22 އޯގަސްޓު 2017 | އަންގާރަ | މާ 12

ގއ ވިލިނގިލި ބަދަލުވެއްޖެ!

  • ރައީސް ޔާމީނަކަށް ދެން ތާއީދެއް ނުކުރާނަން:ކައުންސިލް މެންބަރެއް
  • ސަރުކާރާ ދެކޮޅަށް އަޑު އުފުލަމުން ދަނީ ސަރުކާރު ގެނައުމުގައި އިސްކޮށް އުޅުނު މީހުން
  • އެމްޕީ ސައުދުގެ ނިންމެވުމާއެކު ގިނަ ބަޔަކަށް ދަނީ ވަޒީފާގެ ބިރު ދައްކަމުން

| | | dhonbandaara | |



ސަރުކާރާ ދެކޮޅަށް ގއ ވިލިނގިލީގައި ކުރި މުޒާހަރާގެ ތެރެއިން -- ފޮޓޯ:ރާއްޖެ އެމްވީ

ގއ ވިލިނގިޔަށް ދިއުމަށް ކޫއްޑޫއަށް ފޭބުމާއެކު ސަލާންކޮށް ކޮނޑުގައި އޮތް ދަބަސް އަތުލީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ ކެމްޕޭންގައި އިސްކޮށް އުޅުނު ރަތްލާ ޖެހި ޕީޕީއެމް މީހެކެވެ. އިސްތިގްބާލުގައި އައިސް ތިބި އިތުރު މީހުންނާއެކު ލިބުނު ހައިރާންކަން ހަމަ އިންތިހާއަށް ބޮޑުވިއެވެ. ހައިރާން ނުވާންވީ ހަމަ އެއްވެސް ސަބަބެއް ނެތެވެ. ވިލިނގިއްޔަށް ދަނީ ސަރުކާރާ ދެކޮޅަށް ކުރާ މުޒާހަރާއެއް ކަވަރ ކުރާށެވެ. ރައީސް ނަޝީދު ކެމްޕޭންގައި ވަޑައިގަތުމުން ދެބައި އުމުރުގެ އަންހެނަކު މުށްފުރާ ފެލި ޖެހުމުގެ އިތުރުން ޒަމާނުންސުރެ ވިލިނގިއްޔަކީ އެމްޑީޕީގެ ބަޔަކު ކުޑަކޮށް ކޭއްތިލާފައި އޮތަސް އެއްކޮށް ކަހަލަ ގޮތަކަށް ޕީޕީއެމް ރަށެކެވެ. ރައްޔިތުންގެ މަޖިލީހުގެ އެ ދާއިރާގެ މެންބަރު ޕީޕީއެމެވެ. ރަށުގައި ތިބި ފަސް ކައުންސިލަރުންނަކީވެސް ޕީޕީއެމްއެވެ.

ލިބުނު ޝޮކާއެކު ލޯންޗާ ހަމައަށް ދިޔައިރުވެސް އަދި ވިލިނގިއްޔަށް ފޭބިއިރުވެސް ސަލާންގަލާންކުރި ކޮންމެ މީހަކީވެސް ޕީޕީއެމް މީހެކެވެ. އިދިކޮޅު އެމްޑީޕީ ކަމަށް ބުނެ ވާހަކަ ދައްކާލާ ހަދާލީ އަތުގެ އިނގިލިތަކުން ގުނާލެވޭވަރުގެ މަދު މީހެކެވެ.

ކޮންމެއަކަސް ރަށުގެ މީހުންނަށް ކުރާ އަނިޔާ ހުއްޓާލުމަށާއި ސަރުކާރަށް ތާއީދު ނުކޮށްގެން ވަޒީފާއިން ވަކި ނުކުރުމަށާއި ރައީސް ޔާމީން 2018 ކެމްޕޭން ޖަގަހައަށް ނުވަންނަ ނަމަ ވަޒީފާގެ ގެއްލޭނެކަމުގެ ބިރުގެ އިންޒާރު ނުދިނުމަށް ގޮވާލި މުޒާހަރާ ފަށަން ކުޑަތަންވީއރު އަޑުހަރުކޮށް ތާޅަފިއްޔަކުން ގޮވަމުން ދިޔައީކީވެސް ހީކުރި ކަހަލަ ގޮވެލިފައްޗެއް ނޫނެވެ. ރައީސް މައުމޫނަށް ނިސްބަތްކޮށް 2018 ރައީސް ޔާމީން ކެމްޕެއިން ޖަގަހައިން ޖަހަމުންދާ ގޮވެލިފައްޗެއްގެ އަޑެވެ.އިސްލާހީ މަސައްކަތަށޭ ބުނެ އިދިކޮޅު ފަރާތަކާ ބައިއަތު ހިފާ ސަލާން ކުރީތީއެވެ. އެކަންކަމަށް ރިއާޔަތްކޮށް ގޮވަމުންދިޔަ ގޮވެލިފަތި ކުރުވާހަކައެއްހާ އަސަރުގަދަކޮށް އިއްވަމުންދިޔަޔަސް އެއަޑުތައް ގެނެސްދޭކަށް މަށަކަށްވާ ނުކެރޭނެއެވެ. އެޖަގަހައިން ޖެހީމާ އަބުރުގެ ޤާނޫނަށް ނުފެތުނު ނަމަވެސް ރާއްޖެ ޓީވީން އިއްވައިފިނަމަ އަބުރުގެ ޤާނޫނު އަރާހަމަކޮށް އަނެއްކާވެސް މިލިއަނަކުން ގުނާލަފާނެތީ ހަމަ ލާހިކެއް ނޫނެވެ.

މުޒާހަރާ ފެށެންވީއިރަށް ދެންވެސް ފެނުނީ ކުޑަ ޕިކަޕެއްގައި ސަރުކާރަށް ތާއީދު ކުރާ ތިންމީހަކު ހަމަ އެގޮވެލިފަތި ޖަހަމުން ދުއްވާފައި ދާތީއެވެ. އެހާހިސާބުން ފާހަގަ ކުރެވުނު އެހެން ކަމެއްވެސް އެބައޮތެވެ. ގއ ވިލިނގިލީ މީހުން ވަޒީފާއިން ވަކި ކުރަނީއޭ ބުނެ ބަޔަކު މީހުން ދޮގު ވާހަކަ ދައްކަމުންދާ ކަމަށް ބުނެ ޖަހަމުންދިޔަ ގޮވެލި ފައްޗަކަށް ވީކަމެވެ. އެއަޑު އަހާފައި ހިނިވެސް އާދެވުނެވެ. ހިތަށް އެރިއެވެ. ތިޔަ ބުނަނީ ކަޅު ކުލަޔަށް ހުދު ކަލައޭ ހެއްޔެވެ. ރޯމާ ދުވާލު ތިހަދަނީ ރޭގަނޑު ކަމަށްހޭ ހިތަށް އަރާފައެވެ. އެހެނީ އޭރު އެތުރިލައިގެން މުޒާހަރާއަށް ތައްޔާރަށް ތިބި ރަށުގެ ގިނަ މީހުންގެ އަތުގައި އޮތީ ރަށަށް ނިސްބަތްވާ ހައިކޯޓުގެ ފަނޑިޔާރަކު އަވަހާރަކޮށްލަން އުޅުނު ކަމަށް ބުނެ ހައްޔަރުކޮށްފައިވާ އިބްރާހީމް ހަނީފްގެ ފޮޓޯއެވެ. ހަނީފާ ގާތްގުޅުމެއް އޮންނަ މެންބަރު ސައުދު ހުސައިން ސަރުކާރަށް ތާއީދު ކުރުމާ ހަމައަށް އޭނާއަކީ އެޑިއުކޭޝަން މިނިސްޓްރީގެ ނައިބެކެވެ. ސައުދުގެ ނިންމެވުމާއެކު ހަނީފް ކުޑަގޮޅިއަށް ދާންޖެހުނުއިރު އޭނާއަކީ ރަށުގެ މީހުން ޤަބޫލުކުރާ ގޮތުގައި އެރަށުގެ ތައުލީމީ ޒުވާނުންގެ މޭސްތިރިއެވެ. މިއަދު މިދެކޭ ޒަމާނީ ތައުލީމް އެރަށުގައި އަށަގެންނުވި މީހަކީ އޭނާއެވެ. ރަށުގައި ޕޮލިޓެކްނިކްގެ ގޮތްޕެއް ހަދާ އެކަންވެސް ފަހިކުރުވި އާރުކާޓީއަކީ އޭނާއެވެ. އެކަންކަމުގައި ދެއްކި ކުޅަދާނަކަމާއެކު ތައުލީމީ ހަނީފް އެޑިއުކޭޝަން މިނިސްޓްރީގެ ނައިބު ކަމަށްލީ މުޅި ރާއްޖޭގެ ތައުލީމް ބައްޓަން ކުރުމުގައި ގޮތްކަނޑައަޅާ މީހުންގެ ތެރެއަށެވެ. މަޑުމައިތިރި މިޒާޖެއްގެ ހަނީފް އެފަދަ ކަމެއް ކުރާނެ ކަމަކަށް ރަށުގެ އެކަކުވެސް ޤަބޫލެއް ނުކުރެއެވެ. އެކަމަކު ޕީޕީއެމް ޕިކަޕުން އެގޮވެލިފަތި ޖެހިއަސް ހަނީފް އެވަނީ ހުރަގޭގައެވެ. ވަޒީފާއިން އެވަނީ ވަކިކޮށްފައެވެ.

ކޫއްޑޫ، ކޫއްޑޫއަކަށް ހެދުމުގައި އުޅެ އެތަނުގައި 15 އަހަރާއި 13 އަހަރުގެ ދިގު މުއްދަތެއްގައި ވަޒީފާގައި އުޅެފައި ތިބި 4 މީހަކު އެވަނީ އަނބިދަރިން ދޫކޮށް ފެލިވަރަށް ދިއުމަށް ޗިޓު ހަވާލުކޮށްފައެވެ. ފެލިވަރުން މީހުން ކޫއްޑޫއަށް ބަދަލު ކުރާއިރު އެހަތަރު މީހުން ކުއްލިއަކަށް ފެލިވަރަށް ބަދަލު ކުރުމަކީ އިއްތިފާގަކަށް ވާނަމަ އެކަން ރަނގަޅު ހެނެއް ހީއެއް ނުވެއެވެ. ޕީޕީއެމްގެ މުއްލާއިންގެ ގޮތުގައި ސިފަކުރާ މީހާ ގޭގައި ބެހެއްޓީމާ ގޯހެވެ. ސިހުރު ހާހޫރަ ހަދާ ކަމަށް ބުނެ އެފަދަ ކަމެއް ނުވެސް ދަންނަ މީހަކު ދެއިރު ދެދަޅައަށް ފުލުސް އޮފީހަށް ދަމާއިރު އިއްތިފާގަކީ އެއީވެސް މިހާރު ރައީސް ޔާމީނަށް އިދިކީލި ޕީޕީއެމް މީހަކަށް ވުމެވެ. އެހެން އެކަން ވާންވީ ކުށެއް ނެތެވެ. ކުށަކަށް ވާނަމަ ކުށަކަށްވާން އޮތީ އެންމެ ކަމެކެވެ. އެބުނާ ފަނޑިޔާރުންގެ ޖަގަހައަށް ދެއިރު ދެދަޅައަށް ނުވަނުމެެވެ. ސޮއި އަޅުވާފައި ގެންނަން ހަވާލުކުރާ 6 ފޯމުގައި އަތްނުލުމެވެ. ރައީސް ޔާމީނަށް ތާއީދުކޮށް ތާއީދު ހޯދުމަށް މަގު މައްޗަށް ނުނިކުުތުމެވެ.

ކޫއްޑޫއިން ބެންކޮކާ ހަމައަށް މަސް ބޯޓު ހިފައިގެން ދަތުރުކޮށްލެވޭ ސެޓްފިކެޓް އޮތް ޤާބިލް ހަމައެކަނި ކެޕްޓަން ކުއްލިގޮތަކަށް ގޭގައި ބެހެއްޓުމަކީ އެގޮވެލިފަތީގައި ބުނާ ގޮތުންނަމަ ހަޤީގަތެއް ނޫނެވެ. ފެނަކައާއި އެހެނިހެން ކުންފުނިތަކުގައި ތިބި މީހުންވެސް ކުއްލި ގޮތަކަށް އަނބިދަރިން ދޫކޮށް މުޅިން އެހެން ރަށްރަށަށް ދާން ޖެހުމަކީ ހަޤީގަތެއް ނޫނޭ ބުނީމާ ތިޔަ ގޮވެނީ އަމިއްލަ ލޮލަށެވެ. ކޫއްޑޫގައި ވަޒީފާ އަދާކުރާ 1500 އެއްހާ މީހުންނަށް ވަޒީފާގެ ބިރު ދެއްކީމާ އޭތި ހަމަ ބޮޑުތަނުންވެސް ކަޑައެވެ.

ޕިކަޕް މުޒާހަރާގެ ބައިވެރިންގެ ކުރިމަތިން މަޑު އިސްޕީޑެއްގައި ދިޔައިރު މުޒާހަރާގެ ބައިވެރިން ގޮވަމުން ދިޔައީވެސް އެވާހަކަތަކެވެ. ބުނަމުން ދިޔައީ އެއަނިޔާ ނުދިނުމަށެވެ. ސިޔާސީ ގޯނާ ކުރުން ހުއްޓާލުމަށެވެ. އެމުޒާހަރާ ލީޑް ކުރާން ތިބީ ކައުންސިލަރުންނެވެ. ޑީއާރުޕީ ދުވަސްވަރުން ފެށިގެން ޕީޕީއެމް އުފެއްދި ޕީޕީއެމްގެ ވިލިނގިލީގެ މައި މުގުލުންނެވެ.

މިހާ ހިސާބުން މިވީ ގޮތެއް ބަލާލުމުގެ ޝައުގު އުދުނެވެ. 95 ޕަސެންޓް ސަރުކާރަށް ތާއީދުކުރި ޕީޕީއެމް ރަށެއް ދިމާއިދިކޮޅަށް ބަދަލުވީތީއެވެ. ބައެއް މީހުން ގާތު އަހާލީމެވެ. އެންމެންގެ ޖަވާބަކީ ހަމައެކައްޗެކެވެ. ކޮންމެވެސް ފަނޑިޔާރުންތަކެއްގެ ސިޔާސީ އެޖެންޑާއެވެ. ރައީސް މައުމޫނާއި އެމަނިކުފާނުގެ ފަހަތްޕުޅުގައި ތިބި ގިނަބަޔަކު ނުހަނު ލޯބިން ގެނައި ސަރުކާރު ހަމައިން ނެއްޓުމެވެ. އެރައްޔިތުންގެ ފަރާތުން ބަސްބުނެ ސަރުކާރު ޒިންމާދާރު ކުރަން މަޖިލީހަށް ހޮވި މެންބަރު ސައުދު ހުސައިނަކީ ބޭނުން މީހަކަށް ނުވީތީއެވެ. ތިޔައީ ބޭނުންވާ މީހެއް ނޫނޭ ބުނެ ރަސްމީ ޖަލްސާއިންވެސް އެމެންބަރު ބޭރުކުރަން އުޅުނީތީއެވެ. ރައީސް ޔާމީނާއި މެޑަމް ފާތުން ވަޑައިގަތުމުން ރަށުގެ ވެރިންގެ ގޮތުގައި ތިއްބެވި ޕީޕީއެމް 5 ކައުންސިލަރުންނަށް ޖެޓީމަތިން ޖާގަ ނުލިބި ސަފު އޮބާާ ފަހަތުގައި އެންމެ އާދައިގެ މީހުންނާ އެއް ހަމައިގާ ތިބެން ޖެހުމެވެ.

ކުރުކޮށް ފޮނިކޮށް ބުނާނަމަ ގއ ވިލިނގިލި ބަދަލުވެއްޖެއެވެ. ޤަބޫލު ކުރިއަސް ނުކުރިއަސް ހަޤީގަތަކީ މިއަދު އެޔެވެ. އެމީހުންގެ ބަހުން ނަމަ އަމިއްލަ ބާރުވެރިކަން ހޯދަން އުޅޭ ރަށަށް ނިސްބަތްވާ ފަނޑިޔާރުންތަކަކަށް އެރަށުގެ ތާއީދެއް ނެތެވެ. އެރަށް އެއޮތީ ޙައްޤު ގޮތުގައެވެ. ހަމަ އާއި އިންސާފު ޤާއިމް ކުރަން ތިބޭ ބަޔަކު އެހަމައިން ބޭރަށް ނުކުތަސް ވިލިނގިލި ރައްޔިތުން ތިބީ އެހެން ނޫން ކަމަށެވެ. އޭގެ އެއް ނިންމުން އެނިންމީ ރައްޔިތުންގެ އިހްސާސްތަކާއި ވިންދާ އެއްގޮތަށް ރައީސް ޔާމީން ފެކްޝަނުން ރައީސް މައުމޫން ފެކްޝަނަށް ބަދަލުވި ހިތްވަރުގަދަ މެންބަރު ސައުދު ހުސައިނެވެ. ދެން އޮތް ނިންމުން ނިންމާނީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ވިލިނގިލީ ރައްޔިތުންނެވެ.

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


ކޮސް ވެއްޖެ

އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ