28 ޖުލައި 2017 | ހުކުރު | ފުސް 14

ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ޔަމަނު މީހަކު ކުއްލި ގޮތަކަށް ހައްޔަރުކުރި މައްސަލައެއް ފެންމަތިވެއްޖެ

  • ހައްޔަރުކުރީ ސައުދީ ސަރުކާރުގެ އެދުމުގެ މަތިން
  • ޓެރަރިސްޓް ގްރޫޕްތަކާ ގުޅިގެން ހަނގުރާމައަށް މިހުން ފޮނުވުމުގެ ތުހުމަތު
  • މެރިއެޖް ވިސާ ކެންސަލްކޮށް، ޑީޕޯޓްކޮށްލަން މަސައްކަތް ކުރަނީ

| | | azmoon_ahmed | |



ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ، ޔަމަނުގެ އަރަބި ޓީޗަރު ޔާސިރު ޔަހުޔާ -- ފޮޓޯ:ރާއްޖެ އެމްވީ

މާލޭގައި ދިވެއްސަކާ ކައިވެނިކޮށްގެން ދިރިއުޅެމުން ދިޔަ ޔަމަނުގެ ރައްޔިތަކު ކުއްލި ގޮތަކަށް ހައްޔަރުކޮށްގެން ގެންގުޅެމުންދާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ އަހުމަދިއްޔާ ސްކޫލާއި، އަރަބިއްޔާ ސްކޫލްގެ އަރަބި ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ޔާސިރު ޔަހުޔާ އެވެ.

އަހުމަދިއްޔާ ސްކޫލްގައި އޭނާ މަސައްކަތް ކުރަމުންދާތާ އަހަރެއްހާ ދުވަސް ވެފައިވާއިރު، އޭނާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 3 ވަނަ ދުވަހުގެ ރޭ 11:45 ހާއިރު ކޯޓް އަމުރެއްގެ ދަށުން ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

އަހުމަދިއްޔާ ސްކޫލާއި އަރަބިއްޔާ ސްކޫލްގައި ޔާސިރު މަސައްކަތް ކުރަމުންދިޔަކަން އެ ދެ ސްކޫލުން ވަނީ ރާއްޖެއެމްވީ އަށް ކަށަވަރުކޮށްދީފަ އެވެ.

އިތުބާރު ހުރި މަސްދަރަކުން ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޔާސިރު ހައްޔަރުކޮށްފައިވަނީ، ސައުދީ ސަރުކާރުގެ އެދުމުގެ މަތިންނެވެ. އަދި އެ ގައުމުން އެދިފައިވަނީ ވީހާ ވެސް އަވަހަކަށް އޭނާ ރާއްޖެއިން ޑިޕޯޓް ކުރުމަށް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

މިކަމާ ގުޅޭ ގޮތުން މާލޭގައި ހުންނަ ސައުދީ އެމްބަސީއަށް ގުޅުމުން ފޯނަށް ޖަވާބު ނުދޭތީ މިކަން ކަށަވަރު ކުރެވިފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޔާސިރު ހައްޔަރުކުރުމުގެ ކުރިން މިދިޔަ މަހުގެ ތެރޭގައި އޭނާގެ މެރިއޭޖް ވިސާ ކެންސަލް ކުރުމަށް ވެސް މަސައްކަތް ކޮށްފައިވެ އެވެ. އަދި އިމިގްރޭޝަނުގެ ވޮޗްލިސްޓުގައި ވެސް އޭނާގެ ނަން އޮތީ ހިމަނާފަ އެވެ. މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ޔާސިރު ފުލުހަށް ހާޒިރުކޮށް ރާއްޖެއިން ފުރައިގެން ދިއުމަށް އަންގާފައިވެ އެވެ.

މިމަހުގެ 3 ވަނަ ދުވަހު އޭނާ ހައްޔަރުކުރުމަށް ފަހު، އިމިގްރޭޝަން ކޮންޓްރޯލާ އަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކަމަށް ބުނެ އޭނާގެ މެރިއޭޖް ވިސާ ކެންސަލް ކުރިކަން މިހާރު ވަނީ އަންގާފަ އެވެ.

ޔާސިރު ހައްޔަރުކުރި ކޯޓް އަމުރުގައިވާ ގޮތުން އޭނާގެ މައްޗަށް ކުރަނީ ޓެރަރިޒަމުގެ ތުހުމަތެވެ. އެގޮތުން ބޭރުގެ ޓެރަރިސްޓް ޖަމާއަތަކާ ގުޅިގެން ރާއްޖޭގައި ޓެރަރިސްޓް ޖަމާއަތެއް ހަދައިގެން ބޭރުގައި ހިނގާ ހަނގުރާމަތަކަށް މީހުން ފޮނުވުމުގެ މަސައްކަތް ކުރާ ކަމަށް އެނާގެ މައްޗަށް ވަނީ ތުހުމަތު ކޮށްފަ އެވެ. ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުލް ބާރީ ޔޫސުފް ނެރުއްވި އެ އަމުރުގައިވާ ގޮތުން އޭނާގެ މައްޗަށް ލިބިފައިވާ ހެއްކާއި ގަރީނާއަކީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން، ޔާސިރު ހައްޔަރުކުރުމުގެ އަމުރުގެ އިތުރުން، ޔާސިރު ދިރިއުޅެމުންދާ ގެ ބަލާފާސްކުރުމުގެ އަމުރެއް ވެސް ކޯޓުން ނެރެފައިވެ އެވެ. ބަލާފާސްކުރުމުގެ އަމުރުގެ ދަށުން ޔާސިރުގެ އެޕާޓްމެންޓް ބަލާފާސްކުރިއިރު، ފުރަތަމަ ވެސް ފުލުހުން އެދިފައިވަނީ އޭނާގެ ޕޯސްޕޯޓް ހަވާލުކުރުމަށެވެ. ނަމަވެސް، އޭނާ ވަނީ ޕާސްޕޯޓަކީ ދިވެހި ދައުލަތުގެ އެއްޗެއް ނޫން ކަމަށާއި އެއީ ޔަމަނުގެ ދައުލަތުގެ އެއްޗެއް ކަމަށް ބުނެ ޕާސްޕޯޓްދޭން ދެކޮޅު ހަދާފަ އެވެ.

މިކަމާ ގުޅޭ ގޮތުން ރާއްޖެއެމްވީގެ ނޫސްވެރިން ޔާސިރުގެ އާއިލާގެ ބަހެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރިނަމަވެސް، އެ އާއިލާގެ ބަހެއް ލިބޭ ގޮތް ނުވި އެވެ.

މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ،  ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ޔަމަނުގެ ރައްޔިތަކު ހައްޔަރުކޮށް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތާއި އަދި މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރި އެވެ.

ބޭރުގެ ޓެރަރިސްޓް ޖަމާއަތަކާ ގުޅިގެން ހަނގުރާމަތަކަށް ރާއްޖެއިން މީހުން ފޮނުވާ ކަމުގެ ތުހުމަތެއްކޮށް އޭނާ ހައްޔަރުކުރުމަށް ފަހު، އިމިގްރޭޝަނާ ހަވާލުކުރީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ވެސް ފުލުހުން ހާމައެއް ނުކުރި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުގެ އިންފޮމޭޝަން އޮފިސަރު ހަސަން ޚަލީލް ވިދާޅުވީ ސީރިއަސް މައްސަލައަކާ ގުޅިގެން ފުލުހުން ހައްޔަރުކުރި މީހަކު އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށާއި، އެ މުއައްސަސާގެ ބެލުމުގެ ދަށުގައި އެ މީހާ އެބަހުރި ކަމަށެވެ. ނަމަވެސް، އިމިގްރޭޝަނުން ވެސް ވަނީ މައްސަލައާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ހާމަކުރަން ދެކޮޅުހަދާފަ އެވެ.

ހުޅުމާލޭގައި ބިދޭސީން ބަންދުކޮށްފައި ބައިތިއްބާ ސެންޓަރުގައި މިހާރު ޔާސިރު ބަންދުކޮށްފައިވާއިރު، އާއިލާއާ ބައްދަލުކުރުމުގެ ފުރުސަތު ނުދޭތީ އޭނާ އެއްވެސް އެއްޗެއް ނުކަ އެވެ. އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ޑިޓެންޝަން ސެންޓަރަށް ހުޅުމާލޭ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުން ގެންގޮސް ޔާސިރުގެ ބޮލުގެ އޮޕަރޭޝަނެއް ވެސް ވަނީ ކޮށްފަ އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޔާސިރު ކައިވެނިކޮށްގެން އުޅޭ ދިވެހި އަންހެން މީހާ އިނީ ވިހަން ކައިރިވެފަ އެވެ.

ދިވެއްސަކާ ކައިވެނި ކޮށްގެން އުޅޭ ޔަމަނުގެ ރައްޔިތަކު ހައްޔަރުކޮށްފައި މި ވަނީ ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް ރާއްޖެ އަށް ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާ ދަނޑިވަޅެއްގަ އެވެ. ސައުދީ އާއި ޔަމަނުގެ ގުޅުން މިހާރު ވަނީ ވަރަށް ގޯސްވެފަ އެވެ. ސައުދީ އަސްކަރިއްޔާ އިން ދަނީ އެގައުމާއި ޔަމަނާ ގުޅޭ ބޯޑަރު ކައިރީގައި އުޅޭ ހޫތީންނާ ދެކޮޅަށް ކަމަށް ބުނެ ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.

ސައުދީން ޔަމަނަށް ހަމަލާދެމުން ގެންދަނީ ހޫތީން އެގައުމަށް ދެމުންދާ ހަމަލާތައް ހުއްޓުވުމަށް ކަމަށް ބުނެ އެވެ. ހޫތީންނާ ދެކޮޅަށް ކަމަށް ބުނެ ދޭ ހަމަލާތަކުގައި ކުށެއް ނެތް އެތައް ބަޔަކު ވަނީ މަރުވެފަ އެވެ.

ސައުދީގެ ރަސްކަމަށް އިސްވެވަޑައިގަތް ފަހުން ސަލްމާން ރާއްޖެ ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ހޮނިހިރު ދުވަހު ރާއްޖެ ވަޑައިގަންނަވަނީ ފެބްރުއަރީ 26 ގައި އޭޝިއާގެ ބައެއް ގައުމުތަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަތުރުފުޅުގައި މެލޭޝިއާ، އިންޑޮނޭޝިއާ، ޖަޕާނަށް ވަޑައިގަންނަވާފައިވާއިރު، މިހާރު އެމަނިކުފާނު ހުންނެވެ.

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


ކޮސް ވެއްޖެ

އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ