11 ޑިސެންބަރު 2018 | އަންގާރަ | 02 މުލަ
04 ރަބީޢުލްއާޚިރު 1440
ފަތިސް 04:44
އިރުއަރާ 06:00
މެންދުރު 12:03
އަސްރު 15:23
މަޣްރިބް 17:58
އިޝާ 19:15

ދީނީ ސިޔާސަތު

ވިއްކަނީ ދީން، ކުރަނީ ފުށުއަރާ ކަންކަން!

  • މޫނު ބުރުގާ އަޅައިގެން ސަރުކާރުގައި ވަޒީފާ އަދާނުކުރެވޭ
  • ސިޔާސަތަށް ފާޑުކިޔާ އިލްމުވެރިންނަށް ވަނީ ދަތިކޮށްފައި
އަލީ ޔޫސުފް | AliYooosuf

| 20 ފެބުރުވަރީ 2017 | ހޯމަ 21:55 | |

މަގުބޫލް

  1. ދަރުމަވަންްތަ ހޮސްޕިޓަލް: ސިއްސައިގެން ދާވަރުގެ ކޮރަޕްޝަން!
  2. މަޖިލީހުގެ ތިން މެމްބަރުން ފިޔާވާ ހުރިހާ މެމްބަރުން ފައިސާގައި ހިފި: ނާނީ
  3. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  4. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  5. ގާސިމް، މަސީހު ހިންގެވި މަގަށް، އެކަމަކު ސަރުކާރަށް ވަރިހަމަ!؟
  6. މާފަންނު ސަހަރާގައި ކޮނެފައި އޮތް ވަޅުގަނޑު ދައްކާލައިފި
  7. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  8. އެމްއެމްޕީއާރުސީން ކުއްޔަށް ދިން ރަށްތަކުގެ އެގްރިމެންޓް ފައިނަލް ކުރައްވަނީ ރައީސް ޔާމިން: ޒިޔަތު


މޫނު ބުރުގާ އަޅައިގެން ހުރި އަންހެން ކަނބަލެއް: ސަރުކާރުގެ ދީނީ ސިޔާސަތާ މެދު ދީނީ އިލްމުވެރިން -- ރާއްޖެއެމްވީ

ނިމިދިޔަ ހަފްތާގައި ޕީޕީއެމްގެ މުސްތަޝާރު އަބްދުﷲ ޔާމީންގެ ފެކްޝަނުން ވަނީ ނިކަން ބިޔަ ބޮޑު ޖަލްސާއެއް ބާއްވާފައެވެ. ދައްކަން މިއުޅެނީ މާޗް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިން ފެށުމަށް ބޭއްވި މި ހަފްލާގައި މަޖުބޫރުކޮށްގެން މީހުން ގެންދިޔަ ވާހަކައެއް ނޫނެވެ. އަދި ދިޔަ މީހުންނަށް ނުނިކުމެވޭނެ ގޮތަށް ކާނިވާ ސަރަހައްދުގައި ދާޖަހައި ބަންދުކުރި ވާހައެއް ވެސް ނޫނެވެ. ދައްކަން މިއުޅެނީ އެ ޖަލްސާގައި އަޑަށް ބާރުލާފައި ކަރުން ލޭ ހިލޭ ވަރަށް ލެވި ހަޅޭކުގެ ވާހަކައެވެ. ދީނާއި ގައުމިއްޔަތު ހިމާޔަތްކުރުމުގެ ވާހަކައެވެ.

 

ފަހަކަށް އައިސް ސަރުކާރުން ބާއްވާ މިފަދަ ހަފްލާތަކުގައި ރައީސް ޔާމީނު ވެސް އަދި ވާހަކަ ދެއްކުމުގެ ހުއްދަ އޮންނަ މަދު މިނިސްޓަރުން ކޮޅާއި އެ މަނިކުފާނުގެ ދިފާއުގައި ތިއްބެވި މަޖިލިސް މެންބަރުން ވެސް ދީނާ ގުޅިގެން ވަރަށް ތަފާތު ވާހަކަ ދައްކަވައެވެ. އިސްލާމް ދީން ނޫން އެހެން ދީނަކަށް ފުރުސަތު ނުދޭނެ ވާހަކަ އާއި އެކަން ކުރެވޭނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ފަރާތްތަކަށް ވޯޓު ދީގެން ކަމަށް ދަނީ ބުނަމުންނެވެ. ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރަނީ ދީން ފެތުރުމަށް މަސައްކަތްކުރާ ދީނީ އިލްމުވެރިން އެކަނިހެން ހީވާ ކަހަލައެވެ.

 

ޖަލްސާތައް އެކަންޏެއް ނޫނެވެ. މަޖިލީހުގައި ސަރުކާރަށް ނިސްބަތްވާ މެންބަރުން ވެސް ދެ ބަހުން އެއްބަހުގައި ދީން ހިމާޔަތްކުރުމުގެ ވާހަކަ ދައްކަވައެވެ. އެހެން ދީނަކަށް ރާއްޖޭގައި ފުރުސަތު ނުދޭނެ ކަމަށާއި މި ސަރުކާރަކީ ދީނީ ތަރުބިއްޔަތު ފެތުރުމަށް މަސައްކަތްކުރާ ސަރުކާރެއް ކަމަށެވެ.

 

ސަރުކާރުން ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް ދީނީ އިލްމުވެރިން ސަރުކާރަށް ކިޔަމުންދާ ފާޑުކިޔުންތަކުން ދޭހަވަނީ މުޅިން އެހެން މަންޒަރެކެވެ. އެމްޑީޕީ ސަރުކާރުގައި ދީނަށް ފުރައްސާރަކުރި ކަމުގެ ތުހުމަތުގައި ފަޔަށް ހިނިއަރައިގެން އުޅުނު ސަލަފް ޖަމާއަތުން ވެސް ދާދި ފަހުން ވަނީ ވަރަށް ނުސީދާ ގޮތެއްގައި ސަރުކާރުގެ ސިޔާސަތަށް ފާޑުކިޔާފައެވެ. މޫނު ބުރުގާ އަޅައިގެން ސިވިލް ސާވިސްގެ ވަޒީފާ އަދާނުކުރެވޭނެ ކަމަށް ބުނެ ދެ ޓީޗަރަކު ވަޒީފާ އިން ވަކިކުރި މައްސަލައިގަ ސަލަފުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ނަމަވެސް ދެރަކަމަކީ އޭރު މާ ހަރުއަޑުން ހަޅޭ ލެވި އެ ޖަމާއަތުގެ ޝައިޚުންނަށް މި ފަހަރު އެއްޗެއް ބުނަން ނުކެރުނު ކަމެވެ. އަޑު އުފުލައި މުޒާހަރާކުރުމަށް އެހީއަށް އެދުނީ އެމްޑީޕީގެ ކިބައިންނެވެ.

 

މޫނު ބުރުގާގެ އިތުރުން އިސްލާމް ދީނާ ފުށުއަރާ ގޮތަށް އެތައް ކަމެއް ސަރުކާރުން ވަނީ ކޮށްފައެވެ. ޚުދު ވަލީއުލް އަމުރު ވަނީ އިސްލާމް ދީނަށް ފުރައްސާރަވާ ގޮތަށް އެތައް ވާހަކަތަކެއް ދައްކަވާފައެވެ. ބެންކޮކަށް ގޮސް ހޯދާ އަންހެނުންނަކީ ހިލޭ އަންހެނުން ނޫން ކަމާއި އެ ނޫން ވެސް އެތައް ވާހަކަފުޅުތަކެއް ދައްކަވާފައި ވެއެވެ. އެފަދަ ވާހަކަތައް އޮން އެއާ ކޮށްގެން ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހެޅުމުން ތަހުގީގުކުރުމަށް ކުރި ކަމަކީ އެމަނިކުފާނު ދެއްކެވި ވާހަކަ ރަނގަޅުވާނެހެން ހީވާ ގޮތަކަށް ތަރުޖަމާކުރުމެވެ. އެންމެ ފަހުން އެ މައްސަލަ ވެސް ނިމުނީ ކަމަކަށް ނުވެއެވެ.

 

ދާދި ފަހުން ސަރުކާރުގެ ދެ އިދާރާ ގުޅިގެން "ރަހްމަތުލްލިލްއާލަމީން"ގެ ނަމުގައި ކެމްޕެއިނެއް ފެށުމުން ވެސް ބައެއް ދީނީ އިލްމުވެރިން ވަނީ ބަސް ވިދާޅުވެފައެވެ. އެއީ މާތް ރަސޫލާ އަށް ހާއްސަވެގެންވާ ބަސްފުޅެއް ކަމަށް ވިދާޅުވެ އެ ކެމްޕެއިނަށް އިލްމުވެރިން ފާޑު ވިދާޅުވަމުން ގެންދަވާ އިރު ވެސް ސަރުކާރަށް މާ ބޮޑު ކަމަކަށް ނުވެއެވެ. އޭގެ ބަދަލުގައި ކޮންމެ ސްޓޭޖަކަށް އަރައި ސަރުކާރަށް ނިސްބަތްވާ ބޭފުޅުން  ދައްކަވަނީ ދީން ހިމާޔަތްކުރާ ވާހަކައެވެ.

 

ދީނީ އިލްމުވެރިންގެ ތެރެއިން ސަރުކާރުގެ ދީނީ ސިޔާސަތަށް ފާޑުކިޔާ ފަރާތްތަކަށް ވެސް ސަރުކާރުން ގެންދަނީ ހުރަސްތައް ކުރިމަތިކުރުވަމުންނެވެ. އެމްޑީޕީގެ ދީނީ ސިޔާސަތަށް ފާޑު ވިދާޅުވެ މި ސަރުކާރު ގެނައުމުގައި ވާގިވެރިވި ޝައިޚް އިލްޔާސް ހުސައިން އަށް މި ސަރުކާރުގެ ސިޔާސަތުތައް ވެސް ކަމުނުދާތީ ފާޑުވިދާޅުވާން ފެއްޓެވުމުން ހުކުރު ޚުތުބާ ވިދާޅުވުމުގެ ހުއްދަ އާއި ދީނީ ނަސޭހަތް ދެއްވުމުގެ ހުއްދަ ވެސް ވަނީ ބާތިލްކޮށްފައެވެ.  މި ސަރުކާރަށް ފާޑު ވިދާޅުވުމުން އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާމް އަބްދުﷲ ދިގު މުއްދަތަށް ލީ ޖަލަށެވެ. އެހެން ނަމަވެސް އަދިވެސް ސަރުކާރުން ދައްކަނީ މިއީ ދީން ހިމާޔަތްކުރާ ސަރުކާރެއް ކަމަށެވެ.

 

މޫނު ބުރުގާ އަޅައިގެން ސިވިލް ސާވިސްގެ ވަޒީފާތައް އަދާކުރުމަށް ހުރަސްތައް ކުރިމަތިކުރުވާ އިރު ސަރުކާރުގެ ބައެއް ކިޔަވައިދޭ މަރުކަޒުތަކުގައި ވެސް މޫނު ބުރުގާ އަޅައިގެން އެތަންތަނަށް ދިޔުމުގެ ފުރުސަތު ދީފައި އޮވެއެވެ. ސުވާލަކީ މޫނުބުރާ އަޅައިގެން ވަޒީފާ އަދާކުރުމުގެ ފުރުސަތު ނުދޭ އިރު ކިޔަވައިދިނުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ވަޒީފާގެ އެންމެ ބޮޑު ބާޒާރެއް އޮތް ސިވިލް ސާވިސް އިން ފުރުސަތު ނުލިބޭ ނަމަ މޫނު ބުރުގާ އަޅައިގެން އުޅޭ ކަނބަލުންނަށް ވަޒީފާގެ ފުރުސަތު ވަރަށް ހަނިވާނެއެވެ. އެހެން ކަމުން މި ދެ ސިޔާސަތު ދިމަލެއް ނުވެއެވެ.

 

ދީނޭ ގައުމިއްޔަތޭ ކިޔައިގެން މަޖިލީހުގެ ކޮންމެ ޖަލްސާއެއްގަ އާއި ސަރުކާރުން ބާއްވާ ހަފްލާތަކުގައި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ވާހަކަ ދައްކާ އިރު ކުޑަކޮށް ވެސް ޖެހިލުން ނުވަނީބާއޭ ހިތަށް އަރައެވެ. މި ދައްކަނީ ސަމާސާ ވާހަކައެއް ނޫނެވެ. ދީން ހަތިޔާރަކަށް ހަދައިގެން ސިޔާސަތު ވިއްކަން މީގެ އަހަރުތަކެއް ކުރިން ވެސް ސިޔާސީ ފަރާތްތަކުން މަސައްކަތްކުރިއެވެ. ނަމަވެސް މިއީ އެޒަމާނެއް ނޫނެވެ. ދީން ހިމާޔަތްކުރެވޭނީ ހަމައެކަނި ސަރުކާރުގެ ކޯލިޝަނަށް އެކަންޏޭ ބުނާ އިރު މި ސަރުކާރުގެ ސިޔާސަތު ހުރީ ދީނާ ފުށުއަރާ ގޮތަށް ކަމަށް ދީނީ އިލްމުވެރިން އެދަނީ ބުނަމުންނެވެ. އެހެން ސަރުކާރެއް އަތުވެއްޖެ ނަމަ ނުވަތަ ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރު ކޯލިޝަން ނޫން އެހެން ޕާޓީއެއްގެ މެންބަރުންނަށް ވޯޓު ދީފި ނަމަ އިސްލާމް ދީނު ގާދޫ ކޮލުން ބޭރުވާ ކަމަށް ދައްކަން އުޅުމަކީ ވަރަށް ބޮޑު ޖޯކެކެވެ. ރައްޔިތުންގެ ލޮލުގައި އަޅުވާ އަނދުނެކެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް