20 ސެޕްޓެންބަރ 2017 | ބުދަ | އުތުރަ 1

ސައުދީ ރަސްގެފާނު މިލްކުކުރައްވަން ބޭނުންފުޅުވާ ފ. ހިމިތީގެ ހަގީގަތް އެނގޭތަ؟

  • އިލްމުވެރިކަމާއި އުމްރާނީ ގޮތުން ތަރައްގީ ރަށެއް
  • ރަށް ފަޅުވި ގޮތުގެ ވާހަކަ އެކި ގޮތްގޮތަށް
  • ހިސާބު އިލްމު އެ ރަށަށް ފޯރިގޮތް، އާދަޔާ ޚިލާފު ވާހަކައެއް

| | | azmoon_ahmed | |



ފ. ހިމިތި: އާދަޔާ ޚިލާފު ވާހަކަތަކެއް، ތާރީޚި ގޮތުން ޚާއްސަ ރަށެއް -- ފޮޓޯ:ގޫގުލް

މިހާރު ރާއްޖޭގައި އެންމެ އަޑުހަރުކޮށް ދެކެވޭ ވާހަކައަކީ ފ. އަތޮޅުގެ މިލްކުވެރިކަން ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ހޯއްދަވަން އުޅުއްވާ ވާހަކަ އެވެ. އަންނަ މާޗް މަހުގެ ތެރޭގައި ރަސްގެފާނު ސަލްމާން ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ފ. އަތޮޅުގެ އެއްބަސްވުމުގައި ސޮއިކުރައްވާނެ ކަމަށްވެ އެވެ.

 

ސައުދީ ރަސްގެފާނާއި ފ. އަތޮޅާ ގުޅުވައިގެން ދައްކާ ހުރިހާ ވާހަކަތަކެއް "އެނބުރެމުން ސެނބުރެމުން" ގޮސް ހުއްޓެނީ ފ. އަތޮޅުގެ ހުޅަނގު ދުނީގައިވާ ހިމިތި އަށެވެ. ހިމިތީގައި ސައުދީން ލަގްޒަރީ ސިޓީއެއް ހެދުމުގެ ވިސްނުން ގެންގުޅޭ ކަމާއި، ސަރުކާރާއެކު އެކަމުގެ މަޝްވަރާތައް ކުރާތާ ތިން އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާކަން "ފ. އަތޮޅުގެ ބިޔަ ބޮޑު މަޝްރޫއާ" ގުޅޭ ގޮތުން ސަރުކާރުގެ އިސް ފަރާތްތަކާއެކު ދެކެވުނު ވާހަކަތަކުން އެނގެ އެވެ.

 

ރަށު ތެރޭގައި ދެކެވޭ ވާހަކަތައް އެކި ގޮތްގޮތަށް ހުރި ނަމަވެސް، ކަށަވަރުވާ ކަމަކީ ސައުދީ ޝާޚީ އާއިލާއިން ބޭނުން ވަނީ ހިމިތިއާއި، ހަމިނިމަސް ގަލީގެ އިތުރުން މާވަރުފަޅު ކަމެވެ. މާވަރުފަޅާއި ހިމިތިއާއި ހަމިނިމަސް ގަލީގައި ދުނިޔޭގެ ފެންވަރުގެ ސިޓީއެއް ގާއިމްކުރާ ވާހަކަ ދެކެވޭއިރު، ހިމިތީގެ ތާރީޚު އެނގެނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންނަށްތޯ އެވެ؟

 

ހިމިތީގައި މުއްސަނދި ބަޔަކު އުޅުނު، ރާއްޖެއިން ބޭރަށް އަމިއްލަ އަށް ދަތުރުކުރި

ހިމިތިން ފެނުނު ކުރެހުން އެޅި ގަލެއް

މިހާރު ފަޅުރަށެއްގެ ގޮތުގައި އޮތަސް، ހިމިތިއަކީ އެއްޒަމާނެއްގައި މީހުން ދިރިއުޅުނު ރަށެކެވެ. އެރަށުގައި ދިރިއުޅުނު މީހުންނަކީ ރާއްޖެއިން ބޭރަށް އަމިއްލަ އޮޑިފަހަރުގައި ދަތުރުކުރި ބައެކެވެ. ހިމިއްޗާ ބެހޭ ތާރީޚު ލިޔެވިފައި ހުރި ފަތްފުއްތަކުގައި ހުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި، އެ ރަށުގެ ރަންޒަމާނުގައި އޮޅުދޫކަރައަށާއި، އުތުރުކަރައަށާއި، ބަންގާޅަށް ދަތުރުކުރާ ހަތް ފުރެއްދިއޮޑި އޮތެވެ. އަދި ނިޔަމިކަން ދަސްކޮށްދޭ ސްކޫލެއް އެ ރަށުގައި ހުއްޓެވެ.

ހިމިއްޗަކީ ވަރަށް ބޮޑު ރަށްވެހިކަމެއް އޮތް ނިސްބަތުން މުއްސަނދި ބަޔަކު ދިރިއުޅުނު ރަށެއް ކަމަށް މުއައްރިޚުންގެ ލިޔުއްވުންތަކުން ފެންނާން އެބަހުއްޓެވެ. އެ ދުވަސްވަރަށް ބަލާއިރު އުމްރާނީ ގޮތުން އެންމެ ތަރައްގީ އެއް ރަށުގެ ގޮތުގައި ހިމިތި އޮތްއިރު، ހިމިތީގައި ރަނގަޅު ފެންވަރުގެ ގެދޮރު ބިނާކޮށްފައިވެ އެވެ. ގެތައް ރާނައި ފުރާޅު ހިޔާކޮށްފައި ހުރި އިރު، އެކަމުގެ ކޮންމެވެސް ވަރެއްގެ ހެކިތަކެއް މިއަދު ވެސް ފެންނާން އެބަހުއްޓެވެ.

 

ހިމިތީ ޝައިޚު އަލިބެ (ބޯހުނި އަލިބެ) ގެ ވާހަކަ

ބޯހުނި އަލިބެގެ ޒިޔާރަތް

ހިމިތީގައި ދެ ޒިޔާރަތެއް ހުރިއިރު، އޭގެ ތެރެއިން އެއް ޒިޔާރަތަކީ ޝައިޚު އަލިބެ (ބޯހުނި އަލިބެ) ގެ ޒިޔާރަތެވެ. ޝައިޚު އަލިބެ އަކީ އެއް ޒަމާނެއްގައި ދިވެހިންގެ ތެރޭގައި ވަރަށް މަޝްހޫރު ބޭކަލެކެވެ. ނަދުރު ބުނެގެން ކަންކަން ފުއްދޭ ކަމަށް ދިވެހިން ގަބޫލުކުރި ދުވަސްވަރު، ޝައިޚު އަލިބެގެ ޒިޔާރަތަށް ނަދުރު ބުނުމަށް ރާއްޖޭގެ އެކިކަންކޮޅުތަކުން މީހުން ޒިޔާރަތް ކުރަމުން ގޮސްފައިވެ އެވެ.

 

ތާރީޚީ ފޮތްތަކުގައި، އަލިބެއާ ގުޅޭ ގޮތުން އާދަޔާ ޚިލާފު ވާހަކައެއް އޮވެ އެވެ. ބައެއް ފޮތްތަކުގައި މި ވާހަކައަކީ ޚިޔާލީ ވާހަކައެއްގެ ގޮތުގައި ލިޔެފައިވެ އެވެ. އެގޮތުން، އަލިބެ ބޮޑުއަށި މަތީގައި ފަރިއްކުޅުއްވަން އިންނަވާފައި، އަށްޓާއި ގޭގެ ބިތާއި ދޭތެރެއަށް އަތް ދިއްކުރައްވައިގެން މަސައްކަތެއް ކުރައްވަން އިންނެވިކަމަށް ވެ އެވެ. ބިތުގެ ދޭތެރެއިން އަލިބެގެ އަތްޕުޅު ނެންގެވިއިރު، ތުރުކުރައްވައިގެން ހުންނެވި ލިބާހުގެ ފެންފައިބަން ފެށި ކަމަށް ވެ އެވެ. އެ މަންޒަރު ބައްލަވަން އިންނެވި އަލިބެގެ މަންމާފުޅު އެއީ ކޮން ކަމެއްތޯ ސުވާލުކުރެއްވި ކަމަށް ވެ އެވެ. ޖަވާބުގައި އަލިބެ ބުނި ކަމަށް ވަނީ، "މިއުޅެނީ ބަންގާޅު ކޯރުގެ ބަނދަރުގައި އަޅާފައި އޮތް އޮޑިއެއް ފުރާން ވެގެން ނަގިލި ނުނެގިގެން މަށަށް ގޮވާވަރުން. އެ ނަގިލި މި ނަގައިދިނީ. މިހާރު އެ އޮޑި ރާއްޖެއަށް އެބަ ދަތުރުކުރޭ" ކަމަށެވެ.

 

ހިމިތީ މީހުންނާއި ހިސާބު އިލްމު

(އަލް މަރްޙޫމް ޢަބްދުﷲ އިސްމާޢީލް (ތުއްތު ސަހާބު

ހިމިތީ ރަށްވެހިންނަކީ ހިސާބު އިލްމަށާއި ނަކަތްތެރިކަމުގައި ވަރަށް ބޮޑަށް ކުރިއަރައިގެން ދިޔަ ބަޔެކެވެ. އަދި ނުޖޫމީ އިލްމުގައި އެންމެ ކުރީގައި އޮތީ އެ ރަށް ކަމަށް ފޮތްތަކުގައި ލިޔެފައިވެ އެވެ. ނަކަތުގެ ދުވަސްތައް އެނގޭނެ ތާވަލާއި، އަހަރުގެ ހުރިހާ ދުވަހަކަށް ބޭނުންކުރެވޭ ގޮތަށް ރާހި ފަދަ ތަކެތި ތައްޔާރުކުރަމުން ދިޔައީ އެ ރަށުގަ އެވެ.

 

ހިމިއްޗަށް ނިސްބަތްވާ މީހުންގެ ހިސާބު އިލްމުގެ މޮޅުކަން ހާމަވެގެން ދިޔަ އެއް ކަމަކީ، އިނގިރޭސިވިލާތުން ތައްޔާރުކުރި މަޝްހޫރު ހިސާބު ފޮތް "ނޫރީން" އިން ކުށެއް ހޯއްދެވި ބޭފުޅާ އެ ރަށަށް ނިސްބަތްވުމެވެ. އެ ފޮތުން ކުށެއް ހޯއްދެވީ އަލް މަރްޙޫމް ޢަބްދުﷲ އިސްމާޢީލް ނުވަތަ ކުޑައިސްމާއިލް ކަލޭފާނު ތުއްތު އެވެ. މަޝްހޫރު ނަމުން ނަމަ ތުއްތު ސާހިބުއަކީ، ހިމިތީ މާލިމީ އިސްމާއިލް ކަލޭގެފާނުގެ ދަރިކަލުންނެވެ.

 

ހިމިއްޗާާއި ހިސާބު އިލްމާ ގުޅޭ ގޮތުން ދެކެވޭ ފުލޯކު ވާހަކައެއް ވެސް އޮވެ އެވެ. އެ ވާހަކައިގައިވާ ގޮތުން ހިމިއްޗަށް ހިސާބު އިލްމު ފޯރީ، އެއްޒަމާނެއްގައި ދުނިޔޭގައި އޮތް ހިސާބުގެ އިލްމަށް މަޝްހޫރު "ނުހާސްކީ ރާއްޖެ" އިންނެވެ. ހިސާބު އިލްމަށް މޮޅުވެގެންގޮސް އުރެދޭ ހިސާބަށް ދިއުމުން ނުހާސްކީ ބަންޑުން ޖެއްސެވިއިރު، އެ ރަށުގެ މީހުން ގެންގުޅުނު ހިސާބު އިލްމު ފޮތުގެ ބަނޑޭރިގަނޑު ލައްވީ ހިމިއްޗަށް ކަމަށާއި، އެރަށުގެ ރަށްވެހިން ހިސާބު އިލްމު ދަސްކުރީ އެ ފޮތުން ކަމަށް އެ ފުލޯކު ވާހަކައިގައިވެ އެވެ.

 

ހިމިތި ފަޅުވުން: ރޫހާނީ ކަންތައްތަކެއް، ފިނޮޅެއް އުފެދުން

ހިމިތީގެ ގެއެއް ތަޅާލާފައި 

ހިމިތި ފަޅުވީ 14 މެއި 1970 ގައި ކަމަށް ތާރީޚީ ފަތްފުށްތަކުގައި ބުނެފައިވެ އެވެ. އެ ރަށް ފަޅުވި ހާދިސާ އެކި ގޮތްގޮތަށް އެކި ފަރާތްތަކުން ދައްކަ އެވެ. އެއްބަޔަކު ބުނާ ގޮތުގައި ހިމިތި ފަޅުވީ ރޫހާނީ ކަންތައްތަކެއް ނުވަތަ ގޮތްނޭނގޭ ބިރުވެރި ކަންތައްތަކަކާ ގުޅިގެންނެވެ. އެބައި މީހުން ބުނާ ގޮތުގައި، ހިމިތި ފަޅުވީ އެރަށުގެ މީހުންނާއި ވ. ތިނަދޫ މީހުންގެ މެދުގައި ހިނގި ސިހުރުގެ ހަނގުރާމައެއްގެ ސަބަބުންނެވެ. އެ ވާހަކައިގައިވާ ގޮތުން، ހިމިތި ފަޅުވީ، ތިނަދޫ މުސްކުޅި މުދިމު ހިމިއްޗަށް ގޮސް އެރަށުގެ މިސްކިތުގައި ސިހުރެއް ކިޔަވައި ވޮށެއް ދިއްލުމުގެ ސަބަބުންނެވެ. އެ ސިހުރުގެ ސަބަބުން ހިމިތީގެ ބޮޑު ސަރަހައްދެއް ގިރައި، އެރަށު ގަބުރުސްތާނާއި މިސްކިތުން ވެސް އެއްބައި ގިރައިގެން ދިޔަ ކަމަށްވެ އެވެ. އެކަމުން ސަލާމަތްވުމަށް ރައްދުގައި ހިިމިތީ ބޮޑުގެ އައްޔުބެ ވެސް ސިހުރު ހެދި ކަމަށް ވެ އެވެ. ނަމަވެސް، ރައްދުގައި ހެދި ސިހުރުގެ ސަބަބުން ގާތްގާތުގައި އެރަށުން މީހުން މަރުވާން ފެށުމުން ބާކީ ތިބި މީހުން އެރަށް ދޫކޮށް ދިޔަ ކަމަށްވެ އެވެ.

 

ހިމިތީގެ އެއް ޖީލުން އަނެއް ޖީލަށް ނަގުލުވަމުން އައި ވާހަކަތަކުން އެނގޭ ގޮތުގައި، އެ ރަށް ފަޅުވާނެކަން މާކުރިން ވެސް އެރަށު މީހުންނަށް އެނގެ އެވެ. އެގޮތުން ހިމިތި ކައިރިން ފިނޮޅެއް އުފެދި އެ ރަށާއި ގުޅުމުން ރަށް ފަޅުވާނެ ކަމަށް މާކުރިން ވެސް ކިޔައި އުޅުނު ކަމަށްވެ އެވެ. އެންމެ ފަހުން ހިޔަރަކާތް ދުވަހާ ދިމާކޮށް އެ ވާހަކަތަކުގައި ބުނާފަދަ ފިނޮޅެއް އުފެދުނު ކަމަށްވެ އެވެ. ތޮފަސްދޫއޭ ކިޔާ އެ ފިނޮޅުގެ ވާހަކަ އެންމެ ފުރަތަމަ ދައްކާފައިވަނީ ހިމިތީގައި އުޅުނު ދޮންދައިތަ ކިޔާ މީހަކު ކަމަށްވެ އެވެ. ދޮންދައިތައަކީ މޫސުން ކުރިއަށް ލަފާކުރާ ގޮތާއި ނަކަތާއި ރާހީގެ އިލްމުވެރިއެއް ކަމަށްވެ އެވެ.

 

އެއް ބަޔަކު ބުނާ ގޮތުގައި، ހިމިތި ފަޅުވީ އެރަށަރަށް "ސީލް" ނަމަކަށް ކިޔާ ކަނޑު މަޚުލޫގެއް އެރުމުގެ ސަބަބުން އެކަމާ ބިރުން ރަށް ދޫކޮށް ދިއުމުގެ ސަބަބުންނެވެ. އަނެއް ބަޔަކު ބުނާ ގޮތުގައި ރަށް ފަޅުވީ ރަށް ގިރުމުގެ ސަބަބުން މީހުންނަށް ދިރިނޫޅެވޭ ވަރު ވަމުން އެހެން ރަށްރަށަށް މީހުން ހިޖުރަކުރުމުގެ ސަބަބުންނެވެ. ހިމިތީގެ ގިނަ މީހުން ހިޖުރަ ކޮށްފައިވަނީ އެ އަތޮޅު ފީއައްޔަށާއި، ނިލަންދޫއަށާއި، މާލެ އަތޮޅު މާފުއްޓަށެވެ.

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


ކޮސް ވެއްޖެ

އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ



ކަނައްކަފޫޅު ު

7 މަސް ކުރިން

ހިމިތި ކީއްކުރަންތޯ ރާއްޖޭގެ ބިމުން އަކަ ކައިވަތެއްވިއަސް ބޭރުގެ ފަރާތްތަކަށް މިލްކްވާގޮތަށް ވިއްކާލުމަކީ އެކަމުގެ ހިތިނަތީޖާ ނުފެނި ނުދާނެކަމެއް.

6
2
އަސްލު

7 މަސް ކުރިން

ކުރިން އޮންނަ ތަނެއްކަންވެސް ނުދަނެތިބި ބަޔަކަު ،މިއަދަކު މޭގުޑައިގެން އުޅެންޖެހޭ ސަބަބެއް ނުވިސްނޭ

4
9
މުހައްމަދު

7 މަސް ކުރިން

އަހަރެމެންގެ ރަށުން މީހުން ބާލައިފައި އަހަރެމެންގެ ރަށް ތަރައްގީ ކުރަން ސައުދީ ސަރުކާރުން ނުވަތަ ސައުދީގެ ރަސްގެފާނު ވިސްނާނެ ނަމަ ހާދަ ރަނގަޅޭ. އޭރުން ހަމަ ގައިމު ކޮންމެވެސް ބަޔަކަށް ފައިދާ ތަކެއް ވާނެކަމީ ޔަގީން ކަމެއްކަން ކަށަވަރު.

4
5
ވަހިދު

7 މަސް ކުރިން

ރާއްޖޭގެ ވަރަށް ގިނަ ރަށްރަށާއި ބެހޭ ގޮތުން މިކަހަލަ ވާހަކަތަކެއް ލިޔެވިދާނެ. ހުރިހާ ރަށެއްގައިހެން މީހުން އުޅެގފައި ހުރީ

5
2
ދަރިވަރު

7 މަސް ކުރިން

ނުހާސްކީ ރާއްޖޭގެ އިގިރޭސި ނަމަކީ ކޮބާ ؟

3
2
ގިޔާސް

7 މަސް ކުރިން

ރާއްޖޭގެ ތާރީހީ ތަރިކަތައް ގެއްލުވާ ފަނާކޮށްލައިފި ، ރަށްތައް ވިއްކާ ނެތިކޮށްފި ، މީގެ ހިތި ރަހަ ގެއްލުން މިހާރު ނުފެނި ދާނެ އެކަމަކު ވިސްނަވާ 3 އަހަރުން ހުރިހާ ރަށެއް ވިއްކާ ނެތިކޮށްލާއިރު ކުރިޔަށް އޮތްޖީލުވެސް ، ވިސްނުމާއި ފިކުރު ހުންނާނެ އެންމެ ކުޑަމިނުން އަހަރެމެންގެ ދަރިންގެ ޖީލަށް ތަރއްގީކޮށްލާނެ ހިއްކާނެ ފަޅެއްވެސް ނެތް 99 އަހަރުވަންދެން ކުރިޔަށް އަންނަ ސަރުކާރުތައް ޖެހޭނީ މިތަންތަނުން ލިބޭ ކުލިކޮޅުން ގައުމުހިންގަން މިމީހުން ފައިސާ ނަގާ ހުސްކޮށްފި ، ބަހާ ، ކައިފި ކުރާނެ ކަމެއްނެތް ، ޝެއިޚުން އަނގަޔަށް ލާރިއަޅާ ފުރާފަ ، ކިޔަވައިގެން ތިބި މީހުން ވަޒީފާގެ ދަހިވެތިކަމުގައި ، ސިޔާސީ މީހުން ޖަލުގައި ، މަގުތަކަށް ހަތިޔާރާއި އެކު ސިފައިން ނެރެ ބަސްބުނުން ހުއްޓުވާފަ!

23
2
ހިމިތީ

7 މަސް ކުރިން

ހިމިތީގެ ތާރީޚާ އެރަށް ސައުދީއިން ބޭނުންވުމާ އޮތް ގުޅުމެއް ނުވިސްނުނު

13
3