22 ސެޕްޓެންބަރ 2018 | ހޮނިހިރު | 02 އަތަ
12 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ސިޔާސީ މަޝްރަހް

މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

  • ސިޔާސީ ގިނަ ލީޑަރުގެ މައްޗަށް ވަނީ ހުކުމްތަކެއް ކޮށްފައި
  • ގާސިމް އިބްރާހީމްގެ މަައްޗަށް ރިޝްވަތު ދިން މައްސަލައެއްގައި ވަނީ ދައުވާކުރަން ފޮނުވާފައި
  • ފާރިޝް މައުމޫނުގެ މައްސަލައެއް ވެސް ދަނީ ތަހްގީގުކުރަމުން
އަލީ ޔޫސުފް | AliYooosuf

| 5 އޭޕުރިލް 2017 | ބުދަ 22:38 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  4. އަލިދީގެ ތާއީދު އިބޫއަށް!
  5. ކުޅުދުއްފުއްޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު ހަދާ ނިމުނީ ހަމައެކަނި ރަންވޭ
  6. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  7. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  8. ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ނަސޭހަތް ދީގެން ރަނގަޅު ކުރެވޭނެ ކަންތައް: ޝަހީމް


ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ފުލުހުންގެ އިދާރާ އަށް ހާޒިރުކުރުން -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

ރައީސް އަބްދުﷲ ޔާމީނާއި ސަރުކާރުގެ އިސްވެރިން އަޑަށް ބާރުލާފައި ވިދާޅުވެއެވެ. މި ސަރުކާރުގައި ސިޔާސީ ފަރާތައް ޖަލަށް ނުލާނެ ކަމަށެވެ. އަދި ސިޔާސީ މަގުސަދެއްގައި ސިޔާސީ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅެއް ނާޅާނެ ކަމަށް ވެސް ދަނީ ބުނަމުންނެވެ. އަންގާރަ ދުވަހުގެ ރޭ ސަރުކާރު ހިންގާ ޕީޕީއެމުން ބޭއްވި ރަސްމިއްޔާތުގައި ވެސް ރައީސް ޔާމީނު ވަނީ މި ވާހަކަ ތަކުރާރުކުރައްވާފައެވެ. ސިޔާސީ ކުށްވެރިން ނުތިބޭނެ ކަމަށެވެ. ކޯޓްތަކުން ކުރާ ކަންކަމަށް ބަސް ވިދާޅުނުވާނެ ކަމަށެވެ.

ރަނގަޅު ވާހަކައެކެވެ. މި ސަރުކާރުގައި ސިޔާސީ އެއްވެސް ކުށްވެރިއަކު ނެތެވެ. ސަބަބަކީ އެހެން ކިޔާ ކުށެއް ރާއްޖޭގެ އެއްވެސް ގާނޫނަކު ފެންނަން ނެތީމައެވެ. ގާނޫނުލް އުގޫބާތުގައި ވެސް ސިޔާސީ ކުށްވެރިން ނުވަތަ ސިޔާސީ ސަބަބަށްޓަކައި ކުށްވެރިވާނެ ގޮތެއް ނެތެވެ. އެހެން ކަމުން މީގެ ކުރީގެ ސަރުކާރުތަކުގައި ވެސް ސިޔާސީ ކުށްވެރިންނެއް ނުތިބޭނެ އެވެ. ސިޔާސީ މީހަކު ޖަލުގައި ހުރުމަކީ ސިޔާސީ ކުށްވެރިއަކަށް ވާންޖެހޭ ސަބަބެއް ނޫނެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ސިޔާސީ ކުށްވެރިއެއް ނޫނެވެ. ސަރުކާރުން އެމަނިކުފާނަށް ދީފައި އޮތީ ޓެރަރިސްޓެއްގެ ލަގަބެވެ. ކޮށްފައި އޮތް ހުކުމަކީ އެއީއެވެ.

މި ސަރުކާރުގެ ފުރަތަމަ ޑިފެންސް މިނިސްޓަރަކީ ވެސް ސިޔާސީ ކުށްވެރިއެކޭ ބުނީ ކާކު ހެއްޔެވެ؟ ނުކުރައްވާ ކުށަކަށް އަދަބު ދިނީއޭ ބުނަނީ ކާކު ހެއްޔެވެ؟ ކޮޓަރިކޮޅުން ފެނުނު ފިސްތޯލައަކުން މުޅިން އެހެން ވާދަވެރިއެއްގެ އިނގިލީގެ ނިޝާން ފެނުމަކީ އެއީ ސިޔާސީ ކަމަށް ވަނީ ކީއްވެ ހެއްޔެވެ؟

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲއަކީ ސިޔާސީ ބޭފުޅެއް ކަމަކު ޖަލަށް ކުރި ހުކުމުގައި އޮންނަނީ އެހެނެއް ނޫނެވެ. ބޭރު ބަހުން ތަރުޖަމާ ކުރިޔަސް އެ ހުކުމުގައި އޮންނަނީ ކުށެއްގެ ވާހަކައެވެ. އާންމު ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް ވާހަކަ ދެއްކުމަކީ ސިޔާސީ ކަމަކަށް ވަނީ ކިހިނެއް ހެއްޔެވެ؟ ސިޔާސީ ހަރަކާތެއްގައި ދެއްކެވި ވާހަކައަކީ އިއްތިފާގެއް ކަމަށް ވެދާނެއެވެ.

މި ސަރުކާރުން ހަމަ ހިލާ ސިޔާސީ ސަބަބަށްޓަކައި މީހަކު ހައްޔަރެއް ނުކުރާނެއެވެ. ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށް ކޮށްފައި އޮތީ ސިޔާސީ ހުކުމެކޭ ބުނާ މީހުން އެ ހުކުމުގައި އޮތް އެއްޗެއް ކިޔާފައިވާ ކަމާ މެދު ސުވާލު އުފެދެއެވެ. އެކި ހުކުމްތަކުން 33 އަހަރަށް ޖަލަށް ލީއިރު އެއިން އެއްވެސް ހުކުމެއްގައި ސިޔާސީ ލަފްޒެއް އޮތް ކަމަކަށް ނުވެއެވެ. މުޅިން ވެސް ހިޔާނާތުގެ ވާހަކަތަކެވެ. އެހެން ކަމުން އެއީ ސިޔާސީ ބޭފުޅަކަށް ވިޔަސް ސިޔާސީ ކުށްވެރިއަކަށް ވާނީ ކިހިނެއް ހެއްޔެވެ؟

 

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގާސިމް އިބްރާހީމް އެކުގައި

 

މި ސަރުކާރަށް ނުވަތަ ރައީސް ޔާމީނަށް ތްރެޓަކަށްވާ ކޮންމެ ބޭފުޅަކަށް މިކަހަލަ ދެރަގޮތްތައް ވުމަކީ ސިޔާސީ ކަމަށް ވާންޖެހޭ ހެއްޔެވެ؟ ސިޔާސީ އިސް ސަފުގައި ތިއްބެވި ފަރާތްތައް ގައުމުން ފިލައިގެން އުޅެނީ ސިޔާސީ ކުށްވެރިންނަށް ވެދާނެތީ އެވެ. ނަމަވެސް އެ ފަރާތްތަކުން ވެސް ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި އޮތް އެއްޗެއް ކިޔާފައި ވާ ނަމަ ޔަގީނުން ވެސް ސިޔާސީ ކުށް ކިޔާ އެއްވެސް ލަފްޒެއް އެއިން ގާނޫނަކު ނެތްކަން ހަމަ ޔަގީނުން ވެސް އެނގޭނެއެވެ. މި ސަރުކާރުގެ ފުރަތަމަ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އަބްރާހީމާއި ޖުމްހޫރީ ޕާޓީގެ އިސް ބައެއް ބޭފުޅުންނާއި މި ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދާއި އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ފުރުއްވި ތޮއްޑޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ވަހީދު އިނގިރޭސި ވިލާތުގެ ހިމާޔަތުގައި އެ ތިއްބެވީ ވެސް މި ސަރުކާރުގެ ދުއްތުރާތައް ބޮޑުވެގެން ކަމަށް ވިދާޅުވެއެވެ. ނަމަވެސް އެ ބޭފުޅުން ވެސް ސިޔާސީ ކުށްވެރިންނަށް ވަނީ ކިހިނެއް ހެއްޔެވެ؟

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފަށް ވެސް އައީ ސިޔާސީ ހުކުމެއް ނޫނެވެ. ފުލުހުންގެ ދައުރަށް ހުރަސް އެޅުމުގެ ކުށެވެ. ހުކުމުގައި އޮތީ އެހެންނެވެ. މަހްލޫފް ހައްޔަރުކުރި ވަގުތު އެތަނުގައި އުޅުނު ނޫސްވެރިންގެ ތެރެއިން ހުނި ޖަހާލާފައި ނެގި ނޫސްވެރިއަކާއި ވީޑިއޯގްރާފަރުގެ މައްޗަށް ހިންގި ޝަރީއަތަށް ބެލުމުން މި ސަރުކާރުން ޝަރުއީ ދާއިރާ އަށް އަތް ނުބާނާކަން ހަމަ ރަނގަޅަށް ވެސް ހާމަވާނެއެވެ. މަހްލޫފްގެ މައްޗަށް ޖަލު ހުކުމެއް އައި އިރު ރާއްޖެ ޓީވީގެ އާދަމް ޒަރީރުގެ މައްޗަށް ކުށް ސާބިތުވެގެން ދައްކަންޖެހުނީ 3،000ރ. ގެ ޖޫރިމަނާ އެކެވެ. ހަމަ އެކުއެކީގައި ހައްޔަރުކުރި މުހައްމަދު ވިސާމުގެ މައްޗަށް ކުށް ސާބިތެއް ވެސް ނުވިއެވެ. ދެން ހައްޔަރުކުރި ނޫސްވެރިއާގެ މައްޗަށް ދައުވާއެއް ވެސް ނުކުރެއެވެ. އެއީ ސިޔާސީ ކަމަކަށް ވަނީ ކިހިނެއް ހެއްޔެވެ؟

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަކީ ވެސް ސިޔާސީ ކުށްވެރިއަކަށް ވާންޖެހޭ ސަބަބެއް އެބަ އޮތް ހެއްޔެވެ؟ ސަރުކާރާ ދެކޮޅަށް ބަހެއް ވިދާޅުވާ ކޮންމެ ފަހަރަކު ދައްކަންޖެހޭ ކުލިތަކާއި ޖޫރިމަނާގެ ވާހަކަތައް ފެންމަތިވުމަކީ ހަމަ އިއްތިފާގެކެވެ. އެގޮތުން 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 27 ގައި ބޮޑު އެއްވުމެއް ބާއްވަން އިދިކޮޅު ފަރާތްތަކުން ފެށި މަސައްކަތަށް ގާސިމް ވެސް ތާއީދުކުރައްވާނެކަން އެނގުމާ އެކު ދައުލަތަށް ދައްކަންޖެހި ނުދައްކައިވާ ކަމަށް ބުނާ 92 މިލިއަން ޑޮލަރު ދައްކަން އެންގުމަކީ ފަހަރުގައި އެ ދަނޑިވަޅާ ދިމާވި ކަމަށް ވެދާނެއެވެ. އެއީ އިއްތިފާގެކޭ ބުނަންޖެހެނީ އޭގެ ދެ މަސްކުރިން ދައުލަތަށް އެންމެ ގަވާއިދުން، އެންމެ ގިނަ ފައިސާ ދެއްކި ފަރާތްތަކުގެ ތެރޭގައި ހިމެނި ގާސިމްގެ ވިލާ ކުންފުންޏަށް ރަން ލާރި ފޮތީގެ ޝަރަފް ލިބިފައިވުމުންނެވެ. އެވަރުގެ ބޮޑު ދަރަންޏެއް އޮއްވައި އެހާ މަތީ ލަގަބެއް ދައުލަތުގެ އިދާރާއަކުން ދިނީ ލޮލަށް މިރުސް އެޅި ބީތާވެފައި ތިބީމަ ހެއްޔެވެ؟

ދައުލަތަށް ދައްކަންޖެހޭ ކަމަށް ބުނާ ފައިސާގެ ވާހަކަ މީޑިއާ އާށް ތިލަވުމާ އެކު ގާސިމްގެ ރާގު ބަދަލުވުމުން އަނެއްކާ ވެސް ލުއި ގޮތްތަކެއް ހޯދައިދިނީ ހަމަ މި ސަރުކާރުންނެވެ. ދަށު ކޯޓުގައި އޮތް މައްސަލަ ހަމަ އެ ދަނޑިވަޅުގައި ގާސިމްގެ ކޮޅަށް ނިމިގެން ދިޔުމަކީ މި ސަރުކާރުން ޝަރުއީ ދާއިރާ އަށް އަތް ބޭނުން ކަމުގައި ބުނެވޭނީ ކިހިނަކުން ހެއްޔެވެ؟

އަނެއްކާ ވެސް މި ދުވަސްކޮޅު ގާސިމްގެ މައްސަތައް ހިލިގެން އުޅެނީ ސިޔާސީ ސަބަބުތަކަށްޓަކައި ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. ގާސިމްގެ ވާހަކަ ބަޔަކު ނުދައްކާތީ މީރާ އިން ވެސް ގާސިމް މަތިން ހަނދާން ނެތިފައި އޮތުމަކީ ހަމަ އެކަށީގެންވާ ކަމެކެވެ. ކުއްލިއަކަށް އިދިކޮޅު ފަރާތްތަކުން ފެށި "ހަނގުރާމައިގެ" ކުރީ ސަފަށް ގާސިމް ވަޑައިގަތުމުން ގާސިމްގެ ވާހަކަ މީޑިއާތަކުގައި ވެސް މާގިނައިން ދައްކަން ފެށުމުން، ގާސިމްގެ ވިލާ ކުންފުނިން ނުދައްކައި ހުރި ކަމަށް ބުނާ ފައިސާތައް މަތިން މީރާ އަށް ހަނދާންވެ އެ ފައިސާ ދައްކަންދެން އެކައުންޓްތައް ފްރީޒްކުރަން ނިންމުމަކީ ވެސް ހަމަ އިއްތިފާގަށް ވެދާނެ އެވެ. އަދި ދަށު ކޯޓުން ގާސިމާ ދެކޮޅަށް ނިންމާފައި އޮތް މައްސަލައެއްގެ އިސްތިއުނާފް މަރުހަލާ މަތިން ހައި ކޯޓުން ވެސް ހަނދާން ނެތިފައި ވަނިކޮށް ގާސިމްގެ ވާހަކަ މާބޮޑަށް ދެކެވި، އެ މައްސަލަ މަތިން ހަނދާންވެ ހަމަ ކުއްލިއަކަށް ގާސިމާ ދެކޮޅަށް އެ މައްސަލަ ނިމުމަކީ ވެސް ހަމަ އިއްތިފާގަކަށް ވެދާނެއެވެ. އޭގައި ސިޔާސީ ކުލައަކީ ކޮބައި ހެއްޔެވެ؟

ސިޔާސީ ފަރާތްތަކާ ދެކޮޅަށް ފިޔަވާޅެއް އަޅާ ކޮންމެ ފަހަރަކު އެއީ ސިޔާސީ ކުށްވެރިންނަށް ވާކަށް ނުޖެހެއެވެ. ދިގު 30 އަހަރުގެ ވެރިކަމުގައި ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ތީމުގެ ބަޖެޓް ވާހަކަ އެންމެން ވެސް ދައްކައެވެ. ހާއްސަކޮށް އިދިކޮޅު ފަރާތްތަކުންނެވެ. ނަމަވެސް 2008 ވަނަ އަހަރު ނެރުނު އޮޑިޓް ރިޕޯޓެއްގައި އޮތް ވާހަކަތައް މަތިން ކުއްލިއަކަށް ހަނދާން ވެގެން ކަމާ ބެހޭ އިދާރާތަކުން މައްސަލަ ބަލަން ފެށުމަކީ ސިޔާސީ ކަމަށް ވާ ސަބަބެއް ހަމަ އެއްގޮތަކަށް ވެސް ނުވިސްނެއެވެ.

 

ރައީސް މައުމޫންގެ ދަރިކަނލުން ފާރިސް މައުމޫނު

 

މި ހުރިހާ ދުވަހު ރައީސް މައުމޫނު ވެސް ހުންނެވީ ސަރުކާރުގައި ވަރަށް ހަމަ ހިމޭނުންނެވެ. އަދި އެ މަނިކުފާނުގެ "ސިޔާސީ ދަރިން" ވެސް ތިއްބެވީ ސަރުކާރުގެ ކަންކަމަށް އެއްޗެއް ވިދާޅުނުވެއެވެ. އެހެން ކަމުން އެންޓި ކޮރަޕްޝަން ކޮމިޝަނާއި ފުލުހުން ވެސް އެ ބޭބޭފުޅުން މަތިން އަދި ހާއްސަކޮށް އެމްޑީޕީ ސަރުކާރުގެ އޮޑިޓަ ޖެނެރަލަކު ތައްޔާރުކުރި ރިޕޯޓެއް މަތިން ހަނދާން ނެތިފައި ތިބުމަކީ ހަމަ ވެދާނެ ކަމެކެވެ. ނަމަވެސް ސިޔާސީ މައިދާނުގައި މާ ހަރަކާތްތެރިވެ މާބޮޑަށް އަބަދު އެބަޔަކު ޓީވީތަކުންނާއި ޕޯޑިއަމްތަކުން ފެންނަ ނަމަ ހަނދާން ނެތިފައި ހުރި ކަންކަން ސަރުކާރުގެ އިދާރާތަކަށް ވެސް ހަނދާން ވުމަކީ ސިޔާސީ ކަމަކަށް ވާންޖެހޭ ސަބަބެއް ނޫނެވެ. ރައީސް މައުމޫނުގެ ދަރިކަނަލުން އަދި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނުގެ މައްސަލައެއް ވެސް ސަރުކާރުގެ އިދާރާއެއްގައި އޮތިއްޔާ ބަލަން ވާނެ އެވެ. އެއްޗެހި ކިޔަންޖެހޭނީ ނުބަލައިގެންނެވެ.

އެފަދަ މައްސަލަތަކެއް ނުބެލިވާކަން ދައުލަތުގެ އިދާރާތަކަށް ހަނދާންވި އަރަކުން ބަލަން ފެށުމާއި އެ ބޭފުޅުން ސަރުކާރާ ދެކޮޅަށް ބަސްވިދާޅުވާން ފެށުމަކީ ހަމަ އިއްތިފާގަކަށް ނުވާންވީ ކީއްވެ ހެއްޔެވެ؟ ކޮންމެ އިއްތިފާގަކީ ސިޔާސީ ކަމަކަށް ވާކަށް ނުޖެހެއެވެ. ސަރުކާރާ ދެކޮޅަށް ބަސްބުނާ ފަރާތްތަކަށް މެދުވެރިވާ ގޮތްތަކަކީ ނުވަތަ ކުށެއްގައި ބެދި ޖަލަށް ދާންޖެހުމަކީ އިއްތިފާގަކަށް ނުވާންވީ ސަބަބެއް އެބަ އޮތް ހެއްޔެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Mohamed

1 އަހަރު ކުރި

I'm dedicating this article to yameeeeeeenu

0
0
ސިޔާސީ

1 އަހަރު ކުރި

ވަރަށް ފުރިހަމަ ލިޔުމެއް

2
0