15 ޑިސެންބަރު 2018 | ހޮނިހިރު | 06 މުލަ
08 ރަބީޢުލްއާޚިރު 1440
ފަތިސް 04:46
އިރުއަރާ 06:02
މެންދުރު 12:05
އަސްރު 15:25
މަޣްރިބް 17:59
އިޝާ 19:17

ވޮލީބޯލް

ގައުމީ ވޮލީ ޓީމާއި އެސޯސިއޭޝަނަށް ދިމާވެގެން މިއުޅެނީ ކޮން މައްސަލައެއް؟

 • ޓީމަށް އެންމެ ރަނގަޅު ޕާފޯމެންސް ދެއްކުނުތަ؟
 • ކޯޗިން ސްޓާފުންނާއި ޓީމާއި ގުޅުން ހުރީ ކިހާ ވަރަކަށް؟
 • އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ ދައުރަކީ ކޮބާ؟
ނާފިއު ރަޝީދު | NaphiuR

| 5 އޭޕުރިލް 2017 | ބުދަ 15:42 | |

މަގުބޫލް

 1. ޔާމީންގެ ބޭންކު އެކައުންޓުތައް ފްރީޒުކޮށްފި
 2. މާލެ-ހުޅުމާލެ ދަތުރު: އޭރުވެސް ތަކުލީފެއް، މިހާރުވެސް ތަކުލީފެއް
 3. ޓޫރިސްޓް ވިސާގައި އިންޑިއާއަށް ގޮސް، ސިއްހީކަމެއް ދިމާވެއްޖެނަމަ މެޑިކަލް ވިސާއަށް ބަދަލުކޮށްދެނީ!
 4. މިހާރު އައްޔަން ކޮށްފައި ތިބި ފަނޑިޔާރުންނަކީ ގާނޫނު އަސާސީއާ ހިލާފަށް އައްޔަން ކުރައްވާފައިވާފައިވާ ފަނޑިޔާރުންތަކެއް: ސިރާޖް
 5. ކުރީގެ ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފި
 6. ހިތަދޫ ހޮސްޕިޓަލްގެ އިހްމާލުން ކުއްޖަކު ނިޔާވި މައްސަލަ ހެލްތު މިނިސްޓްރީން ބަލަންފަށައިފި
 7. ނާޒިމް ބޭނުންވަނީ އަނިޔާ ދިން މީހުނަށް ހައްގު އަދަބު ލިބެން
 8. ސްރީލަންކަންގެ ފްލައިޓަށް ދިމާވި މައްސަލައެއްގެ ސަބަބުން ކޮޗިން އެއާޕޯޓުގައި ދިވެހިން ތާށިވެފައި!


ގައުމީ ވޮލީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން އަދި ޔޫތު މިނިސްޓްރީގެ އިސްވެރިން -- ވީއޭއެމް

ރާއްޖޭގެ ސީނިއާ ފިރިހެން ވޮލީ ޓީމަށް މިހާރު ދިމާވެގެން މިއުޅޭ މައްސަލަ ބުނެދޭން އެނގެނީ ކޮން ފަރާތަކަށް ހެއްޔެވެ؟ އެޓީމުގައި މައްސަލަ ޖެހިގެން އުޅެނީ ކުޅުންތެރިން ހެއްޔެވެ؟ ނޫނީ ކޯޗިން ސްޓާފުންގެ ހެއްޔެވެ؟ ނުވަތަ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގައި ހެއްޔެވެ؟

ހައްތާވެސް ސުވާލެވެ!

ނޫސްވެރިއެއްގެ ހައިސިއްޔަތުން މި ވެގެން އުޅޭ ގޮތެއް ބަލާލެވޭތޯ މަސައްކަތެއް ކޮށްލާނަމެވެ. އެހެން ނަމަވެސް މީހަކު ބުނި ވާހަކައަކަށް ނުބަލައި އަމިއްލައަށް އެނގިފައި ހުރި މައުލޫމާތަކަށް ބިނާ ކޮށެވެ.

ރާއްޖޭގެ ސީނިއާ ފިރިހެން ވޮލީ ޓީމަކީ މި ސަރަހައްދުގެ ގިނަ ގައުމުތައް ޖެހިލުންވާ ފަދަ ހުނަރުގެ ގޮތުން މޮޅު ކުޅުންތެރިން ތިބި ޓީމެކެވެ. ނިސްބަތުން އިސްކޮޅުގައި ދިގު ކުޅުންތެރިން ނެތް ނަމަވެސް އެޓޭކްތައް ވަރުގަދަ ޓީމެކެވެ. މުބާރާތްތަކުގައި ވާދަކުރާ އިރު އެހެން ޓީމުތަކުން ލޯއަޅާ ފަދަ ފިސާރި ކުޅުންތެރިން ތިބި ޓީމެކެވެ. އެހެން ނަމަވެސް މުބާރާތެއްގެ ޝަރަފްވެރި ތައްޓެއްގައި ހިފާލާނެ ފުރުސަތެއް ލިބިފައި ނުވާ ޓީމެކެވެ.

އޭޝިއަން މެންސް ސެންޓްރަލް ޒޯން ވޮލީ ބޯލް ޗެމްޕިއަންޝިޕް ބާއްވަމުން އަންނަތާ ތިން އަހަރު ވެއްޖެ އެވެ. އެންމެ ފަހުން މިދިޔަ މަހު ރާއްޖޭގައި ނިމިގެންދިޔައީ އޭގެ ތިންވަނަ މުބާރާތެވެ. މި ތިން މުބާރާތުގައި ވެސް ރާއްޖެ ވަނީ ވާދަކޮށްފަ އެވެ. އެހެން ނަމަވެސް ލިބިފައި ވަނީ "ދެވަނަ" "ތިންވަނަ" އަދި "ހަތަރު ވަނަ" އެވެ. އެއްވަނަ މަގާމަށް ދާން އަބަދުވެސް ތިބެނީ ކެތްމަދުވެފަ އެވެ.

ރަންވަނައެއް ހޯދުމުގެ އަޒުމުގައި އަމިއްލަ ގައުމުގައި ބޭއްވި މުބާރާތަށް ޓީމު ކުރިމަތިލާފައި ވަނީ ވަރަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ. ތައިލެންޑުގައި ދިގު ކޭމްޕެއް ފުރިހަމަކޮށްފަ އެވެ. މާލޭގައި ވެސް އެތަށް ދުވަހަކު ތަމްރީނުތަކެއް ހަދާފަ އެވެ.

އަމާޒަށް ވާސިލުވުމަށް ދިވެހި ޓީމުން ނުކުރާކަށް ކަމެއް ނެތެވެ. އެހެން ނަމަވެސް އާހިރަތުގައި އަމިއްލަ ގައުމުގައި ބޭއްވި މުބާރާތް ނިމިގެންދިޔައީ "ޗޮކުން" ނެވެ.

ޓީމަށް އެންމެ ރަނގަޅު ޕާފޯމެންސް ދެއްކުނުތަ؟ ކުޅުންތެރިންގެ މައްސަލައަކީ ކޮބާ؟

މުބާރާތަކަށްފަހު މުބާރާތަކަށް ކޮންމެ ޓީމެއް ވެސް ނުކުންނާނީ އެއް މުބާރާތުގައި ދަސްވި އެއްޗަކުން އިބުރަތް ލިބި އަދި އެ މުބާރާތަކުން ދަށްކަމަށް ފާހަގަ ކުރެވުނު ކަންތައްތައް ރަނގަޅުކޮށްގެންނެވެ. އެހެން ކަމުން ރާއްޖޭގެ ޓީމުން ވެސް މި މުބާރާތާ ކުރިމަތިލީ ޓީމަށް އެންމެ މުހިންމުވާނެ ޑިޕާޓްމަންޓްތަކަށް އިތުރު ސަމާލުކަމެއްދީ އެކަންތައްތައް ރަނގަޅު ކޮށްގެންނެވެ. އެހެން ނަމަވެސް މުބާރާތުގެ ފުރަތަމަ މެޗުގައި ދެއްކި މޮޅު ކުޅުން ފިޔަވާ ދެން ކުޅުނު އެއްވެސް މެޗެއްގައި އެ ކުޅުން ތަކުރާރު ކުރެވިފައެއް ނެތެވެ.

ކުޅުންތެރިން ބައެއް ޕްރެކްޓިސް ތަކަށް ހާޒިރު ނުވުމާއި އެ ކުޅުންތެރިން ގަޑިއަށް ފަރުވާތެރި ނުވުން މިއީ ވެސް ކޮންމެ ވެސް ވަރަކަށް އަޑު ފެތުރިގެންދިޔަ ކަމެކެވެ. އެހެން ނަމަވެސް މިކަމާ ގުޅިގެން ރަސްމީ ފަރާތަކުން އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.

މުބާރާތް ނިންމުމުގެ ރަސްމިއްޔާތާއި މުބާރާތުގައި ބައިވެރިވި ގައުމުތަކުގެ ޝަރަފުގައި ބޭއްވި ހަފްލާއަށް ގައުމީ ވޮލީ ޓީމު ހާޒިރު ނުވާ މައްސަލައަކީ ވެސް ކޮންމެވެސް މައްސަލަތަކެއް އުޅޭ ކަމުގެ އަލިގަދަ ހެއްކެކެވެ. އެގޮތުން ބުދަ ދުވަހުގެރޭ ބޭއްވި ހަފްލާއަށް ރާއްޖޭގެ ޓީމުގެ އެންމެ ކުޅުންތެރިއެއް ހާޒިރުވި އިރު، މުބާރާތް ނިންމުމުގެ ރަސްމިއްޔާތަށް ޓީމުގެ އޮފިޝަލުންގެ ތެރެއިން ބައެއް ފިޔަވާ އެއްވެސް ކުޅުންތެރިއެއް ހާޒިރުވެފައެއް ނުވެ އެވެ. މިއީ އަމިއްލަ ގައުމުގައި މިފަދަ މުބާރާތެއް ބާއްވައި ގައުމު ތަމްސީލްކުރާ ޓީމަކުން ދައްކައިގެން ނުވާނެ ފަދަ އަމަލެކެވެ.

މީގެ އިތުރުން މިފަހަރުގެ ގައުމީ ސްކޮޑުގައި ހިމެނުނު ކުޅުންތެރިންނަށް ލިބެންޖެހޭ މުސާރަ ނުލިބޭ ވާހަކައަކީ ކޮންމެވެސް ވަރަކަށް ދެކެވެމުންދާ ވާހަކައެކެވެ. ތުންތުން މަތިންނެއް ނޫނެވެ. ޓީމުގައި ހިމެނޭ ބައެއް ކުޅުންތެރިންގެ ސީދާ އަނގައިންނެވެ. އެހެން ނަމަވެސް އެކަމަކީ މުބާރާތުގައި ދައްކަންޖެހޭ ކުޅުމަށް ބުރޫ އަރަންޖެހޭ ވަރުގެ ކަމެއް ކަމަށް ނުދެކެމެވެ.

ކޯޗިން ސްޓާފުންނާއި ޓީމާއި ގުޅުން ހުރީ ކިހާ ވަރަކަށް؟

މިއީ ކޮށްލަން ވަރަށް ރަނގަޅު ސުވާލެކެވެ. ކުޅުންތެރިންގެ ތެރެއިން ޓީމުގައި ހިމެނޭ ކޯޗިން ސްޓާފުންނާ ދޭތެރޭ ހިތްހަމަޖެހެނީ ކިތައް ކުޅުންތެރިންތޯ އެވެ؟ އަދި ހިތްހަމަ ނުޖެހެންވީ ކޮން ސަބަބަކާ ހުރެ ތޯއެވެ؟

ކޮންމެ ހާލަތެއްގައި ނަމަވެސް ޓީމަކަށް އައްޔަންކުރާ ކޯޗިން ސްޓާފުންނަކީ އެޓީމަކަށް އެވަގުތަށް އެންމެ އެކަށޭނަ ފަރާތްތަކެއްކަން ކަށަވަރެވެ. އެހެން ކަމުން އެ މަގާމުތަކަށް އަންނަނީ ކޮންމެ ބައެއް ނަމަވެސް ކުޅުންތެރިން އެކަމަށް މަރުހަބާ ކިޔަންޖެހެ އެވެ. އެފަރާތްތަކާއެކު ކުރިއަށްދާންޖެހެ އެވެ.

މިފަހުން ޓީމާއި ހަވާލުވި ކޯޗިން ސްޓާފުންގެ ތެރޭގައި ހިމެނެނީ ޓީމާއި ރައްޓެހި ވޮލީ އާއިލާގެ ފަރާތްތަކެކެވެ. އެކި މުބާރާތްތަކުގައި ޓީމު ވާދަކުރި އިރު ކޮންމެވެސް ހައިސިއްޔަތަކުން ޓީމަށް ކޮންމެ ވެސް ވަރެއްގެ އެހީއެއް ވެދީފައިވާ ފަރާތްތަކެކެވެ. އެހެން ނަމަވެސް އެފަރާތްތަކުގެ މެދުގައި ވެސް ހިޔާލު ތަފާތުވުންތަކެއް އުޅުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެކަމަކު އޭގެ އަސަރު ކުޅުންތެރިންނަށް ކޮށްފާނެ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ.

މިހެން ކަންތައް ހުރި ނަމަވެސް ޓީމާއި ހަވާލުވި ކޯޗިން ސްޓާފުންނާއި ބައެއް ކުޅުންތެރިންނާ ކޮންމެ ވެސް ވަރެއްގެ މައްސަލަތަކެއް އުޅޭ ވާހަކައަކީ ވެސް މިފަހުން ފެންމަތިވި ވާހަކަ އެކެވެ. ކޯޗާއި ނުވަތަ ކޯޗިން ސްޓާފުންނާއި މާ ގާތް ގުޅުމެއް ބައެއް ކުޅުންތެރިން އޮންނަ ވާހަކަ އާއި އަނެއް ބައި ކުޅުންތެރިން މިފަރާތްތަކާ ދޭތެރޭ ހިތްހަމަނުޖެހޭ ވާހަކަ އަކީ ވެސް ހަމަ މިބުނާ ބީދައިން ހިނގަމުން އައިސްފައިވާ ކަންތައްތަކެވެ. މިވާހަކަތައް ވެސް އެނގެމުންދަނީ ވޮލީ އާއިލާގެ ތެރެއިން މިކަމުގައި އުޅޭ ފަރާތްތަކެއްގެ ދުލުންނެވެ.

އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ ދައުރަކީ ކޮބާ؟ އެންމެ ރަނގަޅަށް ކަންތައްތައް ހިންގަމުންދޭތަ؟

ކުޅިވަރު އެސޯސިއޭޝަނެއްގެ އެންމެ އިސް ވާޖިބަކަށްވާނީ އެ އެސޯސިއޭޝަނެއްގެ ހިންގާ ކޮމިޓީ ބަރާބަރަށް (ހަތަރެސް ފައި) މަސައްކަތް ކުރުމެވެ. ބޮޑީގަނޑު އެއްކޮށް ހަރަކާތް ކުރުމެވެ. އެއާއެކު ކުޅިވަރަށް ދޭންޖެހޭ ސަމާލުކަން އިތުރުވެގެން ދިއުމެވެ. ދައްކަން މިއުޅެނީ ވޮލީ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ ގޯސްވެގެން އެ އެސޯސިއޭޝަންގެ އިސްފަރާތްތައް މަގާމުން ދުރުކުރާ ވާހަކައެއް ނޫނެވެ. އަދި އިސްތިއުފާ ދެއްވާ ދުރައް ވަޑައިގަންނަވަންވީ ވާހަކަ އެއް ވެސް ނޫނެވެ.

އެސޯސިއޭޝަނެއް ވެއްޖެޔާ ނިކަން ގިނަ މަސްއޫލިއްޔަތު ތަކެއް އުފުލަންޖެހޭނެ އެވެ. އެހެން ކަމުން އެފަރާތެއްގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކަށް އެންމެ ފުރިހަމަ އަޅާލުން ދޭންޖެހެ އެވެ. އެބަހީ ޓީމަކަށް ވިޔަސް ކުޅުންތެރިއަކަށް ވިޔަސް މެއެވެ. ގައުމީ ވޮލީ ޓީމުގެ ކުޅުންތެރިންނަށް މުސާރަ ނުދެވި ވާނަމަ އެކަން އެންމެ ފަސޭހައިން ވާނެ ގޮތެއް ހޯދައިދޭން ޖެހެ އެވެ. ކުޅުންތެރިން "މޯޓިވޭޓް" ކުރަންޖެހެ އެވެ.

މިހުރިހާ ކަމެއް މިހެން ހުރި ނަމަވެސް ފެންނަމުން މިދަނީ މުޅިން އެހެން މަންޒަރެކެވެ. އެސޯސިއޭޝަންގެ އެތެރޭގެ ކޯޅުން ބޮޑުވެ ބައިބައި ވަމުންދާ މަންޒަރެވެ. އަލަށް އިންތިހާބުވި އެސޯސިއޭޝަންގެ ހިންގާ ބޯޑު އެއްކޮށް ބަދަލުކޮށް މަގާމުތަކުންނާއި ކޮމިޓީތަކުން މީހުން ދުރުކުރަމުންދާ މަންޒަރެވެ.

އެސޯސިއޭޝަންގެ ނައިބު ރައީސްއާ މެދު ހިތްހަމަ ނުޖެހި ސާބިތު ނުހިފޭ ތުހުމަތުތަކެއް ބޮލުގައި އަޅުވައި މަގާމު ގެއްލުވާލި މަންޒަރެވެ. އިހުލާސްތެރިކަމާއެކު އެސޯސިއޭޝަންގެ އެކި މަގާމުތަކަށް މެމްބަރުން ހަމަޖެއްސުމަށް ގިނަ ކްލަބުތަކެއްގެ ރުހުން ހޯދައިގެން ނުކުތް ފަރާތުގެ އަގުވައްޓާލި މަންޒަރެވެ.

މިއިން އެއްވެސް ކަމަކަށް ބެލުމެއްނެތި މިހާރުގެ ވޮލީ އެކްސްކޯ އިން ދަނީ މިފަދަ އެތަށް ކަމެއް ކުރަމުންނެވެ. އެހެން ނަމަވެސް ބުނެލަން ބޭނުންވާ ވާހަކައެއް އެބައޮތެވެ.

އަމިއްލަ އަށް އޮޑި ފައްތާލިޔަސް އޮޑީގައި ތިބި ފަޅުވެރިންނަށް ސަމާލު ވާށެވެ. އެ ފަޅުވެރިން ސަލާމަތް ކުރާށެވެ. މާދަމާ ވެސް އެހެން އޮޑިއެއްގައި ގައުމު ބޭނުންވާ އަމާޒަށް ވާސިލުވުމަށް މަސައްކަތެއް ކޮށްދޭން ތިބީ ހަމަ އެ ފަޅުވެރި ކުދިންނެވެ. އެހެން ކަމުން އެސޯސިއޭޝަން ތެރޭގެ ކަންބޮޑުވުންތައް ކުޅުންތެރިންނަށް ނުބައްސައި އެ ކުޅުންތެރިންނަށް ބޭނުންވާ ހުރިހާ ކަމެއް އެންމެ ފުރިހަމަ ގޮތުގައި ނިންމައި ދިނުމަށް އެސޯސިއޭޝަންގެ ބޯޑު ހަމައަކަށް އުޅުވުމަކީ އެންމެ ފައިދާ ހުރި ގޮތް ކަމުގައި ދެކެމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް