20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 14 އުތުރަ
10 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:54
ފަތިސް 04:43

ޔާމީނުގެ މަރު

ޔާމީނުގެ މަރާއެކު ސިހުމާއި ބިރުވެރިކަން!

  • ޔާމީން ހިނގާފައި ދިޔައީ ލޯބިވެރިޔާއާ ވާހަކަ ދައްކަމުން
  • އޭނާ ދިޔައީ އޮފީހުން ނުކުމެގެން ގެއަށް ދިއުމަށް ހިނގާފައި
  • މި މައްސަލައިގައި މީހަކު ހައްޔަރެއް ނުކުރޭ

| 23 އޭޕުރިލް 2017 | އާދީއްތަ 21:19 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  3. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. ސްކޫލް ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  6. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  7. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
  8. ސިވިލް ސަރވިސްގެ މުވައްޒަފުން އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިނުވުމަށް އިލްތިމާސްކޮށްފި


ޔާމީން ރަޝީދު -- ޓްވިޓަރ

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގާ ޔާމީން ރަޝީދަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލުމާ އެކު، މުޅި ގައުމަށް ސިހުމާއި ބިރުވެރިކަން ގެނެސްފި އެވެ.

އުމުރުން 29 އަހަރުގެ ޔާމީން މަރާލީ، ތަކުރާރުކޮށް މަރުގެ އިންޒާރު ލިބެމުންދިއުމަށް ފަހު އެވެ.

"އަބަދު ވެސް މަރުގެ އިންޒާރުތައް ހުރީ ލިބި ލިބި" މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ވަޒީފާ އަދާކުރަމުން ދިޔަ އުމުރުން ޔާމީންގެ ގާތް އެކުވެރިޔަކު ރާއްޖެ އެމްވީއަށް ބުންޏެވެ.

ޔާމީން މި ފަހަކަށް އައިސް ދަންވަރު ދަތުރުކުރަނީ ޓެކްސީގައި ނުވަތަ އޭނާގެ އެކުވެރިޔަކާ އެކު އެވެ. އާދަކާދައިގެ މަތިން ހޮނިހިރު ދުވަހުގެ ރޭ ވެސް އޭނާގެ އެކުވެރިޔަކު އޮފީހަށް ދިއުމަށް ޔާމީނަށް މެސެޖްކުރި އެވެ. ނަމަވެސް، އެކުވެރިޔާ އޮފީހަށް ނުދިޔައީ ގެއަށް ދާން އުޅޭ ކަމަށް ޔާމީން ބުނުމުންނެވެ.

"އަހަރެން އޮފީހަށް ދާންވެގެން، ޔާމީނަށް ދަންވަރު މެސެޖްކުރި. އޭނާ ބުނި ވަރަށް އަވަހަށް ގެއަށް ދިއުމަށް އުޅޭ ކަމަށް. އެހެންވެ އަހަރެން ވެސް ނުދިޔައީ. އެއީ ގާތްގަނޑަކަށް ދަންވަރު 2:00 ހާއިރު،" އައިޖީއެމްއެޗްގައި ހުރެ ރާއްޖެއެމްވީއާ ވާހަކަ ދައްކަމުން، ޔާމީންގެ  އެކުވެރިޔާ ބުންޏެވެ.

އިންޒާރުތައް ކެނޑި ނޭޅި ލިބެމުންދިޔުމާއެކު، ކޮންމެ ރެއަކު ވެސް ގެއަށް ވަދެފައި، ޔާމީން އޭނާގެ ލޯބިވެރިޔާ އަށް، ގެއަށް ދެވުނުކަން އަންގަ އެވެ. ހޮނިހިރު ދުވަހުގެ ރޭ ޔާމީން ގެއަށް ދިޔަ މަގުމަތީގައި ވެސް ދިޔައީ ލޯބިވެރިޔާއާ މެސެޖުން ވާހަކަ ދައްކަމުންނެވެ.  ފްރާންސްގައި ހުރި ޔާމީންގެ ލޯބިވެރިޔާ އަށް އެންމެ ފަހުން ބުނެފައި ވަނީ ހިނގާފައި ގެއަށްދާ ކަމަށެވެ. އެ ނޫން މެސެޖެއް ލޯބިވެރިޔާ އަށް ލިބިފައެއް ނެތް ކަމަށް، މާލޭގައި ހުރި ޔާމީންގެ އެކުވެރިޔަކު ބުންޏެވެ.

އެއަށް ފަހު ދެން ލޯބިވެރިޔާއަށާއި މުޅި ގައުމަށް ލިބިގެން ދިޔައީ ޔާމީން މަރާލާފައި އޮތް ޚަބަރެވެ. ޔާމީން މަރާލާފައި އޮތީ އޭނާ ދިރިއުޅެމުދިޔަ ގޭގެ ސިޑި ގޮޅީގަ އެވެ. މީގެ ކުރިން މިފަދަ ގޮތަކަށް ސިޑި ގޮޅީގައި މަރާލާފައި ވަނީ، 2012 ވަނަ އަހަރު އޭރުގެ އުނގޫފާރު  ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އެވެ. އަފްރާޝީމަށް ވެސް ރަހުމުކުޑަ ހަމަލާތަކެއް ދީ މަރާލާފައިވާއިރު، ޔާމީންގެ ހަށިގަނޑުގެ 16 ތަނަކަށް ވަޅި ހަރާފައިވާ ކަމަށް، އޭނާގެ ބައްޕަ ހުސައިން ރަޝީދު ބުންޏެވެ.

ސޯޝަލް މީޑިއާގައި "މޮޔަމީހާ"ގެ ނަމުން މަޝްހޫރުވެގެން ދިޔަ ރިލްވާންގެ އެކުވެރިޔާ ޔާމީންގެ ޓްވިޓާގެ ޓެގްލައިނަކީ "ބަސްނާހާ ކިޔުންތެރިޔާ" އެވެ. އޭނާ ބަސް ނާހާ ނަމަ، ބަސް ނާހަނީ ސަރުކާރަށް ފާޑުކިޔާތީ އެވެ. އޭގެ އިތުރުން، ކޮރަޕްޝަނާ ދެކޮޅަށާއި ދީނީ ހައްދުފަހަނަ އަޅައި ދިއުމާ ދެކޮޅަށް ޓްވިޓާގަ އާއި އޭނާގެ ބްލޮގްގައި ވެސް ލިޔެފައިވެ އެވެ. އަދި އިންސާނީ ހައްގުތަކާ ގުޅޭ ގޮތުން ވެސް އޭނާގެ އަޑު ޓްވިޓާގައި ވަރަށް ގަދަ އެވެ.

އޭނާގެ އަޑު ކަނޑާލުމުން ލިބުނު ހައިރާއިންކަމާއި ކަންބޮޑުވުން ވަރަށް ބޮޑެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޔާމީންގެ މަރުގެ ސަބަބުން ސިހުން ލިބިވަޑައިގެންނެވި ކަމަށެވެ. އޭނާގެ ގާތިލުން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.

ޔާމީން މަރާލުމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ގޮތުގައި ހިތްވަރުގަދަ އަޑެއް އަނިޔާވެރި ގޮތަކަށް ދުއްވާލުމެވެ. އަހަރެމެންނާ ވަކި އެކޮށްލީ އަގުހުރި ދަރިއެއް ކަމަށާއި ޔާމީންގެ މަރުގެ ތަހްގީގު ބައިނަލްއަގުވާމީ ފަރާތްތައް ބައިވެރިވާ ގޮތަށް ކުރިއަށް ގެންދަންޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަތުލް ކެޝަޕް ވިދާޅުވެފައިވަނީ ޔާމީނަކީ ހުރިހާ ދިވެހިންގެ އިންސާނީ ހައްގުތަކާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް ވަކާލާތު ކުރި މީހެއް ކަމަށެވެ. އަދި މިހާދިސާއާ ގުޅިގެން ޔާމީންގެ އާއިލާއަށާއި އެކުވެރިންނަށް ކެޝަޕް ތައުޒިޔާ ފޮނުއްވާފައި ވެއެވެ.

އޭނާއަށް މަރުގެ އިންޒާރު ދިން ނަމަވެސް މަރުދެކެ ބިރު ނުގަންނަކަން އެނގެނީ 2014 ވަނަ އަހަރުގެ ޖުލައި މަހު ކޮށްފައިވާ ޓްވީޓުންނެވެ.

"އަހަރެން މަރުވެދާނެތީ ބިރެއް ނުގަނޭ. އަަަހެރެން އަބަދުވެސް ބޭނުންވަނީ ގުދުރަތީ މަރެއް. ގަމާރު މުއްލާއެއްގެ ވަޅީގެ ހަމަލާއެއްގައި މަރުވުމަކަށް ނޭދެން،" ޖުލައި 30، 2014 ގައި ޔާމީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވެ އެވެ.

މިއަދު އޭނާ ނިމިގެން ގޮސްފައިއެ ވަނީ އެ އުއްމީދު ކުރި ގޮތަކަށް ނޫނެވެ. މި މަރުގެ ސަބަބުން މުޖުމައުއަށް ބިރުވެރިކަން ވެރިވެފައިވާއިރު، ފުލުހުންނަށް ފުލުފުލުގައި އޮއްސަމުންދާ ފާޑުކިޔުން ގިނަ އެވެ. ސަބަބަކީ އޭނާ އަށް މަރުގެ އިންޒާރު ދީފައިވާކަން ފުލުހުންނަށް ހުށަހަޅާފައިވަނިކޮށް، މަރާލުމެވެ.

ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާނު ވިދާޅުވީ ޔާމީން އެންމެ ފަހުން ހުށަހެޅި މައްސަލައާ ގުޅިގެން މީހަކާ ސުވާލު ވެސް ކުރި ކަމަކަށެވެ. ނަމަވެސް މައްސަލައަކީ އެކަންކަމަށް އެޅި ފިޔަވަޅުތައް އަދި ޔާމީނަށް ދެވުނު ރައްކާތެރިކަން އެނގެން ނެތުމެވެ. 

ޔާމީންގެ މަރާ ގުޅިގެން މުޖުތަމައަށް ކުރިމަތިވެފައިވާ ބިރުވެރިކަމާއި ނުރައްކަލުގެ ވާހަކަ އަދި ރިލްވާންގެ މަރުގެ ހަގީގަތެއް، ޑރ. އަފްރާޝީމްގެ ގަތުލުކޮށްލުމުގައި ބައިވެރިވި ފަރާތްތަކާއި ރޭވި ފަރާތްތަކެއް ނުހޯދެ އެވެ.

ޔާމިނަކީ މިނިވަން މީޑިއާއަށް ދިން ހަމަލާއެއް ކަމަށް ސަރުކާރުން ގަބޫލުކުރާއިރު، މިހާރު ވެސް މަރުގެ އިންޒާރުތައް ދެމުންދާ މައްސަލަތަކުގައި ފިޔަވަޅު އަޅާށެވެ. ނޫސްވެރިންނަށް ބިރު ދެއްކުމެއް، ބިރުވެރިކަމެއް ނެތް މާހައުލެއް ގާއިމުކޮށްދޭށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް