24 މާރޗް 2017 | ހުކުރު | ފަސްބަދުރުވަ 13 | 25 ޖުމާދުލް އާހިރަތު 1438 | މެންދުރު: 12:16

ސައުދީ ރަސްގެފާނުގެ ދަތުރުފުޅު ކެންސަލް ކުރައްވައިފި

  • ދަތުރުފުޅު ކެންސަލް ކުރެއްވީ ރޯގާ ފެތުރޭތީ

| | | Ahmed_Fairoox | |



ސައުދީ ރަސްގެފާނު -- ފޮޓޯ:ޒީ ނިއުސް

ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ރާއްޖެއަށް ކުރައްވަން އޮތް ރަސްމީ ދަތުރުފުޅު އެންމެ ފަހު ވަގުތު ކެންސަލް ކުރައްވައިފި އެވެ. 

 

ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައި އޮތީ ހޮނިހިރު (މާދަމާ)އެވެ. ނަމަވެސް އެންމެ ފަހު ވަގުތު އެމަނިކުފާނުގެ ދަތުރުފުޅު ކެންސަލް ކުރައްވާފައިވަނީ ރާއްޖޭގައި މިހާރު ފެތުރެމުން އަންނަ ސްވައިން ފްލޫ ރޯގާއާ ގުޅިގެންނެވެ.

 

ރައީސް އޮފީހުގައި ހުކުރު (މިއަދު) ކުއްލި ގޮތަކަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސައުދީ ރަސްގެފާނުގެ ދަތުރުފުޅު ކެންސަލްވިކަން އިއުލާން ކުރެއްވީ ފޮރިން މިނިސްޓަރު މުހައްމަދު އާސިމް އެވެ.

 

ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު ރާއްޖެއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު ކެންސަލްވިކަން އިއުލާން ކުރައްވަމުން ފޮރިން މިނިސްޓަރު އާސިމް ވިދާޅުވީ " ސަލްމާން ރަސްގެފާނުގެ ދަތުރުފުޅު ފަސްކުރެއްވީ، މިހާރު ރާއްޖޭގައި ފެތުރެމުންދާ ހުމުގެ ރޯގާއާ ގުޅިގެން" ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ރަސްގެފާނުގެ ދަތުރުފުޅެއް ދެން ރާއްޖެއަށް ކުރައްވާނެ ތާރީހެއް ފަހުން އިއުލާން ކުރައްވާނެ ކަމަށެވެ.

 

"މި ދަތުރުފުޅު ފަހުގެ ތާރީޚަކަށް ހަމަޖެހުމުން އެ ތާރީޚު ވެސް އިއުލާން ކުރާނެ ވާހަކަ އެންމެހައި ބޭފުޅުންނަށް ދަންނަވަން،" ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.

 

ސައުދީ ރަސްގެފާނު ރާއްޖެވަޑައިގަންނަވަނީ އޭޝިޔާގެ ފަސް ގައުމަކަށް ފެއްޓެވި ދަތުރުފުޅެއްގައެވެ. ގާތްގަނޑަކަށް 31 ދުވަސް ހޭދަވާ އެ ދަތުރުފުޅުގައި ރާއްޖެއަކީ އެމަނިކުފާނުގެ އެންމެފަހު މަންޒިލެވެ.

 

ފާޑުކިޔުންތައް ބޮޑުވެފައިވާ ސައުދީ ރަސްގެފާނުގެ ދަތުރުފުޅު ކެންސަލްކުރައްވާފައި މިވަނީ އެ ދަތުރުފުޅައި ގުޅިގެން ދިވެހިސަރުކާރުން އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވަމުން އަންނަނިކޮށެވެ.

 

ހޮނިހިރު ދުވަހު ރަސްގެފާނު ރާއްޖެ ވަޑައިގަތުމަށް ހަމަޖައްސަވާފައި އޮތް ދަތުރުފުޅު އެންމެ ފަހު ވަގުތު ކެންސަލް މިކުރެއްވީ، ސައުދީ ޝާހީ އާއިލާއިން ބޭނުންވަނީ ފ. އަތޮޅުގެ ބައެއް ވާރުތަ މުދަލަކަށް ހަދަން ހަދަން ބޭނުންވާ ކަމަށް، ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާނު ވިދާޅުވެފައިވާ އޯޑިއޯއިން ރާއްޖެޓިވީން ލީކްކޮށްލާފައި ވަނިކޮށެވެ.

 

ފ. އަތޮޅުގައި 10 ބިލިއަން ޑޮލަރުގެ އިންވެސްޓެމެންޓެއް ސައުދީން ގާއިމުކުރަން އުޅޭ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ވާއިރު، އެ އަތޮޅު ވިއްކާލުމާ ދެކޮޅަށް މާލެ އާއި ފ. އަތޮޅުގެ ރަށްތަކުގެ އިތުރުން އެހެން ބައެއް ރަށްރަށުގައި އަންނަނީ އިހްތިޖާޖުކުރަމުންނެވެ. އަދި ފ. އަތޮޅު ވިއްކާލުމާ ދެކޮޅަށް ސޯޝަލް މީޑިއާގައި ވަރުގަދަ ކެމްޕޭނެއް ފަށާފައިވާއިރު، ރަސްގަފާނަށް ވެސް ވަރަށް ބޮޑަށް ދަނީ ފާޑުކިޔަމުންނެވެ.

 

ރަސްގެފާނުގެ އަބޮޑު ދަތުރުފުޅު ކެންސަލް ކުރެއްވިއިރު، އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް ސަރުކާރުން ވެސް ވަނީ ވަރަށް ބޮޑު ހަރަދެއްކޮށްފަ އެވެ. ސައުދީ ރަސްގެފާނާއި އެ މަނިކުފާނުގެ ވަފުދުގެ ބޭފުޅުން ތިއްބެވުމަށް ތިން ރިސޯޓެއް ކުއްޔަށް  ނަންގަވާފައިވާއިރު، އެ މަނިކުފާނު ރިސޯޓުން މާލެ ވަޑައިގަތުމަށް ހެލިކޮޕްޓަރަކާއި އެއާއެމްބިއުލޭންސް ހެލިކޮޕްޓަރެއް ވެސް ވަނީ ގެންނަވައިފަ އެވެ. އޭގެ އިތުރުން، މަތިންބޯޓުން ފައިބައިވަޑައިގަތުމަށް ރަން ސިޑިކޮޅު ވެސް ވަނީ ރާއްޖެ ގެންނަވައިފަ އެވެ. އެ މަނިކުފާނުގެ ދަތުރުފުޅާ ދިމާކޮށް، މިހާރު މާލެ ކައިރީގައި ސައުދީ މަނަވަރެއް އޮތްއިރި، މާލޭ ސަރަހައްދުގެ ސަލާމަތީ ކަންކަން ވަނީ ވަރުގަދަކޮށްފަ އެވެ.

 

ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ޔަމަނުގެ ފިރިހެނަކު ވެސް ސައުދީ ރަސްގެފާނުގެ ދަތުރުފުޅާ ދިމާކޮށް ވަނީ ހައްޔަރުކޮށް، އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ. އޭނާގެ މައްޗަށް ޓެރަރިޒަމްގެ ތުހްމަތުކޮށްފައިވާއިރު، ޖަލަށް ނުލައި، ތަހްގީގެއް ނުކޮށް، އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ބަހައްޓާފައިވަނީ ކީއްވެތޯ ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާނާ ސުވާލުކުރެއްވުމުން ޖަވާބެއް ނުދެއްވިއެވެ.

 

ސައުދީ ރަސްގެފާނު  ސަލްމާން ބިން އަބްދުލްއަޒީޒް ރާއްޖެ އަށް ކުރައްވާ ދަތުރުފުޅުގައި، ފ. އަތޮޅުގައި ހިންގާ "ބިޔަ ބޮޑު މަޝްރޫއުގެ" އެއްބަސްވުމުގައި ސޮއިކުރައްވާ ގޮތަށް ހަމަޖެހިފައިވާކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.  ރަސްގެފާނު ސަލްމާންގެ ދަތުރުފުޅުގައި ފ. އަތޮޅުގައި ހިންގާ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ދެ ގައުމުގެ ސަރުކާރުން އެއްބަސްވެފައިވާ ކަމަށްވެއެވެ. ފ. އަތޮޅު ވިއްކާލުމާ ދެކޮޅަށް ދިވެހި ޝުއޫރު ފާޅުކުރަން ފެށުމުން، ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން ބުނެފައިވަނީ ރާއްޖޭގެ އަތޮޅު ސައުދީ ސަރުކާރުން ގަންނަން ނިންމާފައި ނުވަތަ އަތޮޅެއްގައި އިންވެސްޓްކުރަން ވެސް ނިންމާފައި ނުވާ ކަމަށެވެ. އެ ބަޔާނުގައި ސައުދީ ޝާހީ އާއިލާއިން ރާއްޖޭން ރަށެއް ގަންނަން އުޅޭކަން ދޮގުކޮށްފައެއް ނެތެވެ. 

 

ފ އަތޮޅު ވިއްކާލުމުގެ މައްސަލަ އެންމެ ހޫނުވި ދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ވިދާޅުވެފައިވަނީ ފ. އަތޮޅަށް އަންނަނީ 10 ބިލިއަން ޑޮލަރުގެ މަޝްރޫޢެއް ކަމަށެވެ. ޕީޕީއެމްއަށް އަލަށް ގުޅުނު މެންބަރުންތަކެއްގެ މެމްބަރޝިޕް ފޯމު ޕާޓީއާ ހަވާލުކުރުމަށް މާޗު މަހުގެ 1 ވަނަ ދުވަހު ދަރުބާރު ގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން، ރައީސް ޔާމީން ވިދާޅުވީ މިހާތަނަށް ދެކެވިފައިވާ ވާހަކަތަކަށް ބަލާއިރު މި މަޝްރޫޢުގެ އަގު 10،000 މިލިއަން (10 ބިލިއަން) އެމެރިކާ ޑޮލަރު (154.2 ބިލިއަން ރުފިޔާ) އަށް އަރާނެ ކަމަށެވެ.

 

ރައީސް ޔާމީން ވިދާޅުވީ މި މަޝްރޫޢާ އެކު ހީނުކުރާ ވަރުގެ ތަރައްޤީ ފ. އަތޮޅަށް އަންނާނެ ކަމަށާއި އެކަމާ ގުޅޭ ތަފްޞީލް ހާމަކުރެވޭ ވަރަށް މަޝްވަރާތައް ކުރިއަށް ދިއުމުން އެ ތަފްޞީލު ހާމަ ކުރައްވާނެ ކަމަށެވެ.

 

ރައީސް ޔާމިން އެހެން ވިދާޅުވިޔަސް އޭގެފަހުން ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސައުދީ ސަރުކާރުން ރާއްޖޭގެ އަތޮޅެއް ގަންނަން އުޅޭ ކަމުގެ ވާހަކަތައް ފެތުރިފައިވާކަން ސައުދީ އެމްބަސީއަށް ފާހަގަކުރެރިފައިވާ ކަމަށާއި އެހެން ނަމަވެސް ސައުދީ ސަރުކާރުން އެފަދަ އެއްވެސް މެގަ ޕްރޮޖެޓެއްގައި އިންވެސްޓްކުރަން ނޫޅޭ ކަމަށެވެ.

 

ސައުދީ ރަސްގެފާނުގެ ދަތުރުފުޅާއި ދިމާކޮށް ބޭރުގެ އެކި ޤައުމުތަކުގެ ވެރިންނާއި، އިއްޒަތްތެރިން ދިވެހިރާއްޖެއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާތީ، އެ ބފުޅުންގެ ޝަރަފާއި, ގަދަރާއި, އިއްޒަތަށް އުނިކަން ލިބޭގޮތަށް އަމަލުތަކެއް ހިންގުމަށް ރާވާ ހަދާކަމަށް ބުނެ އެމްޑީޕީ ހަރުގެ ފުލުހުން ބަލާފާސްކޮށްފައިވެއެވެ.

އެންމެ ފަހުގެ
ކޮމެންޓް