19 ސެޕްޓެންބަރ 2018 | ބުދަ | 13 އުތުރަ
09 މުޙައްރަމް 1439
އިޝާ 19:17
މަޣްރިބް 18:06
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:55
ފަތިސް 04:44

ފޮރިން މިނިސްޓަރ ޑރ. އާސިމް

ޑރ. އާސިމްއެވެ. މަނިކުފާނުގެ ގަޓު އެބަހުރިތޯއެވެ؟

  • ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ ހައްގު މި ސަރުކާރުގައި ވަނީ ހަނިކުރެވިފައި
  • ޒުވާނުން ބާރުވެރި ކުރުވާނީ ޕާޓީ ފޯމު ފުރުވައިގެނެއް ނޫން
އިސްމާއިލް ނާއިލް ނަޝީދު | @IxmaealNaail

| 1 މާރޗް 2017 | ބުދަ 15:37 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫ ތާއިދުކޮށްފި
  5. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  6. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!
  7. ސިވިލް ސަރވިސްގެ މުވައްޒަފުން އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިނުވުމަށް އިލްތިމާސްކޮށްފި
  8. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!


ފޮރިން މިނިސްޓަރ ޑރ. އާސިމް -- އާކައިވް

ރާއްޖޭގެ ފޮރިން މިނިސްޓަރުކަން މިހާތަނަށް ކޮށްފައިވަނީ ނިކަން ލޮނުހެޔޮވަރު، އަމަލާއި ބަހުން ވެސް ކުޅަދާނަ ބޭކަލުންނާއި ބޭކަނބަލުންނެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް އެކަން ފެށިގެން ދިޔައީ ހަމަ އެފަދައިންނެވެ. އެމަނިކުފާނުގެ ވެރިކަމުގައި ދުނިޔޭގެ ކުރިމަތީގައި ސަރުކާރުގެ ޚުދުމުޚުތަރުކަން ދިފާޢު ކުރުމުގެ ބުރަ މަސައްކަތް ފުރަތަމަ ހަވާލުކުރެއްވީ އެމަނިކުފާނަށް ބޮޑުބޭބެ ވިދާޅުވާ ދުންޔާ މައުމޫނާއެވެ.

އެކަމަނާގެ ވަޒީފާ، އެކަމަނާ ވަރަށް ވެސް ފުރިހަމައަށް އަދާކުރެއްވިއެވެ. ރައީސް ޔާމީންގެ ސަރުކާރަށް ފާޑުކިޔުމެއް ކުރިމަތިވި ކޮންމެ ފަހަރަކުމެ، ކެރިވަޑައިގެން އެކަމަކަށް ރައްދު ދެއްވިއެވެ. ރާއްޖެ އާއި ރާއްޖެއިން ބޭރުގައި އެކަމަނާ ފާހަގަ ކުރެވިގެންދިޔައީ "ގަޓުހުރި، ފިސާރި ކަނބަލެއް" ގެ ގޮތުގައެވެ. ރައީސް ޔާމީންގެ ސަރުކާރަށް ތިން އަހަރުވެގެން ދިޔައިރު އެމަނިކުފާނަށް ވަޑައިގަންނަވަން ކެރިވަޑައިނުގަތް އދ. ގެ އާންމު ޖަލްސާގައި، އެކަމަނާ ފާހަގަ ކުރެވިގެންދިޔައީ، ރައީސް ސައްދާމް ޙުސައިން އާއި، ކާނަލް މުއައްމަރުލް ގައްޒާފީ އާއި ރައީސް އަޙުމަދީނީޖާދު ފަދަ ގޮތްދޫނުކުރާ ފަރާތެއްގެ ގޮތުގައެވެ.

މިއަދު މަންޒަރު ބަދަލުވެއްޖެއެވެ. އެކަމަނާގެ ގަޓެއް މިއަދަކު ނުފެނެއެވެ. ނަމަވެސް ދައްކަން މި އުޅެނީކީ އެކަމަނާގެ ވާހަކައެއް ނޫނެވެ. މިއަދުގެ ފޮރިން މިނިސްޓަރުގެ ވާހަކައެވެ. ތެދެކެވެ. މިއަދުގެ ފޮރިން މިނިސްޓަރަކީ ޚާރިޖީ ދާއިރާގައި އެތައް އެތައް މަސައްކަތެއް ކުރައްވާފައިވާ ތަޖުރިބާ ހުރި ބޭފުޅެކެވެ. އެއް ޤައުމަށް ވުރެ ގިނަ ޤައުމުގައި އެމަނިކުފާނު ވަނީ ރާއްޖެ ތަމްޞީލު ކުރައްވާފައެވެ. ޚާރިޖީ ދާއިރާއަށް އެމަނިކުފާނު ވަނީ އެތައް ޚިދުމަތެއް ކުރައްވާފައެވެ.

އަޅުގަނޑަށް އޮތީ ހަމަ އެންމެ މައްސަލައެކެވެ. ފޮރިން މިނިސްޓަރުގެ މަޤާމަށް ޑރ. އާސިމް ހަމަ ފުކެއް ލޮނުމަޑުވެފައި، ދައްކަވާ ވާހަކަފުޅުތަކުގައި ޤަބޫލުކުރަން ދަތި ކަންތައްތަކެއް ހުންނަނީއެވެ. ޚާއްސަކޮށް އދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލްގެ 34 ވަނަ ބައްދަލުވުމުގެ ހައި ލެވަލް ސެގްމަންޓްގައި އެމަނިކުފާނު ދެއްކެވި ވާހަކަތަކުގައި އޮއްޓަރެއް ނެތްކަން ފާހަގަކުރެވެއެވެ.

ޑރ. އާސިމް ވިދާޅުވި ގޮތުން، ރައީސް ޔާމީން އެންމެ އިސްކަމެއް ދެއްވާ އެއް ކަމަކީ އިންސާނީ ޙައްޤުތައް ރައްކާތެރި ކުރުމެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުން މިކަން ކުރުމުގައި ގެންގުޅޭ އުސޫލަކީ، ރައްޔިތުން ބިނާކޮށް ބާރުވެރި ކުރުން ކަމަށް ފާހަގަކުރެއްވިއެވެ.

ޑރ. އާސިމްއެވެ. މަޢުލޫމާތު ލިބިގަތުމަކީ ކޮންމެ އިންސާނަކަށް މެ ލިބިފައިވާ އަސާސީ ޙައްޤެކެވެ. ރައްޔިތުންނާއި ސީދާ ގޮތުންނާއި ނުސީދާ ގޮތުން ގުޅިފައިވާ ކަންކަމުގައި ބަސްބުނުމަކީ ރައްޔިތުންގެ ޙައްޤެކެވެ. ސަރުކާރުން ކުރާ ކަންކަމުގައި ރައްޔިތުމީހާ ބައްސަން ޖެހެއެވެ.

ނަމަވެސް ފަށުވި ބަސްތަކަކުން ތިޔަ ދިފާޢު ކުރައްވާ ސަރުކާރުން، ތިޔަ ވިދާޅުވާ އިންސާނީ ޙައްޤުތައް ވަނީ ނަގާލާފައެވެ. އަބުރު ރައްކާތެރިކޮށްދިނުމުގެ ނަމުގައި ޤާނޫނު އަސާސީން ލިބިދޭ ޚިޔާލު ފާޅުކުރުމުގެ އަސާސީ ޙައްޤު ހިފަހައްޓައިފިއެވެ. އިޖުތިމާއީ އަމަން ކަމާއި ޓްރެފިކް ކޮންޓްރޯލްގެ ނަމުގައި އެއްވެއުޅުމުގެ އަސާސީ ޙައްޤުވެސް ހިފަހައްޓައިފިއެވެ. ކާޑުގެ އަގުބޮޑުކޮށް، ބަނޑުފުރާ މުއްތިކޮށްގެން އުޅުމުގެ ޙައްޤަށް ބުރޫޢުއަރުވައިފިއެވެ. އިންސާނީ ޙައްޤުތަކަށް ދެވުނީ ކޮން އިސްކަމެއްތޯއެވެ.

ދެން އޮތީ ބާރުވެރި ކުރުވާ ވާހަކައެވެ. ގޮތް ނިންމުމުގައި ބަސްބުނުމާއި، ތަމްޞީލުވެފައިވުމަކީ ބާރުވެރި ރައްޔިތެއްގެ އަސާސީ ދެ ސިފައެވެ. އެކަންވެސް ޑރ. އާސިމް ތިޔަ ދިފާޢުކުރައްވާ ސިސްޓަމްގެ ތެރެއިން ނައްތާލައިފިއެވެ. ރައްޔިތުންނެގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙުމަދު މަޚްލޫފްގެ މައްޗަށް ސިޔާސީ ލައްޖެހިފައިވާ ދަޢުވާއެއްކޮށް، މަޚްލޫފް ޖަލަށް ލުމާ އެކު، ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުންގެ އަތުން ބީވެގެން އެ ދިޔައީ ޚުދު މިނިވަންކަމުގެ އަސާސަކާއި ގުޅިފައިވާ ޙައްޤެކެވެ. ލޯކަލް ކައުންސިލްތަކުގެ ދައުރު ނިމި، ޤައުމު ޤާނޫނީ ހުސް ކަމަކަށް ދިޔައީ ވެސް ހަމަ ޑރ. އާސިމް ތިޔަ ދިފާޢުކުރައްވާ ސަރުކާރުގެ އަމިއްލަ އެދުން، ރައްޔިތުންގެ ކުރިއަށް ނެރެ، އަމިއްލަ ފައިދާއަށް ހިންގަމުން އެދާ އަމަލުތަކުގެ ތެރެއިންނެވެ.

ޑރ. އާސިމްއެވެ. ވިދާޅުވެދެއްވަބައްލަވާށެވެ. ނިލަންދެއަތޮޅު އުތުރުބުރިއަށް ހަދާން އުޅޭ ގޮތެއް ނޭނގި، އެ އަތޮޅުގެ ރައްޔިތުން ހާސްކަމެއްގެ ތެރޭގައި ތިބިއިރު، އެ ރައްޔިތުންގެ ދިރިއުޅުމާއި ސީދާ ސިފައެއްގެ ގުޅިފައި އޮތް ކަމެއްގައި ސަރުކާރުން ރައްޔިތުން އަނދިރި ކަމުގައި ތިޔަ ބައިތިއްބަނީ ރައްޔިތުން ބާރުވެރި ކުރުވަންތޯއެވެ؟

ރައީސް ޔާމީން އިންސާނީ ޙައްޤަށް އިޚުތިރާމް ކުރައްވާ ވާހަކަ އާއި އެމަނިކުފާނު އެކަމަށް ދެއްވާ އަހައްމިއްޔަތު ކަމުގެ ވާހަކައިގެ ތެރެއިން، އދ. ގެ ތަޅުމުގައި ދެން ޑރ. އާސިމް ފާހަގަ ކުރެއްވީ އާސަންދާއިގެ ވާހަކައެވެ. ތެދެކެވެ. އާސަންދައިން (މާބޮޑު) އަގަކާއި ނުލައި ހުރިހާ ރައްޔިތުންނަށް (ބޮޑެތި ގިނަ ބަލިތަކަށް މެނުވީ) ބޭސްފަރުވާ ފޯރުކޮށްދެއެވެ. ނަމަވެސް އެއީ ރައީސް ނަޝީދުގެ ދައުރުގައި އެމަނިކުފާނު ފެއްޓެވި ކަމެކެވެ. ޤައުމުގެ މާލީ ހާލަތު ހުރިގޮތުން، އެ ޚިދުމަތުގައި ޖަހާފައި ހުރި ދޯރި އުފުރާލައި، ޤައުމު އިތުރަށް ދަރަނިވެރި ކުރުވުމަކީ ރައްޔިތުން އެކަމާ ޝުކުރުވެރިވާންޖެހޭ ކަމެއް ނޫނެވެ.

ޑރ. އާސިމް އެވެ. ކޮންމެ ކުއްޖަކީ އަސާސީ ތަޢުލީމު ލިބިގަންނަ ކުއްޖެއްކަން ކަށަވަރު ކުރާ ވާހަކަ ވެސް ޑރ. އާސިމް ވިދާޅުވިއެވެ. ހަނދާން ކޮށިވެފައި ހުރެދާނެ ކަމަށްޓަކައި ހަނދުމަކޮށްލައިދޭނަމެވެ. ކޮންމެ ކުއްޖަކީ އަސާސީ ތަޢުލީމު ލިބިގަންނަ ކުއްޖަކަށް ހެދުމަކީ، ރައީސް މައުމޫން ފެއްޓެވި މަސައްކަތެކެވެ. އެ ކަމުގެ ހުރިހާ ކްރެޑިޓް ވެސް އދ. ގެ ތަޅުމުގައި ތިޔަ ދެއްވީ މިއަދުގެ ރައީސަށްތޯއެވެ. ހަމަ އާސަންދައިގެ އުސޫލު ދެއްތޯއެވެ.

އަދިވެސް ހަނދާން ކޮށްދޭނަމެވެ. އުމުރުން ދުވަސްވީ ފަރާތްތަކާއި، އެކަނިވެރި މައިންނާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެލަވަންސް ދެވޭކަމީ ވެސް އިންސާނީ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް އެޅިފައިވާ މުހިއްމު ފިޔަވަޅުތަކެއް ކަމަށް ޑރ. އާސިމް ވިދާޅުވި އިރު، ތިޔަ ވިދާޅުވާ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ރައީސް ނަޝީދުގެ ދައުރުގައި ދޭން ފެށި 2،000ރ.ގެ އެލަވަންސް 5000ރ. އަށް ބޮޑުކުރުމަށް ކުރުމަށް މަޖިލީހަށް ހުށަހެޅުމުން، ތަޅުމާ ހަމައަށް އެ ހުށަހެޅުން ނުގޮސް ބޭރުކޮށްލީ، ޑރ. އާސިމް، އެ ބޭފުޅަކަށް ތިޔަ ތަޢުރީފު ކުރައްވާ ރައީސްގެ ފުރިހަމަ ބާރު އޮތް ޤާނޫނު ހަދާ މަޖިލީހަކުންނެވެ.

ޙައްޤުތަކުގެ ވާހަކަ ދައްކައިފި ނަމަ ނައްޓާފައި ނުދާނެ ވާހަކައިގައި ޑރ. އާސިމް ވެސް އދ. ގެ ތަޅުމުގައި ތިޔަ ޖެހިވަޑައިގަތީއެވެ. ޒުވާނުންގެ ވާހަކައެވެ. ވަޒީފާ އުފައްދައިގެންނާއި ހުނަރު ދިރުވައިގެން ޒުވާނުން ބާރުވެރިކޮށް، ބައިވެރި ކުރުވުމަށް މުހިއްމު މަސައްކަތްތަކެއް ކުރެވެމުންދާ ވާހަކައެވެ. ދަންނަވަންތޯއެވެ. ސިޔާސީ ފިކުރަކީ މީހާ އަމިއްލައަށް އިޚުތިޔާރުކުރާ އެއްޗަކަށް ވާއިރު، ޕާޓީ ފޯމް ފުރުމުން ވަޒީފާ ދިނުމާއި، ސަރުކާރު އިސްވެރިންގެ ފޮޓޯ ކުރެހުން ނޫން ކަމެއް ހުނަރަށް ނުވުމުން، ދެން އެގޮތް ނިކަން ހަޑިއެވެ. އިންސާނީ ޙައްޤުތަކުގެ އަސާސްތަކާ ވެސް ނިކަން ފެޔެވެ.

އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ކަށަވަރުކޮށްދިނުމާއި، ޑިމޮކްރަސީ ހަރުދަނާ ކުރުމުގައި ބޭރުގެ ފަރާތްތަކައި އޮތް ބަދަހި ގުޅުން ވަރަށް މުހިއްމު ރޯލެއް ކުޅެފައިވާ ވާހަކަ ވެސް ޑރ. އާސިމް އދ. ގައި ވިދާޅުވީމެއް ނޫންތޯއެވެ. އަނެއްކާ ވެސް ހަނދާން ކޮށްލައިދޭނަމެވެ. ޑރ. އާސިމްގެ މިނިސްޓަރުކަމުގައި ނިންމެވި ފުރަތަމަ ބޮޑު ނިންމެވުމަކީ، ދިވެހިރާއްޖެ ކޮމަންވެލްތުން ވަކިކޮށް، އެ ޖަމިއްޔާއިން ރާއްޖޭގެ ނިކަމެތި އާއިލާތަކުގެ ޒުވާނުންނަށް ދެމުން އައި ސްކޮލަރޝިޕްތައް ފަދަ ފުރުޞަތުތަކުން އެ ނިކަމެތިން މަޙުރޫމް ކުރުމެވެ.

ޑރ. އާސިމްއެވެ. ނިކަން އދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލްގައި ފެބްރުއަރީ 7 އަދި 8 ގައި ހިނގާދިޔަ ކަންކަމަށް އިއުތިރާފުވެވަޑައިގެން ބައްލަވާށެވެ. ވޭތުވެދިޔަ ފަސް އަހަރު ރައްޔިތުންގެ އަތުން ގެއްލުނު ޙައްޤުތަކުގެ ވާހަކަ އދ. ގެ އިންސާނީ ޙައްޤުތަކާއި ބެހޭ ކައުންސިލްގައި ދައްކަވާ ބައްލަވާށެވެ. މި ވޭތުވެ ދިޔަ ތިން އަހަރުގެ ތެރޭގައި ކުރެވުނު ބޭއިންސާފު ހުކުމްތަކާއި، ސިޔާސީ ފަރާތްތައް ޖަލަށްލުމަށް ސަރުކާރުން ރޭވި ރޭވުންތަކުގެ ސަބަބުން އެ ފަރާތްތަކުގެ ގެއްލުނު ހައްގުގެ ވާހަކަ ދައްކަވަބައްލަވާށެވެ. ގާނޫނުތަކާއި ގަވާއިދުތަކަށް ގެނައި ބަދަލުގެ ސަބަބުން ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ ހައްގު ގެއްލިގެން ދިޔަ ގޮތުގެ ވާހަކަ ނިކަން ކެރިވަޑައިގަންނާވާ ނަމަ ދައްކަވަބައްލަވާށެވެ. ގެއްލުވާލާފައިވާ ނޫސްވެރިޔަ އަޙުމަދު ރިލްވާންގެ ނަން އެންމެ ފަހަރަކު ނަމަވެސް ބުނެ އިއްވާލަބަލާށެވެ. އޭރުން މަނިކުފާނަކީ ވެސް ލޮނުހެޔޮވަރު، ގަޓުހުރި ޑިޕްލޮމޭޓެއްކަން ރައްޔިތުންނަށް ގަބޫލުކުރެވިދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް