11 ޑިސެންބަރު 2018 | އަންގާރަ | 02 މުލަ
04 ރަބީޢުލްއާޚިރު 1440
އިޝާ 19:15
މަޣްރިބް 17:58
އަސްރު 15:23
މެންދުރު 12:03
އިރުއަރާ 06:00
ފަތިސް 04:44

މިޔަންމާ ހޮސްޕިޓަލް

މުސްލިމް ފްރީ ހޮސްޕިޓަލުގެ ވާހަކަ އެނގޭތަ؟

  • ފަގީރުން ފައިސާ ދައްކާކަށް ނުޖެހޭ
  • ދީނަކަށް ނަސްލަކަށް ބަލާ ތަފާތެއް ނުކުރޭ
  • ހުރިހާ ޚަރަދެއް ކުރަނީ މުސްލިމުން
އަހުމަދު ފައިރޫޒު | Ahmed_Fairoox

| 26 ފެބުރުވަރީ 2017 | އާދީއްތަ 15:23 | |

މަގުބޫލް

  1. މަޖިލީހުގެ ތިން މެމްބަރުން ފިޔާވާ ހުރިހާ މެމްބަރުން ފައިސާގައި ހިފި: ނާނީ
  2. ދަރުމަވަންްތަ ހޮސްޕިޓަލް: ސިއްސައިގެން ދާވަރުގެ ކޮރަޕްޝަން!
  3. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  4. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  5. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  6. ކެޑޭޓުގައި އުޅުމަކީ މުހިންމު ވަޒީފާތަކަށް ހުޅުވޭ ދޮރެއް: އެޑިއުކޭޝަން މިނިސްޓަރ
  7. މިސްރުގެ އަހުރާމެއްގެ މަތީގައި ބަރަހަނާ ފޮޓޯނެގި ދެމަފިރިއެއްގެ މައްސަލަ ބަލަނީ
  8. އެމްއެމްޕީއާރުސީން ކުއްޔަށް ދިން ރަށްތަކުގެ އެގްރިމެންޓް ފައިނަލް ކުރައްވަނީ ރައީސް ޔާމިން: ޒިޔަތު


މުސްލިމް ފްރީ ހޮސްޕިޓަލް، މިތަނުން މިޔަންމާގެ ފަގީރުންނަށް ހިލޭ ބޭސްފަރުވާ ލިބޭ -- ގޫގުލް

ކަމެއް ކުރަން ވެއްޖެނަމަ އެހެން ބަޔެއްގެ ފަރާތުން ފެންނާނެ އެއްވެސް ހެޔޮކަމެއް ނޯންނާނެއެވެ. މިވެސް އެކަހަލަ ކަމެއްގެ ވާހަކަކޮޅެކެވެ. ދުނިޔޭގެ އެކި ހޮސްޕިޓަލުތަކުގެ ވާހަކަ އަޑުއިވެއެވެ. އެކަމަކު ދުވަހަކު ވެސް "މުސްލިމް ފްރީ ހޮސްޕިޓަލް" ކިޔާ ތަނެއްގެ ވާހަކަ އަޑުއެހިން ހެއްޔެވެ. ނާހާނަމަ ނޫނީ ނޭނގޭ ނަމަ އެ ހޮސްޕިޓަލަކީ ކޮބައިކަން ބަލާލަން ހިނގާށެވެ. "މުސްލިމް ފްރީ ހޮސްޕިޓަލް" އަކީ ހުރިހާ އެންމެނަށްވެސް ހުރި ނަމޫނާއެކެވެ.

"މުސްލިމް ފްރީ ހޮސްޕިޓަލް" އުފެދުނީ 1937 ވަނަ އަހަރު ބަރުމާގެ (މިހާރު މިޔަންމާ) ރަންގޮން ސިޓީގައެވެ. މި ހޮސްޕިޓަލު ވުޖޫދަށް ގެނައުމުގެ ފަހަތުގައި ތިބީ ބަރުމާގެ (މިހާރު މިޔަންމާ) މުސްލިމުންގެ ތެރެއިން ލީޑަރުން ތަކެކެވެ. މިފަދަ ހޮސްޕިޓަލެއް އެޅުމުގެ ބޭނުމަކީ ރަންގޮން ސިޓީގައި ދިރިއުޅޭ ތަނަވަސްކަން ނެތް މީހުންނަށް ސިއްޚީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. ވަކިން ޚާއްސަކޮށް އެއްގޮތަކަށްވެސް ބޭސްފަރުވާ ކުރެވޭނެ ގޮތް ނެތިފައި، ނުވަތަ އެފަދަ އެއްވެސް ވަސީލަތެއް ހޯދާނެ އިތުރު ގޮތެއް ނެތް އާންމުންނަށް ހިލޭ އެހީ ފޯރުކޮށްދިނުމަށެވެ.

މުސްލިމު ލީޑަރުންތަކެއްގެ ފަރާތުން ވުޖޫދުވި "މުސްލިމް ފްރީ ހޮސްޕިޓަލް" އެޅުމަށް ހުރިހާ އިންވެސްޓެއްކުރީ މިޔަންމާގެ މުސްލިމުން ޚަރަދުކޮށްގެންނެވެ. މިހާރު ވެސް މިޔަންމާގައި "މުސްލިމް ފްރީ ހޮސްޕިޓަލް" އިން ޚިދުމަތް ދެމުންދެއެވެ. މިޔަންމާގެ މުސްލިމުން ކަތިލަމުންދާއިރު ވެސް މިހާރުވެސް "މުސްލިމް ފްރީ ހޮސްޕިޓަލް" ހިންގަމުންދަނީ މުސްލިމުން ސޮދަޤާތްކުރާ ފައިސާއިންނެވެ. 1988 ވަނަ އަހަރު ބަރުމާގެ ނަން މިޔަންމާއަށް ބަދަލުވެ، ރަންގޮން ސިޓީގެ ނަން ޔަންގޮން އަށް ބަދަލުވިޔަސް "މުސްލިމް ފްރީހޮސްޕިޓަލް" އިން ދެމުން އަންނަ ޚިދުމަތަށާއި މަޤްސަދަކަށް ބަދަލެއް ނާދެއެވެ.

އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް "މުސްލިމް ފްރީ ހޮސްޕިޓަލް" އިން ޚިދުމަތް ދިނުމުގައި ވަކި ދީނަކަށް ވަކި ނަސްލަކަށް ތަފާތުކޮށްފައެއް ނުވެއެވެ. ތަނަވަސް މީހުންނާއި އާދައިގެ ނިކަމެތިން ތަފާތުކޮށްފައެއް ނުވެއެވެ. އެކަމަކު މިހާރުވެސް މިޔަންމާގެ ބުޑިސްޓުންނާއި، ކްރިސްޓިއަނުންނާއި. ހިންދޫއިންގެ އިތުރުން އެހެން ދީންތަކަށް ނިސްބަތްވާ މީހުންގެވެސް ބޭސްފަރުވާއަށް "މުސްލިމް ފްރީ ހޮސްޕިޓަލް"އަށް ފައިސާ ދައްކަމުންދަނީ އެގައުމުގެ މުސްލިމުންނެވެ.

މިޔަންމާގެ މުސްލިމުން މިހުރިހާ ޚަރަދެއް ކުރުމުން އަންނައިރު ފާހަގަކޮށްލަންޖެހޭ އަނެއް ކަމަކީ އެ ގައުމަކީ މުސްލިމް މައިނޯރިޓީއެއް އޮންނަ ގައުމެއް ކަމަށްވުމެވެ. މިޔަންމާގެ އާބާދީގައި މުސްލިމުންގެ ހިއްސާ އޮތީ އެންމެ ހަތަރު ޕަސެންޓެވެ. މިހާ ކުޑަކުޑަ އާބާދީއަކުން މިކަހަލަ ބޮޑު ޚިދުމަތެއް ފޯރުކޮށްދިނަސް އެކަން ބަލައިގަންނާނެ ބަޔަކު މިޔަންމާއަކު ނެތެވެ. މިޔަންމާގައި ދިރިއުޅޭ މުސްލިމުން ވަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. މުސްލިމުންނާއި ދެކޮޅަށް ހިންގާ ޖަރީމާތައް އަންނަނީ އިތުރުވަމުންނެވެ. އެގައުމުގެ އަސްކަރީ ބާރު ލިބިފައިވާ ބުޑިސްޓުން އަންނަނީ ފާޅުގައި މުސްލިމުންނާއި ދެކޮޅަށް ބޮޑެތި ލާއިންސާނީ ޖަރީމާތައް ހިންގަމުންނެވެ.

އެއްވެސް ހިމާޔަތެއް ނެތް މިޔަންމާގެ މުސްލިމުން އަންނަނީ ފާޅުގައި ކަތިލަމުންނެވެ. މިޔަންމާގެ ބައެއް ސަރަހައްދުތަކުގައި މުސްލިމުންގެ ގޯތިގެދޮރާއި ވިޔަފާރުކުރާ ތަންތަން ރޯކޮށް ސުންނާފަތި ކުރަނީއެވެ. ފާޅުގައި މުސްލިމުން އެގައުމުން ފައިބައިގެން ދިޔުމަށް ބުޑިސްޓުން ގޮވަނީއެވެ. އެވެރިން ބުނާ ގޮތުންނަށް މުސްލިމުންނަކީ ޖަނަވާރުންނެވެ. އެކަމަކު އެ ބުޑިސްޓުންގެ ތެރެއިންވެސް ތަނަވަސްކަން ނެތް މީހުން ބޭސްފަރުވާ ކުރަންދަނީ އެބުނާ ޖަނަވާރުން އަޅައިދިން "މުސްލިމް ފްރީ ހޮސްޕިޓަލް" އަށެވެ.

މިޔަންމާގެ ޙާލަތު އެންމެ ރަނގަޅަށް ބަޔާންކޮށްދީފައި ވަނީ 2013 ވަނަ އަހަރު ނެރުނު ޓައިމް މެގަޒިންގައެވެ. އެ މެގަޒިންގައި ބުޑިސްޓު ހާމުދުރުން، މުސްލިމުން އާބާދީއާ ދެކޮޅަށް ހިންގާ ލާއިންސާނީ ޓެރަރިސްޓު އަމަލުތަކުގެ ވާހަކަތައް ހިމަނާފައިވެއެވެ. އެދުވަހުން ފެށިގެން މިޔަންމާގެ ހާލަތު ދިޔައީ ގޯހުން ގޯހަށެވެ. އެކަމަކު މިހުރިހާ ކަމެއް ކުރަމުންދާއިރުވެސް "މުސްލިމް ފްރީ ހޮސްޕިޓަލް" އިން އެއްވެސް ޝަކުވާއަކާއި ނުލައި މިޔަންމާގެ މެޖޯރިޓީ އޮންނަ ބުޑިސްޓުންނަށް ބޭސްފަރުވާގެ އެހީ ފޯރުކޮށްދެނީ ހިލޭ ސާބަހަށެވެ. އޭގެ ފަހަތުގައި އެއްވެސް އެޖެންޑާއެއް ނެތިއެވެ.

"މުސްލިމް ފްރީ ހޮސްޕިޓަލް" އިން ފެންނަނީވެސް އާދަޔާ ޚިލާފު މަންޒަރެކެވެ. މުސްލިމުން ޚަރަދުކޮށްގެން މުސްލިމް ލީޑަރުންތަކެއް ވުޖޫދަށް ގެނައި ހޮސްޕިޓަލަކަށް އެތަނުގައި މަސައްކަތްކުރަނީ ހަމައެކަނި މުސްލިމުންނެއްވެސް ނޫނެވެ. މިޔަންމާގައި އުޅޭ ހުރިހާ ދީނެއްގެ މީހުންހެން އެތަނުގައި މަސައްކަތް ކުރެއެވެ. ޑޮކްޓަރުންނާއި ނަރުހުންނާއި އެހެނިހެން މަސައްކަތްތަކުގައިވެސް މުސްލިމުންނާއި ކްރިސްޓިއަނުން އަދި ބުޑިސްޓުންވެސް އުޅެއެވެ.

މިޔަންމާގެ މުސްލިމުންގެ ފަރާތުން "މުސްލިމް ފްރީ ހޮސްޕިޓަލް" ހިންގުމަށް ކޮންމެ އަހަރަކު 4 ލައްކަ އެމެރިކާ ޑޮލަރު ސޮދަޤާތްކުރެއެވެ. ހޮސްޕިޓަލުގައި އަމަލުކުރަމުން އަންނަ އުސޫލީ ޚިދުމަތް ހޯދުމަށްފަހު، އެމީހަކަށް ފައިސާ ދެވެން އޮތް ނަމަ ދެވެން އޮތް މިންވަރެއް ހޮސްޕިޓަލަށް ދެއްކުމެވެ. ފައިސާ ނެތް ނަމަ ނުދައްކާ ގޮތަށެވެ. ހޮސްޕިޓަލުން ފަރުވާ ހޯދާ މީހުންގެ އިތުރުން، ބަލި މީހުން ގާތަށް ޒިޔާރަތްކޮށްގެންވެސް އެ ހޮސްޕިޓަލުން ފަރުވާ ދެއެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 450 މީހުންނަށް އެ ޚިދުމަތް ފޯރުކޮށްދެއެވެ. 160 އެނދުގެ ހޮސްޕިޓަލުން 2000 ވަނަ އަހަރު 6000 މީހުންނަށް ހިލޭ ޚިދުމަތް ދީފައިވެއެވެ.

ހޮސްޕިޓަލުން ހުރިހާ ޚިދުމަތްތަކެއް ދެމުންދާއެވެ. އާދައިގެ ބަލިތަކުން ފެށިގެން ބޮދެތި އޮޕަރޭޝަންތައް ކުރަމުން އަންނަ "މުސްލިމް ފްރީ ހޮސްޕިޓަލް"ގައި އަންހެނުންނަށް ޚާއްސަ ޑިޕާޓްމަންޓުތައް ހުރެއެވެ. ހޮސްޕިޓަލުގެ ރެކޯޑްތައް ދައްކާގޮތުން އާންމުކޮސް މަހެއްގެ މައްޗަށް 220 މާބަނޑު އަންހެނުން އެ ހޮސްޕިޓަލުގައި ވިއްސަންޖެހެއެވެ. "މުސްލިމް ފްރީ ހޮސްޕިޓަލް" ޖުމްލަ 45 ޑޮކްޓަރުން މަސައްކަތްކުރަމުންދެއެވެ. ކޮންމެ ދުވަހަކު މުސްލިމުންނާއި ދެކޮޅަށް އެތައް ޖަރީމާތަކެއް ހިންގަމުންދާ މިޔަންމާގެ "މުސްލިމް ފްރީ ހޮސްޕިޓަލް"އަކީ ހައިރާންވާންޖެހޭފަދަ ޚިދުމަތެއް ފޯރުކޮށްދެމުން އަންނަ ނަމޫނާ ތަނެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް