25 ސެޕްޓެންބަރ 2018 | އަންގާރަ | 05 އަތަ
15 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

މަސީހުގެ އިތުބާރު

ގަދަބާރުން ހޯދޭނެ އިތުބާރެއް ނޯންނާނެ!

  • އިތުބާރު ނެތްކަމުގެ ވޯޓާ ގުޅިގެން ރޯލް ކޯލް ވޯޓަށް ދިޔަ
  • މަޖިލީހުގެ ގަވާއިދު ބަދަލުކުރީ ރަނގަޅަކަށް ނޫން
  • ގާސިމް ހައްޔަރުކުރީ ވޯޓަށް ހުރަސް އަޅަން
|

| 17 އޭޕުރިލް 2017 | ހޯމަ 10:26 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  3. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  6. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  7. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟
  8. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!


ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް -- ގޫގުލް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ނުވަތަ އެ މަޖިލީހުގެ ކޮމިޓީއެއްގައި މަޖިލީހުގެ މެމްބަރަކު ނުވަތަ އެނޫން ވެސް މީހަކު އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާ ގޮތުގެ މަތީން ދެއްކި ވާހަކައެއް ނުވަތަ ހުށަހެޅި ހުށަހެޅުމެއްގެ ސަބަބުން ނުވަތަ ވޯޓް ދިނުމުގައި އަމަލުކުރި ގޮތެއްގެ ސަބަބުން ކޯޓަކަށް އެ މީހަކު ހާޒިރުކޮށް ނުވަތަ އެ މީހަކާމެދު އެއްވެސް ތަހްގީގެއް ހިންގައި ނުވަތަ ހައްޔަރުކޮށް ނުވަތަ ބަންދެއްކޮށް ނުވަތަ އެ މީހަކާ މެދު ދައުވާއެއްކޮށް ހަދައިގެނެއް ނުވާނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވެ އެވެ. މި ރައްކާތެރިކަމާއި އިމްތިޔާޒު ލިބިގެންވަނީ ހިތުހުރި ގޮތަކަށް ކަންކަން ކުރުމަކަށް ނޫނެވެ. ނަމަވެސް، މި ފަހަކަށް އައިސް ރައްޔިތުންގެ މަޖިލީހުން ފެނިގެން ގޮސްފައިވަނީ ގާނޫނީ އަދި ބަރުލަމާނީ ހަމައިން ނެއްޓި ބައެއް ނިންމުންތައް ނިންމި ތަނެވެ. ހުރިހާ ކަމެއް އިއްތިފާގު ވެގެން ދިޔައީ މަޖިލީހުގެ ރިޔާސަތުގެ މަގާމުގެ ދިފާއުގަ އެވެ.

 

ރޯލް ކޯލް ވޯޓް

ރާއްޖޭގެ ބަރުލަމާނީ ތާރީހުގައި ވެސް ރޯލް ކޯލް ވޯޓެއް ނަގާފައި ވަނީ އެންމެ ދެ ފަހަރު އެވެ. ފުރަތަމަ ވޯޓް ނެގީ މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ އެކުލަވާލަމުން ދިޔައިރު، ރައްޔިތުންގެ ހާއްސަ މަޖިލީހުގަ އެވެ. އެއަށް ފަހު ދެން ރޯލް ކޯލް ވޯޓް ނަގާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓްގައި، މާޗް 27 ވަނަ ދުވަހު ބޭއްވި ޖަލްސާގަ އެވެ.

 

ކުރިން އަމަލުކޮށްފައިވާ އުސޫލަކީ ވެސް ގާނޫނީ ހަމައަކަށް ވާއިރު، ކުރިން ރޯލް ކޯލް ވޯޓް ނަގާފައިވާ ގޮތަށް ބަލަން ޖެހެ އެވެ. ހާއްސަ މަޖިލީހުގައި ރޯލް ކޯލް ވޯޓް ނެގީ، ގާނޫނު އަސާސީގެ މާއްދާއެއް ފާސްކުރުމަށް، އިލެކްޓްރޯނިކް ވޯޓިން ސިސްޓަމްގެ މައްސަލަ ދިމާވެ، ވޯޓާ މެދު މެމްބަރުންގެ އިތުބާރު ނެތުމުންނެވެ. ނަމަވެސް މަސީހުގެ ވޯޓްގައި ކަން ކުރި އުސޫލުން، ޖަލްސާ ފެށުމުގެ ކުރިން ރޯލް ކޯލް ވޯޓް ނަގަން ހުށައެއް ނާޅައެވެ. ހާއްސަ މަޖިލީހުގެ އެ ޖަލްސާގައި ސިސްޓަމް ރަނގަޅުކުރުމަށް މަސައްކަތްތައް ނުކޮށް ދޫކޮށްލީއަކީ ވެސް ނޫނެވެ. ކުރެވުނު އެއްވެސް މަސައްކަތަކުން މެމްބަރުންގެ ފުރިހަމަ އިތުބާރު އިލެކްޓްރޯނިކް ވޯޓަށް ނެތުމާއެކު ރޯލް ކޯލް ވޯޓަށް ދިޔަ އެވެ. (މިކަން ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބެވި ގިނަ މެމްބަރުންގެ ހަނދާނުގައެއް ނެތެވެ)

މާޗް 27 ވަނަ ދުވަހުގެ ޖަލްސާގެ އެންމެ ހެއްވާ ކަމަކީ، އަދި ދެކޮޅު ނުޖެހޭ ކަމަކީ، ރޯލް ކޯލް ވޯޓަށް ދާން ފާސްކުރި ވޯޓް ނެގީ، ޕީޕީއެމްގެ މެމްބަރުންނަށް އިތުބާރެއް ނެތް އިލެކްޓްރޯނިކް ވޯޓިން ސިސްޓަމް މެދުވެރިކޮށް ކަމަށް ވުމެވެ. ދެން ދެއްކި ބަހަނާއަކީ އެމްޑީޕީގެ މެމްބަރަކު، ނައިބު ރައީސް ރީކޯ މޫސަގެ ވޯޓަަށާއި ޖަލުގައި ހުންނެވި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފުގެ ވޯޓަށް ރަތް ފިތުމެވެ. އެކަން ތަހްގީގުކޮށް ހާމަކޮށްފައެއް ނެތެވެ. އެ ދުވަހު ވަގުތުން ރެކޯޑްކޮށްފައިވާ ވޯޓްގެ ވީޑިއޯއިން ދައްކާ ގޮތުގައި އާދަޔާ ހިލާފު މަންޒަރެއް ފެނެ އެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ބަޔަކު ސިސްޓަމާ ކުޅެމުންދިޔަ ކަމަށް ތުހްމަތު ކުރެވެނީ، މޫސަ އާއި މަހްލޫފުގެ ވޯޓްގެ މައްޗަށް މައުސް ކާސާ ދުއްވާފައިވާތީ އެވެ.

މާޗް 27 ވަނަ ދުވަހު އިލެކްޓްރޯނިކް ވޯޓް ނިޒާމަށް މައްސަލަ ދިމާވި ސަބަބު ބަލައި ހާމަކޮށްފައެއް ނެތެވެ. ބަހަނާ ދެއްކުމުގެ ބަދަލުގައި، ޒިންމާދާރު ގޮތަކީ އެ މައްސަލަ ތަހްގީގުކުރުމެވެ. އަދި ރައްޔިތުންގެ މަންދޫބުންގެ ނިންމުންތަކާ މެދު ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށް ވެސް އެއީ ކުރަންޖެހޭ ކަމެކެވެ. މަޖިލީހުގެ އިތުބާރާއި ރިޔާސަތުގެ އިތުބާރު ދެމެހެއްޓުމަށް ވެސް މިކަން ކުރަންޖެހެ އެވެ.

 

މެމްބަރުން ބޭރުކުރުން

މާޗް 27 ވަނަ ދުވަހުގެ ޖަލްސާގެ ނިޒާމު ގެއްލި، ރިޔާސަތުގެ ގޮނޑިވެސް ހުސްކޮށް ހުއްޓައި، ފެނިގެން ދިޔައީ "ހާއްސަ" ލިސްޓަކަށް މަޖިލީހުގެ މެމްބަރުން ނެރެމުންދިޔަ މަންޒަރެވެ.

ނަން އިއްވި މެމްބަރެއް ކަމެއް، ނަން ނީއްވާ މެމްބަރެއް ބެލުމެއް ނެތި ސެކިއުރިޓީ އޮފިސަރުން މެމްބަރުން ބޭރުކުރި އެވެ. މެމްބަރުން ނެރުމުގެ އިތުރުން އެ ދުވަހުގެ ޖަލްސާއަކީ ރައްޔިތުންނަށް ރައްޔިތުންގެ މަޖިލީސް ބަންދުކޮށްގެން ބޭއްްވި ޖަލްސާއެކެވެ. މިހާތަނަށް ވެސް ސަބަބެއް ހާމައެއް ނުކުރެވެ އެވެ. ޖަވާބުދާރީއެއް ނުވެވެ އެވެ. މިއީ މަޖިލީހުގެ ރިޔާސަތުގެ މަގާމުގެ ދިފާއުގައި ގަވާއިދާ ހިލާފަށް ކޮށްފައި ހުރި ކަންކަމެވެ.

މަސްލަހަތުގެ ފުށޫއެރުން

މެންބަރެއްގެ މަސްލަހަތު ޙިމާޔަތްކުރުން ކަމުގައި ބެލެވޭނެ ޙާލަތްތައް ބަޔާންކޮށްފައިވާ މަޖިލީހުގެ ގަވާއިދުގެ 52 ވަނަ މާއްދާގައި ބުނެފައި ވަނީ މެންބަރެއްގެ ޒާތީ މަޞްލަޙަތު ޙިމާޔަތްކުރުންކަމުގައި ބެލެވެނީ މެންބަރަކު ކުރާ ޢަމަލެއްގެ ސަބަބުން ނުވަތަ މަޖިލީހުގެ މަސައްކަތާ ގުޅޭގޮތުން އިޚްތިޔާރުކުރާ ގޮތެއްގެ ސަބަބުން ސީދާގޮތުން ނުވަތަ ނުސީދާގޮތުން އެ މެމްބަރަކަށް ކަމެއް މަގުފަހިވުމެވެ. މަޖިލީހުގެ ރައީސް މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ 31 މެމްބަރުންގެ ސޮޔާއެކު ވެއްދުމާއެކު، އެ ހުށަހެޅުމާއި، މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކުގެ އިތުބާރު ނެތްކަމުގެ މައްސަލަ ބޭރުވެގެންދާ ގޮތަށް، މަޖިލީހުގެ ގަވާއިދަށް ކުއްލި ބަދަލެއް ގެނަ އެވެ. މި ބަދަލު ގެނައި މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވީ މަސްލަހަތު ފުށޫއަރާ ހާލަތެއްގައި ހުންނެވި މަޖިލީހުގެ ރައީސް މަސީހެވެ. ގަވާއިދަށް މި ބަދަލު ގެނައުމަށް، މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވޯޓް ދެއްވިއިރު، އެ މަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ އޮތީ ޖެހިގެން އައި ދުވަހުގެ ތާވަލުގައި ހިމަނާފަ އެވެ.

 

މި ހާލަތުގައި، މަޖިލީހުގެ ގަވާއިދަށް ގެނައި ބަދަލަކީ ހުރިހާ ހަމައަކުން ބެލިޔަސް، ގޯސް ބަދަލެކެވެ. ނަމަވެސް މަގާމުގެ ދިފާއުގައި ގޯހެއްގެ މައްޗަށް މަޖިލިސް ހިންގަމުން އެދާދިއުމަކީ ހަގީގަތުގައި ވެސް އިތުބާރު ނެތްކަން ހާމަކޮށްދޭ ކަމެކެވެ.

 

ކޮންމެ ހަމައަކުން ބެލިޔަސް، ތިމާއަށް މަންފާއެއް، ނުވަތަ ގެއްލުމެއް ލިބިދާނެ ނަތީޖާއެއް ނުކުންނަ ކޮންމެ ކަމަކީ މަސްލަހަތު ހިމެނޭ ކަމެކެވެ. އެވަރު މަޖިލީހުގެ ރިޔާސަތަށް އެނގިވަޑައިނުގަންނަވާނަމަ، އެ މަގާމަކަށް ހަގީގަތުގައި ވެސް ކުފޫއެއް ވެސް ހަމައެއް ނުވެ އެވެ.

 

ގާސިމް ޖަލަށް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރިޝްވަތު ދިންކަމާއި ގާނޫނާ ހިލާފަށް ސަރުކާރު ބަދަލުކުރަން އުޅުނު ކަމުގެ ތުހްމަތުކޮށް ޖަލަށްލީ، މަޖިލީހުގެ ރިޔާސަތު ބަދަލުކުރުމަށް މައްސަލަ ހުށަހަޅާފައި އޮއްވަ އެވެ. ބަރުލަމާކީ އުސޫލަކީ، މަޖިލީހުގެ ރިޔާސަތުގެ ނުވަތަ އިތުބާރު ނެތްކަމުގެ ވޯޓެއް ހުށަހަޅާފައި ވަނިކޮށް މެމްބަރަކު އެފަދަ ގޮތަކަށް ހައްޔަރު ނުކުރުމެވެ.

އިމްތިޔާޒުގެ ގާނޫނުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައި އެ ވަނީ މަޖިލީހުގެ މެމްބަރަކު ހައްޔަރުކުރެވޭނެ އިޖުރާއަތްތަކާއި ތަރުތީބެވެ. އެ މާއްދާގައި ބުނެފައިވާ ގޮތުން ޖިނާއީ ކުށެއްގެ ވެށިން ފިޔަވައި، އެހެން ހާލަތެއްގައި މެމްބަރަކު ހައްޔަރު ކުރެވޭނީ ޕްރޮސިކިއުޓާ ޖެނެރަލް މެދުވެރިކޮށް ހޯދާ އަމުރަކުންނެވެ.

ގާނޫނު އަސާސީ ނެގެހެއްޓުމަށާއި ރައްޔިތުންގެ ހައްގުތައް ދެމެހެެއްޓުމަށްޓަކައި ހުވާ ކުރައްވައިގެން ހުންނެވި ޕްރޮސިކިއުޓަ ޖެނެރަލަށް ވެސް، އެޗްއާރުސީއެމް އަށް ވެސް، ކޯޓެއްގެ ފަނޑިޔާރަކަށް (ހައި ކޯޓްގެ ނިންމުމުގެ ކުރިން)، ރައްޔިތުންގެ މަޖިލިހުގެ ރިޔާސަތަށް ވެސް، ގާނޫނާ ހިލާފަށް ގާސިމް ހައްޔަރުކޮށްފައިވާ ކަމަށް ވިދާޅުވާން ކެރިވަޑައިނުގަތެވެ. މަޖިލީހުގެ ރިޔާސަތަކީ މެމްބަރުންގެ ހައްގުގައި ބަސް ވިދާޅުވުމުގެ ނުވަތަ މެމްބަރުންގެ ހައްގުތައް ދެމެހެއްޓުމަށް އެންމެ އިސްކޮށް ހުންނަވަންޖެހޭ ފަރާތެވެ. ނަމަވެސް މަޖިލީހުގެ ރިޔާސަތަކަށް އެ ވާޖިބެއް އަދައެެއް ނުކުރެވުނެވެ. އޭގެ ބަދަލުގައި ގާސިމްގެ ހައްޔަރު ރަނގަޅު ކަމަށް ރިޔާސަތުން ގަބޫލުކުރައްވަ އެވެ.

"ފާހަގަކުރެއްވި އިއްޒަތްތެރި މެންބަރު ހައްޔަރުކުރެއްވުމާ ގުޅޭގޮތުން މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ހައްޔަރުކުރެއްވި ފަރާތުން ޢަމަލުކޮށްފައިވާ ވާހަކަ ދަންނަވަން. އަދި އެއާއެއްކޮށް މަޖިލީހުގެ ރިޔާސަތުން ޢަމަލުކުރަންޖެހޭ ގޮތަށް މަޖިލީހުގެ ރިޔާސަތުން ވެ ސް ގަވާއިދުގައިވާ ގޮތު ގެ މަތީން ޢަމަލުކޮށްފައިވާ ވާހަކަ ދަންނަވަން،" ގާސިމް ހައްޔަރުކުރުމާއި، އެ މަނިކުފާނު މަޖިލީހަށް ހާޒިރު ނުކުރުން، މަތިވެރީ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު، އޭޕްރީލް 10 ވަނަ ދުވަހުގެ ޖަލްސާގައި ނެންގެވި ނިޒާމީ މައްސަލައަށް ރައްދު ދެއްވަމުން، މަސީހް ވިދާޅުވި އެވެ.

 

އެ ވިދާޅުވި އުސޫލަކީ ބާތިލް އުސޫލެއް ކަމަށް ހައި ކޯޓްގެ ނިންމުމުން އެނގިގެން ދެ އެވެ. ގާސިމް ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން އޭޕްރީލް 13 ވަނަ ދުވަހު ކަނޑައަޅައި ދޫކޮށްލީ، އޭނާ ހައްޔަރުކުރުމުގައި ޕީޖީ އޮފީހުގެ ދައުރެއް ނެތް ކަމަށާއި އެއީ ގާނޫނާ ހިލާފު ހައްޔަރެއް ކަމަށް ޕީޖީގެ ވަކީލު ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވުމުންނެވެ. އެއީ ގާނޫނާ ހިލާފު ބަންދެއް ކަމަށް ހައި ކޯޓުން ވެސް ކަނޑައެޅި އެވެ.

 

މިއީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވި އެވެ. އިތުރު ކާާމިޔާބީތައް ވެސް އެބަ ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ގާސިމަށް ގާނޫނުން ލިބިދޭ އިމްތިޔާޒާއި ހައްގަށް ދައުލަތުގެ މުއައްސަސާތަކުން މި ދަރަޖައަށް އަރައިގެންފައި ވާއިރު، އެކަން ކުށްވެރިކޮށް މެމްބަރުގެ ދިފާއުގައި މިހާތަނަށް ވެސް މަޖިލީހުން ބަހެއް ބުނެފައެއް ނެތެވެ.

 

“މިއީ ޑިމޮކްރެޓިކް ނިޒާމެއްގައި ކަންތައްތައް ހިނގަންޖެހޭނެ ގޮތެއް ނޫން. އެކަމު ދެން އަޅުގަނޑުމެނަުށް އެނގޭ މިހާރު މި ޤައުމުގައި މިއޮތީކީ ޑިމޮކްރެސީއެއް ވެސް ނޫންކަން. ޚުދުމުޚްތާރު ވެރިކަމެއްގައި ގަދަކަމުން ބަގުޑިބައްދަންވެގެން ކުރާ މަސައްކަތްތަކެއްކަން ކުރެވިގެން މި ދަނީ،" ގާސިމް ހައްޔަރުކުރުމާއި އިތުބާރުގެ ވޯޓާ ގުޅިގެން ރިޔާސަތުން އަމަލުކުރަމުން ދިޔަ ކަންކަމަށް އިޝާރަތްކޮށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވި އެވެ.

 

ހާލަތު އެނގޭ

ރައްޔިތުންގެ މަޖިލީހުގައި މި ސަރުކާރަށް އޮތް ބިޔަ މެޖޯރިޓީ ވަނީ ގެއްލިގެން ގޮސްފަ އެވެ. ރައްޔިތުންގެ މަޖިލީސް ފެށިއިރު، ފަސްދޮޅަހަށް ވުރެ ގިނަ މެމްބަރުން ސަރުކާރުގެ ކޯލިޝަންގައި ތިއްބެވިއިރު، އެ އަދަދު ވަނީ 46 އަށް ތިރިވެފަ އެވެ. ސަރުކާރުގެ ކޯލިޝަން ރޫޅިފައިވާއިރު، ޕާލިމެންޓަރީ ގްރޫޕްގައި ވެސް ބޮޑެތި މައްސަލަތަކާއި ހިތްހަމަ ނުޖެހުން އިންތިހާއަށް އެބަ އޮތެވެ. ބައެއް މެމްބަރުން ވިދާޅުވާ ގޮތުގައި، ގިނަ މެމްބަރުން ތިއްބެވީ ބިރުވެރިކަމެއްގެ ތެރޭގަ އެވެ. ނަމަވެސް، އެ މެމްބަރުން ބިރުފަހަނަ އަޅައި ނުކުތުމުގެ ކޮޅުމަތި އެބަ ފެނެ އެވެ.

މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅޭނީ ގަވާއިދަށް އެންމެ ފަހުން ގެނައި ބަދަލާއެކު 42 މެމްބަރުންގެ ސޮއި ލިބިގެންނެވެ. އެ އަދަދު ހަމަވެފައިވާ ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވެ އެވެ.

ފެންނަން އޮތް ހަގީގަތަކީ މަޖިލީހުގެ ރިޔާސަތުން ވެސް، ސަރުކާރުން ވެސް މަރަށް ތެޅޭ އުސޫލުން ތެޅެމުންދާ ތަނެވެ. ގާނޫނެއް ގަވާއިދެއް އުސޫލެއް ބެލުމެއް ނެތި، މަގާމު ދިފާއުކުރުން ނޫން ކަމެއް ނެތެވެ. ނަމަވެސް ގަދަބާރުން ލިބޭނެ އިތުބާރެއް ނޯންނާނެ އެވެ. އިއްޒަތްތެރި މެމްބަރުން އިއްޒަތްތެރިކަން ދެމި އޮންނަނީ ގާނޫނާއި އުސޫލާއި ހަމައާއި އިންސާފަށް ލޯބިކުރާ މިންވަރަކަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް