27 އޭޕުރިލް 2017 | ބުރާސްފަތި | ބުރުނު 6 | 1 ޝައުބާން 1438 | ފަތިސް: 04:41

ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި

  • ބޮޑުވަޒީރު ނަވާޒު ޝަރީފްގެ މައްޗަށް ކުރާ ތުހުމަތު އޭނާ ދޮގުކުރައްވާ
  • ދެ ފަނޑިޔާރުން ނިންމީ ބޮޑުވަޒީރު މަގާމުން ވަކި ކުރަން
  • ތިން ފަނޑިޔާރުންގެ ނިންމުމަކީ އިތުރަށް މައްސަލަ ތަހުގީގު ކުރަން

| | | 8Abbo | |



ބޮޑުވަޒީރު ނަވާޒު ޝަރީފްގެ މައްޗަށް ކުރާ ތުހުމަތު އޭނާ ދޮގުކުރައްވާ -- ފޮޓޯ:ގޫގުލް

ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފްއާއި އެމަނިކުފާނުގެ އާއިލާގެ މައްޗަށް ކުރެވިފައިވާ ކަރަޕްޝަންގެ ތުހުމަތަކާ ގުޅިގެން އިދިކޮޅު މައި ޕާޓީން ޕާކިސްތާނުގެ ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް ބުރާސްފަތި ދުވަހު އިއްވައިފިއެވެ.

މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ ހުކުމަކީ ނަވާޒް ޝަރީފް މަގާމުން ޑިސްކޮލިފައި ކުރުމަށެވެ. އަނެއް ތިން ފަނޑިޔާރުންގެ ނިންމެވުމަކީ އިތުރު ތަހުގީގެއް ހިންގުމަށެވެ.

ސްޕްރީމް ކޯޓުގެ ނިންމެވުމުގައި ވަނީ "ޖޮއިންޓް އިންވެސްޓިގޭޝަން ޓީމް" އެއް އެކުލަވާލާ، ނަވާޒް ޝަރީފާއި އޭނާގެ އާއިލާ ހާޒިރުކޮށް ސުވާލު ކޮށް ތަހުގީގު ކުރިއަށް ގެންދިއުމަށެވެ. ސްޕްރީމް ކޯޓުން ބުނެފައިވަނީ 60 ދުވަސް ތެރޭގައި އަލަށް އެކުލަވާލާ ކޮމިޝަނުން މައްސަލަ ތަހުގީގުކޮށް ނިންމާ ސްޕްރީމް ކޯޓަށް ހުށަހެޅުމަށެވެ.

ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އެ ގައުމުގެ ސްޕްރީމް ކޯޓުން ބަލަން ނިންމީ، ކުރިގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އިމްރާންޚާންގެ ތަހްރީކް އޭ އިންސާފް ޕާޓީން އިސްނަގައިގެން ފުލުފުލުގައި ކުރިއަށް ގެންދިޔަ މުޒާހަރާތަކުގެ ސަބަބުން ޕްރެޝަރ ބޮޑުވުމުގެ ސަބަބުންނެވެ.

މަޝްހޫރު ޕެނަމާ ޕޭޕަރުތަކުގެ ޒައީއާއިން ލީކުވެފައިވާ މައުލޫމާތުގައި ނަވާޒް ޝަރީފްގެ ބޭފުޅުންވަނީ އޮފްޝޯ ކުންފުންޏެއް ރަޖިސްޓަރީކޮށް މާލީ ބޮޑެތި ފައިދާތަކެއް ހޯއްދަވާފައެވެ.

ނަވާޒް ޝަރީފްއާޢި އާއިލާން ގެންދަވަނީ މި ތުހުމަތުތަކަށް އިންކާރު ކުރައްވަމުންނެވެ.

ޕެނަމާ ޕޭޕަރުތަގެ ޒަރީއާއިން އެތައް ގައުމެއްގެ އިސް އެތައް ފަރާތެއްގެ ސިއްރު މައުލޫމާތެއް ލީކް ކޮށްލީ، ކޮންސޯޓިއަމް އޮފް އިންވެސްޓިގޭޓިވް ޖާނަލިސްޓް ކިޔާ އެކި ގައުމުތަކުގެ ނޫސްވެރިންގެ މައްޗަށް އެކުލެވޭ ގުރޫޕަކުން 2015 ވަނަ އަހަރުއެވެ.

ޕާކިސްތާނުގެ ސްޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން އިދިކޮޅު ލީޑަރު އިމްރާން ޚާންވަނީ ނަވާޒް ޝަރީފްގެ އިސްތިއުފާއަށް ގޮވާލައްވާފައެވެ.

ސްޕްރީމް ކޯޓުން ހުއްވި އިރު ކޯޓު ކައިރިއަށް އެއްވެފައި ތިބި މީހުންވެސް ނަވާޒް ޝަރީފްގެ އިސްތިއުފާއަށް ގޮވަމުން ދިޔަ ކަމަށް ރޮއިޓާސް ނިއުސް އޭޖެންސީން ޚަބަރު ދީފައިވެއެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވިފައިވާ އެއްފަރާތް ކަމުގައިވާ ނަވާޒް ޝަރީފްގެ ދަރިކަނބަލުން މި ހުކުމާއެކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިއީ ކާމިޔާބެއް ކަމުގައެވެ.

އެންމެ ފަހުގެ
ކޮމެންޓް