27 އޭޕުރިލް 2017 | ބުރާސްފަތި | ބުރުނު 6 | 1 ޝައުބާން 1438 | ފަތިސް: 04:41

ލޯބިން


| | | produceramir | |



އާމިރު ސަލީމްގެ ލޯބިން -- ފޮޓޯ:ރާއްޖެ އެމްވީ

ވަރުބަލިކަމާއި ހިތާމަޔާއި އަސަރުން ފުރިގެންވާ ރާގަކަށް ނިހާ ވާހަކަ ދައްކަމުން ދިޔައެވެ. ލޯ މަރައިލައިގެން އޮވެގެންނެވެ.

      ނިހާގެ ބޮލުގައި ފިރުމާލުމަށްފަހު ޒައިނާގެ އަތުގައި އޮތް ގަޑިއަށް ބަލާލިއެވެ. އޭރު ގަޑިން ރޭގަނޑު އެކެއްވެސް ޖަހައިފިއެވެ. ވަރަށް ގިނަ ވަގުތު ހޮސްޕިޓަލުގައި ހޭދަ ކުރުމުުގެ ސަބަބުން ޒައިނާ އިނީ ވަރަށް ބޮޑަށް ވަރުބަލި ވެފައެވެ. އެކަމަކު ނިހާ ގާތު މަޑުކޮށްލާނެ އެހެން މީހަކު ނެތުމުގެ ސަބަބުން ޒައިނާއަށް އިނީ ގެއަށްވެސް ނުދެވިފައެވެ.

" ޒައިނާ ގެއަކަށްވެސް ނުދަންތަ؟ "

އެއްވެސް ވާހަކައެއް ނުދައްކާ ކުޑައިރުކޮޅަކު ހިމޭނުން އޮތުމަށްފަހު ނިހާ ވާހަކަ ދެއްކިއެވެ.

" މަންމަ ބުނި އަންނާނަމޭ! މަންމަ އައިމަ އަހަރެން ދާނީ."

ޒައިނާ ޖަވާބުދިނުމުގެ ގޮތުން ބުނެލިއެވެ.

      ނިހާގެ އަޑުމަޑުވަމުން ގޮސް އެއްކޮށް އެއަޑު މަޑުވެއްޖެއެވެ. ހީވަނީ މާބޮޑަށް ވަރުބަލިވީ ހެންނެވެ. ނުވަތަ ނިހާއަށް އިންޖެކްޝަންގެ އަސަރުކޮށްގެން ނިދުނީ ހެންނެވެ.

      މަންމަ އައުމުން ނިހާގެ ގާތުގައި މަންމަ ބައިންދާފައި ޒައިނާ ގެއަށް ހިނގައްޖެއެވެ. އޭރު ނިހާއަށް އޮތީ ނިދިފައެވެ.

      އޮފީހުގައި އެތައް ވަގުތެއް ހޭދަ ކުރުމަށްފަހު ޒިޔާމް ބޭރަށް ނުކުމެއްޖެއެވެ. ކޮންމެވެސް ކަމަކާ މާބޮޑަށް ވިސްނުމުގެ ސަބަބުން އޭނާގެ މޫނުމަތިން އާދަޔާ ޚިލާފު ވަރުބަލިކަމެއްގެ އަސަރުން ފެންނަން ހުއްޓެވެ. ފެންނަފެނުމަށް ހީވަނީ ނިންމަން ދަތި ބޮޑެތި އެތައް މައްސަލަތަކެއް ކުރިމަތި ވެގެން އުޅޭ މީހެއް ހެންނެވެ. އެއްވެސް މިސްރާބެއް މަންޒިލެއްނެތި މަގުމަތީގައި ޒިޔާމް ހިނގަމުންދިޔައެވެ. ސިކުނޑީގައި ގިނަވެ އެނބުރެމުންދާ ޚިޔާލުތަކުގެ ސަބަބުން އޭނާގެ ހާސްކަން އިތުރުވަމުންދެއެވެ.

" ޒިޔާމް! ޒިޔާމް! "

      ކޮންމެވެސް މީހަކު ފަހަތުން ވަރަށް ބާރަށް ގޮވާއަޑަށް ޒިޔާމް ހުއްޓިއްޖެއެވެ. ދެން ފަހަތަށް އެނބުރި ބަލައިލިއެވެ. އޭރު ސައިކަލެއް ވަރަށް ބާރަށް އައިސް ޒިޔާމް އާއި އަރާ ހަމަވަނީއެވެ. ސައިކަލު ދުއްވަން އިނީ ސައީދުއެވެ. އެއީ ހިތަދޫގައި ފުދޭވަރެއްގެ ތަނަވަސް ޢާއިލާއެއްގެ ކުއްޖެކެވެ. ޒިޔާމްގެ ކްލާސް މޭޓެއްވެސް މެއެވެ. ސްކޫލް ނިމުނީއްސުރެ އެކަކު އަނެކަކާ ދިމާނުވެ އެތައް ދުވަހެއް ވޭތުވުމަށްފަހު ބައްދަލުވީ މިރަށުންނެވެ. އެއީ ޒިޔާމް ކައިވެނިކޮށްގެން ހިތަދޫގައި އުޅެންފެށިތާ ކައިރީގައެވެ. ތަފާތަކީ ދެމީހުންގެ ވެސް ޢުމުރަށް އައިސްފައިވާ ބަދަލެވެ.

      މިހާރު އަނެއްކާވެސް މިބައްދަލުވީ އޭގެ ދުވަސްކޮޅެއް ފަހުންނެވެ. ގާތްގަނޑަކަށް ދެތިން ހަތަރުމަސް ފަހުންނެވެ.

" ކޮންތާކު ތިއުޅެނީ! ނުވެސް ފެނެއެއްނު. "

" ހަމަ އޮފީހުގަ ! "

      ޒިޔާމް ސައީދުއާއި ސަލާމްކޮށްލިއެވެ.

" ތިކަންއެނގެޔޭ. މިބުނީ ހަމަ ވައިފްމެން ގޭގަހޭ! މިހެން މިބުނީ އެއްފަހަރު ހޯދަންދިޔައިރު ގެ ހުރީ ތަޅުލާފަ. ކޮންމެވެސް މީހަކު ބުނީ ރަށަކު ނޫޅެޔޯ "

" އާނ! ވެދާނެ ބަފައިބޭ ފިހާރައަށް މުދާކޮޅެއް ބަލާ ބެންކޮކަށް ގޮސްލާފަކަމަށްވެސް. ދެން ޒައިނާމެންގެ ގެއަށް ދިޔަނަމަ! "

      ޒިޔާމް ސައީދުއާއި ވާހަކަ ދައްކަމުން ދިޔައިރުވެސް ޒިޔާމްގެ މޫނުމަތިން ނުތަނަވަސް ކަމެއްގެ އަސަރު ފާޅުވޭވޭ ހުއްޓެވެ.

" ކޮންމެވެސް ކަމަކާ ހާދަ ހާސްވެފަ ހުރިހެން ހީވެޔޭ. އަނެއްކާ ޒައިނާއާއި މައްސަލައެއް ޖެހުނީތަ؟ އަރާބަލަ! އަރާބަލަ. މިހާރު ޖައްސާވެސް ނުލެވެނީ ބިޒީ ކަމުން. މިއުޅެނީ ފާޑެއްގެ ކެފޭއެއްވެސް ހުޅުވައިގެން. އަބަދު އެތާ އުޅެނީ. ހިނގާބަލަ ކުޑަކޮށް އެއްޗެއް ކާލާ ބޯލާ ހަދާލަން. އޭރުންނެއްނު ކުޑަކޮށް ހަމަޖެހިލައިގެން ވާހަކަ ދައްކާލެވޭނީ "

ޒިޔާމް ސައިކަލަށް އެރުމުން ސައީދު ސައިކަލް ދުއްވާލިއެވެ.

" ކޮބާ ކާރު؟ "

      ސައީދު ހުޅުވައިގެން އުޅޭ ކެފޭއާއި ހަމައަށް އާދެވުމުން އޭނާ ސައިކަލް މަޑުކޮށްލައިފިއެވެ.

" ކާރު އޮންނާނެ ގޭގަ. މީތަ ތިބުނާ ތަނަކީ؟ "

      ސައިކަލުން ފޭބުމަށްފަހު ޒިޔާމް އެތަނުގެ ނަންބޯޑަށް ބަލާލިއެވެ.

" އާނ! ރަނގަޅުތަ؟ "

      ސައިކަލުން ފައިބައިގެން ޒިޔާމް ގޮވައިގެން އެތެރެއަށް ވަނުމަށްޓަކައި ސައީދު ހިނގައިގެންފިއެވެ. އެއީ ޒަމާނީގޮތަށް ހަދައިފައި ހުރި ބޮޑު ތަނެކެވެ. ފެންނަފެނުމަށް ތަނުގެ ވިޔަފާރިވެސް ރަނގަޅުހެން ހީވެއެވެ.

"ޒިޔާމް ކޯޗެއްކާނީ "

      ޒިޔާމް ގޮވައިގެންގޮސް ތަންކޮޅެއް އެއްފަރާތެއްގައި ހުރި މޭޒެއް ކައިރީގައި ސައީދު އިށީނދެއްޖެއެވެ.

" މިފަހަރުދެން އެއްޗެއް ކާންހަދާނެކަމެއް ނެތް. ކޮންމެވެސް އެއްޗެއް ބޯލާނީ. ޒައިނާވެސް ގޮވައިގެން އެހެންފަހަރަކުން އެއްޗެއް ކާލަން އަންނާނަން. "

      މޭޒުގެ އަނެއްފަރާތުގައި ހުރި ގޮނޑި ދަމާލުމަށްފަހު ޒިޔާމްވެސް އިށީންދެއްޖެއެވެ. ޒިޔާމް އިށީނުމުން ސައީދު ވޭޓަރަކަށް ގޮވައިލުމަށްފަހު ފްރެޝްއޮރެންޖް ދެތަށި ގެނެސްދިނުމަށް ބުނެފިއެވެ.

" އާނ! އަހަރެން ބުނީ ކޮންމެވެސް ކަމަކާއި ވަރަށް ގޮވާފަހުރިހެންނޭ ހީވަނީ! ޒައިނާއާއި މައްސަލައެއް ޖެހުނީހޭ؟

ޖީބުން ސިގިރެޓް ފޮއްޓެއް ނެގުމަށްފަހު ސިނގިރޭޓެއްނަގައި ރޯކޮށްލަމުން ޒިޔާމުއާއި ދިމާއަށް ސައީދު ސިގިރެޓްފޮށި ދިއްކޮށްލިއެވެ.

 

" ނުބޮން. ސައީދަށް ތިހީވީ ހަމަ ރަނގަޅަށް. ވަރަށްބޮޑު ކަންތައްގަނޑެއް ދިމާވެގެން މިއުޅެނީ. އެކަމަކު ޒައިނާއާއި މައްސަލައެއް ޖެހުނީއެއްނޫން. އެކަމަކު މިދާވަރުންދަންޏާ މައްސަލައެއް ޖެހޭކަށް ދެން ގިނަ ދުވަހެއް ނުނަގާނެހެން ހީވަނީ "

" ދެން ކޮންމައްސަލައެއް؟ "

      ސިގިރޭޓް ދަމާލުމަށްފަހު މޭޒުމަތީގައި ހުރި އަޅިކެނޑިއަށް އަޅިކަނޑާލަމުން ސައީދު ސުވާލުކޮށްލިއެވެ.

" އެނގޭތަ ނިހާ؟ "

ޒިޔާމް ގޮނޑީގައި ލެނގިލުމަށްފަހު ރަނގަޅަށް ހަމަޖެހިލިއެވެ.

" ނިހާ!..................."

      ސައީދު ސިނގުރެޓްބުރި އަޅިކެނޑީގައި ބޭއްވުމަށްފަހު ކުޑަކޮށް ވިސްނާލިއެވެ.

" ހޫނ! އެނގިއްޖެ. އޭނާ ކިހިނެއްތަވީ؟ "

      ޒިޔާމްއާއި ދިމާއަށް ބަލާލުމަށްފަހު އާނއެކޭ ބުނުމުގެ ގޮތުން ސައީދު ބޯޖަހާލިއެވެ.

" ވެގެންއުޅޭ ގޮތަކީ...................؟ "

      ޖޫސްތަށި ކުޑަކޮށް އެއްފަރާތަކަށް ޖައްސާލުމަށްފަހު ވަރަށްހަމަޖެހިގެން އިނދެގެން ހުރިހާ ވާހަކަތަކެއް ޒިޔާމް ސައީދުއަށް ކިޔައިދީފިއެވެ. ބޭނުމަކީ އެވާހަކަތައް އެހެން މިހަކަށް ކިޔައިދީގެން ހިތަށް ހަމަޖެހުމެއް ހޯދައި ދިނުމެވެ.

" ހަމަރަނގަޅަށްތަ؟ ދެން ކިހިނެއް ހަދަން ގަސްތުކުރަނީ! އަހަރެންނަމަ މިހާރު ބޯގޮވައިގެން މަރުވެއްޖައީސް ކަންނޭނގެ! "

      ޒިޔާމްގެ ވާހަކަތައް އަޑުއަހާ ނިމުނުއިރު ސައީދުއިނީ ހައިރާންވެގެން ގޮސް ބުނާނެ އެއްޗެއް ނޭނގިފައެވެ.

" ހަދާނެގޮތެއް ނޭނގިގެން މިއުޅެނީ. އެންމެ ކަންބޮޑުވަނީ އަރީފްގެ ފަރާތުން އެކަން ޒައިނާއަށް ނުވަތަ ޒައިނާގެ ގޭމީހުނަށް އެނގިދާނެތީ. ޒައިނާ ގެއްލޭކަށް އަހަރެންނެއް ނޭދެން. "

      އިސްޖަހާލައިގެން އިނދެ ޒިޔާމް ވާހަކަ ދައްކަމުން ގެންދިޔައެވެ.

އެންމެ ފަހުގެ
ކޮމެންޓް