22 އޯގަސްޓު 2017 | އަންގާރަ | މާ 12

ޑިކްޓޭޓަރ- ހިޓްލަރ


| | | haseenkareem | |




ޑިކްޓޭޓަރުންނޭ ބުނުމުން ގިނަ ބައެއްގެ ހިތަށް އެންމެ ފުރަތަމަވެސް އަރާނެ ނަމަކީ ހިޓްލަރ ގެ ނަމެވެ. ދިވެހި ބަސްމަގުގައި "ހެޓިލަރު" މި ބަހަކީ މިހާރު މިސާލުބަހަކަށް ވެސް ފުދެއެވެ. މީހެއްގެ ހުދްމުޚްތާރުކަން ބޮޑުވެ  މާ ހަރުކަށި ވެއްޖެ ނަމަ އެމީހަކީ ހެޓިލަރޭ ބުނެއުޅެއެވެ. ހިޓްލަރ މި ނަމަކީ އިތުރު ތަޢާރަފަކަށް ބޭނުންވާ ވަރަށް ވުރެ މަޝްހޫރުކަން ލިބިފައިވާ ނަމެކެވެ. އެކަމަކު އެއީ އަނިޔާވެރި ނުލަފާ ހަރުކަށި ޑިކްޓޭޓަރެއްގެ ގޮތުގައެވެ.

ފުރަތަމަ ބޮޑުހަނގުރާމައިގައި ޖަރުމަނުވިލާތް ބަލިވުމުމުގެ ނަތީޖާއެއްގެ ގޮތުން ކުރިމަތިލާންޖެހުނު ނިކަމެތި ކަމަކީ  އެމީހުންގެ ޤައުމިއްޔަތަށް ލިބުނު ވަރަށް ބޮޑު އުނިކަމެއް ކަމުގައި ޖަރުމަނު ރައްޔިތުން ނަށް ގަބޫލުކުރެވުނެވެ. ހަގުރާމައިގެ ގެއްލުމުގެ ބަދަލު އަދާ ކުރުމުގެ ބުރައާއި ހަނގުރާމައިގެ ސަބަބުން އުފެދުނު އިޤްތިޞާދީ ހީނަރުކަމުގައި ރައްޔިތުން ދިޔައީ ފަގީރުވަމުންނެވެ. މިކަން މެދުވެރިވުމުގެ ޒިންމާ ރައްޔިތުން އަޅުވަނީ ވެރިންގެ ބޮލުގައެވެ. ޖަރުމަނު މީހުންނަކީ އެމީހުން ނިސްބަތްވާ އާރިޔަން ނަސްލަށް ޓަކައި ފަޚުރުވެރިވާ ބައެވެ. އެ ނަސްލަކީ އާދަޔާއި ޚިލާފު ނަސްލެއްކަމަށް ޒަމާނުއްސުރެ އެ މީހުންނަށް  އޮންނަނީ ޤަބޫލުކުރެވިފައެވެ. މިހާ މޮޅު ނަސްލެއްގެ ބަޔަކު ދުނިޔޭގައި އެހާ ނިކަމެތި ދަރަޖައަކަށް ވެއްޓިގެން ދިޔުން އެއީ ޖަރުމަނު ރައްޔިތުންނަށް ޤަބޫލުކުރެވޭ ކަމަކަށް ނުވިއެވެ. އެ ޙާލަތުން އަރައިގަނެ އަނެއްކާވެސް ޤައުމު މަތިވެރި ދަރަޖަ އަކަށް ގެންދާނެ ފަދަ މޮޅު ވިސްނުމެއް ގެންނާނެ ލީޑަރަކަށް އެމީހުން ތިބީ ނުހަނު ބޭނުންވެފައެވެ.

ޖަރުމަނު ރައްޔިތުން ނަށް ހިޓްލަރު ކަމުދިޔައީ އެ ޤައުމުގެ ސިޔާސީ ވެރިން ގެ ފަލްސަފާތަކުން ޤައުމުގެ ޙާލަތަށް ފަރުވާއެއް ނުލިބި އެއްގޯސް ވެފައި ތިބި ދަނޑުވަޅަކު އޭނާ ދެއްކި އަވާމެންދުރެއްގެ ސަބަބުންނެވެ. އޭނާ އަކީ އަމްދުން ޖަރުމަނަށް އުފަން ރައްޔިތެއް ވެސް ނޫނެވެ. އޮސްޓްރިޔާއަށް އުފަންވެ 1913 ވަނަ އަހަރު ޖަރުމަނަށް އައިސް ފުރަތަމަ ބޮޑު ހަނގުރާމައިގައި ޖަރުމަނު ޢަސްކަރިއްޔާގައި މަސައްކަތް ކޮށްފައިވެއެވެ. ސިޔާސީ ޙަރަކާތްތައް ފެށިފައިވަނީ ޖަރުމަނުގެ ވޯކަރސް ޕާރޓީއިންނެވެ. އަދި 1923 ވަނަ އަހަރު އޭނާ އިސްވެ ހުރެ، ހިންގި ބަޣާވާތެއް ނާކާމިޔާބު ވުމުގެ ސަބަބުން ޖަލުގައި ހައްޔަރުވިއެވެ. އޭނާގެ ސިޔާސީ މެނިފެސްޓޯ ލިޔެފައިވަނީ ޖަލުގައި އޭނަ ހޭދަކުރި މުއްދަތުގައެވެ. މި ޚިޔާލީ ފޮލާގައި ތިމާއަކީ މާވަރުގަދަ އިޤްތިޞާދީ މާހިރެއްކަމުގައި ސިފަކޮށްދިނެވެ.  ހަނގުރާމައިގެ ގެއްލުމުގެ ބަދަލާއިބެހޭ މުއާހަދާޔާ ދެކޮޅުހަދައި، ކޮމިއުނިޒަމާއި ކެޕިޓަލިޒަމަށް ފާޑުކިޔައި، ޔަހޫދީންނާއި އިދިކޮޅުވެ، އާރިޔަން ނަސްލުމޮޅުކުރުމަށް އޭނާ ވަކާލާތުކުރިއެވެ. މި ފިކުރީ ދަލުގައި  ޖެހި، 1933 ގެ އިންތިޚާބުގައި ކޯލިޝަނެއްގެ ތެރެއިން ޖަރުމަނު ރައްޔިތުން ހިޓްލަރ އެ ޤައުމުގެ މުޝްތަޝާރު ކަމަށް ހޮވައިފިއެވެ. ހަމަ ހޮވުމާއި އެކު އޭނާގެ ނާޒީ ފަލްސަފާއަށް ޤައުމު ބައްޓަންކުރިއެވެ. ޤާނޫނު ހަދާ މަޖްލިހާއި ޝަރުޢީ ނިޒާމް އަތް ދަށަށް ގެނަސް، އެންމެ ޕާޓީ އަކުން ވެރިކަންކުރާ ޚުދް މުޚްތާރު ނިޒާކަމަށް ޖަރުމަނުގެ މުޅި ވެރިކަން ބަދަލްކޮށްލިއެވެ. ޚިޔާލު ފާޅުކުރުމާއި އެއްވެ އުޅުމާއި ހަޅުތާލު ކުރުން މަނާކޮށް ސިޔާސީ އިދިކޮޅު ފިކުރުގެ އަޑުކަނޑުވާލިއެވެ. އޭނާގެ ސިޔާސަތާއި މެދު ނުރުހުން ފާޅުކުރާ މީހުން ހިފައި، ހައްޔަރުކޮށް ޖަލުގައި ބަންދުކޮށް،  އިންސާނިއްޔަތާއި ޚިލާފު ބޮޑެތި އަދަބުތައް ދީ މަރަމުން ގެންދިޔައެވެ. ޚާއްސާކޮށް އެ ޤައުމުގައި ދިރިއުޅުނު ޔަހޫދީ ނަސްލު ދުނިޔެއިން ފޮހެލުމުގެ ނިޔަތުގައި އެމީހުން ހިފައި، ހައްޔަރުކޮށް އެތައް ހާސްބަޔަކު އެއްތަނަކަށް އެއްކޮށް ކެމިކަލާއި އެސިޑާއި ވިހަގޭސްގަދަ ތަކެތި ބޭނުންކޮށްގެން އިންސާނިއްޔަތާއި ޚިލާފު އަނިޔާވެރި ޤަތުލް އާއްމުތައް ހިންގަމުން ގެންދިޔައެވެ. މި ގޮތުން މެރި މީހުންގެ އަދަދު ހަ މިލިޔަނަށްވުރެ މައްޗެވެ. އޭނާގެ ޕާރޓީގެ އިސްވެރިން މިކަންކަމަށް ތަަޢްރީފު ކޮށް "ގަޓް"  ވެރިއެއްކަމުގައި ދެކި، އޭނާއަށް ސަނާކިޔައެވެ.

އޭނާގެ ވެރިކަމުގެ ފުރަތަމަކޮޅު އިޤްތިޞާދީ ސިޔާސަތުގެ ސަބަބުން އާއްމު ޙާލަތަށް ހެޔޮ އަސަރުތަކެއްކުރިއެވެ. ނަމަވެސް ދެން ފެނިގެން ދިޔައީ ފަނާކުރަނިވި ބިރުވެރި ދުވަސްތަކެކެވެ. ހަމައެކަނި ޖަރުމަނެއް ނޫނެވެ. މުޅި ދުނިޔޭގެ ހަލާކެވެ. ދެވަނަ ބޮޑު ހަނގުރާމަ އިސާހިތަކު ފެށިއްޖެއެވެއެވެ.  1939 ވަނަ އަހަރު ހިޓްލަރުގެ އަމުރަށް ޖަރުމަނު ސިފައިން ޕޮލެންޑް ހިފިއެވެ. އަދި ކުރު މުއްދަތެއްގެ ތެރޭގައި މުޅި ޔޫރަޕާއި އުތުރު އެފްރިކާއަށް ލަޝްކަރު ފެތުރެމުން ދިޔައެވެ. ހިފަމުން ދިޔަ ޤައުމުތަކުގެ ރައްޔިތުންނާއި މެދު ހިތުހުރި ގޮތަކަށް ކަންކުރަމުން ދިޔައެވެ.  އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުން ހަނގުރާމަ އިޢްލާނު ކުރަންޖެހުނީ އޭގެ ނަތީޖާއެއްގެ ގޮތުންނެވެ. ރޫސީވިލާތާއި ހަމައިން ޖަރުމަނު ލަޝްކަރު މަޑުޖެހިއްޖެއެވެ. ހަމައެއާއި އެކު އިނގިރޭސިން އިސްވެތިބި ވާދަވެރި ލަޝްކަރާއި އެމެރިކާ ބައިއަތު ހިފުމާއި އެކު އެލަޝްކަރު ކާމިޔާބުކުރަން ފެށިއެވެ. ޢިބްރަތްތެރި ގޮތެއްގައި  ޖަރުމަނު ލަޝްކަރު ވިދި ވިދގެން ބަލިވަމުންގޮސް 1945 އަހަރު ބާރލިން ހަނގުރާމައިގައި ޖަރުމަނު މުޅިން ބަލިވެ އަމާން ދިނެވެ. ހިޓްލަރަށް ވީނުވީއެއް ނޭންގުނެވެ. ބޮޑަށް ބެލެވުނީ އަމިއްލައަށް މަރުވީކަމަށެވެ. އޭނާގެ ހަށިގަނޑު ކަމަށް ބެލެވޭ ހަށިގަނޑެއް އޭނާ ހުރިކަމަށް ބުނާ ބިންގަރާހުން ފެނުނެވެ. އެ ދުވަހު ހިޓްލަރުގެ އަނިޔާވެރިކަމުން ޖަރުމަނުވިލާތާއި ދުނިޔެ އަދި މުޅި އިންސާނިއްޔަތު ސަލާމަތްވިއެވެ. މި ފަދަ ކޮށްމެ އަނިޔާވެރިއެއްގެ ނިމުން ފެންނަނީ މިފަދަ ހިތި ގޮތެއްގައެވެ.

 

     

 

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


ކޮސް ވެއްޖެ

އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ