19 ނޮވެންބަރު 2018 | ހޯމަ | 06 ނޮރަ
11 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

އިތުބާރު މައްސަލަ

ރައީސް ޔާމީންގެ ސަރުކާރަށް ރައްޔިތުން އިތުބާރު ނުކަރީ ކީއްވެ؟

  • ސަރުކާރުން ކަންކަން ކުރަނީ އަނދިރީގައި
  • ބޮޑެތި ކަރަޕްޝަން މައްސަލަތަކުން ފުނި ޖެހިފައި
  • ސަރުކާރު ހިންގުމުގައި ޒިންމާދާރުވުން ނުވެސް ނެތް
  • މާލީ ގާނޫނުތަކަށް ބޯލަނބާ ތަނެއް ނުފެނޭ
ރާއްޖެ އެމްވީ | raajje.mv

| 2 މާރޗް 2017 | ބުރާސްފަތި 17:00 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  3. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  4. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
  5. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  6. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  7. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  8. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ


ރައީސް ޔާމީން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްހެ އައު ރަންވޭގެ މަސައްކަތް އިފްތިތިހާ ކުރުމުގެ ރަސްމިއްޔާތުގައި -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގެން ފ. އަތޮޅު ނުވަތަ އަތޮޅުން ބައެއް ބައްލަވައިގަންނަވާ ވާހަކަ އަކީ މިހާރު އެންމެ އަޑު ގަދަކޮށް ދެކެވޭ ވާހަކައެވެ. ވާން މިއުޅޭ ގޮތެއް އެނގޭ މީހަކު ނެތެވެ. އެކަމަކު ފަތުއަޑު ކިޔާފާ އެވާހަކަ އެބަ ދެކެވެއެވެ.

ކަންކަމުގެ ވާނުވާ އެނގޭނެ ހަމަ އެއްގޮތެއްވެސް ނެތް މިރާއްޖޭގައި، ކަމެއް ސާފު ކުރަން ހެދޭނެ ގޮތެއްވެސް އޮންނަނީއެއް ނޫނެވެ. އެންމެ ފަހުން ގޮސް ލިބުނު ހަނި ފުރުސަތެއްގައި ވާން މިއުޅޭ ގޮތެއް ސާފު ކުރުމުގެ ގޮތުން އެވާހަކަ ނޫސްވެރިޔަކު ރައީސް އޮފީހުގައި އޮތް ނޫސް ކޮންފަރެންސެއްގައި ޑިފެންސް މިނިސްޓަރު އަރިހުން ސުވާލު ކޮށްފިއެވެ. ޑިފެންސް މިނިސްޓަރުގެ ޖަވާބަކީ ރައްޔިތުން ރައީސް ޔާމީނަށް އިތުބާރު ކުރާށެވެ. އެ ނިމުނީއެވެ. މާނައަކީ ރައީސް ޔާމީންގެ ސަރުކާރުން ކުރައްވާ ކަމެއް ކުރައްވަން ދޫކޮށްލާށެވެ. އެ ސަރުކާރުން ރައްޔިތުންނަށް ދެރަވާ ގޮތަކަށް ކަމެއް ނުކުރާނެއެވެ. ރައްޔިތުން އެކަމާ މާބޮޑަށް އަޅާލާ ބެހި ހަދާނެ ކަމެއް ނެތެވެ.

ޑިފެންސް މިނިސްޓަރުގެ އެ ޖަވާބާ އެކުވެސް ނުތަނަވަސް ވެފައި ތިބި ދިވެހި ރައްޔިތުންގެ ހިތްތަކަށް އެއްވެސް ލުޔެއް ނުލިބުނެވެ. ޝުއޫރު ފާޅު ކުރެވެން އޮތް މިންވަރަކަށް ނުރުހުމުގެ ޝުއޫރުތައް ފާޅު ކުރަމުން ގެންދަނީއެވެ. މާނައަކީ ޑިފެންސް މިނިސްޓަރު އެ ވިދާޅުވާ ގޮތައް އިތުބާރަށް ދޫކޮށްލަން ބޭނުމެއް ނުވެއެވެ. ޑިފެންސް މިނިސްޓަރު ވިދާޅުވިޔަސް އެވާހަކަ ގަބޫލު ކުރަން ބޭނުންވާ މީހުން ދާދި މަދެވެ.

ރައީސް ޔާމީންގެ ސަރުކާރަށް އިތުބާރު ކޮށްފައި ކަންކަން ދޫކޮށްލަން މީހުން ބޭނުން ނުވަނީ ކީއްވެތޯ އުފެދޭ ސުވާލަށް ވިސްނާލާއިރު އޭގައި ސަބަބުތަކެއް އެބަހުއްޓެވެ. ވިސްނާލަން ރަނގަޅު ނުކުތާތަކެއްވެސް އެބަހުއްޓެވެ. މާޒީގައި ކަން ހިނގާފައިވާ ގޮތައް ބައްލަވާ ލައްވާށެވެ.

ފުރަތަމަ ކަމަކީ ކުރިމަތިވެގެން މިއުޅޭ ސައުދީ ޑީލްއާ ބެހޭ ގޮތުން ވާހަކަތައް ފުރަތަމަ ފެތުރިގެން އައި ގޮތެވެ. ކުއްލިއަކަށް ބޭރު މީހުންނަށް ބިން މިލްކް ކުރެވޭ ގޮތައް ގާނޫނީ ގޮތުން ގެންނަންޖެހޭ ބަދަލުތައް މަޖިލީހުން ގެނައުމެވެ. އަޑުތައް ފެތުރިފައިވާ ގޮތުގައި އެއީ ސައުދީ ރަސްގެފާނަށް ދިވެހި ބިމުން ބިން މިލްކް ކުރެއްވުމަށް މަގު ތަނަވަސް ކުރުމުގެ ގޮތުން ކުރެވުނު މަސައްކަތެކެވެ. އެއާއެކު އެކަމުގައި އެއްބާރުލުން ދިން މަޖިލީސް މެމްބަރުންނަށް ފޮއްޓަށް އަޅުއްވާފައިވާ ރަސްގެފާނު ހަދިޔާ ފޮނުއްވި ކަމަށް ވާހަކަ ފެތުރިގެން ދިޔައެވެ. ބުނެވޭ ގޮތުގައި އޭގައި ހުރީ ބުދުޖެހި ޑޮލަރެވެ. ވިދާޅުވި ކަމަށްވަނީ މެމްބަރުންނަށް ބަހާލައްވާށެވެ. އަދި ކޮންމެ އަހަރަކުވެސް އެ ގޮތައް ހަދިޔާ ފޮނުއްވާނެ ކަމަށް ވިދާޅުވި ކަމަށް ވެއެވެ. އެކަމަކު ނަސީބު ދިމާކުރި ގޮތުން އޭގެ ތެރެއިން ފޮއްޓެއް ނުވަތަ ފޮށިތަކެއް ޓާގެޓަކަށް ވާސިލެއް ނުވިއެވެ. އެހިސާބުން މިއީ އެތެރެ ކޮއިލުގައި ބޮޑު މައްސަލައެއް އުފެދިގެން ދިޔަ ކަމަކަށް ވެގެން ގޮސް ބޮޑު ލޮޅުމެއް ވެރިކަމުގެ ތެރެއަށް އަރާ ފައިބައިގެން ހިނގައްޖެއެވެ. އޭގެ ތެރެއިން ބައެއް ފައިސާ ހުރީ ވަޅުލާފައި ކަމަށް ތުހުމަތު ކުރެވި، ރަށްރަށަށް ސަލާމަތީ ބާރުތަކުން އަރާ އެތަން މިތަން ކޮނެ ހެދި ވާހަކަ އަކީވެސް އެތައް ބަޔަކު އަޑުއަހާފައިވާ ވާހަކަ ތަކެކެވެ. ރަށުތެރޭގައި ވާހަކަ ދައްކާ ގޮތުން ބ. ހިބަޅިދޫން މުޅިން އަދިވެސް އަތްދޫކޮށް ނުލެވިގެން އުޅޭ އެއް ސަބަބަކީވެސް އެއީ އެވެ. އެރަށުގައި ފައިސާ ވަޅުލާފައި ހުރެދާނެ ކަމަށް ބެލޭތީއެވެ. ފައިސާ ފަޅުލާފައި ހުއްޓަސް ނެތަސް މިފައިސާއަށް ވީ ގޮތެއް އަދި ނޭގެއެވެ.

ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އަޑުއަހާފައިވާ ގޮތުގައި ސައުދީއާ އުފެދުނު ގަދަފަދަ އުޚުއްވަތްތެރި ކަމުގެ ގުޅުމުގެ ތެރެއިން ހެޔޮވަރު ވަރަކަށް މާލީ ފައިދާތައް ހޯއްދެވި ވަޒީރުން އެބަތިއްބެވިއެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުން މިހާރުވެސް އެ މަގާމުގައި އެ ތިއްބެވީއެވެ. އެފަދަ ބޮޑެތި ތުހުމަތު ތަކެއް ކުރެވޭ ބަޔަކު ގޮތް ނިންމަން މަތިފަޑީގައި ތިބޭއިރު އިތުބާރު ކުރެވޭނީ ކިހިނެއްތޯ ސުވާލު އުފެދެއެވެ.

އަނެއް ކޮޅުން އިތުބާރުގެ ވާހަކަ ދައްކާއިރު ހިތައް އަރަނީ އެމް.އެމް.ޕީ.އާރުސީގެ ހާދިސާއެވެ. ޚުދު ރައީސް ޔާމީން ވިދާޅުވެފައިވާ ގޮތުން މިއީ ރާއްޖޭގެ ތާރީޚުގައި ސަރުކާރުގެ ތެރޭގައި ހިނގި ކަރަޕްޝަންގެ އެންމެ ބޮޑު ޢަމަލެވެ. މިދަންނަވަނީ 79 މިލިއަން އެމެރިކާ ޑޮލަރު ބަޔަކު ވަގައް ނެގި ވާހަކައެވެ. އެ ފައިސާގެ ވާހަކަ އެއީ ފަސޭހައިން ހަނދާނުން ފޮހެލެވޭނެ ވާހަކަ އަކަށް ނުވެއެވެ. އެއީ މިހާ ކުޑަ ގައުމެއްގެ ނިސްބަތުން ލައްކަ ފައިސާއެވެ. ލައްކަ ތަރައްގީގެ މަޝްރޫއު ހިންގޭނެ ފައިސާއެވެ. ހާދިސާ ހިނގީ އިތުބާރު ކުރާށޭ ޑިފެންސް މިނިސްޓަރު ވިދާޅުވި ވެރިންގެ ވެރިކަމުގައެވެ. ގެއްލުނު 79 މިލިއަން އެމެރިކާ ޑޮލަރުން އެންމެ ލޯ ލާރިއެއްވެސް އަނބުރާ ހޯދޭނެ ކަމުގެ ކުޑަ ނަމަވެސް އުއްމީދެއް ނެތެވެ. ދައުލަތުގެ ވެރިކަމާ ދައުލަތުގެ މިލްކިއްޔާތު އަމާނަތްތެރި ކަމާއެކު ބެލެހެއްޓުމުގެ ޒިންމާ ﷲ ގަންދީ ހުވާ ކުރުމަށްފަހު ހަވާލުވާ ފަރާތްތަކަށް އެ އަމާނާތް ބެލެހެއްޓުމުގައި ޒިންމާތައް އަދާކުރެވޭ މިންވަރު މިއޮތީ ފެންނާށެވެ. އޮޑިޓަރ ޖެނެރަލް ހެއްދެވި ޚާއްސަ އޮޑިޓްވެސް އެވަނީ ހާމަ ކުރައްވާފައެވެ. އެ ރިޕޯޓުގައި ނަސަންދުރަ ހުރި ބިން އަނބުރާ ދައުލަތައް ނަގަންވާނެ ކަމަށް ވިދާޅުވެފައި ވެއެވެ. އެކަމަކު ފެނުނީ ކުރިއަށްވުރެ ބާރަށް މަޝްރޫއު ހިނގައިގަތް ތަނެވެ. އެ ލިބުނު މީހަކަށް އެތަން ލިބުނު ގޮތެއް، އޭގައި ފޮރުވިފައިވާ ސިއްރެއް ނޭނގެއެވެ. އިތުބާރު ކުރާނެ ގޮތެއް ދެން ވިދާޅުވެ ދެއްވާށެވެ.

މިކަން މިހެން ހިނގަމުންދާއިރު، ރައީސްގެ އެކައުންޓަށް ޖަމާވި ފައިސާތަކެއްގެ ވާހަކައާއި، ފަސްޓްލޭޑީ ހިންގަވާ ހަރަކާތްތަކަށް ފައިސާ ހޯއްދަވާ ގޮތުގެ ވާހަކަތަކަކީވެސް އާއްމުންގެ ހިތުގައި ނުތަނަވަސް  އެތައް ސުވާލުތަކެއް އުފެދިފައިވާ ކަންކަމެވެ. އެއިން ކަމެއްގެ ހަގީގަތެއްވެސް މިހާތަނަށް ސާފުކޮށްދެއްވާފައި ނުވާއިރު އިތުބާރު ކުރާނީ ކިހިނެއްތޯއެވެ. މިހާރު ޖަލުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަދީބު ވަގައް ނެންގެވި ކަމަށް ބެލޭ ގިނަ އަދަދެއްގެ ފައިސާގެ ތެރެއިން ބައެއް ރައީސް ޔާމީންގެ އިސްލާމިކް ބޭންކުގެ އެކައުންޓަށް ޖަމާ ކުރި ވާހަކައާ ގުޅޭ ގޮތުން އެންޓި ކަރަޕްޝަން ކޮމިޝަނުން އަދީބަށް ސުވާލު ކުރެއްވި ކަމަށް އަދީބުގެ ގާނޫނީ ވަކީލް ދެއްވާފައިވާ ބަސްދީގަތުމެއްގައި ވެއެވެ. ސަރުކާރުގެ ތެރޭގައި ހިނގަމުންދިޔަ ކަރަޕްޝަންގެ ބޮޑެތި މައްސަލަ ތަކުގެ ވާހަކަތައް ފެންމަތި ކުރެއްވި ކުރީގެ އޮޑިޓަރ ޖެނެރަލް މަގާމުން 2014 ވަނަ އަހަރު ނަގާ އެއްލާލެއްވުމަކީވެސް އިތުބާރު ކުރުމުގައި އޮތް ހުރަހެކެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި އެންމެ އިތުބާރު ކުރެއްވި އަދި "ޚާލިދު ބިން ވަލީދު" ގެ ލަގަބު ދެއްވި ކުރީގެ ނައިބު ރައީސް އޮންނެވީ ޖަލުގައެވެ. އެހާ އިތުބާރުކުރައްވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ ކުރިމަތީގައި އޭނާ ދިފާއު ކުރައްވާ ރައީސް ޔާމީން ވާހަކަފުޅު ދައްކަވާފައިވެއެވެ. އެންމެ ފަހުން ޚާންދާނުން އޭނާ ބޭރަށް ނެރެ އެއްލާލެއްވިއެވެ. ސަބަބެއް ކަމަށް ވިދާޅުވީ ޚިޔާނާތްތެރިވުމެވެ. މިކަމުގައިވެސް ރައްޔިތުން ތިބީ ރައީސްގެ ވާހަކަފުޅު އޭރު ގަބޫލުކޮށް އަދީބު ގަބޫލުކޮށްގެންނެވެ. އެކަމަކު ކަންކަމުގެ ހަގީގަތް އެނގުނު އިރު ކަންތައް އޮތީ ރައީސް ވިދާޅުވި ގޮތަކަށް ނޫނެވެ. ރައީސްގެ އަރިހުގައި މިހާރުވެސް އެތިބީ އަދީބުގެ އޭރުގެ ޓީމެވެ. ގޯނި ގޯނީގައި ލާރި ބެހިކަމަށް އަމިއްލަ ބަހުން އިއުތިރާފްވެފައިވާ އަތްފައި ހަޑިވެފައި ތިބި މީހުންނެވެ. ދެން އިތުބާރު ކުރާނީ ކިހިނެއްތޯއެވެ.

ރައީސަށް ސަލާމަތީ ބާރުތަކުގެ ތެރޭގައި ޚާއްސަކޮށް ފުލުހުންގެ ތެރޭގައި ކަންކަން ހިނގަމުން އައި ގޮތް އެނގި ވަޑައިނުގަނެ ދިޔަ ކަމަށާއި، އިންޓެލިޖެންސް ރި÷ޕޯޓްތައް ލިބި ވަޑައިނުގަނެ އެތައް ދުވަހެއް ދިޔަކަމަށް ވިދާޅުވިއެވެ. އެހެން ކަމަށް ވާނަމަ ސަރުކާރު ހިނގަމުންދާ ގޮތާއި އިތުބާރު ކުރައްވާ އަރިހުގައި ތިއްބަވާ ބޭފުޅުންގެ އިޚްލާސްތެރި ކަމަކީވެސް ސުވާލު އުފެދޭ ކަންކަމެވެ. ފ. އަތޮޅުގެ މައްސަލައިގައިވެސް އިތުބާރު ކުރަން އުނދަގޫވާ އެއް ސަބަބަކީ އެއީއެވެ.

އިތުބާރުގެ ވާހަކަ ދައްކާއިރު، ސަރުކާރު ހިނގަމުންދާ ދޯ ދިޔާ ކަމާއި، ހިންގުންތެރިކަން ދަށްވުމާއި، ޖަވާބުދާރީވުން އަމްދުން ނެތް ކަމާއި، ދައުލަތުގެ ފައިސާ ނުބެލެހެއްޓޭ ކަމާއި، މާލީ ކަންކަމަށް ޒިންމާދާރު ވުމަށް ހެދިފައިވާ ގާނޫނުތަކާއި ގަވައިދުތަކަށް އަމަލު ނުކުރާކަން ހާމައަށް ފެންނަ އޮތް އޮތުންވެސް އެއީ ކުޑަ ކަމެއް ނޫނެވެ. ދައުލަތުގެ މުއައްސަސާ ތަކުގެ އޮޑިޓް ރިޕޯޓްތަކަށް ބައްލަވާލައްވާށެވެ. ސާފު ހެކި އެހެރީ އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްތަކުން ފެންނާށެވެ. މާލީ ޒިންމާދާރު ވެރިންނަށް މުސާރަ ލިބުނެއް ކަމަކު ޒިންމާ އަދާ ނުކުރާކަން ފެންނަން އެހެރީ ކިތައް ރިޕޯޓްގައި ތޯއެވެ. އެތައް މިލިއަނުން ޚަރަދުތައް ކޮށްފައި އެހެރީ ގާނޫނާ ޚިލާފަށްކަން މިނިސްޓްރީ ތަކުގެ އޮޑިޓް ރިޕޯޓްތަކުން އެހެރީ އެނގެން ނޫންތޯއެވެ. ހަމަ އެންމެ މިސާލެއް ދަންނަވާލާނަމެވެ. 2014 ވަނަ އަހަރު ދައްކަންޖެހޭ މުއްދަތުގައި ބިލްތައް ނުދައްކައިގެން ޖުރިމަނާގެ ގޮތުގައި އެކަނިވެސް 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖުރިމަނާއަށް އަރާފައިވެއެވެ. ނޭޝަނަލް ޑްރަގް އެޖޭންސީ ގަވައިދާ ޚިލާފަށް ޓެންޑަރ ނުކޮށް 6 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކޮށްފައިވެއެވެ. ސިވިލް ސަވިސްގެ މުވައްޒަފުންނަށް ގަވައިދާ ޚިލާފަށް އިތުރު ގަޑީގެ ފައިސާ ދީފައިވެއެވެ. އެގްރިމެންޓް ނުކޮށް މަސައްކަތްތައް ހަވާލު ކޮށްފައިވެއެވެ. މިއީ އެންމެ މުއައްސަސާއެއްގެ ހާލެވެ. ނުވި ތާކަށް ގާނޫނުގައި ބުނާ މުއްދަތައް ޚަރަދު ކުރި ގޮތުގެ ރިޕޯޓްވެސް އެންމެ ކުޑަމިނުން ހުށަހަޅާފައެއް ނުވެއެވެ. މިއީ ސަރުކާރު ހިންގުމުގައި 'ގުޑް ގަވަނަންސް' އޮތް މިންވަރެވެ. ދެން އިތުބާރު ކުރާނެ ގޮތެއް އެބައޮތްތޯއެވެ.

ސަރުކާރަށް އިތުބާރު ކުރުމުގައި އޮތް އަނެއް ބޮޑު ހުރަހަކީ ފޮރުވިފައިވާ ގޮތެއްގައި އަނދިރީގައި ކަންކަން ކުރިއަށް ގެންދިއުމުގެ އުސޫލުން ބޮޑެތި ކަންކަން ކުރުމެވެ. މިސާލަކަށް ދަންނަވާނަމަ، ލޯނު ނެގުމުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ފާސް ކުރަންޖެހޭ ގޮތައް އޮތް އޮތުން ބަދަލު ކުރައްވާ، ރައީސް ބޭނުންފުޅު ގޮތަކަށް އެކަން ކުރެވޭނެ މަގު ތަނަވަސް ކުރެއްވީ ހާމަކަން ބޮޑު ގޮތެއްގައި އެކަން އޮތަ ނުދޭން ނޫންތޯއެވެ. ކުރިން މަޖިލީހުގައި ލޯނާ ބެހޭ ގޮތުން މަޝްވަރާ ކުރެވޭ އިރު ލައްކަ ގިނަ މައުލޫމާތު ލިބެއެވެ. މިހާރު އެކަން ހިނގަނީ ސިއްރުން ކަމަށްވުމާއެކު ރައްޔިތުންގެ ނަމުގައި ނެގޭ ލޯނުތަކުގެ އަދަދެއް، ހިސާބެއް، އިންޓަރެސްޓެއް، ދައްކަންޖެހޭ މުއްދަތެއް މީން އެއްވެސް ކަމެއް ނޭގެއެވެ. ރިސޯޓްތައް ހަދާ ރަށްތައް ބިޑު ކޮށްގެން ދޫކުރަމުން އައި ރީތި އުސޫލުވެސް ހަމަ މި ގޮތައް ސިއްރިއްޔާތުގައި ހިނގާ ކަމަކަށް ބަދަލު ކުރީ މި ސަރުކާރުންނެވެ. ދެން އިވެނީ އެވެނި މީހަކު ކަޓުގެ ގޮތުގައި މިވެނި އަދަދެއް ދީފި ކަމަށާއި، އެވެނި ރަށެއް ވިއްކާލައިފި ކަމަށާއި، މިވެނި ފަޅެއް އެވެނި މީހަކަށް ދެއްވައިފި ވާހަކަ އެވެ. ބައެއް މީހުން ބުނާ ގޮތުގައި މަތިމައްޗަށްވެސް ބައެއް ތަންތަން މިސަރުކާރުން ހުރީ ވިއްކާފައެވެ. އަނެއް ބަޔަކު ބުނަނީ މިހާރު ދޫންޏެއް ޖައްސާލާނެ ފިނޮޅެއްހާ ހިސާބުވެސް ހުސްކޮށް ބައެއް އަތޮޅު ތަކުގައި ނެތް ކަމަށެވެ. މިހުރިހާ ކަމަކީވެސް ސިއްރުން ހިނގާ އަޑި ނޭގޭ ކަންކަން ކަމަށް ވުމާއެކު ދެން އިތުބާރު އޮންނާނެ ވަރު ވިސްނާލާށެވެ

ދިވެހި ސަރުކާރުގެ ހިންގުން އިންތިހާއަށް ދޯދިޔާވެ، އަޑިނޭގޭ ގޮތައް ކަންކަން ހިންގުމުގެ ނަތީޖާއެއްގެ ގޮތުން އިންވެސްޓް ކުރަން އެންމެ ކަމުނުދާ ގައުމުތަކުގެ ލިސްޓުން ރާއްޖެއަށް ޖާގަ ކަށަވަރު ވެފައިވާއިރު، އެކަންކަން އެހެން ދިޔައީ އެއްދުވަހަކުން ދެ ދުވަހަކުން ނޫނެވެ. މި ފެންނަނީ، ހުރިހާ ބާރުތަކެއް އެކެއްގެ އަތްމައްޗައް ލައިގެން މޮޑޭނެ ގޮތައް މޮޑެން އޮތް ފުށްގަނޑަކަށް މިތަން ބަދަލު ވުމުގެ ނަތީޖާއެވެ. މިހެން ކަން އޮތް ތަނެއްގައި ދެން އޮންނާނީ ކޮން އިތުބާރެއް ބާވައެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް