20 ނޮވެންބަރު 2018 | އަންގާރަ | 07 ނޮރަ
12 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:56
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

އާދަޔާ ޚިލާފު ކުއްޖެއް

ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!

  • ތިންމަސް ދުވަހުން ޤުރުޢާން ހިތުދަސް ކުރުމަކީ ފަސޭޙަ ކަމެއް ނޫން
  • ޙާފިޘަކަށް އެއްވަނަ ދަރަޖައިގައި
  • ހުވަފެނަކީ ބައިނަލް އަޤްވާމީ މުބާރާތްތަކުން ފަޚުރުވެރި ވަނައެއް
އަހުމަދު ފައިރޫޒު | Ahmed_Fairoox

| 28 ފެބުރުވަރީ 2017 | އަންގާރަ 15:13 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
  3. ހަތިޔާރު އެޅި ފައުޖާ ނުލައި، ރައީސް ސޯލިހު އާންމުންގެ ތެރެއަށް
  4. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!
  5. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތައް އޭސީ ކުރަނީ
  6. ޓެކްސީ ބޯޑުގެ ފީ ކަނޑާލައި، މާލޭގައި ބަސްދަތުރު ފަށަނީ
  7. ވަޒީރެއްގެ ހައިސިއްޔަތުން މަހްލޫފުގެ ފުރަތަމަ ބައްދަލުވުން މިނިސްޓަރީގެ މަސައްކަތުގެ މީހުންނާއެކު!
  8. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތަކުގައި ގުރުއާން ކިޔަވައިދޭން ފެށޭނެ


އަލް ހާފިޒް އަހުމަދު ނަބީހު، ޤުރުޢާން ހިތުދަސްކުރީ 3 މަސް ދުވަހުން -- ރާއްޖެއެމްވީ

އެވާހަކަތައް އާމިނަތު މުހައްމަދު ކިޔައިދިނީ އަސާރައެކުއެވެ. އޭނާގެ ދަރިފުޅަކީ ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށްވުން ތަހައްމަލުކުރަން ޖެހުނު ހިތްދަތި ކަމުގެ ވާހަކައެވެ. ކިޔަވައި ދިނުމުގެ ބޭނުމުގައި އަލަށް ސްކޫލަކަށް ފޮނުވިތާ އެއް ގަޑިއިރުގެ ތެރޭގައި ކަންތައް ހިނގައިދިޔަ ގޮތުގެ ހިތްދަތި ހަނދާންތަކުގެ ވާހަކައެވެ.

 

މިހާރު އުމުރުން 14 އަހަރުގެ ނަބީޙް އުފަންވީ އިރުވެސް ވާހަކަ ދެއްކުމުގައި ވެސް ތަފާތެއް ހުރެއެވެ. ޚާއްސަ އެހީއަށް ބޭނުންވެފައިވާ ކުއްޖެކެވެ. ނަބީޙަކީ ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް ވުމުން ހިއްސުތައް ކުޅެދޭ މީހުންގެ ޝިކާރައަކަށް އޭނާވީ އެންމެ ފަހަރަކު ނޫނެވެ. އާންމު ދިރިއުޅުމުގައި އެހެން ކުދިންނަށް ލިބިދޭ އަސާސީ ޙައްޤުތަކުން ހިނދުކޮޅަކަށް ނަމަވެސް ނަބީޙު މަހުރޫމްވާންޖެހުނެވެ. އެވާހަތައް ނަބީހުގެ މަންމަ އައިންތު ކިޔައިދެމުންދިޔައީ އޭނާގެ ހިތުގެ ކެކުޅުންތަކާ އެކުއެވެ.

 

އާންމުކޮށް މީހުން ވާހަކަ ދައްކާ އުޅޭ ގޮތްގޮތަށް ނަބީހުއަށް ވާހަކަ ނުދެއްކުނަސް އަދި އެހެން ކުދިންނާ ޚިލާފު ކަންތައްތަކެއް ނަބީހުގެ ފަރާތުން ފެނުނަސް އެއަށްވުރެ މާ ބޮޑު އާދަޔާ ޚިލާފު ކަމެއްވެސް ނަބީހުގެ ފަރާތުން ދިޔައީ ފެންނަމުންނެވެ. އެހެންކަމުން މާޒީގައި ވެދިޔަކަންތަކުގެ ވާހަކަ މާޒީއަށް ދޫކޮށްލާށެވެ. އެހިތި ހަނދާންތަކާއި ދުރަށްދަމުން ނަބީހުގެ ފަރާތުން ފާހަގަވާންފެށި އާދަޔާ ޚިލާފު ވާހަކަތަކަށް އެނބުރިލާނަމެވެ.

ސައުދީން ރާއްޖެ ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމޮޝަނަރު ނަބީޙާއި ބައްދަލު ކުރައްވަނީ

އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ނަބީހަކީ ޤުރުއާން ކިޔެވުމަށް ވަރަށްބޮޑު ޝައުގުވެރިކަމެއް ހުރި ކުއްޖެކެވެ. އުމުރުން ދެ އަހަރާ ބައިން ފެށިގެން ނަބީހަކީ ޤުރުއާނަށް މަރުދޭ ކުއްޖެކޭ ބުނުމަކީ، ލިބިފައިވާ މައުލޫމާތުގެ އަލީގައި ކުށަކަށްނުވާނެއެވެ. އެކަން ކަށަވަރުވަނީ ނަބީހުގެ މަންމަ ހިއްސާކޮށްލި ވާހަކަތަކުންނެވެ. ނަބީހުގެ ފަރާތުން އޭނާއަށް ފެނުނު އާދަޔާ ޚިލާފު ކަންތައްތަކުންނެވެ. އެކަންކަން ދެނެގަނެވެން ފެށި ހިސާބުންނެވެ.

 

"އަޅުގަނޑަށް އޭނާ (ނަބީހު) ގޮވައިގެން މަގުމަތިން ހިނގާލާފަވެސް ނުދެވޭނެ، ފިހާރަތަކުގެ ބިއްލޫރި ގަނޑުން ޤުރުއާން ނޫނީ މިހުންނަ ކުރުސި ކަހަލަ ލިޔުމެއް ފެއްނިއްޖެއްޔާ ވަގުތުން އެތަނަކަށް ހުއްޓޭނެ، ދެން ހުންނާނީ ބަލަން، އެހެން ހުރެފަ ކުއްލިއަކަށް އެ ލިޔެފައިވާ އެއްޗެއް ކިޔަންފަށާނެ، އަޅުގަނޑަކަށް ނޭނގެ ކިހިނެއް ކަމެއް އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނަބީހު އެ ނައިގަންނަ ގޮތެއްވެސް" ނަބީހު މަންމަ އައިންތު ބުންޏެވެ.

 

އައިންތުއަށް އެކަން ފާހަގަކުރެވުނު ހިސާބުން ފެށިގެން މައިޔަކަށް ކޮށްދެވޭނެ ހުރިހާ މަސައްކަތެއް ކޮށްދޭން ފެށިއެވެ. ކުރިން ފާހަގަކުރެވުނު ހިތްދަތި އެތަކެއް ތަޖުރިބާއެއް ތަޙައްމަލުކުރަން ޖެހުނީވެސް އެމަސައްކަތް ފެށި ހިސާބުންނެވެ. ނަމަވެސް އައިންތުގެ އަޒުމަކަށް ހިތްވަރަކަށް ބަދަލެއް ނަޔެވެ. ނަބީހުގެ ހުވަފެން ޙަގީގަތަކަށް ހަދައިދިނުމުގެ މަސައްކަތާއިގެން ކުރިއަށް ދިޔައެވެ.

 

އައިންތު ބުނާ ގޮތުން ރަނގަޅަށް ވާހަކަ ނުދެއްކުނަސް ވަރަށް ފަރިތަކަމާއެކު ނަބީހު ގުރުއާން ކިޔަވައެވެ. އެހެންވެ ޤުރުއާން ދަސްކޮށްދިނުމަށް އެތަކެއް ކުލާހަކަށް ގެންދެވުނެވެ. އެއްވެސް ކުލާހަކުން ނަބީހު ބަލައިގަންނާނެ ގޮތެއް ނުވިއެވެ. ކޮންމެވެސް އުޒުރެއް ދައްކާފައި ނަބީހު ކުލާހުން ވަކިކުރަނީއެވެ. އެކި ފަހަރު އެކިކަހަލަ ބަހަނާތައް ދައްކަމުންނެވެ. ކުލާހަކަށް އަލަށް ގެންދިޔަ ދުވަހު، އެއްގަޑިއިރު ނުވަނިސް ގުޅާފައި ބަލާ އައުމަށް އެދުނު ހަނދާންތައްވެސް އައިންތުގެ އެބަހުއްޓެވެ. އެންމެފަހުން ގެންދެވުނު ކުލާހެއްގެ ޓީޗަރަކު ހިތްހަމަ ނުޖެހިގެން ނަބީހުގެ އަތުގައި ހިފާ ކުލާހުންވެސް ބޭރުކޮށްލީއެވެ.

 

"އެއީ އަޅުގަނޑު ވަރަށް ދެރަވި ދުވަހެއް، އެދުވަސް ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ، އޭރު ގެންދަނީ މިތާ ކައިރީގައި އިންނަ މިސްކިތަކަށް، އޭރު އެތަނުގައި ކިޔަވައިދޭން ހުރި ޓީޗަރު މީނައަކަށް ކިޔަވައެއް ނުދެވޭނެއޭ ކިޔާފައި ނަބީހުގެ އަތުގައި ހިފާފައި ހަމަ ނެރެލީ، އެއީ ވަރަށް ދެރަވި ދުވަހެއް" އައިންތު ކިޔައިދިނެވެ.

 

ނަބީހުގެ ހުވަފެން ފުރިހަމަކޮށްދިނުމަށް އައިންތުއާ ނަބީހުގެ އާއިލާއަށް އިތުރު ވިސްނުމަކަށް ދާންޖެހުނެވެ. އެއްވެސް ކުލާހަކުން ފުރުސަތު ނުލިބުމުން، އިތުރު މަގެއް ފެނޭތޯ މަސައްކަތް ފެށިއެވެ. އެންމެފަހުން ހެޔޮއެދޭ ފަރާތެއްގެ އެހީތެރިކަމާއެކު އެކަން ކާމިޔާބުވާ ގޮތްވިއެވެ. ނަބީހުއަށް ޤުރުއާން ދަސްކޮށްދޭން ޓީޗަރެއް ލިބުނެއެވެ. ކުރިއާ ޚިލާފަށް އެހެން ކުލާހަކަށް ސްކޫލަކަށް ދާކަށް ނުޖެހުނެވެ. މިފަހަރު ކުލާހަކަށްވީ ނަބީހުގެ އަމިއްލަ ގެ އެވެ. ހެޔޮ އެދޭ ފަރާތެއްގެ އެހީގައި ލިބުނު ޓީޗަރު ނަބީހަށް ކިޔަވައިދޭން އަންނަން ފެށީ ގެއަށެވެ. ނަބީހަށް ޤުރުއާނުގެ ބޮޑުބައި ހިތުން އެނގޭކަމާއި އާދަޔާ ޚިލާފު ބާރުމިނެއްގައި ޤުރުޢާން ހިތުދަސްކުރަމުންދާކަން ފުރަތަމަ ނަގައިގަނެވުނީ ޓީޗަރަށެވެ.

މޯލްޑިވިއަން އައިޑަލުން ވިދާލި ލަވަކިޔުންތެރިޔާ ޝަލަބީ އާއެކު ނަބީހު މަދަޙައެއް ރެކޯޑް ކުރަނީ

ޓީޗަރަކާއެކު ނަބީހު ޤުރުއާން ދަސްކުރަން ފެށީ މިދިޔަ އަހަރުގެ ފަހުކޮޅެވެ. ރަނގަޅަށް ވާހަކަ ނުދެއްކޭ ނަބީހު ގުރުއާނަށް ވަރަށް ފަރިތަކަމުންނާއި ކިޔަވާ ގޮތުންނާއި، ފެނުނު އާދަޔާ ޚިލާފު ކަންތައްތަކަކުން ނަބީހަށް ޤުރުއާން ހިތުދަސް ކުރެވޭނެކަން ޓީޗަރަށް ޔަގީންވިއެވެ. ނަބީހުގެ ކުރިމަތީގައި ޚަތިމެއް ބާއްވާފައި މިވެނި އެވެނި ސޫރަތެއް ނުވަތަ ޤުރުޢާނުން ބަޔެއް ކިޔަވަން ބުނުމުން އެތަނެއް ނަބީހު ކިޔަވަން ފަށަނީ ފެން ފޮދެއް ބޯލާހާ ފަސޭހައިންނެވެ. މުޅި ޚަތިމުގެ ގަނޑުތައް އުކުމުގެ ބަދަލުގައި ފަސޭޙަ ކަމާއިއެކު އެ ތަނެއް ހޯދާލައެވެ. ކޮންމެ މީހަކަށް އެހާ ފަސޭހައިން ވާނޭ ކަމެއް ނޫނެވެ. އެކަން ޓީޗަރަށް ޔަގީންވުމާއެކު ނަބީހަށް ޤުރުއާން ހިތުދަސްކޮށްދިނުމުގެ އަމާޒަށް ވާސިލުވުމުގެ މަސައްކަތް ފެށިއެވެ. އެކަމަށް އަޒުމު ކަނޑައަޅައިގެން މަސައްކަތް ފެށިތާ ތިން މަސް ދުވަހުގެ ތެރޭގައި ނަބީހު ޤުރުއާން ހިތުދަސްކޮށް ހާފިޒަކަށްވިއެވެ.

 

ވާހަކަ ދެއްކުމުގައި ކިތަންމެ ދަތިތަކެއް ހުރި ނަމަވެސް ނަބީހު ދައްކާ ވާހަކަތައް ނަބީހުގެ މަންމައަށާއި ބައްޕައަށް ފަހުމެވެއެވެ. އެބުނެދޭން އުޅޭ އެއްޗެއްވެސް ސާފުވެއެވެ. އެބުނަނީ ކީކޭކަން އެ ދެމަފިރިންނަށް އެނގެއެވެ. ނަބީހު އާ ސުވާލެއް ކޮށްލީމެވެ. އެ ސުވާލަށް ޖަވާބު ދިނުމަށް އޭނާ މަސައްކަތް ކުރިއެވެ. ނަބީހާއި ކުރިމަތި ކޮށްލި ސުވާލަށްވެސް ދިނީ ފިސާރި ވަރުގަދަ ޖަވާބެކެވެ.

 

"މީމީމީ މިހާރު އަލްހާފިޒް އަހުމަދު ނަބީހު، މީ މަންމަ، މީ ނަބީހު ބައްޕަ، ނަބީހު ދާނީ މައްކާ ބަލާލަން، އެންމެން ނަބީހު އެނގޭ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމް، ނަބީހު އެނގޭ، ނަބީހު ސައުދީ އަރަބިޔާ، އުފާވޭ" މިއީ ނަބީހަށް ވާހަކަ ދެއްކޭ މިންވަރުން އޭނާ ބުނެދިން ވާހަކަތަކެވެ.

 

ނަބީހުގެ އެވާހަކަތައް އޭނާގެ މަންމަ މާނަކޮށްދިން ގޮތަށް ނަކަލު ކޮށްލާނަމެވެ. ފުރަތަމަ ނަބީހު އެބުނެ ދިނީ އޭނާގެ ނަން މިހާރު ކިޔަންޖެހޭ ގޮތެވެ. މިހާރު އަލްހާފިޒް އަހުމަދު ނަބީހު ނުކިޔައިފި ނަމަ އޭނާ ހިތްހަމައެއް ނުޖެހެއެވެ. ހަމަ އެކަނި ނަބީހޭ ބުނެލައިފި ނަމަ، އަމިއްލައަށް އެކަން އިސްލާހުކޮށްލަދެއެވެ. ދެން ނަބީހު އެދިނީ އޭނާގެ މަންމައާ ބައްޕަގެ ތަޢާރަފެވެ. އެއަށްފަހު މައްކާގެ ވާހަކައެވެ. ސައުދީ އަރަބިއްޔާއަށް ގޮސް ގެފުޅު ދެކެލުމަކީ ނަބީހުގެ ހުވަފެނެކެވެ. އެއީ އޭނާ އެންމެ އުފާވާނެ ކަންތަކަށް ވުމުންނެވެ. ނަބީހު ބުނެދޭން މަސައްކަތްކުރީ މައްކާއަށް ގޮސް ގެފުޅު ދެކިލަން ބޭނުންވާ ވާހަކައެވެ. އެއަށްފަހު އޭނާ އެބުނީ ރައީސް ޔާމިންގެ ވާހަކައެވެ. ރައީސް ޔާމިންގެ އަތްޕުޅުން އޭނާއަށް އިނާމެއް ލިބިފައިވާތީއެވެ. ނަބީހު އެ މާނަކުރީ ކުރިން އެކަކަށް އޭނާ ނޭނގުނަސް މިހާރު ރައީސް ޔާމިންއަށްވެސް ނަބީހުއަކީ ކާކުކަން އެނގިވަޑައިގަންނަވާނެ ވާހަކައެވެ.

ރައީސް ޔާމިންގެ އަތްޕުޅުން ނަބީހު އިނާމެއް ލިބިގަންނަނީ

މިހާރު އަލްހާފިޒް އަހުމަދު ނަބީހަކީ ހަމައެކަނި ޤުރުއާން ހިތުދަސް ކުއްޖެއް ނޫނެވެ. ވަރަށް ރީތިކޮށް މަދަޙަވެސް ކިޔާ ކުއްޖެކެވެ. އޭނާގެ މަހަދަތައްވެސް މީހުން ކޮސްކޮށްލާ ވަރުވެއެވެ. މަދަޙައެއް ކިޔާލާއިރު ނަބީހަކީ ވާހަކަ ދެއްކުމުގައި އުނދަގޫ ގޮތެއްހުރި ކުއްޖެއްހެން ހީވެސްނުވެއެވެ. ޤުރުޢާން ކިޔަވާލާއިރުވެސް ހަމައެފަދައެވެ. މަދަޙައާ ޤުރުޢާން ކިޔަވާ އަޑު އިވޭ މީހަކަށް ނަބީހަކީ ވާހަކަ ދެއްކުމުގައި އެއްވެސް އުނިކަމެއް ހުރި ކުއްޖެއް ކަމަކަށް ޤަބޫލެއް ނުކުރާނެއެވެ. މިހުރިހާ ކަމެއް ނަބީހު ކުރަމުން ދާއިރު، އޭނާގެ މަންމަ ފިޔަވައި ދެން އެންމެ ގާތް އެކުވެރިއަކީ ނަބީހުގެ ބައްޕަ އަބްދުލް ޤާދިރެވެ.

 

ޤާދިރަށް އެދެމަފިރިންގެ ދަރިފުޅު ނަބީހަކީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއް ކަން އެނގުނީ ނަބީހުގެ އުމުރުން ދެ އަހަރާ ބައިގައި، ޗުއްޓީއެއްގައި ރަށަށް ކުރި ދަތުރުވަރެއްގައެވެ. ނަބީހުގެ އިތުރުން ވެސް ހަތަރު ކުއްޖަކު އެއާއިލާގައި ތިބެއެވެ. ނަބީހުގެ މަންމައެކޭ އެއްގޮތަށް ގާދިރުވެސް އެންމެ ދެރަވާ ކަމަކީ މީހުންގެ ފަރާތުން ކުރިމަތިވި ޖެއްސުމެވެ. އެކަމަކު މިހާރު އެކަމަކަށް އެއްވެސް ފަރުވާލެއް ނެތް ކަމަށް ޤާދިރުބުނެއެވެ. ޤާދިރު ސިފަކުރާ ގޮތުގައި ނަބީހަށް ޤުރުއާން ހިތުވަސްވުމަކީ މުޢުޖިޒާތެކެވެ.

 

"އަޅުގަނޑު ކީކޭތޯ ބުނާނީ، އަޅުގަނޑަށް ބުނެވޭނީ މީހަމަ މުއުޖިޒާތެކޭ، އެސޮރަށް ރަނގަޅަށް ވާހަކަ ނުދެއްކޭ، އެކަމަކު ޤުރުޢާން އާޔަތްތައް އެ ނަގައިގަންނަ ގޮތާއި، ހިތުގައި އެ ހަރުލައްވާލަތް ގޮތް އެއީ އަޅުގަނޑު ބުނާނީ ދިރިތިބީންނަށް މުޢުޖިޒާތެކޭ" ނަބީހުގެ ބައްޕަ ޤާދިރު ބުންޏެވެ.

 

ނަބީހުގެ މަންމަ އެކޭ އެއްގޮތަށް ގާދިރަށްވެސް ހަދާނުން ފޮހެލަން އެންމެދަތި ހަނދާނަކީ އޭނާގެ ދަރިފުޅުގެ އަތުގައި ހިފާ ކުލާހުން ބޭރުކޮށްލި ދުވަހެވެ. އެދުވަހު އައި ރުޅީގައި އެޓީޗަރުގެ އަތުގައި ހިފާދަމާފައި ކުލާހުން ބޭރަށް ނެރުލެވުނު ގޮތުގެ ހަދާންތައް ގާދިރު އާކޮށްލިއެވެ.

އިމާދުއްދީން ސްކޫލުގައި މިހާރު ތައުލީމް ޙާސިލްކުރަމުން އަންނަ ނަބީހުގެ ބައްޕަ ބުނި ގޮތުގައި ޤުރުއާން ހިތުދަސް ކުރުނީ ވަރަށް ފަސޭޙަ ކަމާއެކުގައެވެ.

 

"ޚަތިމް ހުޅުވާލައިގެން ހަމަ ބަލަން އިންނާނީ، ދެން ޑިޖިޓަލް ޤުރުއާން ޖަހައިގެން އަޑު އަހާނެ، އަޅުގަނޑަކަށް ހަމަ އެއްގޮތަކަށްވެސް ނޭނގެ، ފަސް ވަރަކަށް ފަހަރު އެގޮތަށް ގުރުއާނަށް ބަހައްޓައިގެން އިނދެލާފަ ޓަސް އެ ފެއްޓީ ކިޔަވަން، އަޅުގަނޑަށް ހަމަ ދެންނެވޭނީ މީ މާތްﷲ ކުޅަނދުންވަންތަ ކެމޭ" ކުޑަކޮށް ފެންކަޅިވެފައި އިން ނަބީހުގެ ބައްޕަ އޭނާގެ ދަރިފުޅު ޤުރުއާން ހިތުދައްކުރާ ގޮތް ކިޔައިދިނެވެ.

ނަބީހުގެ ރަހުމަތްތެރިއަކީ ކީރިތި ގުރުއާނެވެ. އޭނާ ގިނަ ވަގުތު ހޭދަކުރަނީ ޤުރުއާން ކިޔެވުމާއި އަޑުއެހުމުގައެވެ. މަގުމަތިން ދާއިރު، ގުރުއާނުގެ އާޔަތްތައް ލިޔެފައި ހުރި ތަނެއް ފެނިއްޖެ ނަމަ، އެ އާޔަތް ކިޔާފައި ނޫނީ ކުރިއަކަށް ނުދާން ބޮޑާހޭކި ނަބީހަކީ މިއަދު އެއްވަނަ ދަރަޖާގައި ފާސްވެގެން ހާފިޒަކަށް ވެފައިވާ ކުއްޖެކެވެ.

 

ނަބީހު ޤުރުއާން ހިތުދަސްކުރުމުން އަދިވެސް އެކަން ޤަބޫލުކުރަން ދަތިވެފައިވާ އޭނާ މަންމަ އައިންތުއަށް މިއަދު ކުރެވޭ އިހުސާސްތައް ބަޔާންކޮށްދޭންވެސް ދައްޗެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން ކުރިމަތިވި ގޮންޖެހުންތަކާއި ފުރައްސާރަތަކުގެ ވާހަކަ ދައްކަކަށް އައިންތު މިއަދު ބޭނުމެއް ނުވެއެވެ. އެ އެންމެނަށްވެސް އައިންތުއާ ފިރިމީހާ ޤާދިރު ހިތް ޚަލާސްއެވެ. އެކަމަކު އައިންތުގެ ވަރުގަދަ މެސެޖެއް ޚާއްސަ އެހީއަށް ބޭނުން ކުދިންގެ ބެލެވެރިންނަށް އެބަ އޮތެވެ.

 

އެ މެސެޖަކީ ނުކުޅޭ ކުއްޖަކަށް އެއްވެސް ކުއްޖަކަށް އަޅާނުލާ ދޫކޮށްނުލުމެވެ. އެފަދަ ކޮންމެ ކުއްޖަކީވެސް ތަފާތު ހުނަރެއް ލިބިފައިވާ ކުއްޖެއްކަން ޤަބޫލުކޮށް އެކުއްޖެއްގެ ހުނަރު ބެލެނިވެރިން ވީހާވެސް އަވަހަކަށް ދެނެގަތުމެވެ. އެކުދިންނަކީ މުޖުތަމައުން ބޭކާރުކޮށްލާފައިވާ ކުއްޖެއްކަން އިހުސާސް ވިޔަނުދިނުމެވެ. އެކުދިންނަށް ލޯބިދީ އަޅާލުމެވެ.

 

ނުކުޅެދުންތެރިކަން ހުރުމުން ކުޅެދޭ މީހުންގެ ފަރާތުން އަޅާލުމާއި އެހީތެރިކަން އެންމެ ފުރަތަމަ ނުލިބުނު ނަބީހު މިވަނީ މުޅި ޤުރުޢާން ހިތުދަސްކޮށްފައެވެ. އެވެސް އެންމެ ތިންމަސް ދުވަހުންނެވެ. ހިއްސުތައް ސަލާމަތުންހުރި ކުޅެދޭ މީހަކަށްވެސް މުޅި ޤުރުއާން ހިތުދަސް ކުރުމަށް އާންމުކޮށް އަވަސްވެގެންވެސް ތިން ވަރަކަށް އަހަރު ނަގައެވެ. ނުވަތަ އެއަށްވުރެވެސް ގިނަ ދުވަހެވެ.

ނަބީހުގެ ޙާފިޘް ކަމުގެ ސަނަދު ފާސްވެފައިވަނީ އެއްވަނަ ދަރަޖައިގައި

ގައުމީ ގުރުއާން މުބާރާތުގައި ރަން ވަނަތައްވެސް ހޯދާފައިވާ އަލްހާފިޒް އަހުމަދު ނަބީހުގެ މިހާރު ދެކެމުން އަންނަ ހުވަފެނަކީ ބައިނަލް އަޤްވާމީ މުބާރާތްތަކުން ދިވެހިން ފަޚުރުވެރިވާފަދަ ރަންވަނަތަކެއް ހޯދައިދިނުމެވެ.

 

ނަބީހު ޙާފިޒަކަށް ވުމަށް އެތަކެއް ގޮންޖެހުންތަކަކާއި އޮޅިތަކެއް ގިރާކުރަން ޖެހުނެވެ. އެދުވަހު ނަބީހުގެ ފަހަތުގައި ތިބީ އޭނާގެ މަންމައާ ބައްޕަގެ އިތުރުން އެކުޑަކުޑަ އާއިލާގެ ހަތަރުމެންބަރުންނެވެ. ނަމަވެސް މިއަދު މަންޒަރު މުޅިންތަފާތެވެ. މިއަދު ނަބީހު ނުދަންނަ މީހަކު ނެތެވެ. ނަބީހަށް އެހީތެރިނުވާ އެއްވެސް މީހެއްނެތެވެ.

 

އެދުވަހު ފެންތައްޓެއް ހިފައިގެން އަންނާށޭ ނަބީހު ކައިރީގައި ބުނުމުން އޭނާ އެކަންކުރުމުން އެއީ ޚާއްސައެހީއަށް ބޭނުންވާ ކުއްޖެއް ނޫނޭ ބުނި ފަރާތްތަކުންވެސް މިއަދު ނަބީހުގެ ނަން ބޭނުންކޮށް އޮވޯޑްތަކާއި އިނާމް ހޯދަން މަސައްކަތް ފަށައިފިއެވެ.

 

ނަބީހަށް އޭނާގެ މަންމަގެ ނަން ލިޔެލަން އެނގުމުން އޭނާއަށް ލިޔަން ކިޔަން އެނގުނީ ކަމަށް އެދުވަހު ބަޔަކު ބުންޏެވެ. އެހެންވެ ނަބީހަކީ ޚައްސަ އެހީއަށް ބޭނުންވާ ކުއްޖެއް ނޫން ކަމަށް ނިންމައި ކަމާއިބެހޭ ލިޔުންތަކުގައި ތައްގަނޑު ޖެހި ފަރާތްތަކުން މިއަދު ނަބީހުގެ ނަން "ނަހަމަގޮތުގައި" ބޭނުންކޮށްގެން އަމިއްލަ މަންފާތައް ހޯދަން މަސައްކަތް ކުރަން ފަށައިފިއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް