17 ޖެނުއަރީ 2018 | ބުދަ | 12 އުތުރަހަޅަ

ޕްރިމިއާ ލީގު: ސިޓީން ލިވަޕޫލް ހިފެހެއްޓިއިރު، ޓޮޓެންހަމް މޮޅުވެއްޖެ

  • ލިވަޕޫލް އޮތީ ލިބުނު 56 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަތަރުވަނައިގައި
  • ސިޓީ އޮތީ ލިބުނު 57 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ތިންވަނައިގައި
  • ޓޮޓެންހަމް އޮތީ ލިބުނު 59 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ދެވަނައިގައި

| | 20 މާރޗް 2017 | ހޯމަ 08:11 | MrLeevaan | |ލިވަޕޫލް ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ -- ފޮޓޯ:ޓުވިޓާރ

ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީން ލިވަޕޫލް ހިފެހެއްޓިއިރު، ޓޮޓެންހަމް ހޮޓްސްޕާ ކުޅުނު މެޗުން އެޓީމު މޮޅުވެއްޖެ އެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން ސިޓީ އެއްވަރުވީ ލިވަޕޫލްއާ ވާދަކޮށް 1-1 ގެ ނަތީޖާއަކުންނެވެ.

ސިޓީ ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ފުރަތަމަ ހާފްގައި ވަނީ މި ދެ ޓީމަށް ލިބިފައެވެ.

އެގޮތުން ލިވަޕޫލްގެ ފިލިޕޭ ކުޓީނިއޯ އާއި ސިޓީގެ ޑޭވިޑް ސިލްވާ އަށް ލީޑު ނެގުމަށް ލިބުނު ހުސް ފުރުސަތުތައް ހިމެނެއެވެ. އެހެން ނަމަވެސް ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއިން ދެ ޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނީ ލިވަޕޫލް އެވެ. އެގޮތުން 51 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ލީޑު ނަގައިދިނީ ޖޭމްސް މިލްނާ އެވެ. މި ލަނޑަށް ފަހު ވެސް ލިވަޕޫލް އިން ދިޔައީ ސިޓީގެ ގޯލަށް ނުރައްކާކޮށް ހަމަލާ އުފައްދަމުންނެވެ.

އެހެން ނަމަވެސް ލިވަޕޫލް އިން ރަނގަޅަށް ކުޅެމުންދިޔަ ދަނޑިވަޅެއްގައި ސިޓީން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު 69 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ކެވިން ޑިބްރޭނާގެ އެހީތެރިކަމާ އެކު ސާޖިއޯ އަގުއެރޯ އެވެ.

މިނަތީޖާއާ އެކު ސިޓީ އޮތީ ކުޅުނު 28 މެޗުން ލިބުނު 57 ޕޮއިންޓާ އެކު ޕޮއިންޓް ތާވަލުގެ ތިންވަނައިގަ އެވެ. ލިވަޕޫލް އޮތީ ކުޅުނު 29 މެޗުން ލިބުނު 56 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަތަރުވަނައިގަ އެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން ޓޮޓެންހަމް މޮޅުވީ ސައުތްހެމްޕްޓަންއާ ވާދަކޮށް 1-2 ގެ ނަތީޖާއަކުންނެވެ.

ޓޮޓެންހަމް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނީ އެޓީމުންނެވެ. އެގޮތުން 14 ވަނަ މިނެޓުގައި ކްރިސްޓިއަން އެރިކްސަންގެ ލަނޑުން އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ.

މި ލަނޑަށްފަހުވެސް އެޓީމުން ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން 33 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ޑެލެއަލީ ވަނީ ޓޮޓެންހަމް އަށް ލީޑު ފުޅާކޮށްދީފަ އެވެ.

މި ނަތީޖާއާއެކު ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއަކުން ސައުތްހެމްޕްޓަންގެ މައްޗަށް ޓޮޓެންހަމް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ސައުތްހެމްޕްޓަން އިން ވަނީ މެޗުގެ ކޮންޓްރޯލް ހޯދާ ޓޮޓެންހަމްގެ ހާފަށް ބާރުބޮޑުކޮށްފައެވެ. އެގޮތުން 52 ވަނަ މިނެޓުގައި ޖޭމްސް ވާޑް ވަނީ އެޓީމަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ.

މީގެ އިތުރުން ވެސް ސައުތްހެމްޕްޓަން އަށް ވަނީ ނަތީޖާ ހަމަހަމަކުރުމަށް ވެސް ފުރުސަތުތަކެއް ލިބިފައެވެ. 

މި ނަތީޖާއާއެކު ޓޮޓެންހަމް އޮތީ ކުޅުނު 28 މެޗުން ލިބުނު 59 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ދެވަނައިގަ އެވެ. ސައުތްހެމްޕްޓަން އޮތީ ކުޅުނު 27 މެޗުން ލިބުނު 33 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 10 ވަނައިގަ އެވެ. 


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް