27 އޭޕުރިލް 2017 | ބުރާސްފަތި | ބުރުނު 6 | 1 ޝައުބާން 1438 | ފަތިސް: 04:41

ޤާސިމް އިބްރާހިމްއަކީ މުޖުތަމައުގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ބުނެ، ކުއްލިގޮތަކަށް ހައްޔަރުކޮށްފި

  • ގާސިމް ހައްޔަރުކޮށްފައިވަނީ ކުއްލި ގޮތަކަށް ގާސިމް ދިރިއުޅުއްވާ ގެއަށް ފުލުހުން ގޮސް
  • ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން
  • ގާސިމް މިހާރު ވަނީ ދޫނިދޫއަށް ގެންގޮސްފަ

| | | phaxyn | |ޤާސިމް އިބްރާހިމް ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންދިއުމަށް ލޯންޗަށް އަރުވަނީ -- ފޮޓޯ:ރާއްޖެ އެމްވީ

ރައްޔިތުންގެ މަޖިލީހުގެ މާމިގިލި  ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކުއްލި ގޮތަކަށް ހައްޔަރު ކޮށްފި އެވެ.

 

ޖުމްހޫރީ ޕާޓީގެ ސެކެރެޓަރީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިޜާގެ ކުރީގެ މެމްބަރު އަހުމަދު ސަމީރު "ރާއްޖެއެމްވީ"އަށް ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒުގައި އުޅުއްވުމަށްފަހު ގާސިމް ދިރިއުޅުއްވާ މ. މާފަންނުވިލާއަށް ވަޑައިގެންނެވިތަނާ ކުއްލިއަކަށް ފުލުހުން އައިސް ގާސިމް ހައްޔަރު ކުރީ ކަމަށެވެ. ބުރާސްފަތި ދުވަހުގެ ރޭ ގާތްގަނޑަކަށް 12 ޖަހާކަންހާއިރު ފުލުހުން މާފަންނުވިލާ އަށް ގޮސް ގާސިމް ތައްޔާރުވެލަން ކުޑަ ވަގުތުކޮޅެއް ދިނުމަށްފަހު ހައްޔަރުކޮށް ފުލުހުންގެ އުޅަދެއްގައި ގެންދެވީކަމަށް ސަމީރު ވިދާޅުވި އެވެ.

 

ޤާސިމް ހައްޔަރުކުމަށް ނެރިފައިވާ ކޯޓު އަމުރުގައި ބުނެފައިވަނީ  ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ނަިއބް ރައީސްގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް މަޖިލީހަސް ހުށައެޅޭނީ މަޖިލީހުގެ 42 މެމްބަރުންގެ ސޮޔާއެކުގައި ކަމަށް މަޖިލީހުން ފާސްކުރުމާއި ގުޅިގެން، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް 42 މެމްބަރުންގެ ސޮއި ހޯދުމަށް ޤާސިމް އިބްރާހިމް މަޖިލީހުގެ އެކި މެމްބަރުންނަށް ނުފޫޒު ފޯރުވަމުންގެންދާކަމަށެވެ. އަދި ޤާސިމް އިބްރާހިމް ޤާނޫނާއި ހިލާފަށް މަސައްކަތްތަކެއް ކުރާކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

 

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުއްބާރީ ޔޫސުފް ސޮއިކުރެއްވާފައިވާ ކޯޓު އަމުރުގައި އިތުރަށް ބުނެފައިވަނީ، ރާއްޖޭގެ ސަލާމަތީ ބާރުތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި، ފަނޑިޔާރުންނަށް ނުފޫޒު ފޯރުމަށް ޤާސިމް އިބްރާހިމް މަސައްކަތްކުރައްވާކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. އަދި  ރައްޔިތުންގެ މެދުގައި ފިތުނައާއި، ބިރުވެރިކަން އުފެއްދުމަށް މަސައްކަތްކުރަމުންދާކަމަށް ތުހުމަތުކުރެވޭތީއާއި، ޤާސިމް އިބްރާހިމް އިސްވެ ހުންނައިގެން މ. ކުނޫޒުގައި ސިލްސިލާކޮށް ބާއްވަމުންދާ ޖަލްސާތަކުގައި އެކަންކަމަށް ބާރު ލިބޭގޮތަށް ވާހަކަދައްކަވަމުންގެންދަވާކަމަށެވެ.

 

ކޯޓު އަމުރުގައި ބުނެފައިވަނީ، އެ މައްސަލަތަކަކީ މިހާރު ތަހުޤީޤްކުރަމުންގެންދާ މައްސަލަތަކަކަށްވާއިރު، ޤާސިމް އިބްރާހިމް މުޖުތަމައުއަށް ދޫކޮށްފައި ބެހެއްޓުމަކީ މައްސަލައިގެ ތަހުޤީގަށް ހުރަސްއެޅޭނެކަމެއް ކަމަށެވެ. އަދި ޤާސިމް އިބްރާހިމް މުޖުތަމައުއަށް ދޫކޮށްފައި ބަހައްޓިފިނަމަ ނަމަ ހެކި ފޮރުވުމަށް މަސައްކަތްކޮށް، ހެކިދޭންތިބި މީހުންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކޮށްފާނެ ކަމަށެވެ. އޭގެއިތުރުން ޤާސިމް އިބްރާހިމް މުޖުތަމައުއަށް ދޫކޮށްފައި ބެހެއްޓުމަކީ މުޖުތަމައުގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

 

ގާސިމް އިބްރާހީމްގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް އަދި އަލްއުސްތާޒާ ހިސާން ހުސެއިން ވިދާޅުވީ ގާސިމް ހައްޔަރުކޮށްގެން ގެންދިޔައިރު އެމަނިކުފާނުގެ ގާނޫނީ ޓީމަށް މުވައްކިލް ގާސިމް އިބްރާހިމާ ބައްދަލުކުރަން ފުރުސަތު ދީފައި ނުވާ ކަމަށެވެ. ނަމަވެސް އެއީ ގާނޫނު އަސާސީ ލިބިދޭ ހައްގެއް ނިގުޅައިގަތުން ކަމަށްވެސް ގާނޫނީ ޓީމުން ވަނީ ހާމަކޮށްފައެވެ.

 

 

 

ފުލުހުންގެ ހުރަސްއެޅުންތަކާއެކުގައި ޤާނޫނީ ވަކީލުން ވަނީ ފަހުން، އަމިއްލަ ލޯންޗެއްގައި ދޫނިދޫއަށް ވަޑައިގެން ޤާސިމް އިބްރާހިމާ ބައްދަލުކުރައްވާފަ އެވެ.

 

ބައްދަލުވުމަށް ޤާނޫނީ ވަކީލުންނާއެކުގައި ދޫނިދޫއަށް ވަޑައިގެންނެވި ޖުމްހޫރީ ޕާޓީގެ ސެކެރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ޤާސިމް އިބްރާހިމް އޮންނެވީ ކުރިންވެސް އޮންނެވި ގޮޅީގައި ކަމަށެވެ. އެގޮތުން ގޮޅިޔަކީ ވައި ދައުރުނުވާގޮތަށް ހުރި ގޮޅިއެއްކަމަސް ސަމީރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ގޮޅީގައި ބާއްވާއިރު، އެއީ ކޯޓުގެ އެންގުމާއި ހިލާފުކަމެއް ކަމަށެވެ.

 

ސަމީރު ވިދާޅުވީ ޤާސިމް އިބްރާހިމް ހުންނެވީ ވަރަށް ހިތްވަރާއެކުގައި ކަމަށެވެ. އަދި ޤާސިމް އިބްރާހިމްގެ ސާބިތުކަމަށް އެއްވެސް ބަދަލެއް ނާންނަކަމަށް ސަމީރު ވިދާޅުވި އެވެ.

 

ގާސިމް ވަނީ މިމަހުގެ ހަވަނަ ދުވަހުވެސް ފުލުހުން ހައްޔަރު ކޮށްފައެވެ. އެ ފަހަރު އެމަނިކުފާނު ހައްޔަރު ކުރީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒް ގާނޫނާގައި ބުނެފައިވާ އިޖުރާތުތައް ފުރިހަމަ ނުކޮށް ކަމަށް ހައިކޯޓުގެ ޝަރީއަތުގައި ދައުލަތުން އެއްބަސްވެފައިވެ އެވެ. ގާސިމް ހައްޔަރު ކުރި މައްސަލަައިގައި އެމަނިކުފާނު ދޫކޮށްލަން  ހައިކޯޓުން ކުރި އަމުރުގައި ބުނެފައިވަނީ ގާސިމް ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަކީ ގާނޫނާ ހިލާފު ބާތިލް އަމުރެއް ކަމަށެވެ. 

 

ގާސިމް ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންދިޔައިރު ގިނަ އަދަދެއްގެ ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރި ވެފައި ވެއެވެ. އަދި ގިނަ އަދަދެއްގެ އާއްމުންވެސް އެ ސަރަހައްދަށް ޖަމާވިއެވެ.

 

ގާސިމް އަކީ މިހާރު ހުކުމެއްގައި ނެތް ހަމައެކަނި އިދިކޮޅު ލީޑަރުކަން ފާހަގަ ކުރެވެއެވެ.

 

އެންމެ ފަހުގެ
ކޮމެންޓް
ދަޅަ

6 ދުވަަސްކުރިން

ދެއިރު ދެދަޅަޔަށް ކާ ބޭހެއްގޮތަށް ޤާސިމު ހައްޔަރު ކުރިޔަސް ގަދަކަމުން ވެރިކަމެއް ނުހިފެހެއްޓޭނެ

0
0