23 އޮކްޓޯބަރ 2017 | ހޯމަ | 6 ހެއި

ރައްޔިތުންނަށް ކިރިޔާވެސް ނޭވާއެއް ލެވޭނެ ފުރުސަތެއް އޮތީ ރައީސް ޔާމީން ބޭރުކޮށްގެން: ޖާބިރު

  • މި ސަރުކާރާއި ވައްކަމާ ވަރަށް ރަހުމަތްތެރި ކަމަށް މެންބަރުން ވެސް ގަބޫލުކުރޭ
  • ރައީސް ޔާމީން ވެރިކަމަށް ގެންނަން ޚަރަދުކުރިން
  • ރާއްޖޭގެ ވަސީލަތްތަކުގެ ނާޖާއިޒު ބޭނުން ހިފުމުގެ ފުރުސަތު ރައްޔިތުން ނުދޭނެ

| | | azmoon_ahmed | |



ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު -- ފޮޓޯ:ރާއްޖެ އެމްވީ

ރައްޔިތުންނަށް ނޭވާއެއް ލެވޭނެ ފުރުސަތެއް އޮތީ ވެރިކަމުން ރައީސް އަބްދުﷲ ޔާމީން ބޭރުކޮށްގެން ކަމަށާއި މިހާރު ކުރަމުންދަނީ އެ މަސައްކަތް ކަމަށް ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

 

ސްރީ ލަންކާގައި ހުންނަވައިގެން ރާއްޖެއެމްވީއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މަޝްހޫރު ވިޔަފާރިވެރިޔާ ޖާބިރު ވިދާޅުވީ ވެރިކަމުގައި ހުންނަވާ ބޭފުޅަކު ރައްޔިތުންނާއި އެއްވެސް ގުޅުމެއް ނެތް ޒާތަކަށް ވެރިކަން ކުރަމުންދާތީ ރާއްޖެއަށް ދިމާވެފައިވަނީ ޚިޔާލަށް ވެސް ނުގެނެވޭހާ ބަދުނަސީބު ހާލަތެއް ކަމަށެވެ.

 

"ރާއްޖޭގެ ރަައްޔިތުންގެ ތެރެއިން ގިނަ މީހުން ތިބީ ހެޔޮ ވެރިކަމަކަށް ބޭނުންޖެހިފައި، އެއީ ވާހަކަ ދެއްކޭކަށް ވެސް ނެތް ފުރުސަތެއް، ނޭވާއެއް ވެސް ލެވޭކަށް ނެތް، އެހެންވީމާ ނޭވާ ނުލެވި ނުއެއް އުޅެވޭނެ، ނޭވާ ލެވޭނީ ނޭވާ ލެވޭނެ މާހައުލެއް ހަމަޖައްސަައިގެން، އެ މަސައްކަތް މިހާރު ކުރިއަށް މިދަނީ،" ޖާބިރު ވިދާޅުވި އެވެ.

 

ޖާބިރު ވިދާޅުވީ، ރާއްޖޭގެ ހުރިހާ އެންމެން ރައީސް ޔާމީނާ ދެކޮޅަށް ނިކުންނަ ހިސާބަށް ކަންތައްތައް ކުރެއްވެވިފައިވާކަން މިހާރު އެމަނިކުފާނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

 

ޖާބިރު ވިދާޅުވީ ވަކިވަކިން ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނާ ވާހަކަ ދައްކަވާފައިވާނެ ކަމަށެވެ. މި ސަރުކާރާއި ވައްކަމާ ވަރަށް ރަހުމަތްތެރި ކަމަށް ހުރިހާ މެންބަރުން ވެސް ގަބޫލުކުރައްވާކަން ފާހަގަކުރައްވައި ޖާބިރު ވިދާޅުވީ ވައްކަމާ އެހާ ރަހުމަތްތެރި ސަރުކާރެއް ވެރިކަމުގައި ބޭއްވުމަށް މެންބަރުން ބޭނުންނުވާ ކަމަށެވެ.

 

ޖާބިރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ގާނޫނީ އިމުގެ ތެރެއިން ރައީސް ޔާމީން ވެރިކަމުން ދުރުކޮށްދޭން ޖެހޭ ކަމަށާއި ގުޅިފައިވާ ހަތަރު ޕާޓީގެ ލީޑަރުންނާއި މަޖިލިސް މެންބަރުން މިހާރު ކުރައްވަމުން ގެންދަވަނީ އެ މަސައްކަތް ކަމަށެވެ.

 

"އަޅުގަނޑަށް ދެވުނު ސަޕޯޓެއް އެކަމުގައި ދެމުން މިދަނީ، ބައެއް ކަންކަން ހުންނާނެ ހުރިހާ ވާހަކައެއް އެހާ ތަފްސީލުިކޮށް ނުދެއްކޭނެ، މި ދެއްކި ވާހަކަތަކަށް ބަލާއިރުގައި އަޅުގަނޑު ގަބޫލުކުރަނީ ރައްޔިތުންގެ މަޖިލިސް މިހާރު އެއޮތީ ދެތިން ދުވަހެއްގެ ތެރޭގައި ވެސް ބާއްވާފަ ޔާމީން ގެޔަށް ދާށޭ ބުނާ ހިސާބުގައި،" ޖާބިރު ވިދާޅުވި އެވެ.

 

އިތުރަށް ޖާބިރު ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ގެންނަން ޚަރަދުކޮށްފައިވާނެ ކަމަށެވެ. ނަމަވެސް މި ސަރުކާރުގެ ކުރީކޮޅު، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނެވިއިރު، ކުންފުނިތަކުން ފައިސާ ނަންގެވި މައްސަލައިގައި މާލިއްޔަތު ކޮމެޓީއަށް ހާޒިރުކުރުމަށް ޗިޓް ފޮނުވުމާއެކު ޖަލަށް ދާން ޖެހުނު ކަމަށް، އެއިރު މާލިއްޔަތު ކޮމެޓީގެ މުގައްރިރުކަން ކުރެއްވި ޖާބިރު ވިދާޅުވި އެވެ.

 

"ގައުމުގައި ވިޔަފާރިއެއް ކުރެވެން ނެތިފައި، ރައްޔިތަކަށް ނޭވާލެވެން ނެތިފައި، ސައިތަށްޓެއް ބޯން އިނދެފައި ދައްކާ ވާހަކައަކުން އެއްމިލިއަން ރުފިޔާއިން ޖޫރިމަނާ ވެފައި، ދެން މިއީ އަޅުގަނޑުމެން ގަބޫލުކުރާ ޒާތުގެ ވިޔަފާރިއެއް ވެސް ނޫން، ރައީސް ޔާމީނަކީ އަޅުގަނޑު ސީދާ ޚަރަދުކުރި މީހެއް ވެރިކަމަށް ގެންނަން،" ޖާބިރު ވިދާޅުވި އެވެ.

 

ޖާބިރު ވިދާޅުވީ މިހާރު އޮތް ސަރުކާރަކީ ވައްކަން ކުރާ ސަރުކާރެއް ކަމަށް ހުރިހާ ރައްޔިތުން ވެސް މިހާރު ގަބޫލުކުރާ ކަމަށެވެ. އެހެންކަމުން މިފަދަ ސަރުކާރަކަށް ރާއްޖޭގެ ވަސީލަތްތަކުގެ ނާޖާއިޒު ބޭނުން ހިފުމުގެ ފުރުސަތު ދިވެހި ރައްޔިތުން ނުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

 

"ދެން މިހާރު ވަރަށް ފަސޭހަ މިކަން ކޮށްލަން، ހުރިހާ ރައްޔިތުން ވެސް ގަބޫލުކުރާ މިސަރުކާރުން ވައްކަން ކުރާ ކަން، އެއީ ދެން އެންމެންނަށް ވެސް އެނގިފައި އޮންނަ ކަމެއް، އެހެންވީމަ ވައްކަންކޮށް މިކުޑަ ގައުމުގައި ހުރި ރިސޯސްތައް އެހާ ނާޖާއިޒު ގޮތުގައި ބޭނުން ކުރަން އެ ފުރުސަތު ދިވެހި ރައްޔިތުން ނުދޭނެ އެއްވެސް ރައީސަކަށް،" އޭނާ ވިދާޅުވި އެވެ.

 

އޭނާއަކީ އެމްޑީޕީ މެންބަރެއް ކަމަށާއި އަދި ވިޔަފާރިއެއް ވެސް ކަމަށް ފާހަގަކުރައްވައި، ޖާބިރު ވިދާޅުވީ މަސައްކަތް ކުރައްވަނީ ވިޔަފާރި ކުރެވޭނެ މާހައުލެއް ގާއިމް ކުރުމަށް ކަމަށެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރިވެރިޔާ ފުލުސް އޮފީހަށް ހާޒިރުކުރާތީ ޖާބިރު އެކަން ސިފަކުރެއްވީ "އަވަލައިގެން" އުޅުމުގެ ގޮތުގަ އެވެ.

 

"އަޅުގަނޑުމެންގެ އެކައުންޓް ފްރީޒްކޮށް، އަޅުގަނޑުމެންގެ ކޮންޓެއިނަރުތައް ނުނެރެވި، އަޅުގަނޑުމެންގެ މުވައްޒަފުންނަށް މުސާރަ ނުދެވި، އަޅުގަނޑުމެންނަށް ވިޔަފާރިކުރާނެ މާހައުލެއް ނެތީމާ، އަޅުގަނޑުމެން އެ މާހައުލު ގާއިމްކުރަން މަސައްކަތް ކުރަމުން މިދަނީ. ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް އިރުއިރުކޮޅާ ދެގަޑިންދެގަޑިން ފުލުސް އޮފީހަށް ގެންގޮސް މި ހީވަނީ މޮޔަވެގެން ބަޔަކު އަވަލައިގެން އުޅޭހެން،" ޖާބިރު ވިދާޅުވި އެވެ.

 

ގާސިމް ގޯސްކޮށް ކުރެއްވީ ކޮން ކަމެއްތޯ ސުވާލު އުފައްދަވަމުން ޖާބިރު ވިދާޅުވީ ގާސިމަކީ ޕާޓީއެއްގެ ލީޑަރެއް ކަމަށާއި އެހެންކަމުން ބާރަށް ސިޔާސީ ވާހަކަ ދައްކަވަން ޖެހޭނެ ކަމަށެވެ. ޖާބިރު ވިދާޅުވީ ރައީސް މުހައްމަދު ނަޝީދު ވެސް ދައްކަވަނީ ސިޔާސީ ވާހަކަ ކަމަށާއި އެހެންކަމުން ސިޔާސީ ވާހަކަ ދައްކައިގެން ކުށްވެރިނުވާނެ ކަމަށެވެ.

 

"ކޮންކަމެއްތޯ ގާސިމް ގޯސްކޮށް ކުރެއްވީ، ގާސިމަކީ ޕާޓީއެއްގެ ލީޑަރެއް، އެހެންވީ ސިޔާސީ ވާހަކަ ގާސިމް ދައްކަވަންޖެހޭނެތާ ބާރަށް ބާރަށް، ގާސިމް ނުދައްކާ ދެން ކާކު ދައްކަން ހުރީ، ދެން ހުރީ ނަޝީދު، ނަޝީދު ދައްކަވަންޖެހޭނެ ސިޔާސީ ވާހަކަ، އެހެންވީމަ ނަޝީދު ވިދާޅުވާނެ، ކުށްވެރިއެއް ނުވާނެ ސިޔާސީ ވާހަކަ ދައްކައިގެން، މެންބަރުން ވެސް ހޯދަން އުޅޭނެތާ،" އޭނާ ވިދާޅުވި އެވެ.

 

ޖާބިރު ވިދާޅުވީ ކޮންމެ ގޮތަކަށް ވޯޓް ނެގި ނަމަވެސް، މިހާރު ރައީސް ޔާމީނުގެ އަތްޕުޅުގައި މަޖިލީހުގެ މެޖޯރިޓީއެއް ނޯންނާނެ ކަމަށެވެ. އަދި އަދީބު ހުންނެވިއިރު، މެންބަރުންނަށް ފައިސާ ދެއްވައިގެން ގެންގުޅެފައި މިހާރު ރިޝްވަތު ބަހާ ވާހަކަ ދެއްކުމަކީ ހަމަނުޖެހޭ ކަމެއްގެ ގޮތުގައި ޖާބިރު ސިފަކުރެއްވި އެވެ.

 

"ރައީސް ޔާމީނު ކައިރީގައި އަދީބު އުޅުނުއިރު، އަދީބު ލައްވާ ހުރިހާ އެންމެން ރިޝްވަތު ދީގެން ގެންގޮސް ބަހައްޓާފައި ދެން އެހެން މީހުންނަކީ ރިޝްވަތު ނަގާ ބައެކޭ މީދެން ގުނބޯލިގުނބޯލި ކަހަލަ ވާހަކައެއްނު މިދައްކަނީ މިހާރު، އެކަހަލަ ބޭކާރު ވާހަކަ ދައްކައިގެން ޓައިމް ވޭސްޓް ކުރަން ޔާމީނު ވެސް ހައްދަވާނެ ކަމެއް ނެތް، ކޮންމެ ގޮތަކަށް ވޯޓް ނެގިޔަސް ޔާމީނު އަތުގެ ނޯންނާނެ މަޖިލީހުގެ މެޖޯރިޓީއެއް މިކަން ނިމޭނީ ރަނގަޅަށް،" ޖާބިރު ވިދާޅުވި އެވެ.

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ