ ވެސް ކަނޑައެޅިގެން ހިލާފު ކަމެކެވެ. މިފަދަ އެތައް ފުށުއެރުންތަކެއް ހުރި، އަދި އެތައް ހައްގުތަކެއް ނުގުޅައިގެންފައިވާ، ގާނޫނު އަސާސީ އާއި އެތައް ގާނޫނަކާ ވެސް ތައާރަޒުވާ އަބުރުގެ ގާނޫނު ތަންފީޒުކުރަން ބްރޯޑްކާސްޓިން ކޮމިޝަނުން ފޫގަޅާލުމަކީ، ގާނޫނުން ލާޒިމުކުރާ ޒިންމާ އަދާކުރުމެއް ނޫނެވެ. އެ ޒިންމާ އަދާކުރަންޖެހޭނީ ހަމަހަމަ ގޮތެއްގަ އެވެ. އަބުރަކީ ހަމައެކަނި ބުރޯޑްކާސްޓަރުން އުފުލަންޖެހޭ ކުށެއްގެ ގޮތުގައި އޮންނަ ނަމަ، އެކަން ދައުލަތުގެ މުއައްސަސާތަކުން ހަމައަކަށް އަޅުވަންޖެހެ އެވެ. އެ ޒިންމާ ރައީސުލްޖުމްހޫރިއްޔާގެ އިސްތަށިފުޅުގައި ވެސް، ސުޕްރީމް ކޯޓްގައި ވެސް، ޕީޖީ އާއި ރައްޔިތުންގެ މަޖިލީހުގައި އެބަ އޮތެވެ. ނަމަވެސް އެފަދަ ކަމެއްގެ ވިސްނުމެއް އެ ބޭފުޅުންގެ އަދި މުއައްސަސާތަކުގައި ނެތް ފަދަ އެވެ.

އަބުރުގެ ގާނޫނާއެކު ނޫސްވެރިންނަށް ބިރުވެރިކަން ކުރިމަތިވެ، މިނިވަން ނޫސްވެރިކަން ވަނީ ގެއްލިގެން ގޮސްފަ އެވެ. ހެޔޮ ނިޔަތުގައި އެކުލަވާލި ގާނޫނެއް ކަމަށް ބުންޏަސް ފެނިގެން މިދަނީ ނުބައި ނިޔަތުގައި ގާނޫނު ތަންފީޒުކުރާ ތަނެވެ. ތަންފީޒުކުރުމުގައި ވެސް ހަމަހަމަ ކަމެއް، އިންސާފެއް ނެތް ތަނެވެ. ހަގީގަތުގައި ވެސް އަބުރުގެ ގާނޫނަކީ ނޫސްވެރިކަން މަރާލަން ހެދި ގާނޫނެކެވެ. ސަރުކާރުގެ ކޮރަޕްޝަން ވާހަކަ ދެއްކުން ހުއްޓުވުމަށް ހެދި ގާނޫނެކެވެ. ރާއްޖެޓީވީ އާއި އިދިކޮޅު އަޑުތައް ކަނޑުވާލުމަށް ހެދި ގާނޫނެކެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް