18 އޮކްޓޯބަރ 2017 | ބުދަ | 1 ހެއި

ޔާމީނަށް އިންސާފް ހޯދައިދިނުމަށް ގޮވާލާ ލަންކާގައި ހުންނަ ދިވެހި އެމްބަސީ ކުރިމަތީގައި މުޒާހަރާ ކުރަނީ

  • މުޒާހަރާ ބާއްވަނީ މިމަހުގެ 8 ވަނަ ދުވަހު 3:30 ގައި
  • މުޒާހަރާ ރޭވުމުގައި ލަންކާގެ މަދަނީ ޖަމްއިއްޔާތައް ބައިވެރިވޭ
  • ގިނަ ބަޔަކު ބައިވެރިވުމަށް އިންތިޒާމު ކުރާ ފަރާތުން ގޮވާލާފައިވޭ

| | | dhonbandaara | |



ޔާމިން ރަޝީދު: މަރާލާފައިވަނީ ލާއިންސާނީ އަނިޔާތަކާއެކު -- ފޮޓޯ:ޓުވިޓާރ

ވަރަށް އަނިޔާވެރި ލާއިންސާނީ އަނިޔާތަކަކާއެކު މަރާލާފައިވާ މަޝްހޫރު ބްލޮގަރ އަދި މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދަށް އިންސާފް ހޯދައިދިނުމަށް ގޮވާލާ ސްރީލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަން ކުރިމަތީގައި މުޒާހަރާ ކުރުމަށް ނިންމައިފިއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިމަހުގެ 8 ވާ ހޯމަ ދުވަހު ހަވީރު 3:30 ގައި ބާއްވަން ރާވަމުންދާ މިމުޒާހަރާއަކީ  ނޫސްވެރިންނާއި ސްރީލަންކާގެ މަދަނީ ޖަމްއިއްޔާތައް ގުޅިގެން ބޭއްވުމަށް ރާވަމުންދާ މުޒާހަރާއެކެވެ.

މިމުޒާހަރާ ރާވަމުންދާ ފަރާތްތަކުން ބުނެފައިވާ ގޮތުގައި ޔާމީން ރަޝީދަކީ ދިވެހި ސަރުކާރާއި ސަރުކާރުގެ އެކިއެކި މުއައްސަސާތަކުން ކުރަމުންދިޔަ ގޯސް ކަންތައްތަކަށް އޭނާގެ އަމިއްލަ ބްލޮގްގައި ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ފާޑު ކިޔަމުން ގެންދިޔަ ލިޔުންތެރިއެއް ކަމަށެވެ. އަދި އޭނާ ދިޔައީ 2014 ވަނަ އަހަރު ގެއްލުވާލާފައިވާ އޭނާގެ އެންމެގާތް އެކުވެރިޔާ އަދި ތަހުގީގީ ނޫސްވެރިޔާ ރިލްވާނަށް އިންސާފް ހޯދައިދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން ކަމަށެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ރޭ ދަންވަރު ޔާމީން ރަޝީދު އޭނާ ދިރިއުޅޭ ގޭގެ ސިޑި ގޮޅީގައި އަނިޔާވެރި ހަމަލާތަކެއްދީ މަރާލާފައިވާއިރު އޭނާއަށް 2014 ވަނަ އަހަރުން ފެށިގެން ދެމުންދިޔަ މަރުގެ އިންޒާރުތައް ފުލުހުންނަށް ހުށަހަޅަމުން ދިޔަނަމަވެސް ފުލުހުންގެ ފަރާތުން އެކަމަށް އެދެވޭ އިޖާބައެއް ލިބިފައި ނުވާކަމަށް މިމުޒާހަރާ ރާވާ ފަރާތްތަކުން ވަނީ ބުނެފައެވެ.

ޔާމިން ރަޝީދުގެ ބައްޕަ ހުސައިން ރަޝީދު ވަނީ ސްރީލަންކާއަށް ޒިޔާރަތްކޮށް އެޤައުމުގައި ތިބޭ ބޭރުގެ ޑިޕްލޮމޭޓުންނަށް އޭނާގެ ދަރިފުޅުގެ މަރުގެ މައުލޫމާތު ހިއްސާކޮށް ބައިނަލް އަޤްވާމީ ދުނިޔޭގެ ބައިވެރިވުމާއެކު އެމަރުގެ ތަހުގީގް ގެންގޮސް ދިނުމަށް އެދިފައެވެ.

މުޒާހަރާ ރާވާ ފަރާތްތަކުން ވަނީ އެމުޒާހަރާގައި ބައިވެރިވުމަށް ބޭނުންވާ ހުރިހާ ފަރާތްތަކަށްވެސް ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި ވީހާވެސް ގިނަބަޔަކު ބައިވެރިވުމަށް އެދިފައެވެ.

 

 

 

 

 

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


ކޮސް ވެއްޖެ

އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ