27 އޭޕުރިލް 2017 | ބުރާސްފަތި | ބުރުނު 6 | 1 ޝައުބާން 1438 | ފަތިސް: 04:41

އިންގްލޭންޑް ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އުގޯ އެހިއޯގޫ މަރުވެއްޖެ

  • އެހިއޯގޫއަށް ހާޓްއެޓޭކެއް ޖެހުނީ ޓޮޓެންހަމް ޓްރެއިނިން ގްރައުންޑުގައި ހުއްޓާ
  • އެހިއޯގޫއަށް މަރުވެފައިވަނީ ފަރުވާދެމުންދަނިކޮށް ހުކުރު ދުވަހުގެ ވަގުތެއްގައި
  • އެހިއޯގޫ ވަނީ އިނގިރޭސި މަޝްހޫރު ގިނަ ކްލަބްތަކަށް ކުޅެފައި

| | | MrLeevaan | |ޓޮޓެންހަމް 23 އަހަރުން ދަށުގެ ޓީމުގެ ކޯޗު އެހިއޯގޫ -- ފޮޓޯ:ގެޓީ އިމޭޖާސް

އިންގްލޭންޑް ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އުގޯ އެހިއޯގޫ އަށް ހަޓްއެޓޭކެއް ޖެހި މަރުވެއްޖެ އެވެ.

އިނގިރޭސި ކްލަބް ޓޮޓެންހަމް ހޮޓްސްޕާގެ 23 އަހަރުން ދަށުގެ ޓީމަށް އިރުޝާދު ދެމުން އަންނަ އެހިއޯގޫ އަށް ހާޓްއެޓޭކެއް ޖެހުނީ ޓޮޓެންހަމް ޓްރެއިނިން ގްރައުންޑުގައި ހުއްޓައެވެ.

އެގޮތުން ބުރާސްފަތި ދުވަހު ހިނގި މި ހާދިސާގައި ޓޮޓެންހަމްގެ މެޑިކަލް ސްޓާފުން ވަނީ ވަގުތުން އެހިއޯގޫ އަށް ފަރުވާދޭން ފަށާފައިކަމަށާއި، އިތުރު ފަރުވާ ދިނުމަށް ވަގުތުން އެމްބިއުލާންސްގައި އެހިއޯގޫ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. އަދި އޭނާ މަރުވީ ހުކުރު ދުވަހުގެ ވަގުތެއްގައި ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އުމުރުން 44 އަހަރުގެ އެހިއޯގޫގެ މަރާއެކު، ޓޮޓެންހަމް އިން ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ކްލަބުން ބުނީ އެ ކްލަބުގެ 23 އަހަރުން ދަށުގެ ޓީމާ ހަވާލުވެގެން ހުރި އެހިއޯގޫގެ މަރާ އެކު ކްލަބް އޮތީ ފުން ހިތާމައެއްގައި ކަމަށާއި، އޭނާގެ އާއިލާއާއެކު ކްލަބް އޮތް ކަމަށެވެ.

ކްލަބުން ބުނީ އެހިއޯގޫ އަށް ފަރުވާދިން މިޑްލޭސެކްސް ޔުނިވާސިޓީ ހޮސްޕިޓާލް އަށާއި، އެތަނުގެ ޕްރޮފެޝަނަލް ޑޮކްޓަރުންނަށް ހާއްސަ ޝުކުރެއް އަދާކުރާ ކަމަށާއި، އަދި ރޯޔަލް ބްރޮޕްޓަން ހޮސްޕިޓަލް އާއި ހަރެފިލްޑް ހޮސްޕިޓަލުން ދިން އެއްބާރުލުމަށްވެސް ޝުކުރުއަދާކުރާ ކަމަށެވެ.

އިންގްލޭންޑް ގައުމީ ޓީމަށް ހަތަރު މެޗު ކުޅެފައިވާ ޑިފެންޑަރު އެހިއޯގޫ ވަނީ ކެރިޔަރުގައި 400 އަށްވުރެ ގިނަ މެޗު ކުޅެފައެވެ. މީގެއިތުރުން އޭނާ ވަނީ އެސްޓަން ވިލާ، ވެސްޓް ބްރޮމްވިޗް އަލްބިއޮން، ރޭންޖާސް، ޝެފިލްޑް ޔުނައިޓެޑް އަދި ލީޑްސް ޔުނައިޓެޑް ފަދަ މަޝްހޫރު އިނގިރޭސި ކްލަބްތަކަށް ކުޅެފައެވެ.

އެންމެ ފަހުގެ
ކޮމެންޓް