21 އޭޕުރިލް 2019 | އާދީއްތަ | 14 އައްސިދަ
14 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

މަންޑޭލާ ރޫލްސް

މަންޑޭލާ ރޫލްސްއަކީ ކޮބާ؟

  • ރާއްޖޭގެ ޖަލްތައް މަންޑޭލާ ރޫލަށް ބަދަލުކުރަން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ

| 8 ފެބުރުވަރީ 2019 | ހުކުރު 15:15 | |

މާފުށީ ޖަލު -- ގޫގުލް

ޔޫއެން ސްޓޭންޑަޑް މިނިމަމް ރޫލްސް ފޯ ދަ ޓްރީޓްމެންޓް އޮފް ޕްރިސަނާސް ނުވަތަ މަންޑޭލާ ރޫލްސް އަކީ ފަސް އަހަރު ދުވަހުގެ ދިރާސާއަކަށްފަހު އެކުވެރި ދައުލަތްތަކުގެ ޖެނެރަލްސް އެސެމްބްލީއިން ފާސްކޮށްފައިވާ ގަވާއިދުތަކެކެވެ. މި އުސޫލުތަކަށް ޢަމަލުކުރަން ޤައުމުތަކުން އެއްބަސްވެ، ޖެނެރަލް އެސެމްބްލީއިން ފާސްކުރީ 17 ޑިސެމްބަރު 2015 ތާރީޚުގައެވެ. އޭގެ ކުރިންވެސް ޔޫއެން ކޮންގްރެސް އޮން ޕްރިވެންޝަން އޮފް ކްރައިމް އެންޑް ދަ ޓްރީޓްމެންޓް އޮފް އޮފެންޑާސްގެ ނަމުގައި އދ. ގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލްއިން 31 ޖުލައި 1957 ގައި ޤަރާރެއް ފާސްކޮށްފައި އޮވެއެވެ.

17 ޑިސެމްބަރު 2015 ގައި ފާސްކުރި އުސޫލަށް މަންޑޭލާ ރޫލްސްގެ ނަން ދެވުނީ ސައުތު އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާއަށް ނިސްބަތްކޮށެވެ. މަންޑޭލާއަކީ އުމުރުގެ ބޮޑުބައެއް ޖަލުގައި ހޭދަކުރި ސިޔާސީ ޝަޚްސިއްޔަތެކެވެ.

މަންޑޭލާ ރޫލްސްގައި ހިމެނޭ މައިގަނޑު ނުވަ ބައިގައި 122 ގަވާއިދެއް އެކަށައަޅާފައިވެއެވެ. އިންސާނީ ކަރާމާތް ހިފެހެއްޓުމާއި، ތަފާތުނުކުރުމާއި، ޖަލުގައި ބަންދުކުރުމުގެ އަސާސް ބިނާވަނީ ހަމައެކަނި މުޖުތަމަޢުއާ އެކަހެރިކުރުމާއި އޭގެ ބޭރުން އެހެން އަނިޔާއެއް ނުލިބުމުގެ މައްޗަށްކަން ކަށަވަރުކުރުމަށް މަންޑޭލާ ރޫލްސްގައި ބާރު އަޅާފައިވެއެވެ. ޢާންމު ސާފު ތާހިރުކަން ކަށަވަރުކުރުމާއި، ގައިދީއަކު ލަދު ގަންނަންޖެހޭ ފަދަ ޙާލަތުތައް ކުރިމަތި ނުކުރުވުމަކީ މަންޑޭލާ ރޫލްސްގެ އަސާސެވެ.

ސައުތު އެފްރިކާގެ ކުރީގެ ރައީސް މަންޑެލާ

ރާއްޖޭގެ ޖަލުތަކުގެ ޙާލަތު އެ މިންގަނޑަށް ގެނައުމަށް ލައްކަ މަސައްކަތްތަކެއް ކުރަން އެބަހުއްޓެވެ. 6 ފޫޓު 8 ފޫޓުގެ ގޮޅިއެއްގައި ބަންދުކޮށްފައި ތިބޭ 3 މީހުންގެ ތެރެއިން އެކަކު، މުޅިން ނިވާނުކޮށް ހުންނަ ފާހާނާއެއް ބޭނުންކުރަން ފެށުމުން އިވޭ އަޑާއި، ދުވާ ވަހާއި، އެވަގުތު ފާހާނާ ބޭނުންކުރާ މީހާ ގަންނާނޭ ލަދަކީ ރާއްޖޭގެ ޖަލުތަކުގެ ކުރު ތަޢާރަފެވެ. މެހި މަދިރި ފަދަ ސޫފިތަކާއި، މީދަލާއި ހިކަންޖާއި ބުޅާ ފަދަ ޖަނަވާރުތައް މިނިވަންކަމާއެކު ވަދެ ނުކުމެ އުޅޭ ގޮޅިތަކުގެ މުޑުދާރުކަމަކީ އިތުރު ތައުރީފެކެވެ. ކަސްރަތުކުރުމަށް ގޮޅިން ބޭރަށް ނެރޭއިރު ދެއަތް ފުރަގަހަށްލާފައި ބިޑި އެޅުވުމަކީ އިންސާނީ ކަރާމާތް ނެގެހެއްޓުމުގެ ނަމޫނާ ޢަމަލެކެވެ.

މަންޑޭލާ ރޫލްސްގައި ޤައުމުތަކުން އެއްބަސްވެފައިވަނީ، ޖަލުގައި ބަންދުކުރެވޭ ކޮންމެ މީހަކީ މަތީގައި ބުނެވުނުފަދަ ކަންކަމުން މިނިވަންވެގެން ވާނޭ މީހެއްކަމުގައި ހެދުމަށެވެ. އޭނާ ކުޅަ ކުށެއްގެ އަދަބަކީ ޖަލަށް ލުމެވެ. އޭގެ މާނައަކީ މުޖުތަމަޢުއިން އެކަހެރި ކުރެވުމެވެ. އިތުރު އަނިޔާތަކާއި، ލަދުގަންނަ ފަދަ ޙާލަތްތަކަށް ހުށަހެޅުމެއް ނޫނެވެ.

ކޮންމެ މީހަކުމެ ނިދުމަށް އެކަށީގެންވާ އިންތިޒާމު ހަމަޖެއްސުމަށް މަންޑޭލާ ރޫލްސް ބާރު އަޅައެވެ. ރާއްޖޭގެ ޖަލުތަކުގައި އެ ގަވާއިދުގެ މާނައަކީ ކުނަލަކާއި ބާލީހެކެވެ. ކެތްނުވާ ވަރަށް ހޫނުވިޔަސް ސިމެންތި އަށީގައި ކުނާ އަޅާލައިގެން އޮތުން ނޫން ގޮތެއް ނޯވެއެވެ. ދެ އަހަރުގެ ޙުކުމް ތަންފީޒުކޮށް ނުކުންނަ މީހާގެ މައިބަދައިގެ މައްސަލަޖެހި އުމުރު ދުވަހަށް ބޭސްކުރަން ޖެހިފައިހުރީ މަދެއް ކޮށެއް ނޫނެވެ. ރާއްޖޭގެ ޖަލުގައި ބައެއް ޚާއްސަ މައިބަދަތަކަކަށް ގޮދަޑި ހަމަޖައްސައިދެއެވެ. އެކަން ހަމަޖެހެނީ އާދޭސް ދަންނަވައިގެންނާއި، ރުޅި ގަދަވެގެންނާއި، ކެއުން ހުއްޓާލައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރުމުން ނުވަތަ ގޮދަޑިއެއް ދިނުމަށް ޑޮކްޓަރު އިރުޝާދު ދިނުމުންނެވެ.

ޖަލޭ ދަންނަވާ ކޮންމެ ފަހަރަކު ދޫނިދޫއާއި މާފުއްޓަށް އެކަނި ވިސްނުން ހަނިނުކުރާށެވެ. ރަށްރަށުގެ ފުލުހުންގެ އިދާރާގެ އެތެރޭގައި މީހުން ބަންދުކުރަން ޚާއްސަކޮށްފައި ހުންނަ ތަންތަނަކީ އެންމެ ބޮޑަށް އަޅާނުލެވި ދޫކޮށްލާފައިވާ ތަންތަނެވެ.

ޖަލުތަކުގެ ޙާލަތާމެދު ހިތްހަމަނުޖެހިގެން ޝަކުވާ ކޮށްފައި ހުންނަނީ ވަރުދަގަ ސިޔާސީ ޝަޚްސިއްޔަތުންނެވެ. ޖަލުތަކުގެ ކަންކަން ރަނގަޅުކުރުމަށް އެއް އިރެއްގައި ޙަވާލުވެގެން ތިއްބެވި ނުވަތަ އެ މަސައްކަތާ ޙަވާލުވާންތިބި މީހުންނެވެ. ނިމިދިޔަ ސަރުކާރުގައި ޖަލަށްލައިގެން ގެންގުޅުނު ބޭފުޅުންގެ ތެރެއިން އަޅުގަނޑުގެ ވަރަށް ގިނަ މުވައްކިލުންނަކީ ޖަލުގެ ކަންތައްތައް ހުރި ގޮތް އެނގޭ، އަދި އެކަންތައްތައް ރަނގަޅުކުރުމަށް މަސައްކަތްކުރެވޭނޭ ފަދަ މަޤާމުތަކުގައި ތިބި މީހުންނެވެ. އެ ބޭފުޅުން މަޤާމުތަކުގައި ތިއްބެވިއިރު ޖަލުގައި ތިބި އަޅުގަނޑުގެ މުވައްކިލުންގެ ކަންކަމުގައި އާދޭސް ދަންނަވަން ފޮނުވި ސިޓީތަކަށް ޖަވާބެއްވެސް ނުލިބެއެވެ. އެ ބޭފުޅުންގެ ވަކީލެއްގެ ގޮތުގައި އަޅުގަނޑު ޖަލަށް ޒިޔާރަތްކުރި ދުވަހު ކުރެއްވި ޝަކުވާތަކަކީ އޭގެ މާކުރިން ޖަލާމެދު އަޅުގަނޑު އެ ބޭފުޅުންނަށް ދަންނަވާފައިވާ ޙަޤީޤަތެކެވެ.

މިއަދު މަންޒަރު ބަދަލުވެއްޖެއެވެ. ޖަލުތަކުގެ ދަތިކަން ތަޙައްމަލުކޮށްފައިވާ މީހުންގެ އަތަށް ޤައުމުގެ ހުންގާނު ލިބުނީ ސަބަބަކަށްޓަކައެވެ. އެއީ އިސްލާޙްކުރުމެވެ. ރާއްޖޭގެ ޖަލުތަކުގެ ޙާލަތު މަންޑޭލާ ރޫލްސްގައި ކަނޑައަޅާފައިވާ އަސާސީ މިންގަނޑަށް ގެންނަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިޢުލާނުކުރައްވާފައެވެ. އެކަމަށް މަރުޙަބާ ދަންނަވަމެވެ. އެއީ އިސްލާޙީ މަސައްކަތުގެ ފެށުންކަމުގައި އުއްމީދުކުރަމެވެ. އެމަނިކުފާނު ޖަލުގައި ހުންނެވި ނުވަ ދުވަހު ރާއްޖޭގެ ޙާލަތުވާނީ ތަޖުރިބާ ކުރެވިފައެވެ. ނެލްސަން މަންޑޭލާ ވިދާޅުވެފައި އޮންނަނީ “ޤައުމެއްގެ އަސްލު ޙާލަތު އެނގޭނީ އެ ޤައުމެއްގެ ޖަލުތައް ތަޖުރިބާކޮށްފައިވާ މީހަކަށެވެ. ޤައުމަކާމެދު ގޮތް ނިންމާނީ އެ ޤައުމެއްގެ ރަނގަޅު އަފްރާދުންނާމެދު ގެންގުޅޭ ސުލޫކަށް ބަލައިގެނެއް ނޫނެވެ. އެހެނަސް އެ ގައުމެއްގެ އެންމެ ދަށް ފަންތީގައި ހިމެނޭ މީހުންނާމެދު ޢަމަލުކުރާ ގޮތަށް ބަލައިގެންނެވެ.”

 

އެޑިޓަރުގެ ނޯޓް: މި ލިޔުން ލިޔެފައި ވަނީ ގާނޫނީ ވަކީލް މަހްފޫޒު ސައީދެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް