24 އޭޕުރިލް 2019 | ބުދަ | 03 ބުރުނު
17 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:56
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ރައްޔިތުންގެ މަޖިލިސް 2019

މަދުވަނީ އެންމެ މެމްބަރެއް، 66 ހަމަވުމުން އެމްޑީޕީއަށް ގާނޫނުއަސާސީ އިސްލާހު ކުރެވޭނެ

  • މަޖިލީހުގެ ހަތަރު ބައިކުޅަ ތިންބައި އަގުލަބިއްޔަތު ބޭނުންވޭ
  • އަމިއްލަ މެމްބަރުންތަކެއް އެމްޑީޕީއާ ގުޅުން ގާތް
  • ފުރަތަމަ އިސްލާހު ކުރަންވީ ޖުޑީޝަރީ
ޙުސައިން ޙަސަން | hucenhassan

| 13 އޭޕުރިލް 2019 | ހޮނިހިރު 22:36 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  3. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  4. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  7. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  8. މެމްބަރުކަމުން ވަކިވުމުން، މުސާރައިން ބަޔަކާއި އިނާޔަތް ލިބޭ ގޮތަށް ހުށަހަޅައިފި


އެމްޑީޕީއަށް މަޖިލިސް އިންތިހާބުގައި ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް ލޮނުޒިޔާރަތްކޮޅުގައި ބޭއްވި އުފާފާޅު ކުރުމުގެ ތެރެއިން -- ސަން

ގާނޫނުއަސާސީ އިސްލާހު ކުރުމުގެ އިޖުރާއަތްތައް ބަޔާންކޮށްފައި ވަނީ ގާނޫނުއަސާސީގެ 12 ވަނަ ބާބުގައެވެ. އެ ބާބުގައި ބުނެފައި ވަނީ ގާނޫނުއަސާސީ އިސްލާހު ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ހަތަރުބައިކުޅަ ތިންބައި އަގުލަބިއްޔަތު ލިބިގެން ކަމަށެވެ. އާ މަޖިލީހުން އެކަން ކުރާނަމަ، 87 މެމްބަރުންގެ ތެރެއިން 66 މެމްބަރުންގެ އަގުލަބިއްޔަތު ބޭނުންވާނެއެވެ.

ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީން އެކަން ކުރަން ބޭނުންނަމަ، ބޭނުން ވާނީ އެންމެ މެމްބަރެކެވެ. އެ ޕާޓީން ވަނީ އާ މަޖިލީހުގެ 65 ގޮނޑި ކަށަވަރު ކޮށްފައެވެ. އަމިއްލަ ގޮތުން އިންތިހާބުވި ހަތް މެމްބަރުންގެ ތެރެއިން މެމްބަރަކު އެމްޑީޕީއާ ގުޅިއްޖެނަމަ، އެހެން ޕާޓީއަކާ ނުބެއްސި އެކަން ކުރެވިދާނެއެވެ.

އެ މަސައްކަތުގެ ފިޔަވަޅަކާ ގާތަށް އެމްޑީޕީ ޖެހިފައިވާއިރު، އެންމެ ބޮޑަށް މި ދުވަސްވަރު ދައްކަމުން ދަނީ ވެރިކަމުގެ ނިޒާމުގެ ބަހުސެވެ. ރާއްޖޭގައި އޮތީ މަސްހުނި ނިޒާމެއް ކަމަށާއި ބޭނުން ވަނީ ފުރިހަމަ ނިޒާމެއް ކަމަށް ބުނެ ކުރާ ބަހުސްގެ އަޑެވެ. ގާނޫނުއަސާސީއަށް އިސްލާހު ގެނެސްގެން ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ވުރެ، ބޮޑެތި މުހިއްމު ބަދަލުތަކެއް ރާއްޖެއަށް ވަނީ މުހިއްމުވެފައެވެ.

އެމްޑީޕީ، ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރި ފަހުން، ވޭތުވެދިޔަ 13 އަހަރު އެ ޕާޓީން އަޑު އުފުލަމުން ދިޔައީ އިސްލާހަަށެވެ. ބޭއިންސާފާއި އަނިޔާ ނައްތާލައި، އިންސާފާއި އަދުލުވެރިކަން ގާއިމު ކުރުމަށެވެ. ފުދުއްތެރިކަމާއި ދުޅަހެޔޮ މުޖުތަމައުއެއް ހޯދައި ދިނުމަށެވެ. އިސްލާހީ އެ މަސައްކަތުގައި މިއަދު އެ ވަނީ ބޭނުންވި ލަނޑުދަނޑިއަށް އެ ޕާޓީ ވާސިލުވެވިފައެވެ. ވެރިކަން ލިބިއްޖެއެވެ. މަޖިލީހުގެ ސާފު އަގުލަބިއްޔަތު ހޯދައިފިއެވެ.

ދެން އޮތީ ވައުދުތައް ފުއްދުމެވެ. އިންސާފު ގާއިމު ކުރުމެވެ. އަދުލުވެރި ދައުލަތެއް ބިނާކުރުމެވެ. ނުކުރެވި ހުރި ކަންކަން ކުރުމެވެ. ވައުދެއް ނުފުއްދި އޮތުމަށް ދައްކާނެ އިތުރު ބަހަނާއެއް އެމްޑީޕީއަށް ދެން ނެތެވެ.

އެންމެ ހަރު އަޑުން، އެމްޑީޕީން އަޑު އުފުލަމުން ދިޔައީ ޖުޑީޝަރީ އިސްލާހު ކުރާ ވާހަކައެވެ. ފަނޑިޔާރުގެ ހަމަމަގަށް އެޅުވުމުގެ ވާހަކައެވެ. އެކަން ކުރަން ވެސް އެމްޑީޕީއަށް އިތުރަށް ބޭނުން ވަނީ އެންމެ ގޮނޑިއެކެވެ. އަދުލު އިންސާފާ ގުޅޭ ގޮތުން ގާނޫނުއަސާސީގެ ހަ ވަނަ ބާބުގައި ބުނެފައިވާ ކަންކަން އިސްލާހު ކުރާނަމަ، އެކަން ކުރަން ވެސް މަދުވަނީ އެންމެ މެމްބަރެކެވެ. ގާނޫނުއަސަސީގެ ހަތް ވަނަ ބާބުގެ 175 ވަނަ މާއްދާގައި ބުނާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލު ކުރެވޭ ވަރުގެ އަގުލަބިއްޔަތެއް ހޯދަން ވެސް މަދުވަނީ އެންމެ މެމްބަރެކެވެ.

އާ މަޖިލީހުގެ މެމްބަރުން އަންނަ މަހުގެ 28 ވަނަ ދުވަހު ހުވާ ކުރުމާ އެކު، ޖޭއެސްސީގެ އަގުލަބިއްޔަތު ބޭނުންވާ ކޮޅަކަށް އަބުރާލެވިދާނެއެވެ. މަގާމުގެ ހައިސިއްޔަތުން، ޖޭއެސްސީއަށް އައްޔަން ކުރައްވާފައިވާ ބޭފުޅުން، މަޖިލީހުގެ ސިންޕަލް މެޖޯރިޓީއަކުން ބަދަލު ކުރެވިދާނެވެ. ނަމަވެސް އެއީ ވަގުތީ ހައްލެކެވެ.

ވަގުތީ ގޮތުން ޖޭއެސްސީގެ އަގުލަބިއްޔަތު ވަކިކޮޅަކަށް އަބުރާލުމަކީ ހައްލެއް ނޫނެވެ. އިސްލާހީ މަސައްކަތްތެރިން ބުނަމުން ދަނީ ފަނޑިޔާރުންނާމެދު ފިޔަވަޅު އެޅުމަށް ފަނޑިޔާރުން ޖޭއެސްސީގައި ތިބުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ. ސުޕްރީމް ކޯޓާއި ހައި ކޯޓާއި ދަށު ކޯޓުގެ ތިން ފަނޑިޔާރުން މިހާރު ވެސް ޖޭއެސްސީގައި ތިއްބަވައެވެ.

ދާއިމީ ހައްލަކަށް ދާނަމަ، އެންމެ ފުރަތަމަ ވެސް ޖެހޭނީ ގާނޫނުއަސާސީ އިސްލާހު ކުރާށެވެ. ޖުޑީޝަރީ އެކުލެވިގެންވާ ގޮތް ތަރުތީބު ކުރާށެވެ. އެކަމުގައި ތެދު ނިޔަތަކާއި ރަނގަޅު މަގުސަދެއް އޮންނަންވާނެއެވެ. ދައުލަތުގެ ހުރިހާ ކަމަކަށް ވުރެ ބޮޑަށް ޖުޑީޝަރީ އިސްލާހު ކުރުން ހަމަ މުހިއްމު ވަނީ ސަބަބެއް ނެތިއެއް ނޫނެވެ.

ފައިސާ އާއި ނުފޫޒާއި އަމިއްލަ މަންފާއަށް ހުކުމްތައް ކުރެއްވި ކަމަށް ގާޒީން ވަނީ އެއްބަސްވެފައެވެ. އެބޭފުޅުން އަމިއްލައަށް ސޮައި އަޅައި، އިއުތިރާފުވެފައިވާ ބަޔާންތަކުގައި ބުނެފައި ވަނީ ވަކި މީހަކު ބުނީތީ، ވަކި ގޮތަކަށް ހުކުމްތައް ކުރެއްވި ކަމަށެވެ. ކަތި ވަޅިން ޅިޔަ އަޅައި، ކައްޓާއި މަހާ ވަކިކޮށް، ފުރާނަ ދުއްވާލި ގާތިލުންނަށް ގިސާސް ހިފުމަށް ހުރި ދޮރުތައް ބަންދުވެފައި ވަނީ ފަނޑިޔާރުގޭގައި އަދުލުވެރިކަމެއް ނެތުމުންނެވެ.

އަދުލުވެރިކަމުގެ ސިފަ ނެތް ފާސިގަކު ފަނޑިޔާރުކަމުގައި ބައިންދައިގެން މި ދީބަށް ލިބޭނެ މޮޅެއް ނޯންނާއެވެ. ސިޔާސީ ވިސްނުމުން، ސިކުނޑި ކިލަނބުވެ، މޫރޫއަތްތެރިކަމުގެ ސިފަ ނެތް ގާޒީން ނިޔާ ކަނޑައަޅަން ކޯޓުތަކަށް އައްޔަން ކޮށްގެން ނުވާނެއެވެ. ގާޒީންނަކީ އާދައިގެ މީހުންނަށް ވުރެ ވެސް ބޮޑަށް ރިވެތި އަހްލާގީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެބައިމީހުންގެ އަމަލާއި ބަސްމަގު ސީދާ ކުރުމުގެ މައްޗަށް އަބަދުމެ ފާރަވެރިވެ، ފަރުވާތެރިވެ، އެކަމަށް ސަމާލުވާންޖެހޭ އެކެވެ. އެފަދަ ބަޔަކު ހޯދުމުގެ ދަތުރު ފަށަންވީ ވަގުތު ޖެހިއްޖެއެވެ.

ނިޒާމުގެ ވާހަކަ ހުއްޓާލައި، ވެރިކަމުގެ ލައްޒަތުގެ ވާހަކަ ބާއްވައި، ޖުޑީޝަރީ އިސްލާހު ކުރުމަށް ބޭނުންވާ މަގަށް ރާއްޖެ އަނބުރާލަން ފަށާ ދަތުރަށް އިތުރަށް ބޭނުންވަނީ އެންމެ މީހެކެވެ. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގައި މިވަގުތު ތިއްބެވި 65 މެމްބަރުންގެ ފައުޖާ ގުޅޭނެ މެމްބަރެވެ. ކަސިޔާރު މަގުން ގެއްލިގެން ނުދާނެ މެމްބަރެކެވެ. ގާނޫނުއަސާސީ އިސްލާހު ކުރެވޭނީ އޭރުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

marI

1 ހަފްތާކުރިން

Jaaabiru e hureenu

0
1