27 އޭޕުރިލް 2017 | ބުރާސްފަތި | ބުރުނު 6 | 1 ޝައުބާން 1438 | ފަތިސް: 04:41

ވެނެޒުއެލާގެ މަޝްރަހު ގޯހުން ގޯހަށް

  • މައްސަލަ ހޫނުވީ ސުޕްރީމްކޯޓުގެ ނިންމުމަކާއި ގުޅިގެން
  • އިދިކޮޅު ފަރާތްތަކާއި މަޝްވަރާކުރަން މަޑޫރޯއަށް މަޖުބޫރުވާނެ
  • އިދިކޮޅު ފަރާތްތަކުން ތިބީ ދޫކުރާ ގޮތަކަށް ނޫން

| | | Ahmed_Fairoox | |



ވެނެޒުއެލާގައި ހިނގަމުންދާ ހަމަނުޖެހުމުގެ ތެރެއިން -- ފޮޓޯ:ބީބީސީ

ވެނެޒުއެލާގެ ސަރުކާރާއި ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް ކޮންޓްރޯލުން ނައްޓައި، އެގައުމުގެ ހާލަތު ގޯހުން ގޯހަށް ހިގައްޖެއެވެ.

 

ރައީސް ނިކޮލަސް މަޑޫރޯއާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ފެށި މުޒާހަރާތައް މުޅިގައުމަށް ފެތުރި މިހާތަނަށް ތިން މީހަކުވަނީ މަރުވެސް ވެފައެވެ.

 

އެގޮތުން ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގައި ވެރިރަށް ކަރަކަސް އިން ޒުވާނެއްގެ ގަޔަށް ބަޑިޖަހާ މަރާލާފައިވާއިރު، ކޮލަމްބިއާ އާ ގުޅޭ ބޮޑަރު ކައިރި އަވަށެއް ކަމަށްވާ ސޭން ކްރިސްޓޮބަލްގައި އަންހެނެއްގެ ގަޔަށް ބަޑިޖަހާ މަރާލާފައިވެއެވެ.

 

މީގެ ވެރިރަށުގެ ދެކުނުގައި ސަލާމަތީ ގާޑުންގެ އެކަކު ވަނީ މަރާލާފައެވެ. މިއަމަލު ރައީސް މަޑޫރޯ ވަނީ ކުއްވެރި ކުރައްވާފައެވެ. އޭނާ ތުހުމަތު ކުރައްވާ ގޮތުގައި މިއީ އިދިކޮޅު ފަރާތްތަކުން ގައުމު ހަމަނުޖެހުމަކަށް ވައްޓާލުމަށް ހިންގާ ޖަރީމާއެކެވެ.

 

ވެނެޒުއެލާގެ ވެރިރަށާއި އެގައުމުގެ އެކު ސަރަހައްދުތަކުގައި އެތައް ލައްކަ ބަޔަކު މުޒާހަރާ ކުރަމުންދަނީ ރިޔާސީ އައު އިންތިޚާބެއް ބޭއްވުމަށާއި ޖަލަށްލާފައިވާ އިދިކޮޅު ސިޔާސީ ލީޑަރުން މިނިވަންކުރުމަށް ގޮވާލައެވެ.

 

ސަރުކާރުން ތުހުމަތުކުރާ ގޮތުގައި ވަގުތުގެ ނާޖާއިޒް ފައިދާ ނަގާ، މުޒާހަރާތައް ކުރިއަށްދާއިރު، ބައެއް ފަރާތްތަކުން ދަނީ ތަންތަން ލޫޓުވާ ބޮޑެތި ވައްކަންތައް ކުރަމުންނެވެ. އެކަމާއި ގުޅިގެން މިހާތަނަށް 30 އަށްވުރެ ގިނަ މީހުންވެސް ހައްޔަރުކޮށްފައިވެއެވެ.

 

އިދިކޮޅު ފަރާތްތަކުން ވެނުޒުއޭލާގެ މަގުތައް ފުރާލާފައިވާއިރު، އެކަމަށް ރައްދު ދިނުމުގެ ގޮތުން ސަރުކާރަށް ތާޢީދުކުރާ ފަރާތްތަކުން އަންނަނީ ވެރިރަށް ކަރަކަސްގައި ބޮޑު އެއްވުމެއް ބާއްވަން ތައްޔާރުވަމުންނެވެ.

 

ސަރުކާރަށް ތާޢީދުކުރާ ފަރާތްތަކަސް ހިތްވަރު ދިނުމުގެ ގޮތުން މަޑޫރޯވެސް ވަނީ ސަރުކާރަށް ތާޢީދުކުރާ ފަރާތްތަކުންވެސް އަޑު އުފުލުމަށް މަގުތަކަށް ނުކުންނަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

 

ހަމަނުޖެހުން ބޮޑު މި ދަނޑިވަޅުގައި ވެނެޒުއެލާގެ އިދިކޮޅު ލީޑަރު ހެންރީކޭ ކެޕްރިލެސް ވަނީ އަންނަ ބުރާސްފަތި ދުވަހު އިދިކޮޅު ފަރާތްތަކުގެ ބޮޑު އެއްވުމަކަށް ގޮވާލައްވާފައެވެ.

 

ދުނިޔޭގެ އެންމެ ބޮޑު ތެލުގެ ރިޒާވްއެއް އޮތް ވެނެޒުއެލާގެ، ފާއިތުވެދިޔަ އަހަރުތަކުގައި އިންފްލޭޝަން މައްޗަށް ދިޔުމުގެ ތަކްލީފް އާންމު ރައްޔިތުންވަނީ އުފުލަންޖެހިފައެވެ.

 

ސަރުކާރަށް ދެކޮޅަށް އެތައް ލައްކަ ބަޔަކު ނުކުމެ މުޒާހަރާ ކުރުން އިދިކޮޅު ފަރާތްތަކުން ސިފަކުރަނީ އެގައުމަށް އަލުން މިނިވަންކަން ލިބުނު ދުވަހުގެ ގޮތުގައެވެ.

 

ވެނެޒުއެލާގެ އެކިކަންކޮޅުތަކުގައި ސަރުކާރަށް ދެކޮޅަށް ކުރަމުންދާ މުޒާހަރާއަކީ މި ތިން އަހަރު ދުވަހުގެ ތެރޭގައި އިތުރު ފިއްތުންތަކެއް ކުރިމަތިކުރުވާނެ މުޒާހަރާތަކެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ.

 

އެގޮތުން ރައީސް މަޑޫރޯއަށް އިދިކޮޅު ފަރާތްތަކާއި މަޝްވަރާ ކުރުމަށް އިތުރަށް މަޖްބޫރުވެ، ވެނެޒުއެލާގެ އިޤްތިޞާދު ހަމައަކަށް އެޅުވުމަށް މިހާރުގެ ސަރުކާރަށް އިދިކޮޅު ފަރާތްތަކާއި އެއް މޭޒަކަށް އައުމަށް މަޖްބޫރުވާނެ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ.

 

ވެނެޒުއެލާގެ ގާނޫނު ބުނާގޮތުން 2018 ގެ ކުރިން އެގައުމުގައި އިންތިޚާބެއް ވާއްވާނެ ޖާގައެއް ނެތެވެ. އެކަމަކު އިދިކޮޅު ފަރާތްތަކުން ބުނަނީ އެގައުމު އޮތީ ވީރާނާވުމުގެ މަގުމަތީގައި ކަމަށެވެ.

 

އަނެއްކޮޅުން އައިއެމްއެފް އިން ލަފާކޮށްފައިވާ ގޮތުގައި މިއަހަރުގެ ނިޔަލަށް ވެނެޒުއެލާގެ އިންފްލޭޝަން 700 ޕަސެންޓަށް އަރާނެއެވެ.

 

ވެނެޒުއެލާގެ ސިޔާސީ މަޝްރަހު މިހާބޮޑަށް ގޯސްވެގެން މިދިއީ އިދިކޮޅު ފަރާތްތަކުގެ އަޣްލަބިއްޔަތު އޮތް އެގައުމުގެ ގާނޫނު ހަދާ މަޖްލީހަކީ ބާތިލްތަނެއްގެ ގޮތުގައި ސުޕްރީމް ކޯޓުން ކަނޑައެޅި ހިސާބުންނެވެ.

 

ސުޕްރީމް ކޯޓުގެ ނިންމުން ވަނީ ތިން ދުވަސް ފަހުން ބަދަލުކޮށްފައެވެ. ނަމަވެސް ރައްޔިތުން ވަނީ ސަރުކާރާ ދެކޮޅަށް ފެށި މުޒާހަރާތައް ހުއްޓާލަން ދެކޮޅު ހަދާފަ އެވެ.

 

ވެނެޒުއެލާގެ ސުޕްރީމް ކޯޓުން އެގައުމުގެ އިދިކޮޅު ފަރާތްތަކުގެ އަޣްލަބިއްޔަތު އޮތް ގާނޫނު ހަދާ މަޖްލީހަކީ ސައްހަކަމެއް ނެތް ބާތިލްތަނެއް ގޮތުގައި ކަނޑައަޅާފައިވަނީ އެގައުމުގެ ރައީސް މަޑޫރޯ ގާނޫނު ހަދާ މަޖްލީހަށް ހާޒިރު ކުރުމަށް ނިންމާފައިވަނިކޮށެވެ.

އެންމެ ފަހުގެ
ކޮމެންޓް