20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 14 އުތުރަ
10 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:54
ފަތިސް 04:43

މަސީހުގެ ވަކިކުރުން

މަސީޙު މަޤާމުން ދުރުކުރުމަކީ ޤައުމީ ވާޖިބެއް!

  • ސަރުކާރު ޖަވާބުދާރީ ކުރުވަން ހުރަސް އެޅި
  • ބިލްތައް ދިރާސާކުރަން ފުރުސަތެއް ނުދިން
  • ޤާނޫނުއަސާސީގެ މައިތަނބުތައް މުގުރާލުމުގައި އަތްބާރުއަޅައި ދިން

| 26 މާރޗް 2017 | އާދީއްތަ 22:53 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  4. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!
  5. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  6. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
  7. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  8. ސްކޫލް ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!


މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް -- ގޫގުލް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުﷲ މަސީޙުގެ މައްޗަށް އިދިކޮޅު އިއްތިހާދުން ހުށަހަޅާފައިވާ އިތުބާރުނެތްކަމުގެ މައްސަލަ މާދަމާއަށް ތާވަލްކުރެވިފައިވީއިރު، މިމައްސަލަ ވެގެންދަނީ މުޅި ޤައުމުގެ ވިންދާގުޅިފައިވާ މައްސަލައަކަށެވެ. ސިޔާސީ މުފައްކިރުން ސިފަކުރައްވާ ގޮތުގައި އިދިކޮޅު އިއްތިހާދަށް މިމައްސަލަ ކާމިޔާބުކުރެވިއްޖެ ނަމަ މުޅި ޤައުމުގެ ސިޔާސީ މަސްރަޙު ބަދަލުވެ މުޅީން އާ ތަސްވީރެއް ކުރެހިގެންދާނެއެވެ. ޙަޤީޤަތުގައި ބަދަލުވެގެންދާނީ ސިޔާސީ މަސްރަޙު އެކަންޏެއް ވެސް ނޫނެވެ. ޤައުމުގެ ޤާނޫނީ ނިޒާމަށް ވެސް ބޮޑެތި ބަދަލުތައް އަންނާނެއެވެ. ޤާނޫނުގެ މަގަށް ޤައުމު ރުޖޫޢަކޮށް، ޤައުމުގައި ޙައްޤާއި އިންސާފު ޤާއިމްވެގެންދިޔުމަށް  ފުރުސަތު ފަހިވެގެންދާނެއެވެ. އެހެނީ ޤައުމުގައި ހިނގާދިޔަ ބޮޑެތި ޚިޔާނާތްތަކަށް މަގު ފަހިވެގެންދިޔުމުގައި ރައްޔިތުންގެ މަޖިލީހުގެ އިހުމާލު އެބައޮތެވެ.  އެޚިޔާނާތްތަކުގެ ސަބަބުން ރައްޔިތުންގެ މާލިއްޔަތުގައި އެޅުނު ލޯވަޅު ފޫނުބެދިގޮސް، ރައްޔިތުންގެ އަތުން ނެގޭ ޓެކްސްތައް އެތައް ގުނައަކުން ބޮޑުކުރެވި އަދި އެއާގުޅިގެން ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް އުފުލިގޮސްގައިވނީ ރައްޔިތުންގެ މަޖިލީހުން އެކަމަށް އަތްބާރުއަޅާދީގެންނެވެ. މިކަންކަމާގުޅިގެން ރައްޔިތުންގެ ކިބައިގައި އުފެދުނު އުދާސްތައް ސަރުކާރަށް އިއްވައި،ޝުޢޫރު ފާޅުކުރުމަށް ހުރި މަގުތައް ބަންދުކޮށްފައި ވަނީ ވެސް ސީދާ ރައްޔިތުންގެ މަޖިލީހުންނެވެ. ޢަދުލުއިންސާފު ޤާއިމުކުރުމުގެ ދާއިރާ ކޮށައި "ސައިޒު" ކުރުމުގައި ވެސް ސަރުކާރަށް އެހީތެރިވެދީފައި ވަނީ ހަމަ ރައްޔިތުންގެ މަޖިލީހުންނެވެ. ޤައުމުގެ ފަސްގަނޑު ބިދޭސީންނަށް ވިއްކައި ޤައުމުގެ ސިޔާދަތާއި އިސްތިޤުލާލާއި ޤައުމިއްޔަތު ނުރައްކަލަށް ހުށަހެޅުމުގައި ވެސް މަޖިލީހުގެ ދައުރު ނުހަނު ބޮޑުމެއެވެ. މިއެންމެހާ ކަންކަން މިމަގުން ހިނގައި ޤައުމު އިންޞާފުގެ ފާލުން ނެއްޓި ބޮއްސުންލައިގެންދިޔައިރު ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނެވީ ޢަބްދުﷲ މަސީޙުއެވެ. ރިޔާސަތުގައި އިންނަވައިގެން މަސީޙު ވަނީ މިކަންކަމަށް މަގުކޮށްޓަވައިދެއްވާފައެވެ. ސަރުކާރަށް ނިސްބަތްވާ މެންބަރުން ބޭނުންފުޅު ގޮތަކަށް ކަންކަން ގެންދަވަން މަގުފަހިކޮށްދެއްވަމުން އަދި އިދިކޮޅު މެންބަރުންގެ ދައުރު އަދާކުރެއްވުމަށް ހުރަސްއަޅުއްވަމުންނެވެ. ޤާނޫނުއަސާސީ އާއި ޤާނޫނުގެ ތަރަޙައިން ބޭރުގައިމެއެވެ. މީގެ ތެރެއިން ބައެއް ކަންކަމަށް ބަލައިލާނަމެވެ.

 

ސަރުކާރު ޖަވާބުދާރީކުރުވުމަށް ހުރަސްއެޅުން

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް ބަލާއިރު، ދިވެހި ދައުލަތް  އެކަށައަޅައި ތަރުތީބުކޮށްފައި ވަނީ ތިންބާރު ވަކިކުރެވިފައިވާ ނިޒާމެއްގެ މައްޗަށެވެ. އެއީ އެއްބާރުން އަނެއް ބާރުގެ މައްޗަށް ފާރަވެރިވެ ޖަބާބުދާރީކުރުވުމަށެވެ. ޤާނޫނީ ތަރަހައިގެ ތެރޭގައި ދައުލަތް ހިފެހެއްޓުމަށް ބާރުއެޅުމުގެ ގޮތުންނެވެ. މިގޮތުން ޤާނޫނުއަސާސީގެ 6 ވަނަ މާއްދާއިން ވެރިކަން ހިންގުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއާ ޙަވާލުކޮށްފައިވާއިރު، ރައީސުލްޖުމްހޫރިއްޔާއާއި އޭނާގެ ސަރުކާރު ޖަވާބުދާރީކުރުވުމުގެ ޒިންމާ ޤާނޫނުއަސާސީގެ 70 ވަނަ މާދާގެ (ށ) ގެ (3) ވަނަ ނަންބަރުން ޙަވާލުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހާއެވެ. އަދި މިޒިންމާ ރައްޔިތުންގެ މަޖިލީހަށް އަދާކުރެވޭނޭ މަގު ފަހިކޮށްދިނުމުގެގޮތުން ޤާނޫނުއަސާސީގައި ޚާއްސަ މާއްދާތަކެއް ކަނޑައަޅާފައިވެއެވެ. މީގެ ތެރޭގައި ވަޒީރުންގެ މަޖިލިސް އެކުގައާއި އަދި ވަޒީރުން ވަކިވަކީން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާންޖެހޭނޭކަމުގައި ޤާނޫނުއަސާސީގައި ސާފުބަހުން ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް ހިތާމަޔާއެކު ފާހަގަކުރާންޖެހެނީ ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަސްއޫލިއްޔަތު ރައްޔިތުންގެ މަޖިލީހުން އުފުލަމުންނުދާކަމެވެ. އެކަމުގެ ފަހަތުގައިވާ ސަބަބަކީ ކޮބައިތޯއެވެ؟

 

އެއްވެސް ޝައްކެއް ނެތް ގޮތުގައި ސަރުކާރު ޖަވާބުދާރީކުރުމަށްޓަކއި ރައްޔިތުންގެ މަޖިލީހުން ކުރާންޖެހޭ ކަންކަންކުރުމަށް އެކަށޭނަ އަދި އިންސާފުވެރި ނިޒާމެއް ރައްޔިތުންގެ މަޖިލީހުގައި ޤާއިމްކޮށްދިނުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަސްއޫލިއްޔަތެކެވެ.  އަދި އެ ނިޒާމް ޤާއިމްކޮށް މަސައްކަތުގެ މާހައިލު ފަހިކޮށްދިނުމުގައި ދިވެހިރާއްޖޭގެ އިންތިޚާބީ ދާއިރާތައް ތަމްސީލުކުރާ އެންމެހާ މަންދޫބުންގެ ޙައްޤުތަކަށް ރައްކާތެރިވާންޖެހެއެވެ. ސިޔާސީ ފިކުރު އެކަހެރިކޮށް ޢަދުލުވެރިކަމާއެކުގައެވެ. މެންބަރުން ތަމްސީލުކުރާ ދާއިރާގެ ރައްޔިތުންގެ ހައްޤަށްޓަކައެވެ. އެހެންނަމަވެސް ހިނގަމުންމިދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޢުމުރުން ބޮޑު ބައެއް މިހާތަނަށް ހިނގާގޮސްފައިވާއިރު، މަޖިލީހުގެ ރައީސް މަސީޙުގެ ކިބައިން ފެނިފައިވަނީ ސިޔާސީ ފިކުރުގެ މައްޗަށް ތަޢައްސުބުވެ، މެންބަރުންގެ މަސައްކަތަށް ހުރަސްއަޅުއްވާފައިވާތަނެވެ. މިގޮތުން މިއަހަރަށް އެކަނި ބެލިނަމަވެސް މަޖިލީހުގެ ހިނގަމުންދާ ދައުރު ފެށުމާއެކު މިވަނީ ޖަލްސާތައް މެދުކަނޑުއްވާ މަޖިލީހުގެ މަސައްކަތްތައް ހުއްޓުވުމަކަށް ގެންނަވާފައެވެ. މަޖިލީހުގައި މަސައްކަތް ނެތްކަމަށް ސިފަކޮށްދެއްވަމުންނެވެ.  ފަހެ، އޮންނާނީވެސް ކޮން މަސައްކަތެއްތޯއެވެ. ސަރުކާރުން ބޭނުންވާ ބިލްތައް ފިޔަވައި އިތުރު ބިލެއް ހުށަހެޅުމުގެ ފުރުސަތުވެސް މިވަނީ އިންތިހާއަށް ހަނިކުރައްވާފައެވެ. މިގޮތުން މާލީ  ބިލްތައް ހުށަހެޅޭނީ ހަމައެކަނި ސަރުކާރަށްކަމަށް އޮތްއޮތުން އިންތިހާއަށް ފުޅާކޮށް މާނަކުރައްވައި، ފައިސާ ކިރިޔާވެސް ޝާމިލްވެދާފަދަ ކޮންމެ ބިލަކީމެ މާލީ ބިލެއްކަމުގައި ބައްލަވައި އެފަދަ އެއްވެސް ބިލެއް އަމިއްލަ ބިލެއްގެގޮތުގައި ހުށަނޭޅޭގޮތަށް ކަންކަންވަނީ އިންތިޒާމުކުރައްވާފައެވެ. އެހެންކަމުން ވަކިވަކި މެންބަރުންނަށް ބިލްތައް ހުށަހެޅުއްވުމަށް އޮތް ފުރުސަތު މިއޮތީ ބަރަނި ފަށަކަށްވުރެ ހަނިކޮށެވެ. އަދި ކޮބައިތޯއެވެ. ބިލް ހުށަހެޅުމުގެ ފުރުސަތު އެއްކައިރީގައި ބާއްވާފައި ސަރުކާރުގެ ފަރާތުން ހުށަހަޅާ ބިލްތަކަށް އިދިކޮޅު ފަރާތްތަކުން އިސްލާހު ހުށަހެޅުމުގެ ފުރުސަތުވެސް މިވަނީ ނުހަނު ހަނިކުރައްވާފައެވެ. ދާދި އިހަކަށްދުވަހު، ލ.ގަމު ދާއިރާގެ މެންބަރު، ފައްޔާޒު އިސްމާއީލް ހުށަހެޅުއްވި އިސްލާޙެއް މަޖިލީހުގެ ރައީސް ބަލައިނުގަތުމުގެ ސަބަނުން އެ މެންބަރު އިޙުތިޖާޖުކުރެއްވިތަންވެސް އަޅުގަނޑުމެންނަށް ފެނިގެންގޮސްފައިވެއެވެ.

 

 ސަރުކާރު ޖަވާބުދާރީކުރުވުމަށް ރައްޔިތުންގެ މަޖިލީހަށް ކަނޑައަޅާފައިވާ ދައުރަށް ރިޢާޔަތްކޮށް މަޖިލީހުގައި ކަންހިނަގމުން އައިސްފައިވާގޮތަށް ބަލައި ވިސްނާއިރު، ރައްޔިތުންގެ މަސްލަޙަތާ ގުޅިފައވާ މުހިއްމު މައްސަލަތަކުގައި  ވަޒީރުންނާއި އަދި އެކިއެކި މުއައްސަސާތަކުގެ ވެރީންނާ ސުވާލުކުރުމަށް އެބޭފުޅުން ޙާޒިރުކޮށްދެއްވުމަށް އިދިކޮޅު މެންބަރުން މަޖިލީހުގައި އެދިވަޑައިގެންފައިވީނަމަވެސް ވަރަށް ގިނަ ޙާލަތްތަކުގައި މަޖިލީހުގެ ރައީސް އެކަމަށް ހުރަސްއަޅުއްވާފައިވާކަން މެންބަރުންގެޝަކުވާއިން އެނގެއެވެ. އެހެންކަމުން  މެންބަރުންގެ ފަރާތުން ވަޒީރުންނާކުރަން ބޭނުންވާ މުހިއްމު ސުވާލުތައް ކުރުމުގެ ފުރުޞަތު އެމެންބަރުންނަށް މަޖިލީހުގެ ރައީސް ލިބިދެއްވާފައިނުވާކަމީ ޤައުމުގެ ކަންކަން ފާލުން ނައްޓައި، ރައްޔިތުންގެ ޙައްޤުތައް ގެއްލިގެންދިޔުމަށް މަގުފަހިވެގެންދިޔަ މައި ސަބަބެކެވެ.

 

 ބިލުތައް ދިރާސާކުރުމުގެ ފުރުޞަތު ނުދީ ޙައްޤުތައް ނުރައްކަލަށް ހުށަހެޅުން

ރައްޔިތުންގެ މަޖިލީހުން  ފާސްކުރެވޭ އެކއެކި ބިލްތައް ފާސްކުރެވިގެންދާއިރު، އެބިލްތައް އެކަށޭނަގޮތުގައި ދިރާސާކުރުމަށްޓަކައި މެންބަރުންނަށް ވަގުތުދެއްވަމުންނުދާކަމީވެސް މަޖިލީހުގެ ރައީސްގެ ކިބައިން ހިނގަމުން އަންނަ ޢަމަލުފުޅެއްކަން ފާހަގަކުރެވިފައިވެއެވެ.   ޤާނޫނުއަސާސީއަށް ގެނެވުނު ބިދޭސީންނަށް ބިން ވިއްކުމުގެ އިސްލާހަކީ މިބީދައިން ގެނެވުނު އިސްލާޙެކެވެ. އެކަށީގެންވާގޮތުގައި ދިރާސާކުރުމަށް ފުރުސަތު ދެއްވުމަކާނުލައި އަދި ކަމުގެ މަސްލަޙަތު އޮތް ފަރާތްތަކާ މަޝްވަރާކުރުމުގެ ފުރުޞަތު ދެއްވުމަކާނުލައި ފިސާރި ބާރު މިނުގައި މަޖިލިސްތެރެއިން ހިންގަވާލެއްވި އިސްލާހެކެވެ. ޤައުމަށް އޭގެ ނޭދެވޭ އަސަރު ބޮޑު، ނުރައްކާތެއި އިސްލާޙެކެވެ. މަޖިލީހުން ފާސްކުރެވޭ ކޮންމެ ބިލަކީ އެ ފާސްވެ ޤާނޫނަކަށްވުމުން ކޮންމެ ރައްޔިތަކުމެ އެމައްޗަށް ޢަމަލުކުރާންޖެހޭ އެއްޗެކެވެ. އަދި ހަމައެހެންމެ އެތަކެއް ޙައްޤުތަކާ ޒިންމާ، އަދި އެތައް ނަތީޖާތަކެއް އެއާގުޅިފައިވާ އެއްޗެކެވެ. އެހެންކަމުން ބިލްތައް އެކަށޭނަގޮތުގައި  ދިރާސާކުރުމުގެ ފުރުސަތު ދެއްވުމެއްނެތި އަވަސްއަރުވާލައިގެން ޤާނޫނު ފާސްކުރުމަކީ އޭގެ ނުރައްކާބޮޑު އަދި އެމައްޗަށް މަޖިލީހުގެ ރައީސް ޒިންމާ ނަންގަވާންޖެހޭ ކަމެއްމެއެވެ.

 

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޝިކާޔަތުތަކަށް ބަލާއިރު، މާނަވީ ބަހުސަށް ހުރަސްއަޅުއްވާ މައްސަލަތައް އަވަސްކުރެއްވުމަށް މަޖިލީހުގެ ރައީސް ގެންގުޅުއްވާ އުކުޅުތަކެއް އެބަހުއްޓެވެ. އެއީ ވަގުތު ކުޑަތަންވެފައިވަނިކޮށް ބިލްތައް ތާވަލްކުރެއްވުމެވެ. ތާވަލްކުރެވޭކަންކަމުގެ ނޯޓިސްދެއްވުމުގައި، ވަގުތުޖެހެންދެން ހިފަހައްޓަވައި މެންބަރުން އަވަހާރަފުޅު ލައްޕަވާފަހުން މެންދަމު ނޯޓިސް ދެއްވުމާއި، ބިލްތައް ދިރާސާކުރާ ކޮމިޓީތަކުގެ ރިޕޯޓްތައް ބިލްތައް ފާސްކޮށް ނިމިދާފަހުން މެންބަރުންނަށް ދެއްވުމާއި، ބިލްތަކުގެ ތިންކިޔުންވެސް އެއްވާނަކަށް ގެންދަވާ ނިންމެވެމާ މިބާވަތުގެ ޢަމަލުތަކެވެ. މިއީ އެއްގޮތަކަށްވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ކިބައިން ފެނިގެންވާނޭ ޢަމަލުތަކެއް ނޫންކަމާމެދު ހެޔޮވިސްނަވާ އެންމެހާ ބޭފުޅުން އިއްތިފާޤުވެވަޑައިގަންނަވާނޭކަން ކަށަވަރެވެ.

 

ޤާނޫނުއަސާސީގެ މައިތަނބުތައް މުގުރާލުމުގައި އަތްބާރުއަޅާދިނުން

ފަނޑިޔާރުގޭގެ މިނިވަންކަމަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން އެކުވާލާފައިވާ ދުސްތޫރީ ނިޒާމުގެ މައި ތަނބެކެވެ. އެގޮތުން ފަނޑިޔާރުގޭގެ މިނިވަންކަން ޤާއިމްކޮށް  އެމިނިވަންކަން ދެމެހެއްޓުމަށް ބާރުއެޅުމުގެ ގޮތުން ޤާނޫނުއަސާސީއިން ޚާއްޞަ އުސޫލުތަކެއް ކަނޑައަޅާފައިވެއެވެ. މީގެ ތެރޭގައި މަޤާމުގެ ކަށަވަރުކަންދިނުމަށް ކަނޑައޅާފައިވާ އުސޫލުތައްވެއެވެ. އެއީ މަޤާމު ގެއްލިދާނޭކަމުގެ ބިރުން އެއްކިބާވެހުރެ، ވަކި ފަރާތަކަށް ބެލުމެއްނެތި އިންސާފު ޤާއިމުކުރުން ކަށަވަރުކުރުމަށެވެ. އެގޮތުން ޤާނޫނުއަސާސީގެ 154 ވަނަ މާއްދާގައި ފަނޑިޔާރުން އެފަރާތްތަކަށް ކަނޑައެޅިފައިވާ ސުލޫކީ މިންގަނޑުތަކާއި އުސޫލުތަކުން ބޭރުނުވެ މަސައްކަތްކުރާހާ ހިނދަކު މަޤާމުން ވަކިކޮށްގެން ނުވާނޭކަމުގައި ބަޔާންކޮށްފައިވާކަމާއި އަދި ފަނޑިޔާރަކު ވަކިކުރުމުގެ ސުވާލުމަތިވެއްޖެނަމަ އެކަން ކުރެވޭނީ އެފަނޑިޔާރަކު މަޤާމަށް ޤާބިލްނޫންކަމަށް ނުވަތަ އެމަޤާމާ އެކަށީގެންނުވާފަދަ ޢަމަލެއްކޮށްފައިވާކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤަބޫލުކުރެވިގެން އެފަނޑިޔާރަކު މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ، މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވާ މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣްލަބިއްޔަތުންކަމަށް ބަޔާންކޮށްފައިވެއެވެ. އެހެނަސް އަޅުގަނޑުމެންނަށް ފެނިގެންގޮސްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އާދައިގެ އަޣްލަބިއްޔަތުން ސުޕްރީމްކޯޓުގެ ތިން ފަނޑިޔާރުންގެ މަޤާމު ކޮށާ އެކޯޓު 'ސައިޒު' ކޮށްލީތަނެވެ. އެއްދޮނުން ޤާނޫނުއަސާސީގެ 154 ވަނަ މާއްދާގެ ބާރު ކަނޑުވާލީއެވެ. ދައުލަތް އެމައްޗަށް ބިނާކުރެވިފައިވާ އަސާސެއް މުގުރާލީއެވެ. ސުވާލަކީ މިއީ މަޖިލީހުގެ ރައީސް އެކަމަށް ޒިންމާވާންޖެހޭ ކަމެއްތޯއެވެ؟ އާދޭހެވެ، ރައްޔިތުންގެ މަޖިލީހަށް ބިލުތައް ބަލައިގަނެ ތާވަލްކުރުމުގައި ޤާނޫނުއަސާސީގެ ތަރަޙައިގެތެރެއިން އެކަންކުރެއްވުމަކީ މަޖިލީހުގެ ރައީސްގެ ޒިންމާއެކެވެ. އެކަން މަޖިލީހުގެ ގަވާއިދުންވެސް ސާފުވެއެވެ. އެހެންކަމުން ޤާނޫނުއަސާސީގެ ނައްޞާއި އަދި ރޫޙާ ޚިލާފު ބިލުތައް ބަލައިގަނެ އެފަދަ ބިލުތައް ފާސްކުރުމަށް އަތްބާރުއަޅުއްވާދެއްވައިގެން ނުވާނެއެވެ.

 

 ހަމަ މިނޭވާގައިމެ ދެން ދައްކަންޖެހެނީ ރައްޔިތުންގެ ޙައްޤުތައް އެތައް ތަނަކުން ހަނިކޮށް އެޙައްޤުތައް ކަފުންކުރުމުގެ މަގު ކޮށާދެއްވުމުގައި މަސީޙު އަދާކުރެއްވި ދައުރުގެ ވާހަކައެވެ. އެގޮތުން ޚިޔާލު ފާޅުކުރުމުގެ ޙައްޤާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ޙައްޤު ރޮއްޖަކާ އެއްމިނަށް ހަނިކުރެވިގެންގޮސްފައިވަނީވެސް ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) ގެ ތަރަޙައިން ބޭރުގައެވެ. ނުހަނު ބޮޑެތޮ ޚިޔާނާތްތައް ޤައުމުގައި ހިނގަމުންދިޔަ ދަނޑިވަޅެއްގައެވެ. އެމް.އެމް.ޕީ.އާރު.ސީގެ ޚިޔާނާތާއި ފެނަކައަށް ތެޔޮ ސަޕްލައިކުރުމުގައި ފެންމަތިވެފައިވާ މައްސަލަތައް ހުރި ދަނޑިވަޅެއްގައެވެ. ރާއްޖޭގެ ފަޅުރަށްރަށާއި، ފަޅުތައް ނުއަގުގައި ވިއްކުމާއި، އޭގެ ހަމައަގު ދައުލަތަށް ނުލިބުމާއި މިކަންކަމާގުޅިގެން އެތަކެއް ސުވާލެއް މަތިވެފައިވާ ދަނޑިވަޅެއްގައެވެ. ރައްޔިތުން އޮބިއަޅައި އަނގަ ބަންދުކުރުމުގެ ގޮތުންނެވެ. އެހެންކަމުން މިކަންކަން ހިނގާދިޔައިރު މަޖިލީހުގެ ރިޔާސަތުގައި އިންނަވައި މިކަންކަމަށް ފަހިކޮށްދެއްވާފައިވަނީ މަސީޙުކަމަށްވާތީ އެފަރާތް ޖަވާބުދާރީކުރުވާންޖެހެއެވެ.

 

ޤާނޫނުއަސާސީއިން ރައްޔިތުންގެ މަޖިލީހާ މަތިކޮށްގައިވާ ވާޖިބުތައް އަދާކުރުމަށްޓަކައި އެމަޖިލީހުގައި ހަމަހަމަ އަދި އިންސާފުވެރި ނިޒާމެއް ޤާއިމްކޮށްފައި އޮންނާންޖެހެއެވެ. މިބަޔާންކުރިފަދަ ނިޒާމެއް ރައްޔިތުންގެ މަޖިލީހުގައި ޤާއިމްކޮށް ފަހިކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަސްއޫލިއްޔަތެވެ. އެހެނަސް އަޅުގަނޑުމެންށް ފެނިގެންގޮސްފައިވަނީ ސިޔާސީ ފިކުރުގެ މައްޗަށް މަޖިލީހުގެ ރައީސް ބުރަވެ، ތަޢައްސުބުވެ އިންނަވާ، ސަރުކާރުން ބޭނުންވާ އެންމެހާ ކަންކަން ފަހިކޮށްދެއްވިތަނެވެ. ޤާނޫނޫއަސާސީއާ ޚިލާފަށްވިޔަސްމެއެވެ.  އަދި އިދިޚޮޅު މެންބަރުން ސަރުކާރު ޖަވާބުދާރީކުރެއްވުމަށް ކުރެއްވި މަސައްކަތަށް ހުރަސްއެޅުއްވިތަނެވެ. މަޖިލީހުގެ މަސައްކަތް ނެތްކަމުގެ ތަޞައްވުރުދައްކަވައި މަޖިލިސް ތަޅުއަޅުއްވައިގެން އިންނެވި ތަނެވެ. އެކަމުގެ ސަބަބުން އަޅުގަނޑުމެންނާ ކުރިމަތިވެފައިމިވަނީ ރައްޔިތުންގެ ޙައްޤުތައް ގެއްލި، ޤައުމު ޤާނޫނީ ވެރިކަމުގެ ފާލުން ނެއްޓި، ރައްޔިތުންގެ މަޖިލީހާމެދު ރައްޔިތުން މާޔޫސްވެފައިވާ ނާޒުކު ޙާލަތެކެވެ. މިކަންކަން ރަނގަޅުކޮށް ގެއްލިގައިވާ އިތުބާރު ހޯދުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަޞީޙު މަޤާމުން ދުރުކުރުމަކީ ޤައުމީ ވާޖިބެކެވެ.

އެޑިޓަރުގެ ނޯޓް: މި ލިޔުންތެރިޔާ އެނގެން ބޭނުންވަނީ "ދުނި"ގެ ނަމުންނެވެ. ލިޔުންތެރިޔާއަކީ ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރައްވާފައި ހުންނެވި، އަދި ދައުލަތުގެ އިސް މަގާމުތަކުގެ ފުރިއްވި ބޭފުޅެކެވެ. މި ލިޔުމަކީ، ލިޔުންތެރިޔާގެ މި އަމިއްލަ ހިޔާލެވެ. 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ސުރޭ

2 އަހަރު ކުރިން

މާލަސްވެއްޖެ. އަވަހަށް ދުރުކުރޭ

0
0