24 މާރޗް 2017 | ހުކުރު | ފަސްބަދުރުވަ 13 | 25 ޖުމާދުލް އާހިރަތު 1438 | މެންދުރު: 12:16

ލޯބިން


| | | produceramir | |



ލޯބިންގެ ކަވާ ފޮޓޯ -- ފޮޓޯ:ރާއްޖެ އެމްވީ

ތިންވަނަ ބައި

 

​އިސްޖަހާލައިގެން އިރުކޮޅަކު ހުރުމަށްފަހު ޒިޔާމް އަރީފުގެ މޫނަށް ބަލާލިއެވެ. އޭރު ޒިޔާމްގެ މޫނުމަތިން ފެންނަންހުރީ ރުޅިވެރިކަމުގެ އަސަރުތަކެވެ.

" ނުވިސްނުނު! "

ޙައިރާންކަމާއިއެކު އަރީފް ޒިޔާމްއާއި ދިމާއަށް ބަލާލިއެވެ.

" އެނގޭތަ އަރީފްގެ ކުއްޖަކަށް ނިހާ ބަލިވެއިންކަން؟ "

​ޒިޔާމްގެ އަޑުގައިވަނީ ހަރުކަށިކަމެވެ.

​އަރީފް ބުނަން ބުނަން އުޅުުނު އެއްޗެއް ބުނެ ނިމުމުގެ ކުރިން ޒިޔާމް ކާރަށް އަރާ ކާރުގެ ދޮރު ވަރަށް ބާރަށް ލައްޕައިފިއެވެ. 

" ހިތަދޫހިށި މުއްސަނދި އަންހެންކޫދަކައި އިނދެނެމެއި ހައުދަހައި ފޮނިއެސްވެގެ ދީ! "

​ޒިޔާމް ކާރުގެ ދޮރުޖެހުމުން އަރީފް ދޮރުފަތް ހުޅުވާލުމަށްފަހު ޒިޔާމް އާއި ދިމާއަށް ކުޑަކޮށް ގުދުވެލުމަށްފަހު ޒިޔާމްއާއި ދިމާއަށް ކުޑަކޮށް ގުދުވެލުމަށްފަހު މަލާމާތުގެ ރާގަކަށް ޒިޔާމްއާއި ވާހަކަދެއްކިއެވެ.

" ދިއުމުގެ ކުރިން އަދި އެއް ވާހަކަ ބުނެލާނަން. ޒިޔާމް ނިހާ ގެންގޮސްގެން ގަންނަން ތިއުޅޭ ގަނޑުގެ ހަޤީގަތް ޒައިނާގާތު އަހަރެން ކިޔައިދީފިއްޔާ....ރުޅިމަޑުކޮށްގެން ވިސްނާލުން ކަންނޭނގެ ބުއްދިވެރިވާނީ "

​ޗޮކެއް ކަނޑާލުމަށްފަހު އާރިފް ކާރުގެ ދޮރު ލައްޕާލަދީފިއެވެ.

​ރުޅިއައިސްފައި އިންވަރުން ކަންނޭނގެއެވެ. އަރީފްއަށް އިތުރަށް ޖަވާބެއް ދިނުމުގެ ބަދަލުގައި ކާރު ސްޓާޓް ކުރުމަށްފަހު ޒިޔާމް ކާރު ދުއްވާލައިފިއެވެ. 

​ގަޑިން ރޭގަނޑު ދިހަގަޑި ތިރީސް ވެއްޖެއެވެ. ގޭތެރެއަށް ވަނީ ހަމަހިމޭން ކަމެއް ވެރިވެފައެވެ. އޭރު ނިހާ ނިދައިފިއެވެ. އޭރުވެސް ލޮލުން ފައިބާފައި ހުރި ކަރުނަތައް ހިކިފައި އެޒުވާން މޫނުގައި ހުއްޓެވެ. 

​ކައިގެން ނުކުމެ ބޭރު ޖޯލިފަތީގައި ކުޑަ އިރުކޮޅަކު އިނދެލުމަށްފަހު ޒިޔާމް ނިދަން އޮށޯތުމަށްޓަކައި އެތެރެއަށް ވަދެއްޖެއެވެ. ގޭތެރެއަށް ވަދެ ދޮރު ލެއްޕުމަށްފަހު ކޮޓަރިއަށް ދިއުމަށް ހިނގައިގެންފިއެވެ. އޭރު ނިހާ އޮތް ކޮޓަރީގެ ދޮރުހުރީ ނުލައްޕައެވެ. އެހެންކަމުން އެކޮޓަރީގެ ދޮރު ހުރަސްކުރި ވަގުތު އެނދުމަތީގައި އޮތް ނިހާ ޒިޔާމްއަށް ފެނިއްޖެއެވެ. އެއާއެކު ކޮންމެވެސް ކަމެއް ހަނދާންވެގެން މީހަކު ހުއްޓުންއަރާ ކަހަލަ ގޮތަކަށް ޒިޔާމް ހުއްޓުން އަރައިފިއެވެ. އެކަމަކު ހަމަ އެސިކުންތުގައިމެ ޒިޔާމް އަވަސް އަވަހަށް ކުރިއަށް ހިނގައިގެންފިއެވެ.

​ޒިޔާމްއަށް ކޮޓަރިއަށް ވަދެވުނުއިރު ޒައިނާވެސް ހެދުންވަދަލުކޮށްގެން ނިދަން އޮށޯތުމަށް ތައްޔާރުވަނީއެވެ.

"އޮށޯންނާކަށް ނުވޭތަ؟ " 

​ޒިޔާމް ކޮޓަރިތެރެއަށް ވަނުމުން ބޯއޮމާންކުރަން ގެންގުޅުނު ފުނާ މޭޒުމަތީގައި ބާއްވަމުން ޒައިނާ ސުވާލުކޮށްލިއެވެ.

"ނިދަންވީ! ހެނދުނު ހޭލަންވެސް ޖެހޭނެއެއްނު "

​ފުންނޭވާއެއް ދޫކޮށްލުމަށްފަހު ޒިޔާމް ގޮސް އެނދުގައި އޮށޯވެއްޖެއެވެ.

" ވާހަކައެއް އަހާލަންތަ؟ " 

ޒައިނާ އައިސް ޒިޔާމުގެ މަގަތުން އެނދުގައި އިށީންދެލައިފިއެވެ.

" ކޮންވާހަކައެއް؟ "

​ޒިޔާމް ޒައިނާގެ އަތުގައި ހިފާލިއެވެ.

" ވާހަކަ ނުދައްކާ މާފާޑަކަށް މިއަދު އިނީ ކީއްވެތަ؟ "

​ޒައިނާ ވާހަކަދެއްކީ ހިނިތުންވެފައި އިނދެ ލޯތްބާއިއެކުގައެވެ. ޝަކުވާއެއް ކުރުމުގެ ބޭނުމުގައެއް ނޫނެވެ. ޒައިނާ އަކީ އެކަހަލަ ކުދިކުދި ކަންކަމާ ޝަކުވާކޮށް ހަދާ ކުއްޖެއް ނޫނެވެ. އެހެންވެ ޒިޔާމްވެސް ކޮންމެ ކަމެއްވެސް ޒައިނާއަށް ކިޔައިދެއެވެ. އެއްވެސް އެއްޗެއް ނުފޮރުވައެވެ. 

"އެއްވެސް ކަމެއް ނުވޭ. "

​ޒައިނާގެ ސުވާލަށް ޒިޔާމްދިނީ ވަރަށް އާދައިގެ ކުރު ޖަވާބެކެވެ. ކަންކަމުން ބޯދަމައިގަންނަން މީހުން ދީއުޅޭ ކަހަލަ ޖަވާބެކެވެ. ހީވަނީ މިފަހަރު ކޮންމެވެސް އެއްޗެއް ޒައިނާއަށް ފޮރުވަން ޒިޔާމް ބޭނުން ވަނީ ހެންނެވ.

" އެހެން ނުވާނެ ކޮންމެވެސް............."

" ތީދެންދެމީހުން ދެބަސް ވާންޖެހޭ ވަރުގެ ކަމެއްތަ؟ މީހަކު ހަމަ ފެންނަ އިރަކަށް ނޭނގޭނެ. ރުއިމާއި ދެރަވުމަކީ ގިނަ އަންހެންކުދިން ކަންކަމުގައި މަތިޖަހަން، އޮޅުވާލަން ބޭނުންކުރާ ހަތިޔާރެއް. އެހެންވެ އަޅާނުލާ އިނީ. އެވަގުތު އަހަރެންނާއި ވާހަކަ ނުދައްކަން ބުނީ އޭރު ފިރިހެނެއްގެ އަޑު އިވުނީމަ. އޭނާ ގޯސްގޮތަކަށް ހީކޮށްފަ ޒައިނާއާއެކު ނުގޮސްފާނެތީ. އޯކޭ. ހެޕީ! ގުޑްނައިޓް. ހެނދުނު އޮފީހަށް ދާން ގޮވާތި. އުނދަގޫ ނުކުރާތި! "

​ކުޑައިރުކޮޅަކު ލޯމަރާލައިގެން އޮތުމަށްފަހު ޒިޔާމް އަނެއްކާވެސް މިއަދޮށަށް އެނބުރި ލޯހުޅުވާލައިފިއެވެ.

" ކީއްވެ ނޯށޯވެތިއިނީ؟ "

​ޒައިނާ އެނދުމަތީގައި އިށީންދެލައިގެން އިންތަން ފެނިފައި ޒިޔާމް ސުވާލުކޮށްލިއެވެ.

" ކަމެއްނުވޭ. "

ޒައިނާ އެނދުގައި އޮށޯވެއްޖެއެވެ.

​ޒިޔާމް މަސައްކަތް ކުރަނީ އައްޑުއަތޮޅު އަތޮޅު އޮފީހުގަިއި ކަމުން ކޮންމެ ދުވަހަކުވެސް ހެނދުނު ހެނދުނާ ޒިޔާމް އޮފީހަށް ދާންޖެހެއެވެ. އެހެންކަމުން ޒިޔާމް އޮފީހަށް ދިޔުމުން އާދައިގެ މަތިން ޒައިނާ މިއަދުވެސް ގޭތެރޭގައި ކުރަންހުރި ކުދިކުދި ކަންތައްތައް ނިންމާލުމަށްފަހު ނިހާގެ ކޮޓަރިއާއި ދިމާލަށް ހިނގައްޖެއެވެ. މަޑުމަޑުން ކޮޓަރި ދޮރު ހުޅުވާލުމަށްފަހު ޒައިނާ ކޮޓަރިތެރެއަށް ބަލާލިއެވެ.

" ޒައިނާތަ؟ "

​ނިހާ އޮތީ ހޭލައެވެ. ނިހާ ވާހަކަ ދެއްކީ ދޮރު ހުޅުވާލި އަޑު އިވިގެން ކަންނޭނގެއެވެ.

" ނިހާ ހޭލައިފިތޯ ބަލާލަން މިއައީ. ސައިބޯން ދާންވީނު! " 

​ޒައިނާ ކޮޓަރިތެރެއަށް ވަދެގެންގޮސް ނިހާގެ ކައިރީގައި އެނދުގައި އިށީންދެއްޖެއެވެ. 

" އަދި މޫނުވެސް ދޮވެނުލާ މިއުޅެނީ. މިގެ އާވީމަ ފާހާނާއަށް ވަންނަންވެސް އަދި ނޭނގޭ. އެކަމަކު ދެދުވަހެއް ވަރުވެލީމަ ދަސްވެދާނެހެން ހީވަނީ. "

​ނިހާ މަޑުމަޑުން ތެދުވެ އެނދުމަތީގައި އިށީންދެލައިފިއެވެ.

" ކީއްވެ އަހަންނަށް ގޮވާނުލީ؟ " 

​ޒައިނާ ނިހާގެ ބުރަކަށީގައި ފިރުމާލިއެވެ.

" ޒައިނާ ނިދާފަ އޮތްކަމަށް ހީކޮށް ނުގޮވީ. އުނދަގޫ ވެދާނެތީ! " 

ރޭ އެހާގިނައިރު ރުއިމުގެ ސަބަބުން ވާހަކަ ދައްކަމުންދާއިރު ނިހާގެ އަޑުއިވެނީ ވަރަށް ތަފާތުކޮށެވެ. އެއޮމާން އަޑުވަނީ ކުރެހިފައެވެ.

​ނިހާ އެގެއަށް އައިއްސުރެ ނިހާގެ ހުރިހާކަމެއް ޒައިނާ ގެންދިޔައީ ފަރުވާތެރި ކަމާއެކު ކޮށްދެމުންނެވެ. ލޯތްބާއި އޯގާތެރި ކަމާއި އެކުގައެވެ. ޒައިނާ އުޅޭގޮތުން ހީވަނީ ނިހާއަކީ އޭނާގެ އެއްބަނޑުއެއްބަފާ ކުއްޖެއް ހެންނެވެ. ޒިޔާމް ގޭގައި ނޫޅެންޏާ ހުރިހާ ވަގުތެއް ކަހަލަ ގޮތަކަށް ޒައިނާ ހޭދަކުރަނީ ނިހާ ކައިރީގައެވެ. ނިހާ ހިތްހަމަ ޖައްސައި ދިނުމުގައެވެ. ނިހާ ރީތިކުރުމާއި ކާންދިނުމާއި ގޮވައިގެން ހިނގާލަންދިޔުންފަދަ ކަންތައްތަކުގެ ސަބަބުން ޚުދު ނިހާވެސް ލަދުގަންނަން ޖެހޭހާ ވަރަށް ޒައިނާ ނިހާއަށް އެހީތެރިވެއެވެ.

(ނުނިމޭ)

އެންމެ ފަހުގެ
ކޮމެންޓް