23 މާރޗް 2019 | ހޮނިހިރު | 12 ފަސްބަދުރުވަ
16 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:20
މަޣްރިބް 18:18
އިޝާ 19:29

މަގޭ ރިޕޯޓު

ސިޔާސީ ހައިސިއްޔަތު ޚާއްސަކުރުން

  • ޕާލަމެންޓުން މިންތިއާ ގިންތިއަށް ގޮނޑި ޚާއްސަކުރުމަކީ އައު ކަމެއް ނޫން

| 8 މާރޗް 2019 | ހުކުރު 15:09 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  3. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  4. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  5. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  6. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު


ރައްުޔިތުންގެ މަޖިލިސް -- ގޫގުލް

ކައުންސިލްތަކަށް ވަކި ނިސްބަތަކުން އަންހެނުން އިންތިޚާބުކުރެވޭ ގޮތަށް، ލާމަރުކަޒީ ގާނޫނު އިސްލާހްކުރުމުގެ ބިލެއް ވަރަށް އަވަހަށް މަޖިލީހަށް ފޮނުވަން ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިއަދު ވިދާޅުވެފައެވެ. މިއީ ސަރުކާރުން އަޅުއްވާ މުހިންމު ފިޔަވަޅެއް ކަމުގައި ދެކެމެވެ. އަންހެނުންނަށް ގޮނޑި ޚާއްސަކުރެވެންޖެހޭނީ ހަމައެކަނި ކައުންސިލްތަކުން އެކަނިކަމަކަށް ނުފެނެއެވެ. އަޅުގަނޑުގެ ވިސްނުމުގައި ރައްޔިތުންގެ މަޖިލީހަށް އެ ބަދަލު މާ މުހިންމެވެ.

ޕާލަމެންޓުން މިންތިއާ ގިންތިއަށް ގޮނޑި ޚާއްސަކުރުމަކީ އައު ކަމެއް ނޫނެވެ. ރާއްޖެ ހިމެނެނީ މިންތީގެ ހަމަހަމަކަމަށް ވަކާލާތުކުރާ ޤައުމުތަކުގެ ތެރެއިން އެ ނިޒާމު ނެތް މަދު ޤައުމުތަކުގެ ތެރޭގައެވެ. ބައެއް ޤައުމުތަކުގައި އެއީ ޤާނޫނުއަސާސީއިން ލާޒިމުކުރާ ކަމެކެވެ. ޕާލަމެންޓުން އަންހެނުންނަށް ގޮނޑި ޚާއްސަކުރުމުގައި އެކި ގައުމުތަކުގައި ގެންގުޅޭ އުސޫލު ތަފާތެވެ. ފާހަގަކުރެވެނީ މައިގަނޑު ތިން އުސޫލެކެވެ. އެއީ ލެޖިސްލޭޓެޑް ކޯޓާ، ޕާޓީ ކޯޓާ، އަދި ރިޒަރވްޑް ސީޓްސްގެ އުސޫލެވެ. ލެޖިސްލޭޓެޑް ކޯޓާއަކީ، ރައްޔިތުންގެ މަޖިލީހަށް ވާދަކުރުމަށް ވަކި ޢަދަދަކަށް އަންހެން ކެންޑިޑޭޓުން ނެރުން ޤާނޫނުން ލާޒިމުކުރުމެވެ. މިއީ ޢާންމު ގޮތެއްގައި އިންތިޚާބުތަކާ ޤާނޫނުތަކުން، ނުވަތަ ސީދާ ޤާނޫނުއަސާސީއިން ލާޒިމުކުރާ ކަމެކެވެ. ޕާޓީ ކޯޓާއަކީ ކޮންމެ ޕާޓީއެއްގައިވެސް އަންހެނުން ބާރުވެރިކުރުމުގެ ސިޔާސަތުގެ ދަށުން އެ ޕާޓީއިން ނޮމިނޭޓްކުރާނޭ އަންހެން ކެންޑިޑޭޓުންގެ ޢަދަދެއް ކަނޑައެޅިފައި އޮތުމެވެ. މިއީ ލެޖިސްލޭޓިވް ކޯޓާގެ ބޭރުން ޕާޓީތަކުން ކަނޑައަޅާ ޢަދަދެކެވެ. ޕާޓީގައި އަންހެނުން ބާރުވެރިކުރުވުމުގެ ސިޔާސަތެއް އެކަށައެޅިފައި އޮތްނަމަ، އެ ސިޔާސަތުގެ ދަށުން ޕާލިމަންޓަށް ނޮމިނޭޓްކުރާނޭ އަންހެން ކެންޑިޑޭޓުންގެ ޢަދަދު އިންތިޚާބުތަކާބެހޭ ކޮމިޝަނަށް ހުށަހަޅަންޖެހެއެވެ. މިއީ ލާޒިމު ކޯޓާއެއް ނޫނެވެ. އެހެންނަމަވެސް އެފަދަ ކޯޓާއެއް ނެތުމުގެ މާނައަކީ އެޕާޓީއިން އަންހެނުންގެ ކުރިއެރުމަށް މަސައްކަތްނުކުރުން ކަމަށްވާނޭތީ، މި ކޯޓާގެ ދަށުން ކެންޑިޑޭޓުން ނޮމިނޭޓު ނުކުރާނީ މަދު ޕާޓީއަކުންނެވެ.

މިހާތަނަށް މި ތަފްސީލުކޮށްދެވުނު ދެ ބާވަތުގައި ލާޒިމުވަނީ ކެންޑިޑޭޓުންގެ ގޮތުގައި އަންހެނުން ނޮމިނޭޓުކުރުމެވެ. އެ ކެންޑިޑޭޓުން ކުރިމަތިލާ ދާއިރާތަކަށް ފިރިހެން ކެންޑިޑޭޓުންނަށްވެސް ކުރިމަތިލެވިދާނެއެވެ. މިހެންވުމުން ވަރަށް ގިނަފަހަރު ސިޔާސީ ކުޅިބައި ގެންދަނީ ފިރިހެން ކެންޑިޑޭޓެވެ. ނަތީޖާއަކަށް ވެގެންދަނީ ކިތަންމެ ގިނަ ޢަދަދެއްގެ އަންހެން ކެންޑިޑޭޓުން އިންތިޚާބަށް ނޮމިނޭޓުކުރެވުނު ނަމަވެސް އޭގެ ތެރެއިން ޕާލަމެންޓަށް އިންތިޚާބުކުރެވޭ ނިސްބަތް ދަށްވުމެވެ.

ދެން އޮތީ ތިންވަނަ ވައްތަރެވެ. މިއީ ރާއްޖޭގެ ޙާލަތަށް ބަލާއިރު އެންމެ އެކަށޭނަ ގޮތްކަމަށް ފެނެއެވެ. އެއީ ރިޒަރވްޑް ސީޓްސް ކަނޑައެޅުމެވެ. ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ވަކި އިންސައްތައެއްގެ ގޮނޑިއަށް އިންތިޚާބުކުރެވޭނީ އަންހެނުން ކަމުގައި ހަމަޖެހުމެވެ. މިއީ ބޮޑު ބަދަލެކެވެ. މިކަމަށްޓަކައި ޤާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލިސް އެކުލެވިގެންވާ ގޮތްކަނޑައަޅާފައިވާ މާއްދާއަށް ބަދަލު ގެންނަންޖެހެއެވެ. އިދާރީ ދާއިރާތަކަކަށްބެހި، ކޮންމެ ދާއިރާއެއް ތަމްސީލުކުރަން އިންތިޚާބުކުރެވޭ މެންބަރުންގެ އިތުރުން، އަންހެނުންގެ ތެރެއިން މަޖިލީހަށް އިންތިޚާބުކުރެވޭނޭ ޚާއްސަ ޢަދަދެއް ހަމަޖެއްސިދާނެއެވެ. ރިޒާރވްޑް ކޯޓާއިން ކުރިމަތިލާ ކެންޑިޑޭޓުންނަށް ވޯޓު ދިނުމުގެ ޙައްޤު ދޭނީ ކޮން ބަޔަކަށްތޯ ކަނޑައަޅަންޖެހެއެވެ. އެއީ އަންހެނުންނަށް ޚާއްސަކުރެވޭ ގޮނޑިއަށްވާތީ ހަމައެކަނި އަންހެނުން ވޯޓު ދީގެން ހޮވާގޮތަށް ހަމަޖައްސާނީތޯ ކަނޑައަޅަންޖެހެއެވެ.

އިންޑިއާގައި  މާޗް 9، 2010 ގައި ފާސްކުރެވުނު ދަ ވިމެންސް ރިޒަވޭޝަން ގާނޫނުގެ ދަށުން ވިލެޖް ކައުންސިލްތަކަށް ވަކި ޢަދަދަކަށް އަންހެން ކެންޑިޑޭޓުން އިންތިޚާބުކުރުން ލާޒިމުކުރެއެވެ. އިންޑިޔާގެ ޕާލަމެންޓްގެ ތިރިގެއިން މި ބިލު ފާސްކުރީ، މިބިލުގެ އިސްލާޙެއްގެ ދަށުން ޕާލަމަންޓަށްވެސް އަންހެނުންގެ ދައުރު ފުޅާކުރާނޭކަމުގެ ޕްލޭނަކާއެކުގައެވެ. އެހެންނަމަވެސް އިންޑިއާ ޕާލަމަންޓްގެ މަތިގެއިން މި ބިލު ޤާނޫނަކަށް ހަދާފައެއް ނުވެއެވެ. މިހާރު އިންޑިއާގައި އެކަން އޮތީ އަނެއްކާވެސް ޕްލޭނެއްގެ ގޮތުގައެވެ.

އެހެންނަމަވެސް ބައެއް ޤައުމުތަކުގައި ކާމިޔާބުކަމާއެކު އެ ނިޒާމު ޤާއިމުކޮށް ޢަމަލުކުރަމުން ގެންދެއެވެ. އާޖެންޓީނާގެ ކޮންގްރެސްގެ 30 އިންސައްތަ އަންހެނުންނަށް ޚާއްސަކުރުމަށް އެ ޤައުމުގެ ޤާނޫނުއަސާސީ ލާޒިމުކުރެއެވެ. ބަންގްލަދޭޝްގައި އަންހެނުންނަށް ޚާއްސަކުރެވެނީ ޕާލަމެންޓްގެ 350 ސީޓްގެ ތެރެއިން 50 ސީޓެވެ. ޓެންޒޭނިޔާގައި މުޅި ޕާލަމެންޓްގެ 15 އިންސައްތައެވެ. އަންހެނުން ބާރުވެރިކުރުމަށް ކުރަންޖެހޭ މަސައްކަތް ގިނަ ކޮންމެ ޤައުމަކަށް ބެލި ނަމަވެސް ކޮންމެވެސް އެއް ސިފައެއްގައި ސިޔާސީ ޙައިސިއްޔަތެއް އަންހެނުންނަށް ޚާއްސަކުރުން ޤާނޫނު ލާޒިމުކުރެއެވެ. އަޅުގަނޑުމެން ރާއްޖޭގެ ނިސްބަތުންނަމަ އެއީ މިހާރުން މިހާރަށް ކުރަންވެފައި އޮތް ކަމެކެވެ. މިހާރު ހުރި ދާއިރާތަކުގެ އިތުރުން، ހަމައެކަނި އަންހެނުން އިންތިޚާބުކުރެވޭ ގޮނޑިތަކެއް މަޖިލީހުގައި ޚާއްސަކުރުމަކީ، ފިރިހެނުންނަށް އޮތް ސިޔާސީ ފުރުސަތު ހަނިވާނޭކަމެއް ނޫނެވެ. އޭގެ ހަމައެކަނި ނަތީޖާއަކަށްވާނީ ޤައުމުގެ ސިޔާސަތު އެކަށައެޅުމުގެ އަންހެނުންގެ ބަހާއި ދައުރު ފުޅާވުމެވެ.

އެޑިޓަރު ނޯޓް: މިއީ ގާނޫނީ ވަކީލް މަހްފޫޒު ސައީދު ލިޔުއްވާފައިވާ ލިޔުމެކެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް